ތަޢުލީމީ ފަލްސަފާ، ޕެޑަގޮޖީ އަދި މަންޙަޖު
ދިރާސާ ކުރުން
މަންމަގެ އުނގުންފެށިގެން
ކައްވަޅަށްދާންދެއް ޢިލްމު އުނގެނުމަށް ރަސޫލާ ކުރައްވާފައިވާ ޙަދީޘުން އެނގޭ
ފަދައިން ޢިލްމު އުނގެނުމަކީ ނިމުމެއް އޮތްކަމެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް
އާކަންތައްތަކެއް ދަސްވެ އުނގެނެމުން ދިއުމަކީ އިލާހީ ސުންނަތެވެ. އާސާސީ
ތަޢުލީމަކީ ކޮންމެ އިންސާނަކަށް ލިބިދޭންޖެހޭ ޙައްޤަކަށް ވާއިރު، ޢިލްމު ޙާޞިލްކުރުމުގެ މާނާ އެކިފަލްސަފާވެރިންގެ މެދުގައި ތަފާތުވެއެވެ. ފަލްސަފާއަކީ
އިންސާނާގެ ސިކުނޑިން ވިސްނާ ހޯދާ ރަނގަޅު ގޮތްތަކާއި އސޫލުތަކެވެ. ކަންކަން ހިނގާ
ގޮތާމެދު ވިސްނާ، އެކަންކަމުން ޢިބުރަތާއި ޙިކުމަތް ލިބިގަތުމުގެ ޢިލްމެވެ. ބްރޯން
(2004) ހާމަކުރާ ގޮތުގައި ބިހޭވިއަރިސްޓުން ޤަބޫލުކުރަނީ އުނގެނުމަކީ އަމިއްލައަށް
ތަޖުރިބާކޮށްގެން ދަސްވާ ދަސްވުން ތަކެއް ކަމުގައެވެ. ހަމަ އޭނާ ހާމަކުރައްވަނީ، ކޮގްނެޓިވް
ސައިކޮލޮޖިސްޓުން ބުނާގޮތުގައި އުނގެނުމަކީ އެކިކަހަލަ މަޢުލޫމާތު ސިކުނޑީގައި
ރައްކާކޮށް ތިމާގެ އަމިއްލަ ދިރިއުޅުމުގައި ބޭނުންކުރުމެވެ.
އިސްލާމީ
ދިވެހި މުޖުތަމަޢުގައި މަސައްކަތްކުރާ މުދައްރިސެއްގެ ހައިސިއްޔަތުން އަޅުގަނޑު ޤަބޫލުކުރާ
ގޮތުގައި ތަޢުލީމު އުނގެނުމަކީ ތަފާތު ގޮތްގޮތުން ލިބޭ މަޢުލޫމާތުތައް އޭގެ އެންމެ
ފުރިހަމަ ގޮތުގައި ދިރިއުޅުމުގައި ބޭނުންކުރުމެވެ. ރަނގަޅު ތަޢުލީމީ ފަލްސަފާއެއްގައި
ދެވޭ ތަޢުލީމު ބިނާކުރަންވާނީ އިންސާނާގެ ޖިސްމާނީ ބަޔާއި އެއްވަރަށް ރޫޙާނީ
ބަޔަށް އިސްކަންދީގެންނެވެ. ހަމަ އެހެންމެ އުގަންނައި ދިނުމުގެ ގޮތްތައް
ބިނާކުރެވެން ވާނީ ޢަމަލީ ތަޖުރިބާތަކުން ދަރިވަރުންގެ ކިބައިގައި ހަރުލެއްވޭ ޤާބިލިއްޔަތުތަކުގެ
މައްޗަށެވެ. އިބްނުސީނާ (11 ވަނަޤަރުނު)
ހާމާ ކުރާ ގޮތުގައި ތަޢުލީމު ދިނުން ބިނާކުރެވެންވާނީ ހުރިހާ ހިއްސެއް ބޭނުން
ކޮށްގެން ޢިލްމު އުނގެނުމުގެ މައްޗަށެވެ. ހަމަ އެއާއެކު ދަސްކުރާ ކަންތައްތައް
ހަނދާންބެހެއްޓުމަށް ފުރުޞަތު ލިބޭފަދަ ގޮތަކަށެވެ. އިބުނުސީނާ (11 ވަނަޤަރުނު)
ހާމަކުރާ ގޮތުގައި ތަޢުލީ ނިޒާމުގެ ތެރެއިން ސާނަވީ މަރުޙަލާގައި ކުދިންގެ
ތަޢުލީމު ބިނާކުރަންވާނީ މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ މައްޗަށެވެ. މީގެ
އިތުރުން ޖޯން ޑިވޭ (1938-1997) ހާމާ ކުރާ ގޮތުގައި ކިޔަވައި ދިނުން ބައްޓަން
ކުރަންވާނީ ކުދިންގެ ހުރި ތަޖުރިބާ ތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. ހަމަ
އެއާއެކު އައިވަން އިލިޗް (1990) ހާމާ ކުރާ ގޮތުގައި
ދަރިވަރުންނަށް ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި ލިބެންހުރި
ވަޞީލަތްތައް ހުރިހާ ވަގުތެއްގައިވެސް ބޭނުންކުރެވޭނެ މަގު ފަހިވެފައި އޮތުން
ވަރަށް މުޙިއްމެވެ. އެރިސްޓާޓްލް (350 ބީސީ) ހާމާ ކުރާ ގޮތުގައި ރަނގަޅު
ކަންތައްތައް އާދަކުރުވޭފަދަ ގޮތަކަށް ތަޢުލީމު ދިނުން ބައްޓަން ކުރަން ޖެހެއެވެ. އަލްޙާފިޒާ އާއި ޞަލާޙް (2011) ހާމާކުރާ
ގޮތުގައި ޙަޤީޤީ ތަޢުލީމަކީ ކީރިތި ޤުރުއާނާ ރަސޫލާގެ ސުންނަތުގެ މައްޗަށް ބިނާކޮށްގެން
ދެވޭ ތަޢުލީމަކަށް ވާންޖެހޭނެއެވެ. މި ބުނުމާ މެދު އަޅުގަނޑު ވަރަށް ބޮޑަށް ތާޢީދު
ކުރަމެވެ. ސަބަބަކީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވީއިރު
ދިވެހިރާއްޖޭގައި ދެވޭ ތަޢުލީމަކީ އިސްލާމީ ގިއުގަނޑަށް ވަރަށް ބޮޑަށް އިސްކަންދޭ
ތަޢުލީމަކަށް ވާންޖެހޭނެއެވެ. އަލްޣަޒާލީ (2001) ބަޔާންކުރާ ގޮތުގައި ތަޢުލީމު
ބިނާވެފައި އޮންނަންޖެހޭނީ އިންސާނާގެ ސިކުނޑިއާއި ރޫޙާނީ ބަޔާއި އިޖުތިމާޢީ ބައި ކުރިއަރުވައި
ތަރައްޤީކުރުމުގެ މައްޗަށެވެ. އެބައެއްގެ ތަޢުލީމީ ފަލްސަފާ ބިނާވެފައި އޮންނަންވާނީ
އެބައެއްގެ ޢަޤީދާގެ މައްޗަށެވެ. ހުސައިން ރަޝީދު (2010) ހާމަކުރާ ގޮތުގައި ތަޢުލީމީ ފަލްސަފާ ބިނާވެފައި އޮންނަންޖެހޭނީ އެބަޔަކު
ޤަބޫލުކުރާ ގޮތްތަކާ އުސޫލުތަކުގެ މައްޗަށެވެ. އެހެންބައެއްގެ އުޞޫލުތަކުގެ
މައްޗަށް އަހަރެމެންގެ ފަލްސަފާ ބަރޯސާވާކަށް ނުޖެހޭނެއެވެ.
ޙުސައިން ރަޝީދު (2010) ހާމަކުރާ ގޮތުގައި ރަނގަޅު
ތަޢުލީމީ ފަލްސަފާއެއް ބިނާވަންވާނީ ތިމާމެންގެ ޢަޤީދާއާއި އެއްގޮތަށް އެއަށް
ގެންލުންނުވާ އުޞޫލަކުން ދުނިޔޭގެ ކުރިއެރުމާއި ތަރައްޤީއާއެކު ފައިހަމަކުރެވޭ ގޮތަކަށެވެ.
ރަނގަޅު ތަޢުލީމީ ފަލްސަފާއެއް ބިނާވެގެން ދާންވާނީ އިސްލާމް ދީނާއި ދިވެހި
ވަންތަކަމާއި އިންސާނީ ޙައްޤުތަކާއި ޢަދުލު އިންސާފު ޤާއިމު ކުރުމުގެ މައްޗަށެވެ.
ހަމަ އެހެންމެ ދަރިވަރުންގެ ތަރައްޤީ އަށާއި ޤާބިލްކަން ހުރި އެންމެމަތީ
ފަންތިއަކަށް ގެންގޮސްދެވޭފަދަ ގޮތަކަށެވެ. ހަމަ އެހެންމެ ހުރިހާ ކުދިން
ޝާމިލްވުމާއި އެކު ދިރިއުޅުމަށް ތައްޔާރުކުރެވޭ މުވާޠިނުން ތަކަކަށް އަމާޒު
ކުރުމާއެކު ލިބޭ މަޢުލޫމަތުތަކާއި ހުނަރުތައް ދިރިއުޅުމުގައި ބޭނުންކުރަން އެނގޭ
ދަރިވަރުންތަކެއް ބިނާކުރުމުގެ މައްޗަށެވެ.
ކަންމިހެން އޮތްއިރު އަޅުގަނޑުގެ އަމިއްލަ
ތަޢުލީމީ ފަލްސަފާ އެއްގައި މަދަރުސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ މަޢުލޫމާތު
އިތުރު ކޮށްދިނުމަށް ކުރާ މަސައްކަތާ އެއްވަރުގެ މަސައްކަތެއް ހުނަރުތައް ތަރައްޤީކުރުމަށްވެސް
ކޮށްދެވޭނެއެވެ. މިކަމަށްޓަކައި އެކިއެކި ހުނަރުތައް ތަރައްޤީ ކުރޭވޭނެފަދަ ގޮތަކަށް
އިތުރު ޙަރަކާތްތައް ރާވާ ހިންގޭނެއެވެ. ޖިސްމާނީ ބަޔާ އެއްވަރަށް ރޫޙާނީ ބައި
ތަރައްޤީ ކުރުމަށް ސަމާލުކަން ދެވޭނެއެވެ. އަދި ހަމައެހެންމެ މި ޙަރަރަކާތްތަކަކީ
ހުރިހާ ދަރިވަރުންނަށްވެސް ބައިވެރިވުމަށް ހަމަހަމަ ފުރުޞަތުތަކެއް ދެވިގެން
ކުރިއަށް ގެންދެވޭ ޙަރަކާތްތަކަށް ވާނެއެވެ. މީގެ އިތުރުންވެސް ދަރިވަރުންނަށް
އެކިފެންވަރުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދެވޭނެއެވެ. ތަޢުލީމީ ގޮތުންނާއި
އިތުރު ޙަރަކާތްތަކުން އެހެން ސްކޫލުތަކާއި ނުވަތަ ޤައުމުތަކުގެ ދަރިވަރުންނާ
ވާދަކުރުމުގެ ފުރުޞަތު ހުޅުވިފައި އޮތުމަކީވެސް ރަނގަޅު ތަޢުލީމީ ފަލްސަފާއެއްގައި
ހުޅުވިފައި އޮންނަޖެހޭނެ ދޮރެއް ކަމުގައި ދެކެމެވެ.
އަޅުގަނޑުގެ
ތަޢުލީމީ ފަލްސަފާގެ މުޙިއްމު ބަހާތަކުގެ ތެރޭގައި އިސްލާމީ ދީނާ ޘަޤާފަތް
ހިމެނިގެންދާނެއެވެ. އަލްޙާފިޒާ އާއި ޞަލާޙް (2011) ހާމާކުރާ ފަދައިން ޙަޤީޤީ
ތަޢުލީމަކީ ކީރިތި ޤުރުއާނާ ރަސޫލާގެ ސުންނަތުގެ މައްޗަށް ބިނާކޮށްގެން ދެވޭ
ތަޢުލީމެވެ. ހަމަ އެހެންމެ ހުސައިން ރަޝީދު (2010) ހާމަކުރާ ފަދައިން ތަޢުލީމީ ފަލްސަފާ ބިނާވެފައި އޮންނާނީ އެބަޔަކު
ޤަބޫލުކުރާ ގޮތްތަކާ އުޞޫލުތަކުގެ މައްޗަށެވެ. މީގެ އިތުރުން ދަރިވަރުންގެ
ތަރައްޤީ އާއި ޤާބިލްކަމަށް މަގުތަނަވަސް ކޮށްދެވޭނެއެވެ. ހުރިހާ ކުދިން
ޝާމިލްކުރުމާއެކު ދިރިއުޅުމަށް ތައްޔާރު ކުރުމަށް މަގު ފަހިކޮށްދެވޭނެއެވެ. އިބުނުސީނާ
(11 ވަނަޤަރުނު) ހާމަކުރާ ފަދައިން ސާނަވީ މަރުޙަލާގައި ކުދިންގެ ތަޢުލީމު
ބިނާކުރެވޭނީ މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ މައްޗަށެވެ. ދަސްކުރާ އެއްޗެހި
ދިރިއުޅުމާ ގުޅުވުމަށާއި ނަމޫނާ ދެއްކުމަށް ވަރަށް ބޮޑަށް ބާރު އެޅިގެން ދާނެއެވެ.
ޓީޗަރެއްގެ ޙައިޞިއްޔަތުން
ކިޔަވައިދިނުމުގައި އަޅުގަނޑުގެ ޕެޑަގޮޖީއަކީ ހުރިހާ ކުދިންނަށް ހަމަހަމަ ފުރުޞަތު
ތަކެއް ހޯދާ ދިނުމެވެ. ބްރޯން (2005) ހާމަކުރާ ގޮތުގައި ތަޢުލީމުގެ މައިގަނޑު
މަޤްޞަދެއްކަމުގައި ވާންޖެހޭނީ ވަކި ފެންވަރަކަށް ވަކި ގިންތިއަކަށް ނުބަލައި
ހަމަހަމަ ފުރުޞަތުތަކެއް ހޯދައި ދިނުމެވެ. އެހެންކަމުން ކޮންމެ ކުއްޖަކީ ތަފާތު
ކުއްޖަކަށްވާހިނދު، އުނގެނުމުގައިވެސް އެ ތަފާތުތައް ހުންނާނެކަން ދަނެ،
އެގޮތްތަކަށް ކިޔަވައި ދިނުމަކީ އަޅުގަނޑުގެ އަމާޒެވެ. ވުމާއެކު ފިލާވަޅަށް
ތައްޔާރުވުމުގައްޔާއި ފިލާވަޅު ގެންދިއުމުގައި ބޭނުންކުރާ އުކުޅުތަކަކީ ހުރިހާ
ކުދިން ޝާމިލުކުރުވޭ އެކުދިންނަށް އާ އެއްޗެހިތަކެއް އުނގެނުމުގެ ފުރުޞަތު ލިބިދޭ
ގޮތްތަކަކަށް ކިޔަވައިދިނުން ފަރުމާ ކުރުމެވެ. ހަމަ އެއާއެކު ކުރެވޭ
މަސައްކަތްތަކުން ޙާޞިލްވި މިންވަރު ބެލުމަށް އިސްކަންދޭ އުޞޫލެކެވެ. ޙަވާލު ކުރެވޭ
ހުރިހާ މަސައްކަތެއް ބަރާބަރަށް ނިންމާތޯއާއި ކޮންމެ މަސައްކަތެއްގެ ފެންވަރު
އެނގޭ ގޮތަށް ތާވަލް ހަދާ މަސައްކަތްތައް ރެކޯޑު ކުރަމުން ގެންދަމެވެ. މެންސާހު
(1965) ހާމަކުރާ ގޮތުގައި ތަޢުލީމަކީ ވަކިވަކި ފަރުދުންގެ އުނގެނުމުގެ ގޮތްތައް
ދެނެގަނެ، އެ ދަރިވަރަކަށް އުނގެނުމަށް ފަހި ގޮތެއް ބޭނުންކޮށްގެން ދެވެން އޮތް
އެންމެ މައްޗަކަށް އުނގެނުމުގެ ފުރުޞަތު ހޯދައި ދިނުމެވެ. އެހެންކަމުން
އަޑުއަހައިގެންނާއި ބަލައިގެން އަދި
ތަޖުރިބާ ކޮށްގެން އުނގެނި ދަސްކުރަން ފަސޭހަ ކުދިންނަށް، އެކުދިން ބޭނުންވާ ގޮތަކަށް ކުރިއަށް ދިއުމުގެ ފުރުޞަތު ހޯދައި ދިނުމަކީ
މުހިއްމު ކަމެކެވެ.
އިސްވެ ދެންނެވުނު
ކަންކަން ޙާޞިލްކުރުމަށްޓަކައި ތަފާތު ގޮތްތައް ބޭނުންކުރަމެވެ. އެގޮތުން
ކޯޕަރޭޓިވް ލާރނިންގެ ތެރޭގައި ހިމެނޭ ގްރޫޕް މަޝްވަރާ އާއި ތިންކް ޕެއާރ ޝެއާރގެ
އިތުރުން ޖިގްސޯމެތަޑް ފަދަ ގޮތްތައް ބޭނުންކުރަމެވެ. މީގެ އިތުރުން ނަމްބަރ
ހެޓްސް އާއި ތްރީ ސްޓެޕް އިންޓަވިއު ފަދަ
ގޮތްތައް ކުރިއަށް ގެންދަމެވެ. މިފަދަ ޙަރަކާތްތަކުން ދަރިވަރުން ޝައުޤުވެރިކަން
އިތުރު ކުރެވެއެވެ. އެހެންކަމުން އަޅުގަނޑު ގެންގުޅޭ ޕެޑަގޮޖީގެ ސަބަބުން ފިލާވަޅުގެ
މަޤްޞަދު ޙާޞިލްވުމަށް އެހީވެދެއެވެ. މީގެ އިތުރުން ދަރިވަރުންގެ ޝައުޤުވެރިކަން
އިތުރުވެ، ކިޔަވައި ދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދެއެވެ.
އަޅުގަނޑު ބޭނުންވާ ގޮތަށް
ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި ރާއްޖޭގެ ތަޢުލީމީ ފަލްސަފާ
ރޭވިފައިވާ ގޮތުން ވަރަށް ބޮޑު އަސަރެއް ކުރެއެވެ. ނިޒާމު ރޭވިފައިވާ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލު އަދި
ބެލެނިވެރިންގެ ވެސް އަމާޒަކީ ދަރިވަރުން އެންމެ މަތީ މާކުސް ހޯދުމެވެ. އަހަރު
ފެށޭއިރު މަދަރުސާއިން ކަނޑައަޅާފައިވާ މިންވަރަށް ދަރިވަރުން ފާސްކޮށްދިނުމުގެ
އަމާޒަށް މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވަނީ ދަރިވަރުންގެ ކިބައިގައި
ހަރުލެއްވުމަށް ބޭނުންވާ ތަފާތު ހުނަރުތަކާއި ސިފަތައް ހަނދާން ނައްތާލާ
އެއްފަރާތް ކޮށްލަން ޖެހުމެވެ. ހަމައެކަނި މަތީ މާކުސް ހޯދުމަށް އަމާޒުކުރެވިގެން
މަސައްކަތް ކުރެވުމެވެ. އެހެންކަމުން މިއީ އަޅުގަނޑު ބޭނުންވާ މިސްރާބަށް ކުދިން
ބައްޓަންކުރަން ދިމާވާ ހުރަހެކެވެ. ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް ބޭނުންވާ
އިޖުތިމާޢީ، ރޫޙާނީ ސިފަތައް އަށަގެންނެވުމަށް ދިމާވާ ވަރަށްބޮޑު ދައްޗެކެވެ. ސްކޫލުގައި
ކިޔަވައި ދިނުން ރޭވިފައިއޮންނަ ގޮތުން ނަމާދު ވަގުތުތަކުގައިވެސް ކިޔަވައި ދޭން
ޖެހެއެވެ. ނަމަވެސް މިއީ އަޅުގަނޑު ބެނުންވާ ގޮތެއް ނޫނެވެ. އަޅުގަނޑު ބޭނުންވަނީ
ބަންގި ގޮވުމުން ދަރިވަރުން ގޮވައިގެން ނަމާދުކުރާށެވެ. ނަމަވެސް އެ ފުރުޞަތެއް
ފަހިވެފައެއް ނޯވެއެވެ. އަޅުގަނޑު ބޭނުންވާ ސިފަތައް ދަރިވަރުންގެ ކިބައިގައި
ހަރުލެއްވުމަށް ގެންދަން ބޭނުންވާ
ޙަރަކާތްތައް ގެންދިއުމަށް މިކަންކަމުން ހުރަސް އެޅެއެވެ. އަޅުގަނޑަށްވެސް
މަޖުބޫރުވަނީ ކިޔަވައިދޭ ކުދިން ހޯދާ ނަތީޖާ އެންމެ ރަނގަޅު ނަތީޖާ އަށް
ހެދުމަށެވެ. މަދަރުސާއިން އަޅުގަނޑު ބަލައިގަނެ، ބެލެނިވެރިންގެ ކުރިމަތީ މަޤްބޫލު
މީހަކަށް ވެވެން އަންނަނީ ގިނަ ކުދިންތަކަކަށް މޮޅު ނަތީޖާ ހޯދައިދީގެން
ކަމަށްވާތީއެވެ. އެހެންކަމުން މިކަންކަމަކީ އަޅުގަނޑު ކިޔަވައިދިނުމުގައި ގެންގުޅޭ
ޕެޑަގޮޖީއަށް ވަރަށްބޮޑަށް އަސަރުކުރުވާ ކަންކަމެވެ.
1984 ވަނަ އަހަރު އެކުލަވާލެވުނު ދިވެހިރާއްޖޭގެ
ޤައުމީ މަންހަޖުގެ މައިގަނޑު މަޤްޞަދަކީ [އިސްލާމީ ދިވެހި މުޖުތަމަޢުގައި
ބައިވެރިއެއްގެ ގޮތުންނާއި އަމިއްލަ ފަރުދެއްގެ ގޮތުން ތިމާއަށާއި ތިމާގެ ޢާއިލާއަށާއި
ތިމާގެ ރަށަށާއި ޤައުމަށް ފައިދާކުރަނިވި ހަރުދަނާ މީހަކަށް ވުމުގެ ޤާބިލިއްޔަތު
ލިބިދިނުމަށްޓަކައި ކުއްޖާގެ ވިސްނުމާއި ހަށިގަނޑާއި ރޫޙީ ބައި ތަރައްޤީކޮށް
ހާނައި ތަރުބިއްޔަތުކޮށް ދިނުމާއި އަދި ބޭނުންވާ ހުނަރުތައް ލިބިދިނުން] މިއެވެ. އެހެންކަމުން
މި މަންޙަޖުގެ މަޤްޞަދު ކަނޑައެޅުމުގައި ޢިލްމު ޙާޞިލްކުރާ ފަރާތުގެ އަމިއްލަ
ޒިންމާ ނުވަތަ މަސްޢޫލިއްޔަތު ކުޑަކަން ފާހަގަ ކުރެވެއެވެ. ހަމަ އެހެންމެ
އެކަންކަން ޙާޞިލްވި ކަން ވަޒަންކުރެވޭނެ މިންގަޑެއް ނެތްކަން ދޭހަވެއެވެ.
ޚާއްޞަ
ގޮތެއްގައި ފާހަގަ ކޮށްލަން ޖެހޭނީ މުޤައްރަރުގައި ޖިސްމާނީ ބަޔާއި ރޫޙާނީ ބައި ތަރައްޤީ
ކުރުން އޮތްކަމުގައި ވިޔަސް ކިޔަވައިދެވެނީ މުޅިންވެސް މަޢުލޫމާތެވެ. ނަތީޖާއަށް
އަމާޒު ކުރެވިގެންނެވެ. އެހެންކަމުން މަންޙަޖުގައި ކަނަޑައަޅާފައިވާ މަޤްޞަދު
އެއްގޮތަކަށްވެސް ޙާޞިލްވަމުން ނުދާކަން ފާހަގަ ކުރެވެއެވެ. މިއީ ރަނގަޅު
ތަޢުލީމެއް ފޯރުކޮށްދިނުން މާނަކުރެވޭ ގޮތުގެ ސަބަބުން ވާކަމަކަށްވެސް ވެދާނެއެވެ.
ނުވަތަ ތަޢުލީމު ފޯރުކޮށްދެވޭ ގޮތަކުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ޤަބޫލުކުރަން
ޖެހޭ ޙަޤީޤަތަކީ އަޅުގަނޑުމެން މަންޙަޖުގައި ކަނޑައަޅައިގެން އުޅޭ ފަދަ
ދަރިންތަކެއް މުޖުތަމަޢަށް ނެރެ ނުދެވޭކަމެވެ. މީގެ އިތުރުން މަޤްޞަދު ދަރިވަރަށް އަމާޒު
ކުރުމުގެ ބަދަލުގައި އެހެންބަޔަކަށް އަމާޒުކުރެވިފައިވާ ގޮތަކަށް ބައްޓަން
ކުރެވިފައިވާ ކަމަށްވެސް ޤަބޫލު ކުރެވެއެވެ. އެހެންކަމުން މިއީ މި މަންޙަޖުގައި ހުރި
އުނިކަންތައްތަކެއްގެ ގޮތުގައި ފާހަގަ ކުރަމެވެ.
ނަމަވެސް 2015 ވަނަ އަހަރު ތަޢާރަފުކުރުމަށް
ކަނޑައަޅާފައިވާ އާ ޤައުމީ މަންޙަޖުގެ ތަޞައްވަރުގައި، އުނގެނުމަށް ޝައުޤުވެރިވާ، އިސްލާމީ ޢަޤީދާ ވަރުގަދަ، ޒިންމާދާރު އަދި
އުފެއްދުންތެރި ފަރުދަކަށްހެދުން އޮތުމުން މަންޙަޖު ކުރިއަށްވުރެ ހަރުދަނާކަން
ފާހަގަ ކުރަމެވެ. އެއީ ހަރުދަނާ އިސްލާމީ ޢަޤީދާއެއްގެ މައްޗަށް ބިނާވެ،
އަމިއްލަވަންތަކަން ދަމަހައްޓައި، އާދަކާދައާއި ޘަޤާފަތަށް ޙުރުމަތްތެރިކޮށް
ހިތައި، އަމިއްލަ ނަފުސުގެ ޤާބިލްކަން
އެނގި އޭގެ މައްޗަށް އިތުބާރުކުރާ ކަންކަމަށް ކުރިމަތިލާ ފަރުދަކު އުފެއްދުން
ހިމެނިފައި ވާތީއެވެ. މީގެ އިތުރުން އުނގެނުމަށް ޝައުޤުވެރި، ކަންކަން ތަޖުރިބާ
ކުރުމަށް ލޯބިކުރާ، ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފައި ޢާއިލާއަށާއި
މުޖުތަމަޢަށް ފައިދާކުރާ ޒިންމާދާރު ފަރުދަކަށް ވުމަށް ބާރުއަޅާފައި ވާތީއެވެ. މީގެ
އިތުރުންވެސް މުހިއްމު 3 ސިފައެއް މި މަންޙަޖުން ފާހަގަ ކުރެވެއެވެ. އެއީ ތަޢުލީމު
ދިނުމުގެ ހުރިހާ މުހިއްމު ބައިތަކާއި ކަންކަން ހިމެނިފައި ވުމާއި، ދަރިވަރުން ޙާޞިލްކުރަން ބެނުންވާ ހުރިހާ ކަމެއް ހިމެނިފައި ވުމުގެ އިތުރުން ދަރިވަރުން
ޙާޞިލްކުރަންޖެހޭނެ މިންވަރާއި ފެންވަރު ވަޒަންކުރާނެ ގޮތްތަކާއި ތަޢުލީމީ
ދާއިރާގެ އެކި ފަރާތްތަކުގެ ޒިންމާވެސް މި މަންޙަޖުގައި އެކުލެވިފައި ވުމެވެ. މިއީ
އަޅުގަނޑު ޤަބޫލުކުރާ ތަޢުލީމީ ފަލްސަފާއެއްގައި ހުންނަންވާނެ ސިފަތަކެކެވެ.
އަލަށް ތަޢާރަފުކުރާ މަންޙަޖު އަމާޒުކުރެވޭ މައިގަނޑު ތިން ދާއިރާ
ކަމުގައިވާ އަގުތަކާއި ސިފަ، ހުނަރާއި
އަދި މަޢުލޫމަތާއި ދެނެގަތުން ހިމެނިފައި ވުމުން އުނގެނޭ ފަރާތްތަކަށް ވަރަށް
ބޮޑެތި ފައިދާ ތަކެއް ކުރާނެއެވެ. މަޢުލޫމާތު އުނގަންނައި ދިނުމާއި، ދެވޭ
ތަޢުލީމުގެ ބޭނުން،
ދިރިއުޅުމުގައި
ހިފާނެގޮތުގެ ހުނަރުވެރިކަން ހޯދައިދިނުމަށް މި މަންޙަޖު އެހީތެރި ވެދެއެވެ.
އުނގެނުމުގެ ޢަމަލީ ތަޖުރިބާތަކުންނާއި ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން
ދަރިވަރުންނަށް އުނގެނުމުގެ ފުރުޞަތު އާ މަންޙަޖުން ފަހިކޮށްދީފައި ވެއެވެ.
އެހެންކަމުން މިއީ ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް މުހިއްމު ކަންތައްތަކެއް ކަމަށް
އަޅުގަނޑު ޤަބޫލުކުރަމެވެ. އަދި ހަމަ އެހެންމެ މިއީ އަޅުގަނޑު ބޭނުންވާ ތަޢުލީމީ
ފަލްސަފާއެއްގައި ހުންނަންޖެހޭނެކަމަށް ޤަބޫލުކުރާ ސިފަތަކެކެވެ.
އަލަށް
އެކުލަވާލެވިގެން 2015 ވަނަ އަހަރު ގްރޭޑް 1-3އަށް ތަންފީޒު ކުރުމަށް މަސައްކަތް
ކުރަމުންދާ މަންޙަޖަކީ އަޅުގަނޑު ޤަބޫލުކުރާ ކިޔަވައިދިނުމުގެ ގޮތްތައް ވަރަށް
ބޮޑަށް ބޭނުންކުރެވިދާނެ މަންޙަޖެއް ކަމުގައިދެކެމެވެ. ދަރިވަރުންނަށް ޢަމަލީ
މަސައްކަތްތަކެއްގެ ތެރެއިން އުނގެނުމަށް ވަރަށްބޮޑަށް ބާރުއަޅާފައި ވެއެވެ. ހަމަ
އެހެންމެ ދަރިވަރުން ކުރާމަސައްކަތްތަކަށް ހިސާބު ޢަދަދުން މާކުސް ދީގެން
ވަޒަންކުރުމުގެ ބަދަލުގައި ޙާޞިލްވި މިންވަރު، ތަފާތުގޮތްތައް ބޭނުންކޮށްގެން
ވަޒަންކުރެވޭނެ އުޞޫލު ހިމެނިފައިވުމީވެސް އަޅުގަނޑު ވަރަށްބޮޑަށް ތާޢީދުކުރާ އުޞޫލެކެވެ.
ހަމަ އެހެންމެ ދަރިވަރުންގެ ކިބައިގައި ތަފާތު ހުނަރު ތަކާއި ސިފަތައް
އަށަގެންނެވުމަށް ބާރު އަޅާފައިވާކަމީވެސް ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި
ދެކެމެވެ. ވަކިން ޚާއްޞަކޮށް އިސްލާމީ ޢަޤީދާއަށް ޚާއްޞަ ސަމާލުކަމެއް ދެވިގެން
އަމިއްލަ ވަންތަކަން ދެމެހެއްޓުމަށް ބާރުއަޅާފައި ވުމުން މުޖުތަމަޢަށް ނުކުންނަ
އިރު އެ ދަރިވަރުންނަކީ ހުރިހާ ގޮތަކުންވެސް މީހުން ބަލައިގަންނާނެ ދަރިވަރުންތަކަކަށް
ވުމުގެ ފުރުޞަތު ވަރަށް ބޮޑުކަން ފާހަގަކުރަމެވެ. އެހެންކަމުން އަޅުގަނޑުގެ
ތަޢުލީމީ ފަލްސަފާ ޤަބޫލުކުރާ ގޮތުގައި ކުރިމަގުގައި ދިވެހިރާއްޖޭގެ މަދަރުސާތަކުން
ތަޢުލީމު ޙާޞިލުކޮށް މުޖުތަމަޢަށް ނުކުންނަ ކުދިންނަކީ ވަޒީފާތަކަށް އަހުލުވެރި،
ގޭތެރޭގެ މަސައްކަތްތައް ދަންނަ މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތަކަށް ފެތޭ
ކުދިންނަށް ވާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެފަދަ ކުދިންނަކީ ތިމާގެ
އަމިއްލަވަންތަކަން ދަމަހައްޓައި، ޢާއިލާއަށާއި ރަށަށް އަދި ޤައުމަށް ފައިދާހުރި
އަދި މުޖުތަމަޢުގެ އަގުތަކަށް ޙުރުމަތްތެރިކޮށްހިތާ ކުދިންތަކަކަށް ވާނޭކަމީ ކަށަވަރުކަމެކެވެ.
No comments :
Post a Comment