Thursday, August 20, 2015

ޙުސައިން ޞަލާޙުއްދީން

ފަޟީލަތުއް ޝައިޙް ޙުސައިން ޞަލާހުއްދީން




1.   ތަޢާރަފް

ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަކީ މޮޅު ޢިލްމުވެރިވެއެކެވެ. ކުޅަދާނަ ޝާއިރެކެވެ. އަދަބީ، ދީނީ، ދުނިޔަވީ ރޮގުން ލިޔުއްވާފައިވާ ކުޅަދާނަ ލިޔުއްވުންތެރިއެކެވެ. ޚިދުމަތުގެ މައިދާނުގައި ނުހިންގަވާ ހަމަ އެންމެ މަގެއްވެސް ނެތޭ ދެންނެވުން ކުށަކަށް ނުވާނެއެވެ. ސިޔާސީގޮތުންނާއި، ފިޤުހު ޢިލްމުވެރިއެއްގެ ގޮތުންނާއި، ލިޔުންތެރިއެއްގެ ގޮތުންނާއި، އަދީބެއްގެގޮތުންވެސް ހަމަބަރާބަރެވެ. ޚިކުމަތްތެރި ބައްޕައެއްގެ ގޮތުންނާއި، ދަރިން ތަރުބިއްޔަތުކުރުމުގެ ހުނަރުވެރިއަކަށްވެސް ފުރިހަމައަށް ފުދެއެވެ. އަދިވެސް ދަންނަވަންތޯއެވެ. އެއީ މުދައްރިސެއްވެސް މެއެވެ. އިސްލާމީ ދައުވަތު ފެތުރުމުގައި ޚިދުމަތްކުރެއްވި، މުރައްބީއެއްވެސް މެއެވެ.

އެމަނިކުފާނު ސިފަކުރައްވަމުން، އެމަނިކުފާނުންގެ ދަރިވަރެއްކަމުގައިވާ މަޝްޙޫރު ޅެންވެރިއާ ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލު ވިދާޅުވެފައިވަނީ “ފަޟީލަތުއްޝައިޚަކީ، މޮޅު އަދީބެކެވެ. ކުޅަދާނަ ކާތިބެކެވެ. ފަންނުތަކުގައި ފުންނާބުފުޅު އުފުލިގެންވާ ޢިލްމުވެރިއެކެވެ. އިސްލާމީ ފިލޯސަފަރެކެވެ. ޤުދުރަތީ ޝާޢިރެކެވެ. ޤައުމުގެ ފަޚްރެއްކަމުގައިވާ ދިވެހި ދަރިއެކެވެ.
ދިވެހިރާއްޖެއަށް އެކިރޮނގުރޮނގުން އެ މަނިކުފާނުގެ ކިބައިން ލިބިފައިވާ ޚިދުމަތްތައް ގިނަގުނަ އެވެ. ދިވެހީން އެ މަނިކުފާނަށް ދަރާފައިވާ ދަރަންޏަކީ، ދުވަހަކު އަދާވެވޭނެ ދަރަންޏެއްނޫނެވެ. އެ މަނިކުފާނު އަވަހާރަވުމުން ދިވެހީންނަށް އެ ގެއްލުނީ، ކުޅަދާނަ ކިތައް މީހުންތޯ އެވެ؟] ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން އުފަންވެ ވަޑައިގަތީ 11 މެއި 1881 (15 ޖުމާދަލްއޫލާ 1298) ވީ ބުރާސްފަތި ދުވަހު ފުރަމާލޭގައެވެ. ބައްޕާފުޅަކީ މާލޭ ބޮޑުގަލުގޭ އަލްފާޟިލް އިސްމާއީލް މަނިކުގެ މޫސާދީދީއެވެ. މަންމާފުޅަކީ، ދަރަވަންދޫގޭ ޒަކަރިއްޔާ ކަލޭގެފާނުންގެ މޫސާކަލޭގެފާނުންގެ ތުއްތު މަނިކެއެވެ. އެއްބަފާ ބޭފުޅަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު ދަރަވަންދޫގޭ ޢަބްދުﷲ ދީދީއެވެ.
ދިވެހިތާރީޚުގައި، ކުލަގަދަ ބަޠަލެއްގެ ގޮތުގައި ފާހަގަވެފައިވާ ފަޟީލަތުއް ޝައިޙް ޙުސައިން ޞަލާހުއްދީން ދިވެހި ޤައުމަށް ކުރެއްވި ޚިދުމަތްތައް ގުނައިލެވޭ ވަރަށް ވުރެން ގިނައެވެ. އެމަނިކުފާނު ގަލަންކޮޅު ނުހިންގަވާ ހަމައެންމެ ރޮގެއްވެސް ނެތޭދެންނެވުން ދޮގަކަށްނުވާނެއެވެ. ދިވެހިޤައުމަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން، އަބަދަށްޓަކައި އަޅުގަނޑުމެންނާ ވަކިވެވަޑައިގެން، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައި ވަނީ     20 ސެޕްޓެންބަރު 1948 (16 ޛުލްޤަޢިދާ 1367) ގައެވެ.

. ލިބިވަޑައިގެންނެވި ބޭފުޅުން


ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަށް ލިބިވަޑައިގެންނެވީ ހަތަރު ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުނެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޅަދީދީ، މުޙައްމަދު ސައީދު، ދިވެހިތާރީޚުދުއް މަޝްހޫރު އަދީބު، އިބުރާހިމް ޝިހާބް، ޢަދުނާން ޙުސައިންގެ އިތުރުން މަޝްޙޫރު ދެޝާއިރުންކަމުގައިވާ ފާޠިމަތު ސަޢީދާއާއި މަރިޔަމް ސަޢީދެވެ.

No comments :

Post a Comment