Tuesday, August 18, 2015

އަޚްލާޤީ ފުންވަޅުގަނޑު..


އަޚްލާޤީ ފުން ވަޅުގަނޑު

 
1    އިންސާނާ އަކީ މާތް ﷲ އެންމެ މާތް ކުރެއްވި މަޚްލޫޤެވެ. އިންސާނާއަށް ވިސްނުމާއި، އަޑު އިވުމާއި، ރަހަލުމާއި، އަސަރުކުރުން ދެއްވިއެވެ. އަޅުގަނޑުމެން މާޒީގެ މަންޒަރެއް ނުވަތަ ރައްޓެއްސެއް ހަނދާނަށް ގެންނަށް ބޭނުން ވުމުން ހިތަށް ފެނެއެވެ. މިފަދަ މާތް ކުރެއްވި އިންސާނާ މިދެންނެވި ނިއުމަތަށް ފުރަގަސްދީ، ޢަމަލުތައް ނުސީދާ މަގަށް ޚިޔާރުކުރެއްވުމުން ޙައިވާނުންނަށްވުރެ ދަށު ދަރަޖައަށް އަމިއްލައަށް ވާޞިލް ވެވެނީއެވެ. މީގެ 30 ވަރަކަށް އަހަރު ކުރިން ރާއްޖެ ދުށް ހުސްގަޔާ ބަރުމާޕިސް މުންޑު އަނދެގެން އުޅުނު ދިވެހި ރައްޔިތުންގެ ހެދުން ޔޫރަޕު މީހުންގެ ހެދުމަށް ބަދަލު ކޮށްފިއެވެ. ފަން ޖިފުޓިތައް ރާނައިފިއެވެ. ފުރާޅުން ފަންބާލާ، ޓިނު ޖަހައިފިއެވެ. ބިންމަތިން ދޮންވެލި ކަހައި ތަޅުން އަޅައިފިއެވެ. ފުޅި އަތްބައްތި އެއްލާލައި ކަރަންޓު އައްޔަށް ހޭނިއްޖެއެވެ.
       

 
2    ރަށު އޮފީހާއި ނައިބު ކަލޭގެ ޝަރީޢަތް ހިންގި ފަން ޖިފުޓި އާއި އެދުރުދައިތަ ޅަދަރިންނަށް ވޮށުފިލާ، ފެންޑާމަތީގައި އަޅައި ދިން ދުވަސް މާޒީވެ މިދެންނެވި ކޮންމެ ކަމަކަށް ސީދާ ސަރުކާރުން އެންމެ މިޒަމާނުގެ ޢިމާރާތް ތައް ބިނާ ކޮށްފައި ވެއެވެ. މިހާރު ރާއްޖޭގައި މި ދިރިއުޅޭ 21 އަހަރު ނުފުރޭ ޒުވާނުންނަށް މިކަން އިޙްސާސް ކުރެވޭނީ މައިން ބަފައިން ކަމުގެ ޙަޤީޤަތް އަންގައިދިން މިންވަރަކުންތާއެވެ.


 

 
3    އަޅުގަނޑު ދަންނަވަން މިއުޅެނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވާ ޚިދުމަތުގެ ރެކޯޑެއް ނޫނެވެ. ދަންނަވަން މިއުޅެނީ ޤައުމެއްގެ ކުރިއެރުމަކީ ބިނާ ކުރެވޭ ބިނާ ތަކަކާއި ލެވޭ ހެދުން ތަކަކާއި ފިރިހެނުން އިސްތަށިގަނޑު ދިގުކޮށް ކަންފަތުގައި މުދިލައި އަތުޖެހުނުހާ ކުލައެއް ބޮލުގައި ޖެއްސުމުގެ ނާގަބާޑި އުސޫލު ކިތަންމެ ބާރަށް ފެތުރުނު ނަމަވެސް ތަން އެދަނީ ނުސީދާ މަގުން ކަމުގައެވެ.

4    ޤައުމެއްގެ ކުރިއެރުމުގެ ބޮޑު އަދި މުހިއްމު ބަޔަކީ ޢުމްރާނީ އިޤްތިޞާދީ ކުރިއެރުން ކަމުގައި ބެލުމަކީ ޙަޤީޤަތާއި ދީނީ އަދި ދުނިޔެވީ އުސޫލުތަކާއި ޚިލާފު ކަމެކެވެ. ރާއްޖޭގެ މޫނުމަތި ކަމުގައި އަޅުގަނޑުމެން ފަޚުރުވެރި މިވާ މާލެއާއި ޙައިވާނު  ބަގީޗާއަކާ، އަޅައި ކިޔަމާތޯއެވެ؟ އެގޮތުން އަޅައި ކިޔަން މި އުޅެނީ މި މާލޭގެ އަޚްލާޤިއްޔަތާއި އަދި ސްލޫކު ވިއްސި ވިހާލި ވެފައިވާ މިންގަނޑަށެވެ. ހަމައެއް ލަމައެއް ނެތިގެން މަގުތައް ފުރިފައިމިވާ ދޭސީ ބިދޭސީންގެ ވާހަކައިންނެވެ.

5    އަޅުގަނޑުމެން އަޅުގަނޑުމެންގެ ވާޖިބުތައް އަދާކުރަނީ ކިހާ މިންވަރަކަށް ތޯއެވެ؟ އަޅުގަނޑުމެން ކަމަށް ކަމޭ ހިތުމާއި ތެދުބަހުން ވާހަކަ ދައްކައި، ދައްކާ ވާހަކަ އާއި އެއްގޮތަށް ޢަމަލުތައް ސީދާ ކުރަނީ ކިހާ މިންވަރަކަށް ބާވައެވެ؟ ތެދުވެރިކަމުގެ ސިފައިގައި އަމިއްލައިން ސައްޕުޖަހައިފައި އަނެކާއަށް ނަސޭޙަތް ތެރިވުމުން ނުކުންނާނީ ކޮން ނަތީޖާއެއް ތޯއެވެ؟


 
6    އަޅުގަނޑުމެންނަކީ ޒިންމާދާރު މައިންބަފައިން ކަމުގައި ވާނަމަ އަޅުގަނޑުމެންގެ ދަރިންނަކީ ޒިންމާދާރު ހަރުދަނާ ޖީލެއް ތަމްސީލު ކުރާނެ ބަޔަކަށް މިއަދުގެ ޒުވާނުން ވާނެއެވެ. ރޭގަނޑު ދިހައެއް އެގާރަ އަދި ކީއްކުރަންތޯއެވެ. މެންދަމު ދޭއް ޖަހާއިރުވެސް 15 އަހަރު ނުފުރޭ ފިރިހެން ދަރިއާއި އަންހެން ދަރި ވީތަނެއް، ކުރާކަމެއް ނޭނގޭ ކިތައް ބެލެނިވެރިން މި މުޖުތަމަޢުގައި ރީތި ހެދުން އަޅައިގެން ހިނގާބިނގާ ވޭތޯ ބައްލަވާށެވެ! އަޅުގަނޑުމެންގެ ދަރިން މިހެން އުޅޭނަމަ އެ ޒިންމާއާއި ލަދުވެތިކަން އިޙްސާސްކޮށް އެ ހުތުރު ނަން ޙައްޤުވާނީ ކާކަށްތޯއެވެ؟ ދަރިފުޅު ކިޔަވާތޯ އާއި، ސްކޫލަށް ދޭތޯއާއި އޭގެ ފަހުން އުޅޭ ނޫޅޭގޮތް ބެއްލެވުމަށް ސްކޫލަށާއި، މުނިސްޕަލްޓީއަށާއި، އަވަށު އޮފީހަށާއި، ފުލުސް އޮފީހަށް ހަވާލު ކޮށްފައި މި އުޅޭ ކޮންމެ ބައްޕަ އަކާއި މަންމައަކު  ލަދުވެތިވާން ދަސްކުރަން ވެއްޖެ ނޫންތޯއެވެ؟ ހަމަ ވިސްނުމާއި އިޞްލާޙުގެ މަގަށް އަވަހަށް ރުޖޫޢަވާން ވެއްޖެ ނޫންތޯއެވެ؟ މިއީ ފަހެ ކޮންބައެއްގެ މަސްޢޫލިއްޔަތެއް ތޯއެވެ؟

7    އަޅުގަނޑުމެން ދެބަސްވެ އަރާރުން ވަނީއެވެ. ހަޑިހުތުރު ބަހުން އެކަކު އަނެކަކާ މުޚާޠަބުކޮށް ވާހަކަ ދައްކަނީއެވެ. ގެދޮރުގެ މައްސަލަތަކުގައި ޢާއިލާތައް ދެބަސްވެ ގުޅުން ކަނޑަނީއެވެ. މިފަދަ ކަންކަން އިޞްލާޙް ކުރުމަކީ މުޖުތަމަޢުގެ ޒިންމާދާރު ކޮންމެ މީހެއްގެ އަދި ސަރުކާރުގެ އެންމެ އިސް ވާޖިބަކަށްވެ، ޢަމަލީ ޙަރަކާތްތައް އަވަސް ކުރަން ވެއްޖެއެވެ. އާދެ! މިހާރުވެސް މާލަސްވެއްޖެއެވެ. އެފަދަ މީހުންނަށް ނަސޭހަތްތެރިވެ ޢަމަލުތައް މޮނިޓަރ ކޮށް އިޞްލާޙު ނުވާނަމަ ފިޔަވަޅު އެޅުމުގެ ހަރުދަނާ މަޝްރޫޢެއް ހިންގޭނެގޮތް ހަމަޖެހި މުވައްޒަފުން އެކަށައެޅި ކުރިއަށްދާން ވެއްޖެއެވެ. ދުނިޔެއަށް އަންނަ ބަދަލުތައް މި ރާއްޖެއަށްވެސް އަންނަނީއޭ ބުނެ ރެކެވޭކަށް ނެތެވެ.


 
8    މައިން ބަފައިން ނަފުރަތު ކުރިޔަސް، ރުޅިއަޔަސް އަޚްލާޤް ނެތް ކުދިން ނަޞޭހަތްދީ މައިންބަފައިންނަށް އަންގަވާ، އިޞްލާޙު ނުވާނަމަ އެހެން ކުދިން ހަލާކު ކުރަން އެކުދިން ސްކޫލުގައި ނުގެންގުޅެ ވަގުތު ފާއިތު ނުވަނީސް ކަނޑާލާ ދޫކޮށްލުމަކީ ކޮންމެހެން ވެރިކަމުގެ ފަރާތުންނާއި ޒިންމާދާރު، ސްކޫލު ހިންގާ ފަރާތަކުން ކުރަން ޖެހޭނެ ކަމެކެވެ. ފައިސާގެ ގޮތުން ނުވަތަ ތިމާމެންނަށް ގެއްލިދާނެ ތާއީދެއް ނުވަތަ ޒިންމާ ނުއުފުލާ ބެލެނިވެރިން، ބަލަދުވެރިންގެ މޫނަށް ކަނދުރާއަށް ބަލަނީއޭ ބުނުމަކުން މި ދެންނެވި ބޮޑު ޒިންމާއިން ރެކެވޭކަށް ނެތެވެ. ދިވެހި މުޖުތަމަޢުގެ އަޚްލާޤީ ޙާލަތު އާއްމު ސްލޫކަށް ބެއްޔަސް ވަނީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައެވެ.
                                                              މުޙައްމަދު އަޙްމަދު (އީ.ޑީ.ސީ)

(3) ދޭހައިގެ ތިން ފެންވަރުން އުފައްދާފައިވާ ސުވާލުތައް
1- ޖަނަވާރުންގެ މައްޗަށް އިންސާނުން މާތް ކުރައްވާފައި ވަނީ ކިހިނެއް؟      

2- ޢުމްރާނީ ގޮތުން އައިސްފައިވާ ކުރިއެރުން ތަކެއްގެ ވާހަކަ ދެވަނަ ޕެރެގްރާފުގައި ގެންވާފައި ވެއެވެ. އެވާހަކަތައް ގެންނަވާފައި
   ވަނީ ކޮން ކަމެއް ހާމަކޮށްދިނުމުގެ ބޭނުމުގައިހެއްޔެވެ؟ 

3- ކުރިއެރުމާއި ތަރައްޤީ ކަމުގައި ދެކިގެން އަޅުގަނޑުމެންނަށް ކުރެވޭ ނާތަހުޒީބު ކަންތައް ތަކެއްގެ ވާހަކަ ލިޔުންތެރިޔާ ގެންނަވާފައި ވެއެވެ. އޭގެ ތެރެއިން ތިން ކަމެއް ލިޔާށެވެ.  

4- ފަސްވަނަ ޕެރެގްރާފުގައިވާ [ތެދުވެރިކަމުގެ ސިފައިގައި އަމިއްލަ ފައިން ސައްޕު ޖަހާފައި، އަނެކާއަށް ނަޞޭޙަތްތެރި ވުމުން ނުކުންނާނީ ކޮން ނަތީޖާއެއް ތޯއެވެ!] މި ޢިބާރާތުގައި ބުނާ ވާހަކަ އަމިއްލަ ޢިބާރާތުން ތިލަކޮށް ބަޔާން ކޮށްދޭށެވެ!       
                                                         
5- ރަނގަޅު ޖީލެއް ބިނާ ކުރުމުގައި އިހުމާލު ވެފައިވާ ކަންތައް ތަކެއްގެ މިސާލުތަކެއް ހަވަނަ ޕެރެގްރާފުގައި ލިޔުންތެރިޔާ ގެންނަވާފައި ވެއެވެ. އެކަންކަމުގެ ޒިންމާ ވަކި ފަރާތެއްގެ ބޮލުގައި ލިޔުންތެރިޔާ ނާޅުވަނީ ކީއްވެގެންކަން 5 ފޮޅުވަތަށްވުރެ ދިގުނުވާނެހެން ބަޔާންކޮށްދޭށެވެ! 

6- ތިޔަ ދަރިވަރަށް ސްކޫލުތައް ހިންގުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ލިބިއްޖެނަމަ ސްކޫލުން ދަރިވަރުން ވަކި ކުރުމާ ބެހޭގޮތުން ލިޔުންތެރިޔާ 8 ވަނަ ޕެރެގްރަފުގައި ބަޔާން ކުރައްވާފައިވާ ގޮތަށް ޢަމަލު ކުރާނެކަން ނުވަތަ ނުކުރާނެކަން ސަބަބާއެކު ބަޔާން ކޮށްދޭށެވެ!



No comments :

Post a Comment