އދިވެދިވެހިރާއްޖޭގެ ފުތަރަމަ ޤާނޫނު އަސާސީ އަށް
ވީގޮތް
ތަޢާރަފް:
ރާއްޖޭގައި
އެންމެ ފުރަތަމަ އުފެދުނު ޤާނޫނު އަސާސީ ލިޔުމަށް އެންގެވީ އައްސުލްތާނު
ޝަމްސުއްދީނު ރަދުން (3) ގެ ރަސްކަމުގައެވެ. 22 މަރޗް 1931 (2 ޒުލްޤައިދާ 1349ހ)
ގައި އެންމެ ފުރަތަމަ ޤާނޫނު އަސާސީއެއް އެކުލަވާލުމުގެ މަސައްކަތް
ފެށިގެންދިޔައެވެ. އެގޮތުން މި ދުވަހު ރަދުން ކުރިއަށް ތިއްބެވި ވެރިން
އެއްކުރައްވައި، ކޮމެޓީއެއް އެކުލަވާލައްވައި ޤާނޫނު އަސާސީއެއް އެކުލަވާލުމުގެ
މަސައްކަތް ފެއްޓެވިކަމުގައި އަހުމަދު ޝާކިރު (2006) ބަޔާންކުރައްވައެވެ.
ދިވެހިރާއްޖޭގައި
ޤާނޫނު އަސާސީއެއް އުފެދުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ ތަޢުލީމު
ހާސިލުކޮށްފައިވާބަޔަކު އުފެދިގެން ދިޔުމެވެ. އެގޮތުން ޤާނޫނު ހަދަން ރަދުން
އެކުލަވާލި ކޮމެޓީގައި ކިޔަވައިގެން ތިބި މީހުން ހިމެނިފައިވާކަން
ފާހަގަކޮށްލެވެއެވެ. 92 މާއްދާގެ މައްޗަށް އެކުލަވާލެވިފައިވާ މި ޤާނޫނު އަސާސީގެ
ހުރިހާ މަސައްކަތެއް ނިމި ރަދުން ސޮއެކުރައްވާ ތަޞްދީޤު ކުރެއްވީ 17 ޝައުބާން 1350
ގައެވެ.
ޤާނޫނު
އަސާސީއާއި ރައްޔިތުން:
ޤާނޫނުތައް
ހަދަންވާނީ އެތަނެއްގެ ރައްޔިތުންނަށް އޮޅުންފިލައި އަދި ފަސޭހަކަމާއެކު
ބަލައިގަނެވޭނެ ފަދަ ގޮތަކަށްށެވެ. އަދި ހަދާ ޤާނޫނުތައް ވާންވާނީ ތަންފީޒު
ކުރެވޭނެ ފަދަ ޤާނޫނު ތަކަކަށްށެވެ. އަހުމަދު ޝާކިރު (2006) ބަޔާންކުރައްވާ
ގޮތުގައި ރާއްޖޭއާށް ޤާނޫނު އަސާސީ އުފަންވިއިރު ދިވެހިން ތިބީ ޤާނޫނެއް
ބަލައިގަނެވޭނެ ފަދަ ހޭލުންތެރި ކަމެއްގައެއް ނޫނެވެ. ދިވެހިން އާދަކާދަޔަށް
ހޭނިފައިވާއިރު، އާދަކާދައިގެ ގޮތުގައި ދިވެހިން ބޯލަބަމުން އައި ބައެއް ކަންކަން
ޤާނޫނު އަސާސީގެ ސަބަބުން މަނައުވެގެން ދިޔައެވެ. އަދި ނުހަނު ކުދި ކުދި
ކަންކަންވެސް ޤާނޫނުތަކަށް ބަދަލުވެގެން ދިޔައެވެ. މިގޮތުން ފާހަގަކުރެވޭ
ގާނޫނުތަކުގެ ތެރޭގައި ޖޫރީންގެ ޤާނޫނު، ޖުޒާމު ބަލިމީހުންގެ ޤާނޫނު، އަލްޕަކާފޮތީ
( ރަދުންގެ ލިބާސްކޮޅަށް ގެންގުޅުއްވާ ފޮތުކޮޅު) ގެ ޤާނޫނު ފާހަގަކޮށްލެވެއެވެ.
މިކަންކަމުގެ ސަބަބުން ރައްޔިތުންނަށް ޤާނޫނުގެ މައްޗަށް އޮތް ބަރޯސާ ކުޑަވެގެން
ދިޔައެވެ. މީގެ އިތުރުން ޤާނޫނު އަސާސީއަށް އަމަލުކުރެވެން ފެށުނުތާ ކުރު
މުއްދަތެއްގެ ތެރޭގައި އިތުރު 40 ޤާނޫނު އުފެދިގެން ދިޔުމީވެސް ދިވެހިނަށް ޤާނޫނު
އަސާސީއަށް އަމަލު ކުރަން އުނދަގޫވި އެއް ސަބަބު ކަމުގައިމު އަލީ ހުސައިން (2008)
ބަޔާންކުރައްވައެވެ. ޤާނޫނު އަސާސީ އެކުލަވާލަމުން ދިޔަ ދުވަސްވަރުގެ ހާލަތަށް
ބަލާއިރު ފެންނަމުން ދިޔައީ ވަރަށް ނޭދެވޭ މަންޒަރުތަކެކެވެ.
އަހުމަދު
ޝާކިރު (2006) ބަޔާންކުރައްވާ ގޮތުގައި ޤާނޫނު ހަދަމުން ދިޔަ ދުވަސްވަރު، ކަމަށް
ޤާބިލު ނޫން އައު ވަޒީރުންތަކެއް ދިޔައީ އައްޔަނު ކުރަމުންނެވެ. މި ވަޒީރުން
އެއްގަލަކަށް އަރައިވަޑައި ނުގަން އެކުވެރިކަމެއް ނެތުމުގެ ސަބަބުން
މައްސަލަތަކެއް ކުރިމަތި ވަމުން ދިޔައެވެ. މި ހަމަނުޖެހުންތަކުގެ އަސަރު އެންމެ
ބޮޑަށް ކުރަމުން ދިޔައީ އޭރު ހެދެމުން ދިޔަ ޤާނޫނުތަކަށްށެވެ. މިކަން ދޭހަވެގެން
ދިޔައީ ބައެއް ޤާނޫނުތައް ތަޞްދީޤު ކުރެއްވުމަށް ރަދުންގެ އަރިހަށް ފޮނުއްވުމުން
އަބުރާ ފޮނުވާ ލެއްވުމުން މިކަމަށް މާކަބޮޑު އަހަންމިއްޔަތުކަމެއް ނުދީ
ފާސްކުރަމުން ގެންދިޔުމުން ކަމުގައި އަލީ ހުސައިން (2008) ބަޔާންކުރައްވައެވެ.
މިކަމުގެ އިތުރުން ރައްޔިތުންގެ ލޮއެއްބާއި ގަދަރު ލިބިފައިވާ އަބްދުލް މަޖީދު
ރަންނަބަޑޭރި ކަލޭގެ ފާނު ރާއްޖޭގެ ބޮޑުވަޒީރުކަމުންނާއި ބޮޑު ބަޑޭރި ކަމުން
އިސްތިއުފާ ދެއްވާފައި މިސްރަށް ވަޑައި ގަތުމީވެސް ރައްޔިތުންނާއި ސަރުކާރާއި
ދެމެދު އޮތް ރުޅުވެރިކަން ގަދަވެގެން ދިޔަ ސަބަބެއްކަމގައި ރައްޔިތުންގެ މަޖިލިސް
(1986) ބަޔާންކުރައްވައެވެ. ބައެއް ޤާނޫނު ތަކުގެސަބަބުން ރައްޔިތުންނަށް ކުރި
އަސަރު :
ރާއްޖޭގައި
އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީއަކީ ރައްޔިތުންގެ ވަރަށް ގިނަ ހައްޤުތަކާއި
ކަރާމާތްތެރިކަން ރައްކާތެރި ކޮށްދެވިފައިވާ ޤާނޫނު އަސާސީއެއް ކަން
ފާހަގަކޮށްލެވެއެވެ. އެގޮތުން ފުރަތަމަ އެކުލަވާލެވުނު ޤާނޫނު އަސާސީގެ ހަތަރުވަނަ
ބާބު ކަމުގައިވާ ރައްޔިތުންގެ ހައްޤުތަކުގެ ދަށުން އައިސްފައިވާ
މާއްދާތަކުގެތެރެއިން، ވިހިވަނަ މާއްދާ ފިޔަވައި އެހެންހުރިހާ މާއްދާޔަކުން (5
ކުން 22) ވަރަށް ފުރިހަމަ ގޮތެއްގައި ދިވެހިންގެ ހައްޤުތައް ރައްކާތެރި
ކޮށްދެވިފައިވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ހައްޤުތަކުގެ ތެރޭގައި ރައްޔިތުންގެ
ގޯތިގެދޮރާއި މިލުކުވެރިކަން، މީހުންގެ މެދުގައި ހިނގާ ސިޓީ އަދި ޓެލެގުރާމުތަކުގެ
ސިއްރުވެރިކަން، އެއްވެ އުޅުމުގެ މިނިވަންކަން، ޢިލްމު އުނގެނުމުގެ ހައްޤު އަދި
އަނިޔާއިން ރައްކާތެރިވުމުގެ ހައްޤު ފާހަގަކޮށްލެވެއެވެ. ނަމަވެސް ވިހިވަނަ މާއްދާ
އިސްލާހުކުރުމަކީ ބޭނުންތެރިކަމެއްކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ ވެރިކަން ކުރާ
ވެރިޔަކު އަދި ސަރުކާރުގެ އިސްމަޤާމެއް ފުރުއްވަމުން ގެންދަވާ ބޭފުޅަކު ފިޔަވައި
މިނިވަން ކޮންމެ ދިވެހި ރައްޔިތެއްވެސް ބޭނުންވެއްޖެ ހާލަތެއް ދިވެހ ރާއްޖެ
ދޫކޮށްފައި ގޮސް އެހެން ތަނެއްގައި ވަޒަންވެރިވެ ހުރުމުގެ ހައްޤު ލިބެން
ޖެހޭނެކަމުގައި ޤަބޫލުކުރެވެއެވެ. ފުރަތަމަ އުފެދިގެން އައި ޤާނޫނު އަސާސީގެ
ސާޅީސްމާއްދާގައި އެއްވެސް ވަރަކަށް ބިދޭސީންނާއި ބެހޭ ޤާނޫނެއް އެކުލަވާލެވިފައި
ނެތުމީ ދިވެހިން ނުހަނު ކަންބޮޑުވި ކަމެކެވެ. އެހެނީ އެދުވަސްވަރަކީ ވޯރާ
ވިޔަފާރިވެރިންގެ ނުފޫޒު ދިވެހިންގެ މައްޗަށް ނުހަނު ބޮޑަށް ފޯރާފައިވާ
ދުވަސްވަރެއްކަމުގައި އަހުމަދު ޝާކިރު (2006) ބަޔާންކުރައްވައެވެ.
ވޯރާވިޔަފާރިވެރިން ދިވެހިންނަށް ހަދަމުންގެންދިޔަ އިހާނެތި ގޮތްތަކަށް ހައްލު
ހޯދުމަށް ދިވެހިން ނުހަނު ބޭނުންވެފައިވާ ދަޑިވަޅެއްގައި އުފެދުނު ޤާނޫނު
އަސާސީގައި މިކަމަށް ރިޔާއަތްކޮށް ޤާނޫނެއް ހެދިފައި ނެތުމީ ދިވެހި ރައްޔިތުންގެ
ހައްޤުތަކަށް އިހުމާލުވުމެއް ކަމުގައި ދިވެހިންނަށް ޤަބޫލުކުރެވިގެންދިޔައެވެ.
ރައްޔިތުންގެ މަޖިލިސް (1986) ބަޔާންކުރައްވާ ގޮތުގައި ކުޑަ މުއްދަތެއްގެ ތެރޭގައި
އަލަށް އެކުލަވާލެވުނު ސާޅީސް ޤާނޫނުގެ ތެރޭގައި ކުރިން އާދަކާދައިގެ ގޮތުން
ހިނގަމުން އައި ކިތަންމެ ކަމެއް ހުއްޓުވުމުގެ ޤާނޫނުތަކެއް ވެއެވެ. މީގެ ތެރޭގައި
ހިތިވިލޭރޭގެ ޤާނޫނާއި ސަމާގެ ޤާނޫނު ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން
ކީރިތި މަހާރަދުން އަބުރާ ފޮނުވާލެއްވި ޤާނޫނު ކަމުގައިވާ ލޮނުމެދު ފަޓާސް (
ހާއްސަ މުނާސަބަތުތަކުގައި ރަދުން ވަޑައިގަންނަވާ މަގުތަކުގައި ޖަހާއެއްޗެއް) މަނާ
ކުރެއްވުމީ އާދަކާދައިގެ ގޮތުން ދިވެހިން ކުރަމުން އައި ކަންކަން ހުއްޓާލުމަށް
މަޖުބޫރުކުރުވިކަމެކެވެ. އަދި މީގެ އިތުރުން ފާހަގަކޮށްލެވޭ އަނެއް ޤާނޫނަކީ ފުރަ
ބަންޑާރައިންގެ ލަކުޑީގެ ޤާނޫނެވެ. އަލީ ހުސައިން (2008) ބަޔާންކުރައްވާ ގޮތުގައި
ލަކުޑީގެ ޤާނޫނުގެ ސަބަބުން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ލިބެމުންއައި
ލަކުޑި ފަކުޑި ތަކެއްގެ ތެރެއިން ގިނަ ބައެއް ކުއްލިޔަކަށް ވިއްކަވަން
ފެއްޓެވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ނުހަނު ބޮދު ދަތިތަކާއި ކުރިމަތި
ލާންޖެހޭނެކަމީ ކަށަވަރު ކަމެވެ. ދެން ފެނިގެން ދިޔަ މިފަދަ އަނެއް ޤާނޫނަކީ
ދައުލަތައް އާގުބޯޓް ހޯއްދެވުމުގެ ޤާނޫނެވެ. އަހުމަދު ޝާކިރު (2006)
ބަޔާންކުރައްވާ ގޮތުގައި ދައުލަތަށް އާގުބޯޓް ހޯއްދަވަން ނިންމެވީ ދައުލަތުގެ
އާމްދަނީ އިތުރުކުރުމަށްށާއި އިޤްތިސާދު ހަރުދަނާ ކުރުމަށެވެ. ނަމަވެސް ދައުލަތް
ދަރަނިވެރިވެފައިވާ ހާލަތެއްގައި އާގު ބޯޓް ހޯއްދެވުމުގެ ޤާނޫނަކީ އިޤްތިސާދީ
ގޮތުން އެވަގުތާ އެކަށީގެން ނުވާ ޤާނޫނެއްކަމުގައި އަލީ ހުސައިން (2008)
ބަޔާންކުރައްވައެވެ. މި ޤާނޫނުތަކުގެ ސަބަބުން ދިވެހިން ޤާނޫނު އަސާސީއަށް
ނަފުރަތު ކުރަން ފެށީއެވެ. ނިންމުން : އާދަކާދައިގެ މައްޗަށް ހޭނިފައިވާ ދިވެހިން
ތިބީ ޤާނޫނު އަސާސީއެއް ބަލައިގަނެވޭނެފަދަ ހޭލުންތެރިކަމެއްގައެއް ނޫނެވެ. މިފަދަ
ހާލަތެއްގައި ތިއްބައި މަދު ދުވަސްކޮޅެއްގައި އުފެދެން ފެށުނު އިތުރު
ޤާނޫނުތަކެއްގެ ސަބަބުން ޤާނޫނައް ބޯލެބުމަށް އިތުރު ހުރަސްތަކާ ކުރިމަތި ވިއެވެ.
އަދި އެދުވަސްވަރު ސަރުކާރުގެ ވުޒާރާތަކަށް ޤާބިލު ނޫން މީހުން ވެރިންގެ ގޮތުގައި
އައްޔަނު ކުރެއްވުމާއި އަދި ރައްޔިތުންގެ ލޯބި ލިބިފައިވާ އަބްދުލް މަޖީދު ރަންނަބަޑޭރި
ކަލޭގެ ފާނު ރާއްޖޭގެ ބޮޑުވަޒީރުކަމުންނާއި ބޮޑު ބަޑޭރި ކަމުން އިސްތިއުފާ
ދެއްވުމީވެސް ރައްޔިތުން ޤާނޫނު އަސާސީ ބަލައި ނުގަން ސަބަބެކެވެ. އަދި ހަމަ
މިއާއެކު އާދައިގެ ކަންކަން ޤާނޫނަށް ބަދަލުވެ އާދަކާދައިގެ ގޮތުން ދިވެހިން
ކުރަމުން އައި ބައެއް ކަންކަން މަނައުވެގެން ދިޔައެވެ. އަދި އިޤްތިސާދީގޮތުންނާއި
އަދި ރައްޔިތުންނަށް ދަތިވާފަދަ ޤާނޫނުތައް އުފެދުމުގެ ސަބަބުން ޤާނޫނު އަސާސީއާއި
މެދު ރައްޔިތުން ސުވާލުތައް އުފައްދާ އަދި ސަކުވާތަކާއި އަދި ހިތްހަމަ ނުޖެހުމުގެ
އަޑުތައް އިއްވަން ފެށިއެވެ. އެންމެ ފަހުން 22 ރަޖަބު 1352ހ ގައި ރައްޔިތުން
ނުކުމެ ޤާނޫނުއަސާސީ ވީދާލީއެވެ.
No comments :
Post a Comment