ދިވެބަހުގައި
ބޭނުންކުރެވޭ ދަރަޖަތައް
ތަޢާރަފް
ބަސްމޮށުން ތެރިކަމުގެތެރޭގައި މުޚާޠަބުކުރެވޭ ތަފާތު ދަރަޖަތަކެއް އޮވެގެން ވާނެކަމަކަަށް ބައެއް މީހުން ގަބޫލެއް ނުކުރެއެވެ. ވާހަކަ ދެއްކުމުގައްޔާއި ލިޔެކިއުމުގައި ތަފާތު ދަރަޖަތަކެއް އޮތުމަކީ އިންސާނީ ކަރާމާތަށް އަރައިގަތުމެއްކަމަށް އެފަދަ މީހުންދެކެއެވެ. އެއްބައެއްގެ ގަބޫލުކުރުން މިހެން އޮތްއިރު އަނެއް ބަޔަކު ދެކެނީ ވާހަކަ ދެއްކުމާއި ލިޔެކިޔުމުގައި ދަރަޖަ ބޭނުންކުރުމަކީ ލާޒިމުކަމެއް ކަމުގައެވެ.
"
ބަސްބަހުގެ ބަސްމޮށުންތެރިކަމާ ބެހޭގޮތުން ހޯދިފައިވާ ހޯދުންތަކުންކޮންމެ
ބަހެއްގައިވެސް ކޮންމެވެސް ވަރަކަށް މުޚާޠަބު ކުރުމުގައި ދަރަޖަތަކެއް އޮންނަ
ކަމަށް ދިރާސާތަކުން ދައްކާކަމަށް ބައެއް ލިޔުންތެރިންގެ ލިޔުއްވުންތަކުގައި
ބަޔާންކޮށްފައި އެބަހުއްޓެވެ. އެކިބަސް ބަހުގައި އެކި މިންވަރަށެވެ. އިގިރޭސި
ބަހާއި ހިންދީ ބަހުގެތެރެއިން ވެސް އެފަދަ ދަރަޖަކުރުންތައް ފެނެއެވެ. ދިވެހި
ބަހުން ވާހަކަ ދެއްކުމުގައި ތަފާތު ދަރަޖައިން މުޚާޠަބުކުރެވޭ ބަސް ހުރުމަކީ
ބަހުގެ އަސާސީ ސިފައެކެވެ.
ދިވެހިބަހުން
ވާހަކަ ދެއްކުމުގައި ތަފާތުދަރަޖައިން މުޚާޠަބުކުރުމަކީ، ދިވެހި ބަހުގެ
މުއްސަދިކަން ރަމްޒު ކޮށްދޭ ކަމެކެވެ. ދިވެހި ބަހުގެ އަދަބުގެ ތެރޭގައި ހިމެނޭ
ކަމެކެވެ. އަޅުވެތިވާން ނުޖެހޭ ފަރާތަކަށް އަޅުވެތި ކުރުވުމުގެ
ސަޤާފަތެއްގެތެރެއިން އަށަގެންފައިވާ ކަމެއްނޫނެވެ." ޢަބްދުﷲ
މުޢާޛު ޔޫސުފް، ދަރަވަންދޫ،2014.
އިސްވެ ދެންނެވި ލިޔުންކޮޅުގެ މައްޗަށް
ބުރަވެ ދިވެހިބަހުގައި މުޚާޠަބުކުރެވޭ ދަރަޖަތަކުގެ މައްޗަށް ދިރާސީ ނަޒަރަކުން
ބަލައިލުމުގެ ޝައުޤުވެރިކަން އިތުރުވެގެން ހިނގައްޖެއެވެ.
ތަފާތު
ދަރަޖައިން މުޚާޠަބު ކުރުމުގެ ނަޒަރިއްޔާ
ދިވެހި ބަހުން ބަސްމޮށެ އުޅުމުގައި ތަފާތު ދަރަޖައިން މުޚާޠަބުކުރުމާ މެދު ވިސްނާ ފިކުރުކުރާ މީހުން އެކަމާމެދު ދެކޭގޮތް ވަރަށް ތަފާތެވެ. އެހެންނަމަވެސް ދިވެހި ބަހުން ވާހަކަދެއްކުމުގައި ދަރަޖަތަކެއް އޮންނަކަމަށް އެންމެންވެސް އިއްތިފާޤުވެއެވެ. އެހެނަސް ދިވެހި ބަހުގައި އޮންނަނީ ކިތައް ދަރަޖަކަމާމެދު ސުވާލު އުފައްދާ މީހުންވެސް އެބަތިއްބެވެ.
" ދިވެހި
ބަހުން ވާހަކަ ދެއްކުމުގައި ގެންގުޅޭ ރީތި އަދަބުތަކެއް ހުރެއެވެ. މިއަދަބުތަކުން
އެކުލެވިގެންވާ ބަސްތައް ޢާއްމުގޮތެއްގައި ބެހިގެންވަނީ ތިން ދަރަޖައަކަށެވެ.
ނުވަތަ ތިން ގޮތަކަށެވެ. އެއީ އެންމެ ރީތިކޮށް ވާހަކަ ދައްކާ ގޮތާއި، ރީތިކޮށް
ވާހަކަ ދައްކާ ގޮތާއިި އާދައިގެ ގޮތަށް ވާހަކަ ދައްކާ ގޮތެވެ." ފަރެސް ޢާމިރު،
ސާނަވީ ދިވެހި 2 ،162 ވަނަ
ޞަފްހާ،2007.
ސާނަވީ
ކްލާސްތަކުގައި ދިވެހި ކިޔަވާދިނުމަށް އެކުލަވާލައި ދިވެހިރާއްޖޭގެ ތަޢުލީމު
ކުރިއަރުވާ މަރުކަޒުން ނެރެފައިވާ،ސާނަވީ ދިވެހި
2 ގައި ފަރެސް ޢާމިރު ބަޔާންކުރައްވާފައިވާ ގޮތުގައި ދަރަޖަތަކަކީ ދިވެހިބަހުގައި
ހުރި ރީތި އަދަބުތަކެކެވެ. ހަމައެހެންމެ ޢާންމު ގޮތެއްގައި އޮންނަނީ ތިން
ދަރަޖަކަމަށްވެސް ހެކިލިބެއެވެ.
"
ދަރަޖަތަކަކީ ބަހަށް ލިބިގެންވާ ޚާއްޞަ ސިފައެކެވެ. އެއްބަޔަކު އަނެއް ބަޔަކަށް
އިޙުތިރާމް ކުރުމަށްޓަކައި ދަރަޖަތައް އޮތުމީ ބަހަށް ލިބޭ ފުރިހަމަ ކަމެއްކަމަށް
ބައެއް މީހުން ބުނާއިރު، އަނެއް ބަޔަކު ބުނަމުން ދަނީ އެއި ވަކިބަޔަކަށް ޚާއްޞަ
އިމްތިޔާޒުތަކެއް ދިނުމަށް ގަނޑުވަރުގައި ގެންގުޅުނު އާދައެއްކަމަށެވެ. ކޮންމެ
ގޮތަކަށް ވިސްނިނަމަވެސް ދިވެހި ބަހުގެ ތަރިކައިގެތެރެއަށް ދަރަޖަތައް މިވަނީ
ވަރަށް ކުރިއްސުރެވެސް ވަދެފައެވެ. ބަހާ ދަރަޖަތަކަކީ ވަކިކުރެވެން ނެތް
ދެއެއްޗެވެ." އަޙުމަދު ދާއޫދު، ލަންދޫ، ޤަވައިދު
ދިރާސާ،2012.
"
އަޅުގަނޑުމެން އެކަކު އަނެކަކާ ވާހަކަ ދެއްކުމުގައި ރީތި އަދަބުތައް ބޭނުންކުރަން
ޖެހެއެވެ. ތިމާއަށްވުރެ ޢުމުރުން ދުވަސްވީ މީހަކާ ވާހަކަ ދައްކާނަމަ އިޙުތިރާމް
އަދާކުރުމުގެ ގޮތުން " ލައްބަ ދުރުވަން" ކިޔަން ޖެހެއެވެ. އަދި
އާދަކާދައިގެ ގޮތުން ބޭފުޅުން ކަމުގައި ބެލެވޭ ބައެއްވެސްް އަދިވެސް
އަޅުގަނޑުމެންގެ މުޖުތަމައުގައި ވާތީ، އެފަދަ މީހުންނާ "
އާދެވަޑައިގަންނަވަން" ނުކިޔާ ނަމަ އެވާހަކަ ދައްކާ މީހަކީ އަދަބުކުޑަ މީހެކޭ
އެހެން މީހުންގެ ހިތަށް އަރާގޮތްވެއެވެ. އަދި ހަމަ މިއާއެކު ތިމާގެ ދަށުގައި
މަސައްކަތްކުރާ މީހުންނާއި، ތިމާއަށްވުރެން ޅަކުދިންނާ ވާހަކަ ދައްކާއިރުވެސް ރީތި
އަދަބުތައް ގެންގުޅެން ޖެހޭނެއެވެ. ތިމާ އަދަބުކުޑަކޮށް އެހެން މީހުންނާ
މުޚާޠަބުކޮށް ވާހަކަދައްކާނަމަ އެހެން މީހުންގެ ހިތުގައިވެސް ޤަދަރު ކުޑަވާނެއެވެ.
ތިމާއާ ވާހަކަ ދައްކާ މީހަކީ، ކޮންފެންވަރެއްގެ މީހެއްކަން ނޭގެނީނަމަ،
އެމީހަކާވެސް ވާހަކަ ދައްކަން ޖެހޭނީ އަދަބުވެރި ކަމާއެކު ރީއްޗަށެވެ." މުޙައްމަދު
އިބްރާހީމް ލުޠުފީ،1984.
" ވާހަކަ
ދެއްކުމުގައި ތަފާތު ދަރަޖައިން ދިވެހި ބަހުގައި ވާހަކަ ދެއްކޭކަމީ ބަހުގެ
މުއްސަނދިކަމެވެ. މޮޅުކަމެވެ. ދުނިޔޭގެ ކޮންމެ ބަހެއްގައިވެސް އިޙުތިރާމް
އަދާކުރުމުގެ ގޮތުންނާއި އަގުވައްޓާލުމުގެ ގޮތުން ބޭނުންކޮށް އުޅޭ ލަފްޒުތަކާއި
ޢިބާރާތްތައް ހުރެއެވެ. އެއީ ބަސްބަހުގެ ޠަބީޢަތެވެ. އެހެން ގިނަ ބަސްބަހާ
ޚިލާފަށް ދިވެހި ބަހުގައި ދަރަޖަތަކެއްގެ ގޮތުގައި ބަސްބަދަލުވުމުގެ ޚާއްޞަ
އުސޫލެއް އޮތުމަކީ ދިވެހިބަހުގައި ހުރި އާދަޔާއި ޚިލާފު މޮޅުކަމެކެވެ.
ފަހަރެއްގައިވެސް އެއީ ބޭފުޅިޒަމްގެތެރެއިންވާ އުނިކަމެއްނޫނެވެ. އަދި ތަފާތު
ދަރަޖައިގައި ވާހަކަދެކެވޭ ބަސްމަގު ހުރުމަކީ އިންސާނީ ކަރާމާތް ގެއްލޭކަމެއްވެސް
ނޫނެވެ. އިންސާނީ ކަރާމާތް ނަގަހައްޓާދޭ ކަމެކެވެ.
މުޖުތަމަޢުގެ
ރުހުމާއި ލޯބި ލިބިފައިވާ މީހަކާ، ގޮތެއްފޮތެއް ނެތް މީހަކާ އެއްގޮތް ވާނީ
ކިހިނެތް ހެއްޔެވެ. ތުއްތު ކުއްޖަކާ ބޮޑުމީހަކާ އެއް ބަހުރުވައަކުން މުޢާމަލާތު
ކުރާނީ ކާކުހެއްޔެވެ. މިކަހަލަ އެތައް ސަބަބުތަކަކަށްޓަކައި ވާހަކަދެއްކުމުގައި
ދަރަޖައިގެ މުހިންމުކަން ދިވެހި ބަހުގައި ވަކީން ބޮޑެވެ." ޢަބްދުﷲ
މުޢާޛު ޔޫސުފް،ދަރަވަންދޫ، 2012.
އިސްވެ ދިޔަ ނަޒަރިއްޔާތަކާއި އެނޫންވެސް
އެހެނިހެން ހޯދުންތަކުގެ އަލީގައި ދިވެހިބަހުން ވާހަކަ ދެއްކުމުގައި ދަރަޖައިގެ
މުހިންމުކަން ވަޒަންކޮށްލެވެއެވެ. ވާހަކަ ދެއްކުމުގެ އަދަބުވެރިކަން
ދެނެގަތުމުގައި މުޚާޠަބުކުރާ ދަރަޖަ މުހިންމު ދައުރެއް އަދާކުރެއެވެ.
ވާހަކަދެއްކުމުގެ
އަދަބުތަކުގެތެރެއިން ދަރަޖަކުރުން
ދިވެހިބަހުން ވާހަކަ ދެއްކުމުގައި ބޭނުންކޮށް އުޅޭ ތަފާތު ދަރަޖަތަކަކީ ކޮބައިކަމާއި ދަރަޖަކުރެވޭ ގޮތް ދެނެގަތުމަކީ އެހާމެ ބޭނުންތެރިކަމެކެވެ. ހަމަ އެހެންމެ ދިވެހިބަހުން މުޚާޠަބުކުރެވެނީ ކިތައް ދަރަޖައިންތޯ ބަލާލުމުގެ ބޭނުންތެރިކަން ވަކީން ކުޑައެއްނޫނެވެ.
" ދިވެހި ބަހުން ވާހަކަ ދެއްކުމުގައި
ގެންގުޅޭ ރީތި އަދަބުތަކެއް ހުރެއެވެ. މިއަދަބުތަކުން އެކުލެވިގެންވާ ބަސްތައް
ޢާއްމުގޮތެއްގައި ބެހިގެންވަނީ ތިން ދަރަޖައަކަށެވެ. ނުވަތަ ތިން ގޮތަކަށެވެ. އެއީ
އެންމެ ރީތިކޮށް ވާހަކަ ދައްކާ ގޮތާއި، ރީތިކޮށް ވާހަކަ ދައްކާ ގޮތާއިި އާދައިގެ
ގޮތަށް ވާހަކަ ދައްކާ ގޮތެވެ." ފަރެސް ޢާމިރު، ސާނަވީ ދިވެހި 2 ،162 ވަނަ
ޞަފްހާ،2007.
" ދިވެހި
ބަހުން ވާހަކަ ދެއްކުމުގައި ޢާއްމުގޮތެއްގައި އެންމެ ރީތިކޮށް ވާހަކަ ދެއްކޭ
ވަރަށްވުރެވެސް ޚާއްޞަ މާތްގޮތަކަށް މާތްﷲ އަށާއި، ކީރިތި ރަސޫލާއަށް ނިސްބަތްކޮށް
ވާހަކަދެކެވޭއިރު ބޭނުންކުރެވޭ ޚާއްޞަ ބަސްބަސް ހުރެއެވެ. މާތް ﷲ އާ މެދު
ވާހަކަދެއްކުމުގައި "ވޮޑިގެންވުން" " ވަހީކުރެއްވުން" "އައްސަވައިވޮޑިގެންވުން"
" ބައްލަވައި ވޮޑިގެންވުން" ފަދަ ބަސްބަސް ބޭނުންކޮށް ޚާއްޞަކުރެއެވެ.
ކީރިތި ރަސޫލާ
ބަސްފުޅުވިދާޅުވުމަށް ކިޔަނީ " ޙަދީޘްކުރެއްވުން "މިހެންނެވެ.
ވަޑައިގަތުމަށް ކިޔަނީ " ފައިންޕުޅު ބީއްސެވުން" މިހެންނެވެ.
ހިނިފުޅުވެޑުވުމަށް ކިޔަނީ " ހިނިވަރުނަކުރެއްވުން " މިހެންނެވެ. އަވަހާރަވުމަށް
ކިޔަނީ " ސުވަރުގެ ވަޑައިގަތުން" މިހެންނެވެ. އަދި މީގެ އިތުރުންވެސް ބޭނުންކުރެވޭ
މާތް ބަސްތައް ހުރެއެވެ. މާތް ﷲ އަށާއި ކީރިތި ރަސޫލާއަށް ޚާއްޞަކުރެވިފައިވާ ބަސްބަހީ
އެހެން އެއްވެސް ފަރާތަކަށް ރައްދުވާގޮތަށް ބޭނުން ކުރެވޭ ބަސްބަހެއް
ނޫނެވެ." ފަރެސް ޢާމިރު، ސާނަވީ ދިވެހި 2 ،163 ވަނަ
ޞަފްހާ،2007.
" ދިވެހި
ބަހުން ވާހަކަ ދެއްކުމުގައި ޢާއްމުގޮތެއްގައި ތިން ދަރަޖައެއް އޮންނަކަމަށް
ގިނަބަޔަކު އެއްބަސްވެއެވެ. މިދަންނަވާ ޢާއްމުތިން ގޮތަކީ، އެންމެ މާތްގޮތާއި،
މާތްގޮތާއި އާދައިގެ ގޮތެވެ. މިދެންނެވި ތިންގޮތުގެ އިތުރަށް ﷲގެ ޒާތުފުޅަށް
ނިސްބަތްކުރެވޭ ޚާއްޞަ ދަރަޖައެއް އޮވެއެވެ. ކީރިތި ރަސޫލާއަށް ޚާއްޞަވެ
ނިސްބަތްކުރެވޭ ވަކި ދަރަޖައެއްވެސް އޮވެއެވެ. ފާހަގަކޮށް ލިޔެވި ދަރަޖަކުރެވޭތީ
ފެންނަނީ މިދެންނެވި ފަސް ގޮތެވެ. މިފަސް ދަރަޖަނޫން ދަރަޖަތަކެއް ދިވެހި ބަހުން
ދައްކާ ވާހަކައިގެ ތެރޭގައި އޮންނަކަމުގެ ވާހަކައެއް ދިވެހި ބަހުގެ ދަރަޖަތަކާ
ބެހޭގޮތުން ލިޔެވޭ ލިޔުންތަކާއި ކުރެވޭ ބަހުސްތަކާއި ދެކެވޭ ވާހަކައިގެތެރޭގައި
ފާހަގަކުރާތީއެއް ނުފެނެއެވެ. މިކަމާމެދު ދިރާސާއެއްކޮށް މީގެ ޙަޤިޤަތާ ހަމަޔަށް
ދިޔުމަށް ބަހަވީ ޢިލްމުވެރިއަކު މަސައްކަތް ކޮށްފައިވާކަމެއް އެނގޭކަށްނެތެވެ.
އަޅުގަނޑު
މިދަންނަވަނީ ދަށު ދަރަޖައާއި ޅަފަތުގެ ދަރަޖަ ނުވަތަ ތުއްތުކުދީންގެ ދަރަޖައިގެ
ވާހަކައެވެ. މިދެންނެވި ދެދަރަޖައިންވެސް ދިވެހި ބަހުގައި ވާހަކަ ދައްކައެވެ.
ޅަފަތުގެ
ދަރަޖާގައި " ވެއްޓުން" މިބަހުގެ ބަދަލުގައި "ބަންވުން"
ބޭނުންކުރެއެވެ. " ހިނގުން" މިބަސް ޅަފަތުގެ ދަރަޖައިން ބުނެ އުޅެނީ
" ދާއެކިޔުން" މިގޮތަށެވެ. ފެންވެރުމަށް " ބަހޯކިޔުން" ފަދަ
ތުއްތުކުދިންގެ ވިސްނުމާގުޅޭ ބަސްތައް ޅަފަތުގެ ދަރަޖައިން ވަހަކަ ދެއްކުމުގައި
ބޭނުންކުރެއެވެ. މި ޙަޤީޤަތުގެ މައްޗަށް ބުރަވެ ޅަފަތުގެ ދަރަޖައކީވެސް
ދިވެހިބަހުން ވާހަކަ ދެއްކުމުގައި ބޭނުންކުރެވޭ ދަރަޖައެއްގެ ގޮތުގައި ނުބެލެންވީ
އެއްވެސް ސަބަބެއްނެތެވެ.
ދަށު
ދަރަޖައިން ވާހަކަ ދެއްކުމަކީ ދިވެހިބަހުގައި ވެސް އޮންނަ ކަމެކެވެ. ދަށުދަރަޖައިގެ
ވާހަކަ ދެއްކުމުގައި އަދަބުވެރިކަމުގެ އަސަރެއް ނުހުންނާނެއެވެ. ބަހަކުން
ވާހަކަދައްކާއިރު ބޭނުންކުރާ އެބަހެއްގެ ކޮންމެ ލަފުޒެއް ނުވަތަ ޢިބާރާތަކީ
އަދަބުވެރިކަމެއް ހުއްޓަސް ނެތަސް ވާނީ އެބަހެއްގެ ލަފުޒަކަށް ނުވަތަ
ޢިބާރާތަކަށެވެ. ޅެންވެރިކަމުގެތެރޭގައި ފުރެއްދެލަވަޔާއި ބެރެކި ރައިވަރު
ހުންނަފަދައިން ދަށުދަރަޖައިގައި ބޭނުންކުރެވޭ ލަފްޒުތަކާއި އިބާރާތްތައް ހުންނަ
ހުރުމަކީވެސް ބަހުގެ މުއްސަދިކަމެވެ.
އާދައިގެ
ބަހުން " ރުއިން" މިބަހުގެ އެންމެ މާތްގޮތަކީ "
ކީރިތިކުރެއްވުން" ކަމަށް ވާފަދައިން ދަށްގޮތަކީ " ހޭރުން"
ކަމުގައި ނުވެއެއް ނުދާނެއެވެ." ޢަބްދުﷲ މުޢާޛު ޔޫސުފް، ދަރަވަންދޫ، 2014.
ދިވެހި
ބަހުގައި ދަރަޖަ
ދިވެހި ބަހުގައި މުޚާޠަބުކުރެވޭ ދަރަޖަތަކުގެ ބޭނުންކުރެވޭނެ ހާލަތްތައް ވަކިކޮށް ދެނެގަންނަން ނޭގުމަކީ ބަހުގެ ނުކުޅެދުން ތެރިކަމެއްނޫނެވެ. ބަހުގެ އުނިކަމެއްވެސް ނޫނެވެ. ބަސްބޭނުންކުރާ ބައެއްގެ ނުކުޅެދުންތެރިކަމެވެ. އެބައެއްގެ އުނިކަމެވެ. ދިވެހިބަހުން ވާކަދެއްކުމުގައި ދަރަޖަތައް މަސްހުނިކުރުމަކީ ވަރަށް ޢާއްމުކޮށް ކުރާކަމެކެވެ. ކުށެއް ނުލާ ދިވެހިބަހުން ވާހަކަ ދައްކާ ހެދޭނީ މުޚާޠަބުކުރެވޭ ދަރަޖަތައް އެގިގެންނެވެ. އެވާހަކައެއް ރައްދުވާފަރާތް އެގިގެންނެވެ.
1- މާތް ﷲ ގެ ޒާތުފުޅަށް ނިސްބަތްކޮށް ވާހަކަ
ދެކެވޭ ދަރަޖަ
" މާތް ﷲ ސުބްހާނަހޫ ވަތަޢާލާގެ
ޒާތުފުޅަށް ނިސްބަތްކޮށް އިވުމާއި ފެނުމާއި ބެލުމާއި ކުޅަދާނަވުން ފަދަ އެންމެހާ
ބަސްތައް ބޭނުންކުރެވޭނީ އެކަލާނގެ ޒާތުފުޅަށް ޚާއްޞަވެފައިވާ އިލާހުވަންތަ
ބަސްތަކަކުންނެވެ."ޢަބްދުﷲ މުޢާޛު ޔޫސުފް، ދަރަވަންދޫ، 2014.
މިސާލު:
އާދައިގެ ގޮތް
|
ﷲގެ ޒާތުފުޅަށް ޚާއްޞަގޮތް
|
ވާހަކަ ދެއްކުން
|
ބަސްވަޙީ ކުރެއްވުން
|
ފެނުން
|
ދެކެވޮޑިގެންވުން
|
އަޑުުއެހުން
|
އައްސަވާ ވޮޑިގެންވުން
|
އެނގުން
|
ދެނެވޮޑިގެންވުން
|
ބެލުން
|
ބައްލަވާ ވޮޑިގެންވުން
|
ކުޅަދާނަ
|
ކުޅަަދުންވަންތަ
|
ދީލަތިކަން
|
ދީލަތިވަންތަކަން
|
2- ކީރިތި ރަސޫލާއަށް ނިސްބަތްކޮށް
ވާހަކަ ދެކެވޭ ދަރަޖަ
ހަމަ އެހެންމެ، " ކީރިތި ރަސޫލާއަށް
ޚާއްޞަވެފައިވާ ވަކި ބަސްތަކެއް އެކަލޭގެފާނަށް ނިސްބަތްކޮށް ދެކެވޭ
ވާހަކަތަކުގައި ބޭނުން ކުރެއެވެ." ޢަބްދުﷲ
މުޢާޛު ޔޫސުފް، ދަރަވަންދޫ، 2014.
މިސާލު:
އާދައިގެ ގޮތް
|
ކީރިތި ރަސޫލާއަށް ޚާއްސަގޮތް
|
ހިންގުން
|
ފައިންޕުޅު ބީއްސެވުން
|
މަރުވުން
|
ސުވަރުގެ ވަޑައިގަތުން
|
ވާހަކަ ދެއްކުން
|
ޙަދީޘްކުރެއްވުން
|
ހިނިއައުން
|
ހިނިވަރުނަކުރެއްވުން
|
3- ޢާއްމު އިންސާނުންނަށް މުޚާޠަބުކުރުމުގެ
ދަރަޖަ
ކީރިތި ރަސޫލާ
ފިޔަވާ އެހެނިހެން އިންސާނުންނަށް ނިސްބަތްކޮށް ޢާއްމުކޮށް ވާހަކަދެކެވޭ
ދަރަޖަތަކަށް ބަލައިލުމަކީ ވެސް މިހިސާބުންކުރަން ޖެހޭނެ ކަމެއްކަމުގައި ދެކެމެވެ.
ހ. އެންމެ މާތްގޮތް:- " އެންމެ
މާތްދަރަޖައިން މުޚާޠަބުކުރަނީ އިންސާނުންގެތެރެއިން އެންމެ މާތްމީހުންގެ ގޮތުގައި
ދެކޭ މީހުންނަށެވެ." ޢަބްދުﷲ
މުޢާޛު ޔޫސުފް، ދަރަވަންދޫ، 2014.
ށ. މާތްގޮތް:- " މާތް
ދަރަޖައިން މުޚާޠަބުކުރަނީ ޢާއްމު އާދައިގެ މީހުންނަށްވުރެ ކޮންމެވެސް ގޮތަކުން
މުޖުތަމަޢު ގަބޫލުކުޜާ ރޮގެއްގައި ފާހަގަކޮށްލެވޭ އިޙުތިރާމް ކުރެވޭ މީހުންނަށެވެ." ޢަބްދުﷲ
މުޢާޛު ޔޫސުފް، ދަރަވަންދޫ، 2014.
ނ. އާދައިގެ ގޮތް:- "
އާދައިގެ ދަރަޖައިން މުޚާޠަބު ކުރަނީ އަމިއްލަ ނަފުސަށާއި ގާތްއެކުވެރިންނަށާއި،
އެންމެ މާތްމީހެއްގެ ގޮތުގައި ނުވަތަ މާތްމީހެއްގެ ގޮތުގައި ނުހިމެނޭ ކޮންމެ
މީހަކަށެވެ.ެ."ޢަބްދުﷲ މުޢާޛު ޔޫސުފް، ދަރަވަންދޫ، 2014.
މިސާލު:
އާދައިގެ ގޮޔް
|
މާތްގޮތް
|
އެންމެ މާތްގޮތް
|
ކެއުން
|
ކޭންބެއްލެވުން
|
ފަރިއްކުޅުވުން
|
ދުފުން
|
ދުއްސެވުން
|
އަޑަފިކޮޅު ހިއްޕެވުން
|
ރުޅިއައުން
|
ރުޅިދުރުވުން
|
ކޯފާއިސްކުރެއްވުން
|
ފެންވެރުން
|
ފެންވެރުއްވުން
|
ނާނޭފިއްލެވުން
|
އައުން
|
ދުރުވުން
|
ވަޑައިގަތުން
|
ރުއިން
|
ރޮއިލެއްވުން
|
ކީރިތިކުރެއްވުން
|
ބުއިން
|
ބެއްލެވުން
|
ހިއްޕެވުން
|
4- ޅަފަތުގެ ދަރަޖަ
" ތުއްތު ކުދިންނާ ވާހަކަދެއްކުމުގައި
އެކުދިންގެ ތުއްތު ސިކުޑިތަކަށް ވިސްނޭ ގޮތަށް މުޚާޠަބުކުރުމުގެ ސިފަ ދިވެހިބަހުގެ
ބަސްމަގުގައިވެއެވެ. ތުއްތު ކުދީންގެ ބަހުރުވައިން އެކުދިންނާ މުޚާޠަބުކުރުމުގެ
ޤާބިލުކަން ދިވެހިބަހުގައިވެއެވެ. އެހެންކަމުން، ޅަފަތުގެ ދަރަޖައަކީވެސް
ދިވެހިބަހުން ވާހަކަދެކެވޭ ދަރަޖަތަކުގެތެރޭގައި ހިމެނެންޖެހޭ ދަރަޖައެކެވެ.
ޅަފަތުގެ ދަރަޖަ، ދަރަޖައެއްގެ ގޮތުގައި ބަހަވީ ޢިލްމުގެތެރޭގައި ފާހަގަ
ކުރެވެމުން މިހާތަނަށް އައިނަމަ ދިވެހިބަހުގައި ހިމެނޭ ދަރަޖަތަކަކީ އިންސާނީ
ކަރާމާތް ނަގާލައި އަޅުވެތިކަމާއި ބޭފުޅިޒަމްގެ ސަޤާފަތަށް ވާގިވެރިވާ
ދަރަޖަތަކެއް ކަމުގައި ދުށުމުގެ ފުރުޞަތެއް ނުއޮތީހެވެ."ޢަބްދުﷲ މުޢާޛު ޔޫސުފް، ދަރަވަންދޫ، 2014.
މިސާލު:
އާދައިގެ ގޮތް
|
ޅަފަތުގެ ގޮތް
|
ހިނގުން
|
ދާއެކިޔުން
|
ވެއްޓުން
|
ބަންވުން
|
ނިދުން
|
ނާނަކިޔުން
|
ތަދުވުން
|
އައްދޮވުން
|
5- ދަށުދަރަޖަ
" އެންމެ މަތްގޮތާއި މާތްގޮތާއި
ޢާދައިގެ ގޮތަށް މުޚާޠަބު ކުރެވޭފަދައިން ހުތުރުގޮތްގޮތަށާއި ނިކަމެތި ކޮށްލުމުގެ
ގޮތުންވެސް ދިވެހިބަހުން މީހުންނާ މުޚާޠަބުކުރެވެއެވެ. ދަށުދަރަޖައަކީ ނުވަތަ
ބާޒާރުމަތީ ގޮތަކީ ވެސް ދިވެހި ބަހުގެ ބަސްކޮށަރުގާ ހިމެނޭ ބަސްތަކުން
އުފެދިފައިވާ ބަސްމަގެކެވެ. ބައެއް ޙާލަތްތަކުގައި މީހުން ވާހަކަދައްކާ އުޅޭ
ގޮތެކެވެ. ކިތަންމެ އަޑުއަހާ ދައްކަން ބޭނުން ނުވިޔަސް ދިވެހި ބަހުން ވާކަދެކެވޭ
ގޮތްގޮތާބެހޭ ވާހަކަ ދެކެވޭއިރެއްގައި ނުދައްކާ ދޫކޮށްލައިގެން ވާކަށް އޮތް
ވާހަކައެއްނޫނެވެ. " ޢަބްދުﷲ މުޢާޛު ޔޫސުފް، ދަރަވަންދޫ، 2014.
މިސާލު:
އާދައިގެގޮތް
|
ހުތުރުގޮތް (ދަށުދަރަޖަ)
|
ރުއިން
|
ހޭރުން
|
ވާހަކަ ދެއްކުން
|
އަނގައެރުވުން
|
ނިދުން
|
ނިދިގެޅުން
|
ދަރަޖަކުރުމުގެ
ޙާލަތާއި ގޮތް
ވަކި ދަރަޖައަކުން ވަކި މީހަކާ ނުވަތަ ވަކި ބަޔަކާ ވާހަކަ ދެކެވެން ޖެހެނީ ކީއްވެގެންކަން އެގުމަކީ ކޮންމެހެން ލާޒިމުކަމެކެވެ. ނުއެކަށޭނަ ވަގުތެއްގައި ނުއެކަށޭނަ މީހަކާ ނުއެކަށޭނަ ދަރަޖައަކުން މުޚާޠަބުކުރުމުން ނުވަތަ ނިސްބަތްކުރުމުން ކޮށްފާނެ ނުރަގަޅު އަސަރަކުން ސަލަމަތްވުމަށް ދަރަޖަކުރެވޭ ގޮތާޙާލަތު ހޯދާ ދަސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
"
ދިވެހިބަހުން ވާހަކަދެއްކުމުގެ ދަރަޖަ ކުރެވޭ ގޮތްތަކަށް ބަލާލާއިރު ފެންނަނީ:-
1- ކީރިތި ﷲ އަށް ޚާއްޞަ ވަކި ދަރަޖައަކުން
މުޚާޠަބުކުރެވެނީ، އެއްވެސް ހައިސިއްޔަތަކުން ﷲގެ ޒާތުފުޅާ އެއްފަދަ ވެގެންވާ
އެއްވެސް ސިފައެއް އެއްވެސް މަޚްލޫޤެއްގެ ކިބައިގާ ނުވާކަމަށްޓަކައެވެ.
2- ކީރިތި ރަސޫލާއަށް ނިސްބަތްކުރަން ޖެހޭ
ޙާލަތްތަކުގައި ޚާއްޞަ ވަކި ދަރަޖައަކުން މުޚާތަބުކުރަނީ ޢާލަމުތަކަށް
ރަޙުމަތެއްގެ ގޮތުގައި ފޮނުއްވެވި ނަބިއްޔާކަމުގައި ވާތީއެވެ. ކީރިތި ރަސޫލާއަށް
ޚާއްޞަ ވެގެންވާ " ޙަދީޘްކުރެއްވުން " ނޫން އެހެން ދަރަޖަތަކުން
އެހެނިހެން ނަބިއްޔުންނާއި ރަސޫލުންނަށް ނިސްބަތްކޮށް މުޚާޠަބުކޮށް އުޅެއެވެ.
3- އެންމެ މާތްދަރަޖައިންް މީހަކާ
މުޚާތަބުކުރެވެނީ އެ މީހަކަށް އެންމެ މާތްކޮށް ހިތުމަށް އެކަށީގެންވާ ސިފަތަކެއް
ލިބިފައިތިބޭ މީހުންނަށެވެ. އެފަދަ ކިތަންމެ ބަޔަކު މުޖުތަމައުތަކުގައި ދިރިއުޅެއެވެ.
އެގޮތުން ދައުލަތްތަކުގެ އިސްވެރިންނާއި ޢިލްމުވެރިންނާއި ޝާހީޚާންދާނުތަކަށް
ނިސްބަތްވާ މީހުންނާއި އެވަގުތަކު ތިމާކިޔަމަންތެރިކަން އަދާކޮށް
އިޙުތިރާމްކުރަންޖެހޭ ފަދަ މަޤާމެއްގައި ހުރި ކޮންމެ މީހަކަށްވެސް އެންމެ
މާތްބަހުން މުޚާޠަބު ކުރުމަކީ އެންމެ ރީތިގޮތެވެ. އެންމެ މާތް ދަރަޖައިން މުޚާޠަބު
ކުރުމަކީ އެމީހަކަށް އަޅުވެތި ވުމެއްނޫނެވެ. މަތީ ދަރަޖައަކަށް އިޙުތިރާމްކުރާކަން
ރަމްޒުކޮށް ދިނުމެވެ.
4- މާތްދަރަޖައިން މުޚާޠަބުކުރެވޭ މީހުންގެ ތެރޭގައި ބޮޑަށް ހިމެނެނީ
ކާކުކަންނޭގި އަލަށް ދިމާވާ މީސްމީހުންނާއި ރައްޓެހިކަމެއްނެތް ދެކެފަރިތަ
މީހުންނާއި، ތިމާގެ މީހުންގެތެރޭގައި ހިމެނޭ ދުވަސްވީ މީހުންނާއި މުޖުތަމަޢުގައި
ކަމުވޮށިވެގެންވާ ހަރުމީހުންގެ ގޮތުގައި ބެލެވޭ މީހުންނެވެ. މުޖުތަމަޢު ގަބޫލުކުރާ
ރޮނގަކުން އާއްމު އެހެން މީހުނަށް ވުރެ އިޙުތިރާމްކުރާ މަޤްބޫލު މީހުންނެވެ.
5- އާދައިގެ ދަރަޖައިން މުޚާޠަބްކޮށް އުޅެނީ އަމިއްލަ ނަފުސަށް
ނިސްބަތްކޮށް ދެކެވޭ ވާހަކަތަކުގަޔާއި ތިމާއަށްވުރެ ޢުމުރުން ހަގުކުދިންގެ ތެރެއިން
އެންމެ ތުއްތުކުދީންނޫން އެހެންކުދިންނާއި ވާހަކަދެއްކުމުގައެވެ. ގާތް އެކުވެރިންނާއި
އާދައިގެބަހުން ވާހަކަ ދެއްކުމަކީ ވަރަށް ގިނައިން ކޮށްއުޅޭ ކަމެކެވެ. ދުސްތޫރީ
އަދި ޤާނޫނީ ހުރިހާ ލިޔުންތަކެއް ލިޔެއުޅެނީ އާދައިގެ ގޮތަށެވެ. ފަންނީ
ލިޔެކިޔުންތައްވެސް ލިޔެ ހަދަނީ އާދައިގެ ގޮތަށެވެ. ޖަމާޢަތްތަކާއި ތަންތަނާއި
ތަކެއްޗާއި އެކުވި ނަންނަމާއި ޖަމްޢު ނަންނަމަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކާއި
ލިޔެވޭލިޔުންތައް ލިޔަނީ އާދައިގެ ދަރަޖައިންނެވެ.
6- ޅަފަތުގެ ގޮތަށް ވާހަކަ ދައްކާ އުޅޭނީ ހަމަ
އެކަނި ތުއްތު ކުދިންނާއެވެ. އެކުދިންގެ ސިކުޑިއަށް ނަގައިގަނެވޭ ފަދަ ގޮތްގޮތަށް
އޯގާތެރިކަމާ އެކުގައެވެ.
7- ދަށުދަރަޖަ ނުވަތަ ހުތުރުގޮތަށް ވާހަކަ ދެކެވެނީ ކުރެވޭ ޒުވާބުތަކުގައި
އަނެކާ ނިކަމެތިކޮށްލުމުގެ ގޮތުންނާއި ރުޅިއައިސްގެންނެވެ. މައިންނާއި ދަރިންނާއި
ދުރުގައި އެކުވެރިން ކޮށްއުޅޭ މަޖަލުގެތެރޭގައި ދަށުދަރަޖައިގެ ވާހަކަ މަޖަލުގެ
ގޮތުގައުވެސް ދެކެވެއެވެ." ޢަބްދުﷲ މުޢާޛު ޔޫސުފް، ދަރަވަންދޫ، 2014.
ދިވެހިބަހުން ވާހަކަދައްކާ ލިޔެއުޅުމުގައި
ބޭނުންކުރާ ދަރަޖަތަކުގެ މައްޗަށް ދިރާސީީ ނަޒަރަކުން ތަފްސީލީގޮތެއްގައި
ބަލައިލެވިއްޖެއެވެ. މި ދިރާސާއިން އެގިގެން ދިޔައީ ދިވެހި ބަހުގައި ދަރަޖައިގެ
މުހިންމުކަމާ ބޭނުންތެރިކަމެވެ. ދަރަޖަ ތަކަކީ ދިވެހިބަހުގެ ރުކުނެއްކަމެވެ.
ބަހުގެ މުއްސަދިކަންކަމެވެ.
nice but not good enough
ReplyDelete