Monday, August 17, 2015

އިތުރު ޙަރަކާތްތަކުގައި ދަރިވަރުން ބައިވެރިވުން (ދިރާސާ)


ތަފާތު ރިސާރޗުތަކާއި، ރިސާރޗު ހެދުމުގައި އާއްމުގޮތެއްގައި ބޭނުންކުރާ ގޮތްތައް އަޅައިކިޔުން.
           ރިސާރޗަކީ ކަންކަން ދެނެގަތުމަށްޓަކައި ވަކި ހަމަތަކެއްގެ މަތިން އެހެން އަސްލަކަށް ހަވާލާ ނުދެވޭ، ތިމާގެ އަމިއްލަ ތަޖުރިބާއާއި ވިސްނުމާއި އިޙްސާސްތައް ބޭނުންކޮށްގެން ސުވާލުތަކަކަށް ޖަވާބު ހޯދުމެވެ. ނުވަތަ ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ މަތިން އަމިއްލަ ޢިލްމީ މަޢުޟޫއަކަށް ނުވަތަ ޢިލްމީ މަސައްކަތަކަށް އިތުރު އަލިކަމެއް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ ސުވާލުތަކަކަށް މުހިއްމުކަން ކުޑަނޫން ގޮތެއްގައި ޖަވާބުތަކެއް ހޯދުމަށް ކުރެވޭ ޢިލްމީ މަސައްކަތެކެވެ. މިގޮތަށް ކުރެވޭ މަސައްކަތްތައް ދެ ބަޔަކަށް ބަހާލެވެއެވެ. ނުވަތަ އާއްމު ގޮތެއްގައި ރިސާރޗު ހަދަން ދެ ގޮތެއް ބޭނުންކުރެއެވެ. އެއީ ކުއަންޓިޓޭޓިވް ރިސާރޗާއި ކުއަލިޓޭޓިވް ރިސާރޗެވެ.
           ކޯހެން (1980) ބަޔާންކުރާ ގޮތުގައި ކުއަންޓަޓޭޓިވް ރިސާރޗަކީ ވަކި ގުދުރަތީގޮތުން ހިނގާ ކަމެއް ވަކި އާލާތްތަކެއް ބޭނުންކޮށްގެން މީހުންނާއި ހަމައަށް އަސްލު ގެނެއުމަށްޓަކައި ހިސާބު ޢަދަދުތައް ބޭބުންކުރުމެވެ. ކްރެސްވެލް (1994) ހާމަކުރާ ގޮތުގައި ކުއަންޓަޓޭޓިވް ރިސާރޗަކީ ހިސާބު ޢަދަދުތަކުން ޑާޓާތައް ނަގައި އެ ޑާޓާތައް ހިސާބު ބޭނުންކޮށްގެން އެނަލައިޒްކޮށްގެން ނަތީޖާ ނެރޭ ދިރާސާ ތަކެވެ.
           އެހެންކަމުން މިވައްތަރަކީ ހިސާބުގެ ޢަދަދުތަކެއް ބޭނުންކޮށްގެން ތަފާސް ހިސާބުތަކެއްގެ އަލީގައި ކަންކަމުގެ ޙަޤީޤަތް ހާމަކޮށްދިނުމެވެ. ނުވަތަ ގުދުރަތީ ގޮތުން ހިނގާ ގާނޫނެއް ހޯދުމަށްޓަކައި ހިސާބު ޢިލްމުގެ އެހީގައި އެކަމަކާ ބެހޭ ނަތީޖާ ހިސާބު އަކުރުން ނެރެ ދެއްކުމެވެ.
          ކުއަލިޓޭޓިވް ރިސާރޗަކީ މުޖުތަމަޢުގައިވާ ތަކެއްޗާއި އިންސާނުންގެ ޢަމަލުތައް އިތުރަށް ހޯދައިގަތުމުގެ ގޮތުން ހެދޭ ދިރާސާ ތަކެވެ. މި ބާވަތުގެ ދިރާސާއަކީ ބަލައި، އަޑުއަހައި، ބީހި އަދި ތަޖުރިބާ ކޮށްގެން ވެށީގައިވާ ކަންކަން ހޯދާ ދެނެގަތުމަށް ކުރެވޭ ދިރާސާއެކެވެ. އެހެންކަމުން މި ވައްތަރުގެ ދިރާސާ އިންސާނުންނާއި ޖަނަވާރުންގެ އެކިއެކި ޖަޒުބާތުތައް އުފެދިގެން އަންނަ ގޮތާއި، ވަށައިގެން ހިނގާ ކަންކަމުން ކުރާނެ އަސަރު ދެނެގަތުމަށް ބޭނުން ކުރެވެއެވެ. ހަމަ އެފަދައިން ސަޤާފީ ގޮތުން ކަންކަން ދެމިގެން އަންނަ ގޮތާއި އިޖުތުމާޢީ ގުޅުމުގެ ސަބަބުން އަންނަ ބަދަލުތައް ދެނެގަތުމަށް ކުއަލިޓޭޓިވް ދިރާސާ ބޭނުން ކުރެވެއެވެ. އިސްވެ ބަޔާންކުރެވުނު ދިރާސާތައް ކުރުމަށް ތަފާތު ވައްތަރުތައް ބެނުންކުރެވެއެވެ. އެގޮތުން އޮބްޒަވޭޝަން އާއި ސެލްފް ރިޕޯޓާއި ކޭސްޓަޑީގެ އިތުރުން އެތޮގްނަރަފީ ބޭނުން ކުރެވެއެވެ. މީގެ އިތުރުން އެކްޕެރިމެންޓާއި ހިސްޓޮރިކަލް ރިސާރޗު ހިމެނެއެވެ.



* ރިސާރޗުގެ ވައްތަރުތައް އަޅައިކިޔުން
ތަޢާރަފް
ފާހަގަ ކުރެވޭ ހަރުދަނާ ކަންތައްތައް
ފާހަގަ ކުރެވޭ ބަލިކަށި ކަންތައްތައް
އޮބްޒަރވޭޝަން
- އޮބްޒަރވޭޝަންއަކީ ކަމަކާ ބެހޭގޮތުން މަޢުލޫމާތު ދެނެގަތުމަށް ކަމެއްގެ ތެރެއަށް ވަދެގަތުމެވެ. އިބްޒަރވޭޝަންގައި، ހޯދަން ބޭނުންވާ ކަމެއް ނުވަތަ ޙަރަކާތެއް ހިނގާ ސަރަޙައްދަށް ރިސާރޗާރ ދާންޖެއެހެއެވެ. މިއީ އާއްމުގޮތެއްގައި މީހަކު ނުވަތަ އެއްޗެއްގެ އުޅުމާއި ވައްޓަފާޅި ދެކި، އަޑުއަހައި، ބަލައި، ތަޖުރިބާކޮށް ދިރާސާ ކުރުމަށް ބޭނުން ކުރާ ވައްތަރެކެވެ.
- ދެގޮތަކަށް މިކަން ކުރެވެއެވެ. އެއްގޮތަކީ ޑިރެކްޓިވް އޮބްޒަރވޭޝަން އެވެ. މިގޮތުގައި އެތަނަކަށްގޮސް ކަންހިނގާގޮތް ބަލައި ނޯޓުކުރަންޖެހެއެވެ. ދެވަނަ ގޮތަކީ ޕާރޓިސިޕަންޓް އޮބްޒާރވޭޝަން އެވެ. އެއީ އެމީހުންގެ މީހަކަށް ވެގެން ހުރެ ކަންހިނގާގޮތް ބަލައި ނޯޓުކުރުމެވެ.



- ބޭނުން އިރެއްގައި ޑޭޓާ ނެގުމުގެ ފްލެކްސިބިލިޓީ އޮތުން.
- އިތުރު ކަންކަން ބަލައި ކުރި ފަޅުވައިގެން ހޯދުމުގެ ފުރުޞަތު އޮތުން.
- އެންމެ ޞައްޙަކަން ބޮޑުގޮތެއްގައި މަޢުލޫމާތު އެއްކުރެވުން.
- ވަކިފަރާތަކަށް ބުރަނުވެ އަމިއްލައަށް ކަންއޮތްގޮތް ބަލައި މަޢުލޫމާތު ނެގުމުގެ ފުރުޞަތު އޮތުން.
- އޮބްޒާރވް ކުރެވޭ ކަމެއްގެ އަސްލު ޑާޓާ ފެންނާނެ.
- ސީދާމަޢުލޫމާތު ނެގުން/ އިންސާނުން އުޅޭގޮތުގެ ދިރާސާއަށް ބޭނުން ކުރުން އެންމެ ރަނގަޅުގޮތްތައް
- ރަނގަޅު އިތުބާރުހުރި މަޢުލޫމާތަށް ވުން.
- ސުވާލު ކުރާމީހާއަށް ބަރޯސާވުން.
- ދޭޖަވާބު ފަސޭހަ ކަމާއެކު ނަގައިގަނެވުން.
- ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެތައް އިރެއްވަންދެއް ހުއްޓުމެއްނެތި މަޢުލޫމާތު ހޯދޭ.
- ވަކިކޮޅަކަށް ޖެހުމުގެ ފުރުޞަތު ކުޑަވުން.
- ތަހްޤީގުކޮށްގެން މައްސަލަ ދިމާވާ ސަބަބު އޮޅުން ފިލުވުން.
- ކުއްޖަކު އުޅޭގޮތް ބަލައިގެން ކުއްޖާ ޝައުޤުވެރިވާ ކަންކަމަކީ ކޮބައކަން ހޯދާ އެކަންކަމަށް ހިތްވަރުދީ  އެކަން ކަން ކުރުމަށް ބާރުލިބޭފަދަ މާހައުލެއް އުފެއްދުން.

- ރިސާރޗާރ  ނުރުހޭ ނުވަތަ ޤަބޫލު ނުކުރެވޭ ކަންކަން ދޫކޮށްލެވުން.
- އޮބްޒާރވް ކުރާކަން އެ ބަޔަކަށް އެނގިއްޖެ ޙާލަތުގައި އެމީހުންގެ ބިހޭވިއާ ބަދަލުކުރުމުގެ ފުރުޞަތު އޮތުން.
- އެފަދަ ޙާލަތުގައި ޞައްޙަ ނޫން ޑާޓާ ލިބުމުގެ ފުރުޞަތު ބޮޑުވުން.
- ގިނަބަޔަކު ޝާމިލްވެގެން ކުރާ ދިރާސާއެއް ނަމަ ހުރިހާ މީހުންނަށް ވަރަށް ފުރިހަމައަށް މަޢުލޫމާތު ލިބިފައި ނުވާނަމަ އެކިމީހުންގެ ދިރާސާ ތަފާތުވުން.
- ގިނަ ވަގުތު ހޭދަވުން.
- ފެންނަ ކަންކަމާއި މަންޒަރުތައް ފުރިހަމައަށް ނުލިޔެވުން.
- ޑާޓާ އެއްކުރުމުގައި ރިސާޗާރގެ އަމިއްލަ ގޮތްތަކާއި އިޙްސާސްތައް ވަންނަގޮތްވުން.
- ވެނިމިފަ ހުރި ކަންކަން އޮބްޒަވޭޝަން ބޭނުންކޮށްގެން ތަޙްޤީޤު ނުކުރެވުން.
- އެހެން މީހުން ލިޔެފައިވާ މައުލޫމާތުގެ މައްޗަށް ބަރޯސާވާންޖެހުން.
- ރަނގަޅު މަޢުލޫމާތު ނެގުމަށްޓަކައި އަގުބޮޑު ޚާއްޞަ ޢާލާތްތައް ބޭނުން ވުން.
- ކަންކަމާމެދު މީހުން ދެކޭގޮތް ހޯދައި ނުގަނެވުން .
ސާމްޕަލިން ބޭނުން  ނުކުރެވުން.
- ތަޙްޤީޤު ކުރާކަންތައް ހިނގަންދެން ބައެއްފަހަރު އެތައް އިރެއްވަން ދެން މަޑުކުރަންޖެހުން.
 ( މިސާލަކަށް ގުގުރިޖަހާގޮތް ހޯދާ ކަމަށްވަންޏާ ގުގުރި ޖަހަންދެއް މަޑުކުރުން) - ތަހްޤީޤު ކުރަންއުޅޭމީހާ އެތަނުގައި ހުންނަންޖެހުމުން ތަޙްޤީޤު ކުރާކަމަކަށް އަސަރު ކުރުމުގެ ފުރުޞަތު އޮތުން.
- ހަމައެކަނި އޮބްޒަވޭޝަން ބޭނުންކޮށްގެން ކަމަކާގުޅޭ ފުރިހަމަ ޖަވާބު ނުހޯދުން .
-  ތަހްޤީޤު ކުރާ މީހާ އަށް އެހެންމީހުންގެ ނުފޫޒް ފޯރާ އޭނާ ތަޙްޤީޤުން ނިންމާ ކަންތައްތައް ވަކިކޮޅަކަށް ޖެހިފައި ހުރުން.







ކޭސް ސްޓަޑީ


- ކޭސް ސްޓަޑީ އަކީ ކަމެއް ހިނގާފައިވާ ގޮތުގެ އަސްލު ނުވަތަ ޙަޤީޤަތް ތަޙްޤީޤުކުރުން ނުވަތަ ދިރާސާ ކުރުމެވެ.
- ކޭސް ސްޓަޑީ އަކީ ފަރުދަކަށް ނުވަތަ ކުޑަ ގްރޫޕަކަށް ވަކި ޙާލަތެއް ނުވަތަ ވަކި ކަމަކާ ބެހޭގޮތުން ކުރެވޭ ދިރާސާ އެކެވެ. ނުވަތަ ހިނގާފައިވާ ނުވަތަ މިހާރު ހިނގަމުންދާ ކަމެއް، އެކަން ހިނގަން މެދުވެރިވި ސަބަބު ހޯދާ ދިރާސާ ކުރުމެވެ.

- ބައެއް މައްސަލަތަކަށް ޙައްލު ހޯދުމަށް ވަރަށް ބޮޑަށް ފުރުޞަތު ދެވޭ.
- ޙަޤީޤީ ތެދު މަޢުލޫމާތު ލިބުމުގެ ފުރުޞަތު ބޮޑުވުން.
- ކޭސް ސްޓަޑީން މިޒަމާނުގެ ޙަޤީޤީ ކަންކަމާއި ޙާލަތު ދެނެގަނެވޭ.
-  އިޖުތިމާޢީ ދިރިއުޅުމުގައި ހުރި ދަތިތައް ދެނެގަނެވޭނެ.
- އިތުރަށް ދިރާސާކުރަން ބޭނުން ފަރާތްތަކަށް އެ މަޢުލޫމާތުގެ ބޭނުން ހިފުން.
- އެހެންގޮތްތަކުން ހޯދައި ނުގަނެވޭހާ ތަފްޞީލްކޮށް ފުންކޮށް މަޢުލޫމާތު ހޯދުން.
- މަދުމަދުން ހިނގާ ކަންކަން ތަޙްޤީޤު ކުރުމަށްޓަކައި ބޭނުންކުރާ ގޮތެއް.
(މިސާލަކަށް ސިކުނޑިއަށް ލިބޭ ގެއްލުންތަކުން ކުރާ އަސަރު ތަޙްޤީޤު ކުރާއިރު އެއްގޮތަކަށް އެއްތާކަށް ގެއްލުން ލިބިފައި ތިބޭ މީހުން ވަރަށް މަދުން ނޫނީ ނުތިބުން )
- ސައެންޓިފިކް ދިރާސާތަކަށް ބޭނުން ކުރެވުން.
- ތަޙްޤީޤު ކުރާމީހުން އިތުރަށް ތަޙްޤީޤު ކުރާނެ ކަމެއް ލަފާކުރުމަށް ފަސޭހަވުން.

- ކޭސް ސްޓަޑީން ލިބޭ ނަތީޖާޖެނެރަލައިޒް ނަތީޖާއަކަށް ނުވުނޭ.
- ސައިންޓިފިކް ޙަޤީޤަތްތައް ނެތުމުން ނަތީޖާ އައުމަށް ދިމާވާ ސަބަބު ނޭނގުން.
- ދޮގުމަޢުލޫމާތު ތަކުގެ ތަކުގެ ސަބަބުން ރިސާޗުން ފެންނަ ނަތީޖާ ބަދަލުވުން.
- ކޭސް ސްޓަޑީގެ އުނދަގޫމިން ބޮޑުވެއްޖެ ނަމަ މައްސަލަ ދެނެގަތުމަށް އުނދަގޫވޭ.
- އަޅާ ކިޔަން އުނދަގޫވުން.
- އެކަކާމެދު ހޯދާ މަޢުލޫމާތަކީ އެތައްބައެއްގެ މައްޗަށް  ބަލާއިރު ތެދު މަޢުލޫމާތަކަށް  ނުވުން.
- ބައެއް ކޭސް ސްޓަޑީޒް ތަކަކީ ސައެންޓިފިކް ދިރާސާތަކަކަށް ނުވުން.
- ކޭސް ސްޓަޑީޒް ހަދާއިރު ޢާއްމުކޮށް އެންމެ މީހަކު މަޢުލޫމާތު ހޯދުމަށް އުޅުމުން ނެގޭ މަޢުލޫމާތު ނުވަތަ ނިންމުންތައް  ވަކިކޮޅަކަށް ޖެހިފައިހުރުން.
- ވަކިކަމެއް ހިނގަނީ މިވެނި ކަމެއް މެދުވެރި ވުމުންކަމަށް ކަނޑައަޅަން ދަތިވުން.

ސެލްފު ރިޕޯޓް



ތައްޔާރުކުރެވޭ ސުވާލު ކަރުދާހެއްގެ އެހީގައި ޖަވާބު ދިނުމުގައި ދިރާސާ ކުރާ މީހާގެ އެއްވެސް ނުފޫޒެއް ނުފޯރާގޮތަށް ކުރެވޭ ދިރާސާއެއް.
- ދިރާސާކުރާ މީހާ ބޭނުންވާ ވަކި ނަތީޖާއެއް ނެރުމުގެ ފުރުޞަތު ކުޑަވުން.
- ޖެހިލުމެއްނެތި ތިމާ ބޭނުންވާ ޖަވާބު ދިނުމަށް ފުރުޞަތު ފަހިވެފައި އޮތުން.
- ޖަވާބުދޭމީހާ ދެކޭގޮތް ސީދާ ލިބުން .
- ދިރާސާ ކުރާ އެއްޗާމެދު މީހުން ދެކޭގޮތް ހޯދުމަށް ވަރަށް ރަނގަޅުގޮތް.
- ބައެއް ފަހަރު ހަމައެކަނި މީހުންކައިރީ އަހައިގެން ހޯދޭ  މަޢުލޫމާތު ހޯދުން.
- އޮބްޒަވޭޝަނަށް މަޢޫލޫމާތު ނުލިބޭ ކަހަލަ ޙާލަތްތަކުގައި ބޭނުން ކުރެވުން.
(މިސާލަކަށް މީހެއްގެ ޙަޔާތާބެހޭގޮތުން ދިރާސާއެއް ހަދާއިރު)
- އަގުބޮޑެތި އާލާތްތައް ބޭނުންނުކޮށް ފަސޭހަ ކަމާއެކު މަޢުލޫމާތު ހޯދުން.





- ސުވާލު ރަނގަޅަށް ދޭހަނުވާނަމަ ޞައްޙަ ނޫން މަޢުލޫމަތު ދެވުމަށް މަގުފަހިވުން.
- ބައެއްފަހަރު އެމީހަކު ޤަބޫލުކުރާ ގޮތާއި ގުޅިގެން ޖަވާބަށް އަސަރު ކުރުވާ.
- އެހެން މީހުން އޭނާއާއި މެދު ދެކޭގޮތް ބަދަލު ކުރުމަށްޓަކައި ދޮގުހެދުން ނުވަތަ ޖަވާބުތައް ބަދަލުކޮށްގެން ދިނުން.
- ޖަވާބުދޭ މީހާގެ ހަނދާން ބަލިވުން ނުވަތަ އޭނާ ދެކޭ ގޮތެއްގެ ސަބަބުން އިތުބާރު ހިފޭ މަޢުލޫމާތު ނުލިބުން.
- ތަޙްޤީޤު ކުރާ މީހުން ހީކުރާ މިންވަރަށް އެކަމާ ބެހޭ މައުލޫމާތު ސުވާލު ކުރާމީހާއަށް އެނގިފައި ނެތުން.
- ސީދާ މިންކުރެވުމުގެ ބަދަލުގައި މީހަކު ދެކޭގޮތަކީ ތެދުމަޢުލޫމާތު ކަމަށް ނިންމަން ޖެހުން.



އެތޮނޮގްރަފީ
- މިއީ ބައެއްގެ ވަށައިގެންވާ ވެށީގެ ތެރޭގައި ހިމެނޭ ދީނީ، ތަޖުރިބާ، ޖިއޮގްރަފީ ފަދަ ކަންކަން ހޯދާ ދިރާސާ ކުރުމެވެ. މިބާވަތުގެ ދިރާސާ އަކީ މައިގަނޑު ގޮތެއްގައި އޮބްޒާރވް ކޮށްގެން ހެދޭ ނެޗަރަލިސްޓު ދިރާސާ އެކެވެ.  މިއީ ބޮޑަށް އިންސާނުންގެ ކަންކަން ދެނެގަތުމަށް ކުރެވޭ ދިރާސާގެ ވައްތަރެކެވެ.
- މުޖުތަމަޢުގެ ކަންތައްތަކުގެ ތެރެއިން އިންސާނުންގެ ބިހޭވިއާ ދެނެގަނެވުން.
- އޮބްޒާރވް ކުރަނީ ރިސާރޗާ ކަމަށް ވުމުން ޞައްޙަ މައުލޫމާތު ހޯދުމުގެ ފުރުޞަތު ބޮޑުވުން.
- އިތުރު ކަންކަން ބަލައި ކުރި ފަޅުވައިގެން ހޯދުމުގެ ފުރުޞަތު އޮތުން.
- ތަހްޤީޤު ކުރާމީހުންނާ އި ކުރެވޭ މީހުންނާ ދެމެދު އެކުވެރި ގާތް ގުޅުމެއް އުފެދުން.
- ކޮންކަމެއްކަން ބުނެދޭން ނޭނގޭކަހަލަ ވާހަކަތައް ހޯދުން.
- ޢާއްމު ދިރިއުޅުގައި ހިނގާ ކަންތައްތަކުގެ ތެރެއިން މަޢުލޫމާތު ހޯދުން .
- ނެގޭމަޢުލޫމާތު ތަކުގައި އިންސާނީވަންތަކަން ހުރުން.
- ތަފާތު ހިސާބު އުފެދޭ ސަބަބުތައް ދެނެގަނެވުން.
- ނަގާމަޢުލޫމާތުގައި މީހުންގެ އިޙްސާސްތައް ހިމެނިފައި ހުރުން.
- މަޢުލޫމާތު ނަގަނީ ޢާއްމު ދިރިއުޅުމުންކަމަށް ވުމާއެކު  އެމީހުން ކުރަމޭ ބުނާކަންތައްތަކާއި އަސްލުގައި ކުރާ ކަންތައްތަކާއި އަޅާ ކިޔުން.
- ގިނަވަގުތު ހޭދަވުން.
- މަދުބައެއްގެ މައްޗަށް ރިސާރޗު ބިނާކުރުމުން ލިބޭ މަޢުލޫމާތުގެ ޞައްޙަ ކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ އޮތުން.
- އެއްބައެއް ދޫކޮށްލެވުމުން މުހިއްމު ބައެއް މަޢުލޫމާތު ނުލިބުމުގެ ފުރުޞަތު އިތުން.
- އެހެން ނަސްލެއްގެ ބައެއްގެ ބިހޭވިއާ ދިރާސާ ކުރުމުގައި  ރިސާރޗާރ  ނުރުހޭ ނުވަތަ ޤަބޫލު ނުކުރެވޭ ކަންކަން ދޫކޮށްލެވުން.
- ތަހްޤީޤު ކުރާ މީހާއާއި ބެހޭގޮތުން ގިނަ ވަޤުތު ނެގުން
- އެތައް ދުވަހެއްވަންދެއް އެކަމުގެ ތެރޭގައި އުޅެއް ޖެހުން.
- ފުރާނައަށް ގެއްލުންވާފަދަ ޙާލަތައްތައް އައުން . 
- ތަހްޤީޤު ކުރެވޭ މީހާއާއި ބެހޭގޮތުން އެމީހެއްގެ އަމިއްލަ ޒާތީ ކަންކަން ތަޙްޤީޤު ކުރެވުން.
- ބައެއްފަހަރަށް ވަކިކޮޅަކަށް ނުޖެހި މަޢުލޫމާތު ނުހޯދުން.
- ބައެއްފަހަރަށް ސިއްރުން މަޢުލޫމާތު ހޯދަންޖެހުން.
- ގިނަ ބައެއްގެ މައްޗަށް ބަލާއިރު ލިބޭ މަޢުލޫމާތު ތެދު ނުވުން.



ރިސާރޗު މަސައްކަތް

ތަޢާރަފް:
               ދަރިވަރުންނަކީ އެކުދިންގެ މަދަރުސީ ޙަޔާތުގައި ވަރަށް ގިނަކަންކަން އުނގެނި ދަސްކުރަން ބޭނުންވާ ބައެކެވެ. ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ބޭނުންވާ ތަފާތު ހުނަރުތައް ދަސްކޮށްދޭން ޖެހޭ ބައެވެ. އެހެންކަމުން ސްކޫލުތަކުން ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިތުރުން ތަފާތު އިތުރު ޙަރަކާތްތައް ހިންގައެވެ. މި ފަދަ ޙަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ތަފާތު ނުރަނގަޅު އަސަރުތައް ކުރާކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. މިފަދަ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި އިތުރު ޙަރަކާތްތަކުގައި ގިނަވަގުތު އުޅެންޖެހުމުން އެކުދިންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރެއެވެ. އެހެންކަމުން އަޅުގަނޑުގެ މި ދިރާސާ އަމާޒުކޮށްފައިވާނީ ހއ. އަތޮޅުމަދަރުސާގެ ދަރިވަރުންނަށް އިތުރު ޙަރަކާތްތަކުގެ ސަބަބުން ކުރަނީ ކޮންކަހަލަ އަސަރެއްތޯ؟ މި ސުވާލުގެ މައްޗަށެވެ. މަދަރުސާގައި ހިންގޭ އިތުރު ޙަރަކާތްތަކުން ދަރިވަރުންނަށް ކުރަނީ ރަނގަޅު އަސަރުތޯއެވެ؟ ނުވަތަ ހިންގޭ އިތުރު ޙަރަކާތްތަކުން ދަރިވަރުންނަށް ކުރަނީ ނުރަނގަޅު އަސަރުތޯއެވެ؟ މިއީ، މި ސުވާލުގެ ޞައްޙަ ޖަވާބެއް ހޯދުމަށް އަމާޒުކުރެވިގެން ކުރިއަށް ގެންދެވުނު ދިރާސާއެކެވެ.

           މި ސުވާލަށް އަމާޒުކޮށް ރިސާރޗު ހެދުމުގެ މަޤްޞަދަކީ ސްކޫލު ދައުރުގައި އިތުރު ޙަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ކުރާ އަސާރާ ބޭހޭގޮތުން ދެކެވޭ ވާހަކަ ތަކަކީ ކިހާވަރެއްގެ ޙަޤީޤަތެއްގެ މައްޗަށް ބުރަވެ ތިބެ ދެކެވޭ ވާހަކަތަކެއްކަން ސާބިތު ކޮށްދިނުމެވެ. އިތުރު ޙަރަކާތްތަކުގެ ފައިދާއާއި ގެއްލުމާ ބެހޭގޮތުން ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޢިލްމީ ދިރާސާއެއްގެ އަލީގައި ޖަވާބު ހޯދައި ދިނުމެވެ. މިކަންކަން ޢަމަލީ ގޮތުން ތަޖުރިބާކޮށް، ބަޔަކަށް ޙަޤީޤީ މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމެވެ.

           ޒާހިޔާ ޒަރީރު (2002) ހާމާކުރާ ގޮތުގައި ސްކޫލް ކުދިންނަކީ ކިއެވުމުގެ އިތުރަށް އިތުރު ހަރަކާތްތަކުގައި ބައިވެރި ނުކޮށް ބައިތިއްބަން ޖެހޭ ބައެއް ނޫނެވެ. ވަރަށް ވެސް ބޮޑު ތެދެކެވެ. ކިޔެވުމަކީ ހަމައެކަނި މަޢުލޫމާތުތަކެއް އެނގުމެއް ނޫނެވެ. ތަފާތު ހުނަރުތައް އެކުލެވޭ ގޮތަށް މުޖުތަމަޢުމުގައި ޒިނަމާދާރު ކަމާއެކު އުޅޭވޭނެ ފަރުދަކު ތައްޔާރު ކުރުމެވެ. އެކަން ކުރެވޭނީ ބޭނުންވާ ތަފާތު ހުނަރުތައް ދަސްކޮށްދެވިގެންނެވެ.
ޢަބްދުﷲ އިބްރާހިމް (2009) ހާމަކުރާ ގޮތުގައި މަތީ ކާމިޔާބީޙާޞިލްކުރުމުގައި އިތުރު ޙާރަކާތްތަކުދެ ދައުރު ވަރަށް ބޮޑެވެ. 2009 ވަނަ އަހަރު ހެދި ކެމްބްރިޖް އޯލެވެލް އިމްތިޙާނުގައި 8 މާއްދާއިން އޭ ފާސް ހޯދާ މުޅިރާއްޖެއިން ޓޮޕްޓެންގެ 1 ވަނައިގައި ހިމެނުނު ދަރިވަރު ޢަބްދުﷲ އިބްރާހިމަކީ އިނގިރޭސިބަހާއި  ދިވެހި  ބަހުން ހިންގި ތަފާތު ޙަރަކާތްތަކުގައި ބައިވެރިވެފައިވާ ދަރިވަރެކެވެ. މީގެ އިތުރުން ކުޅިވަރު ޙަރަކާތްތަކާއި ސްކައުޓް ޙަރަކާތުގައިވެސް ބައިވެރިވެފައިވާ ދަރިވަރެކެވެ. މިކަމުން އެނގި ހާމަވެގެންދަނީ އުނގެނުމުގެ ދުވަސްވަރު އިތުރު ޙަރަކާތްތަކުގައި ބައިވެރިވެ އުޅުމުގެ މުޙިއްމުކަމެވެ. މުޙިއްމުވާ މިންވަރެވެ.

           އެލިސަން (1979) ހާމާކުރާ ގޮތުގައި އިތުރު ޙަރަކާތުގެ ސަބަބުން ދަސްކުރާ ޢިލްމެއްގެ ބޭނުން ޢަމަލީ މައިދާނުގައި ހިފުމަށް މަގުފަހިވެގެން ދެއެވެ. އެކަމުގެ ސަސަބުބުން ދަސްކުރާ އެއްޗެއް ގިނަދުވަހަށް ހަނދާނުގައި ބެހެއްޓމަށް މަގުފަހިވެގެންދާނެ ޔަޤީނެވެ. ދަސްކުރާ އެއްޗެހި ގިނަދުވަހަށް ހަނދާނުގައި ނުހުންނަ ކަމުގެ ޝަކުވާއަކީ ގިނަދަރިވަރުން މިހާރުވެސް ކުރަމުންދާ ޝަކުވާއެކެވެ. އެހެންކަމުން މިކަމުން ގިނަދުވަހު ހަނދާންނެތުމުގެ މައްސަލައަށް ހައްލެއް ގެނެސްދެއެވެ. އެން.އޭ.އެސް.އެސް.ޕީ (1996) ހާމާކުރާ ގޮތުގައި އިތުރު ޙަރަކާތްތަކުގެ ސަބަބުން އިޖުތިމާޢީގޮތުން ޤާބިލްމީހަކަށް ވުމުގެ ފުރުޞަތު ބޮޑެވެ. މުޖުތަމަޢުގައި ދިރިއުޅޭއިރު މިއީ ވަރަށް މުހިއްމު ކަމެކެވެ. ތަފާތު މިޒާޖުގެ މީހުން ދިރިއުޅޭ މާޙައުލެއްގައި ތިމާއަށް ފައިތިލަ ސާބިތު ކުރެވޭނީ އިޖުތުމާޢީ ހުނަރުތަކެއް ދަސްވެފައި ހުރެގެންނެވެ.

           އެޑިއުކޭޝަނަލް ރިސާރޗް ސާރވިސް (1999) ހާމާކުރާ ގޮތުގައި އިތުރު ޙަރަކާތްތަކުގެ ސަބަބުން އަމިއްލަނަފުސަށް އިތުބާރު ލިބިގެން ކަންކަން ކުރުމާއި، ގްރޫޕުމަސައްކަތް ތަކުގައި ގުޅިގެން  މަސައްކަތްކުރުމުގެ އާދާ އަށަގަތުމާއިއެކު ބުރަކޮށް މަސައްކަތްކޮށް ކަންކަން ކާމިޔާބުކުރުމަށް ރޫޙު އަށަގަނެއެވެ. ވަރަށް ގިނަފަހަރަށް އާއްމު ދިރިއުޅުމުގައި އެއްބަޔަކު އަނެއްބަޔާކާ ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.  މިފަދަ ޙާލްތްތަކުގައި އެކުގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުމަކީ ދިރިއުޅުން ބާއްޖަވެރި ކުރުމަށް ވަރަށްބޮޑަށް އެހީވެދޭނެ ކަމެކެވެ. ޒިލް އާއި ނޯޑް އަދި ލޫމިސް (1995) ބަޔާންކުރާ ގޮތުގައި ގިނަވަގުތު ޙަރަކާތްތަކުގައި އުޅެން ޖެހުމުން މަސްތުވާ ތަކެއްޗާ ދިމާއަށް ދިއުމަށާއި، ރަގަނޅު ރަޙްމަތްތެރިން އިޚްތިޔާރުކުރަން ފުރުޞތު ހަނިވެ، ޅަފަތުގައި މީހުންނާ އިނުމުގެ ޚިޔާލުފަދަ ކަންކަމާ ދުރައްދިއުމަށް މަގު ފަހިވެއެވެ.  ސްކޫލުން ދަރިވަރުންނަށް އަބަދުވެސް ދަސްކޮށްދެވޭނީ ރަނގަޅު ރީތި ގޮތްތަކާއި އުސޫލުތަކެވެ. ހަރުދަނާ ގޮތްތަކަށް ކަންކަން ކުރުމަށެވެ.  އެފަދަ ކަންކަމުގައި ގިނަވަގުތު ހޭދަކުރުމުން ވިޔާނުދާ ކަންތައްތައް ދަސްކޮށް، އެގޮތަށް އުޅުމުގެ މަގު ބަންދުވެއެވެ.

           ވެގްނާރ (1999) ހާމާކުރާ ގޮތުގައި ދިރިއުޅުމުގައި އުނދަގޫތަކާއި އެކު ކިޔަވާ ކުދިން، އެކުދިންނަށް ފައިދާހުރި، ބޭނުންހިފޭ  މަސައްކަތެއް ކުރުމަށް އިތުރު ޙަރަކާތުގެ ސަބަބުން މަގުތަނަވަސް ވެގެން ދެއެވެ. ދިރިއުޅުމުގެ ޙާލަތު ނިޔާކުރާގޮތުން ކޮންމެ ކުއްޖަކަށް އެކުއްޖަކު ބޭނުންވާ ރޮނގަކުން ކުރިއަށް ދިއުމުގެ ފުރުޞަތެއް ނުލިބެއެވެ. ޚާއްޞަކޮށް ފައިސާގެ ތަނަވަސްކަން މިކަމަށް ވަރަށްބޮޑަށް ހުރަސް އަޅައެވެ. ނަމަވެސް ސްކޫލުތަކުގައި ހުރިހާ ދަރިވަރުންނަށް ހުޅުވާލެވިފައިވާ އިތުރުޙަރަކާތްތަކުގެ ތެރެއިން ކުރިއަށް ދިއުމުން ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިއުމަށް މަގު މިދެންނެވިފަދަ ދަރިވަރުންނަށްވެސް ތަނަވެސް ވެގެން ދެއެވެ.

           ސަލްމާ (1992) ހާމާކުރާ ގޮތުގައި އިތުރުރ ޙަރަކާތްތަކުގައި ބައިވެރި ވުމުގެ ސަބަބުން ހާސްވެ ކަންބޮޑުވާންޖެހޭ ޙާލަތަކުގައި ނަފުސު ކޮންޓްރޯލްކޮށް އެކަމުގެ ޙައްލު ހޯދުމުގެ ޤާބިލްކަން ލިބިގަނެވެއެވެ. ހަމަ އެހެންމެ އިސްނެގުމާއެކު، އެހެންމީހުންނާ ވާދަކޮށް ކުރިއަރައިދިއުމުގެ ރޫޙް އިތުރުވެގެން ދެއެވެ. އަދުނާނު ޚާމިސް (1989) ހާމާކުރާ ގޮތުން ސްކޫލުތަކުގައި ހިންގޭ އިތުރު ޙަރަކާތްކުން މުދައްރިސުންނާ ދަރިވަރުންގެ ދެމެދު އޮންނަ ގުޅުން ބަދަހިވެގެން ދެއެވެ. މިކަމަކީ ދަރިވަރުންގެ ކިޔެވުމަށް ސީދާ އަސަރު ކުރާނެ ކަމެވެ. އެހެނީ ދަރިވަރާ މުދައްރިސާ ދެމެދު ބަދަހި އިތުބާރު ހިފޭ ގުޅުމެއް ޤައިމު ކުރެވިއްޖެނަމަ ފިލާވަޅުގައި ދަރިވަރު ބައިވެރިވެ، ނސާފުނުވާ ބައިތައް އޮޅުންފިލުވުމަށް އިތުރު އެހީއަކަށް ވެގެންދާނެތީއެވެ.  

ދިރާސާކުރިގޮތް:
              މި ދިރާސާއަކީ ހއ. އަތޮޅުމަދަރުސާގެ ދަރިވަރުން އިތުރު ޙާރަކާތަތްކުގައި ބައިވެރިވުމުން ދަރިވަރުންނަށް ކުރާ ފައިދާ ދެނެގަތުމަށް ކުރާ ދިރާސާއެކެވެ. މި ދިރާސާއަށް ޑާޓާ އެއްކުރެވިފައި ވާނީ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ މެދުގައި ކުރި ސާރވޭ އަކުންނެވެ. މި ދިރާސާގައި ރިސާރޗާގެ ޚިޔާލުތައް ހުށަހެޅުމުގެ ބަދަލުގައި ސާރވޭއިން އެއްކުރާ  ޑާޓާއިން ފެންނަގޮތް، ނަތީޖާ ޢަދަދުން ނާއި ޕަސެންޓޭޖުން ބަޔާންކުރާތީ މިއީ ކުއަންޓީޓޭޓިވް ދިރާސާއެކެވެ. މި ދިރާސާ ހެދުމަށް އަޅުގަނޑު ޝައުޤްވެރިވީ އަޅުގަނޑަކީ ކިޔަވައިދިނުމުގައި މަސައްކަތްކުރާ މުދައްރިސެއްގެ އިތުރުން މިދާއިރާއިން ކުރިއަށް ދިއުމަށާއި، އަދި މިދާއިރާގައި ދެމިހުރުމަށް ބޭނުންވާ މީހަކަށް ވާތީއެވެ. ދަރިވަރުންގެ ކުރިއެރުމަށް އަބަދުވެސް އެދޭ މީހަކަށް ވާތީއެވެ.

          މި ދިރާސާގައި ބޭނުންކުރެވޭ މެތަޑަކީ ސާރވޭއެކެވެ. އެހެންކަމުން އިންސްޓްރޫމެންޓެއްގެ ގޮތުގައި ބޭނުންކުރާނީ ކުއެސްޗެނިއާ އެކެވެ. އެއީ ތަފާތު 10 ސުވާލެއްގެ މައްޗަށް އެކުލަވާލެވިފައިވާ ސާރވޭ ފޯމެކެވެ. މި ސާރވޭ ފޯމުގައި ކޮންމެ ސުވާލަކަށް އިޚްތިޔާރީ ތިން ޖަވާބެއް ދެވިފައި ވާނެއެވެ. ހަމަ އެއާއެކު އިތުރު ޚިޔާލެއް ވާނަމަ އެކަން ފާހަގަކުރުމަށް ޖާގަ ދެވިފައި ވާނެއެވެ.

          މި ދިރާސާގައި ބައިވެރިކުރީ ހއ. އަތޮޅުމަދަރުސާގެ ގްރޭޑް 6-12 އާއި ދެމެދުގެ 20 ދަރިވަރުންނާއި 15 މުދައްރިސުންގެ އިތުރުން 15 ބެލެނިވެރިންނެވެ. މި ސާރވޭއަށް ހޮވާފައި ވާނީ ވަކި އުސޫލެއްނެތި ރެންޑަމްކޮށް ހޮވާލެވުނު ފަރާތްތަކެކެވެ. މިގޮތް ޚިޔާރުކުރީ ވަކި ޚާއްޞަ ދަރިވަރެއް، މުދައްރިސެއް، ބެލެނިވެރިއެއް ނެގުމުގެ ބަދަލުގައި، ހަމަހަމަ ފުރުޞަތު ތަކެއްދީ ތަފާތު ވިސްނުމުގެ ފަރާތްތައް ހިމަނައިގެން އެފަރާތްތައް ދެކޭގޮތް ހޯދުމަށެވެ. ތަފާތު ގްރޭޑް ތަކަށް ކިޔަވައިދެއްވާ މުދައްރިސުންނާއި، އެކިއެކި ގްރޭޑް ތަކަށް ނިސްބަތްވާ ދަރިވަރުންގެ ބެލެނިވެރިން މި ދިރާސާގައި ބައިވެރި ކޮށްފައި ވާނެއެވެ. ހުރިހާ ސާރވޭ ފޯމެއްވެސް ފުރާފައިވާނީ އަޅުގަނޑުގެ ޙާޟިރުގައެވެ. މިގޮތަށް ކަންތައް ކުރީ އެހެންމީހުންގެ ޚިޔާލު، ނުވަތަ ނުފޫޒުން އެއްކިބާވެފައިވާ ސާމްޕްލިން ނެގުމުގެ ބޭނުމުގައެވެ.

          ޑާޓާ އެނަލައިޒް ކުރުމުގައި ސާރވޭ ފޯމުތަކުގައިވާ ސުވާލުތަކަށް ދީފައިވާ ޖަވާބުތައް ގުނާ ޢަދަދުކޮށް ޓޭބަލް ހަދާ، ޢަދަދު ކުރުމަށްފަހު، ގްރާފުގެ އެހީގައި ޕަސެންޓޭޖުން ދިރާސާގެ ނަތީޖާ ދައްކާދީފައި ވާނެއެވެ.

ނަތީޖާ އަޅައިކިޔުން:
                   ސްކޫލެއްގެ އެންމެ ބޮޑު އަމާޒަކީ ޢިލްމީ ގޮތުންނާއި ހުނަރުގެ ގޮތުން ރަނގަޅު ހަރުދަނާ ދަރިންތަކެއް އުފެއްދުމެވެ. އެގޮތުން ސްކޫލުގައި އެންމެ ރަނގަޅު ނަތީޖާ ހޯދަނީ  ކިޔެވުމާއެކު އިތުރު ޙަރަކާތްތަކުގައި ބައިވެރިވާ ކުދިން ކަމަށް ދިރާސާގައި ބައިވެރިވި 50 ބައިވެރިންގެ %76 އިންސައްތަ ޤަބޫލުކުރެއެވެ. އެހެންކަމުން އިތުރު ޙަރަކާތްތަކަކީ ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް އެހީވެދޭ ކަމެއްކަން ހާމަވެއެވެ.  


           ހަމަ އެއާއެކު މުޅިދުނިޔެއަށް ހުޅުވުފައިވާ ތަޢުލީމީ ނިޒާމެއްގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރު، ކިޔެވުމަށްވެސް މިވަނީ ތަފާތު ފުރުޞަތުތައް ހުޅުވިފައެވެ.


އެހެންކަމުން ކަންކަން ދަސްކުރުމަށް ތަފާތު ވަޞީލަތްތަކުގެ ބޭނުން އިންސާނުން ދަނީ ހިފަމުންނެވެ. ކަންމިހެން އޮތުމާއެކުވެސް ކުދިންނަށް އެންމެ ގިނައިން ހުނަރުތައް ދަސްވުމަށް އެހީވެދެނީ ސްކޫލުގައި ހިންގޭ އިތުރު ޙަރަކާތްތަކުންކަމަށް ދިރާސާގެ  %64 އިންސައްތަ ބައިވެރިން ޤަބޫލުކުރެއެވެ. މިއީ ސްކޫލުތަކުގައި ހިންގޭ އިތުރު ޙަރަކާތްތަކުން ދަރިވަރުންގެ ފައިދާކުރާކަން ހާމާވާ ކަމެކެވެ.


           ތަޢުލީމު ދިނުމުގެ އެންމެ ބޮޑު އަމާޒަކީ ސްކޫލު ނިންމާ މުޖުތަމަޢަށް ނިކުންނަ ދަރިވަރުންނަކީ އާއްމު ދިރިއުޅުމުގައި ކާމިޔާބު ދަރިވަރަކަށް ހެދުމެވެ. ދިރާސާއިން ދައްކާގޮތުގައި އާއްމު ދިރިއުޅުމުގައި ފުރިހަމައަށް މުއާމަލާތު ކުރަން ދަސްވަނީ ސްކޫލުގައި ހިންގޭ އިތުރު ޙަރަކާތްތަކުން ކަން 50 ފަރާތުގެ %70 އިންސައްތަ ބައިވެރިން ޤަބޫލުކުރެއެވެ.

           މަދަރުސީ ތަޢުލީމު ފުރިހަމަ ކުރުމަށްފަހު މަސައްކަތުގެ މާޙައުލަށް ނިކުންނަ ދަރިވަރަކީ އެކަމަށް އަހުލުވެރި ދަރިވަރަކަށް ވުމަކީ ވަރަށް މުޙިއްމު ކަމެކެވެ. އެކަމަށްޓަކައި މަދަރުސީ މާޙައުލުން ފުރުޞަތުތަކެއް ފަހިވެފައި އޮތުން މުހިއްމެވެ. ސްކޫލު މާޙައުލުގައި ތަފާތުޔ ކަންކަމުގައި އިސްވެ އުޅުމުގެ ފުރުޞަތު ދެވެންޖެހެއެވެ. އެގޮތުން ސާރވޭގެ ބައިވެރިވިންގެ %62 އިންސައްތަ ޤަބޫލުކުރާ ގޮތުގައި ރަށުގައި އެކި ކަންކަމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކަކީ މަދަރުސާގައި ކިޔެވުމާއެކު އިތުރު ޙަރަކާތްތަކުގައި ބައިވެރިވެ އުޅުނު ފަރާތްތަކެވެ. އެހެންކަމުން ކިޔެވުމުގެ ތެރެއިން ތަފާތު ޙަރަކާތްތަކަށް ފުރުޞަތު ދިނުމަކީ ދިރިއުޅުމުގެ މައިދާނުގައި ކާމިޔާބު މީހަކަށް ވުމަށް ވަރަށް ބޮޑަށް މަގު ތަނަވަސްވެގެންދާ ކަމެކެވެ. މިކަން ޤަމުގެ އިސްސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ބަލާލުމުން ވަރަށް ބޮޑަށް ފާހަގަ ވެގެން ދެއެވެ. %68 އިންސައްތަ ފަރާތުން ޤަބޫލުކުރާ ގޮތުގައި ޤަމުގެ އިސްސަފުން ފެންނަ މޫނުތަކަކީ މަދަރުސީ ޙަޔާތުގައި އެކިއެކި ކަންކަމުގައި އިސްނަގައި ޙަރަކާތްތެރިވި ފަރާތްތަކެވެ.  
މަދަރުސީ ޙަޔާތުގައި ރަނގަޅު ނަތީޖާ ހޯދޭނީ މުދައްރިސުންނާ ދަރިވަރުންނާ މެދު ގާތް ގުޅުމެއް އުފެދިފައި އޮވެގެންނެވެ. މި ގުޅުން ބަދަހިވެގެންދަނީ މުދައްރިސް އިރުޝާދުތަކަށް ދަރިވަރުން ފުރިހަމައަށް ކިޔަމަންވެގެންނެވެ. އެގޮތުން އެންމެ އާއްމުކޮށްދެވޭ އިރުޝާދަކީ ބަރާބަރަށް ފިލާވަޅުތައް ނިންމުމެވެ. ކުރެވުނު ދިރާސާއިން ދައްކާގޮތުގައި އިތުރު ޙަރަކާތްތަކުގައި ބައިވެރިވެ އުޅޭ ދަރިވަރުން ގެއަށް ހަވާލުކުރެވޭ މަސައްކަތްތައް ނިންމާކަމަށް %74 އިންސައްތަ ބައިވެރިން ޤަބޫލުކުރެއެވެ. އެހެންކަމުން ރަނގަޅަށް ކިޔަވާ ކުއްޖަކަށް އިތުރު ޙަރަކާތްކުގައި ބައިވެރި ވުމަކީ މަސައްކަތްތައް ނިންމުމަށް އޮތް ހުރަހެއް ނޫންކަން ހާމަވެއެވެ.
     
           ކިޔެވުމުގެ އިތުރުން އިތުރު ޙަރަކާތްތައް ހިންގުމަކީ ކޮންމެ ސްކޫލެއްގައިވެސް  ކުރަމުން އަންނަ ކަމެކެވެ. އެކި ސްކޫލުގައި އެކިވަރަށެވެ. އިތުރު ޙަރަކާތްތައް މައިގަނޑު ދެ ބަޔަކަށް ބަހާލެވިގެން ދެއެވެ. އެއީ ކިޔެވުމާއި ގުޅޭ އިތުރު ޙަރަކާތްތަކާއި ކުޅިވަރާ ގުޅޭ އިތުރު ޙަރަކާތްތަކެވެ. މި ސާރވޭގެ ބައިވެރިންގެ %68 އިންސައްތަ ޤަބޫލުކުރާ ގޮތުގައި އިތުރު ޙަރަކާތްތަކުގެ ތެރެއިން ދަރިވަރުން ބޮޑަށް ޝައުޤުވެރިވަނީ ކިޔެވުމާ ގުޅުންހުރި ޙަރަކާތްކަށެވެ. އެހެންކަމުން އިތުރު ޙަރަކާތްތަކުން ދަރިވަރުންގެ ކިޔެވުމަށް ބޮޑެތި ކުރުއެރުންތަކެއް އައުމަށް މަގުފަހިވެގެބް ދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

           މަދަރުސާގެ ގިނަ ދަރިވަރުންނަކީ އެކުދިންނާމެދު މަދަރުސާ ފަޚުރުވެރިވާފަދަ ކުދިންނެވެ. މަދަރުސާ އަބަދުވެސް އެކުދިންނަށް ބޭނުންވެފައިވާ ކުދިންނެވެ. ޚާއްޞަކޮށް މަދަރުސާ ތަމްސީލުކުރާ ދަރިވަރުންނަކީ އަބަދުވެސް އެކުދިންގެ އެހީއަށް އެދިއެދި ތިބޭ ކުދިންނެވެ. އެގޮތުން ސާރވޭގެ %62 އިންސައްތަ ބައިވެރިން ޤަބޫލުކުރާ ގޮތުގައި މަދަރުސާ އެންމެ ބޮޑަށް ބަލައިގަންނަނީ ކިޔެވުމާއެކު އިތުރު ޙަރަކާތްކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނެވެ.  މިއީ ދަރިވަރުންގެ ކިޔެވުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެކެވެ. އަދި ހަމަ އެހެންމެ އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމަށް ބާރުއަޅައިދޭ ކަމެކެވެ.
 އިންސާނާ އިލްމު އުނގެނުމުގެ ތަފާތު ބޭނުންތައް ވެއެވެ. އޭގެ ތެރޭގައި އަމިއްލަ ދިރިއުޅުން ބާއްޖަވެރިކުރުން ހިމެނެއެވެ. މި ބާއްޖަވެރިކަން ގުޅި ލާމެހިފައިވަނީ މުޖުތަމަޢުގައި ދިރިއުޅޭ އެހެންމީހުންގެ ފަރާތުން ލިބޭ އެހީތެރިކަމާ އެއްބާރުލުމެއްގެ މައްޗަށެވެ. އެކަން ކުރެވޭނީ މީހުން ބަލައިގަންނަފަދަ ޝަޚްޞިއްޔަތަކަށް ވެގެންނެވެ. އެހެންކަމުން ސާރވޭއިން ދައްކާގޮތުގައި މުޖުތަމަޢު ބަލައިގަންނަ ފަދަ ފުރިހަމަ މީހަކަށް ވުމަށްޓަކައި ކިޔެވުމާއެކު މޮޅު ހުނަރުވެރިއަކަށް ވާންޖެހެއެވެ. މިއީ ސާރވޭގައި ބައިވެރިވި %70 އިންސައްތަ ފަރާތުގެ ނިންމުމެވެ. އެހެންކަމުން ކިޔެވުމުން އެކަނި ނުފުދޭކަން ހާމާވެއެވެ. އިތުރު ޙަރަކާތްތަކަކީ ފުރިހަމަ މީހަކަށް ހެދުމަށް މުހިއްމު ރޯލެއް އަދާކުރާ ކަންތައްތަކެއް ހާމާވެއެވެ.
މީހާ ފުރިހަމަ އިންސާނަކަށް ވުމުގައި އެންމެ މުޙިއްމު ދައުރެއް އަދާކުރާ އެއްޗަކީ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމެވެ. އިންސާނާއަށް ލިބިފައިވާ އެ އަގުބޮޑު ޖައުހަރުގެ ބޭނުން ފުރިހަމައަށް ހިފޭނީ އެއަށް ބޭނުންވާ ކާނާ ފުރިހަމައަށް ލިއްބައިދީގެންނެވެ. ސިކުނޑި ފުރިހަމައަށް ހެދިބޮޑުވުމަށް އެހީވެދެނީ ފޯރުކޮށްދެވޭ މަޢުލުމާތުގެ އިތުރުން އެ މަޢުލޫމާތު ބޭނުންކުރާނެ ޙާލަތްތައް މެދުވެރި ކޮށްދީގެންނެވެ. އެކަން ސްކޫލު މާޙައުލުން ފަހި ކޮށްދެވޭނީ އިތުރު ޙަރަކާތްތަކުގެ ތެރެއިންނެވެ. ސާރވޭގެ ބައިވެރިންގެ %58 އިންސައްތަ ދެކޭގޮތުގައި އިތުރު ޙަރަކާތްތަކުގައި ގިނައިން ބައިވެރިވަނީ ކިޔެވުމުގައި ރަނގަޅުނަތީޖާ ހޯދާ ދަރިވަރުންނެވެ. އެހެނީ ހަމަ އެކަނި ކިޔެވުމުގައި މަސްޢޫލުވެގެން އަދި ހަމައެކަނި އިތުރު ޙަރަކާތްތަކުގައި ޝާމިލްވެ އުޅެގެން ފުރިހަމަ މޮޅުމީހަކަށް ނުވެވޭނެއެވެ. ކިޔެވުމާއެކު ޙަރަކާތްތަކުގައި ބައިވެރި ވުމަކީ ސިކުނޑި ފުރިހަމަ ގޮތުގައި ހެދި ބޮޑުވުމަށް އެޅިގެންދާ ވަރަށް ބޮޑު ބާރެކެވެ.




ނަތީޖާ މަޝްވަރާ:
މަދަރުސާގައި ހިންގާ އިތުރު ޙަރަކާތްތަކުގެ ސަބަބުން ދަރިވަރުންނަށް ކުރަނީ ކޮންކަހަލަ އަސަރެއްތޯ ދެނެގަތުމަށް ދަރިވަރުންނާ، ޓީޗަރުން އަދި ބެލެނިވެރިންގެ މެދުގައި ކުއެސްޗެނިއާރއެއް ބޭނުންކޮށްގެން ކުރެވުނު ދިރާސާއިން ދައްކާގޮތުގައި އިތުރު ޙަރަކާތްތަކުގެ ސަބަބުން ދަރިވަރުންނަށް ނުހަނު ބޮޑެތި ފައިދާ ތަކެއް ކުރާކަން ހާމަވެއެވެ. އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމުން ކިޔެވުމަށް ނޭދެވޭ އަސަރެއް ނުކުރާކަން ރިސާރޗުގެ ބައިވެރިވިންގެ ނިންމުންތަކުން ކަށަވަރު ވެއެވެ. އެގޮތުން އިތުރު ޙަރަކާތްތަކުގައި ބައިވެރިވާ ހއ. އަތޮޅުމަދަރުސާގެ ދަރިވަރުން ތަޢުލީމީ ގޮތުން ރަނގަޅު ނަތީ ހޯދާކަމަށާއި، ކުދިންގެ ކިބާގައި ހަރުލެއްވުމަށް ބޭނުންވާ ތަފާތު ގިނަ ހުނަރުތައް އެކަމުގެ ސަބަބުން ހަރުލާކަމަށް ބައިވެރިން ޤަބޫލުކުރެއެވެ. އެލިސަން (1979) ހާމާކުރާ ގޮތުގައި އިތުރު ޙަރަކާތުގެ ސަބަބުން ދަސްކުރާ ޢިލްމެއްގެ ބޭނުން ޢަމަލީ މައިދާނުގައި ހިފުމަށް މަގުފަހިވެގެން ދެއެވެ. އެލިސަންގެ މި ބުނުމާއި ދިރާސާއިން ހާމަވެގެންދިޔަ އާއްމުދިރިއުޅުމަށް ތައްޔާރުވުމުގައި ކޮންމެހެން ބޭނުންވާ މުއާމަލާތު ކުރުމުގެ ހުނަރު ތަރައްޤީވުމާ ވަރަށްބޮޑަށް ވަރަށް ބޮޑަށް އެއްގޮތްކަން ފާހަގަ ކުރެވެއެވެ. ސާރވޭގައި ހިމެނުނު 50 ބައިވެރިންގެ %62 އިންސައްތަ ޤަބޫލުކުރާ ގޮތުގައި ސްކޫލު ދައުރުގައި ހިންގޭ ތަފާތު ޙަރަކާތްތަކުން ދަސްވާ ތަކެތި ދިރިއުޅުމުގައި ބޭނުންކުރެއެވެ. އެގޮތުން ރަށުގައި ހިންގޭ ޙަރަކާތްތަކުގައި އިސްސަފުން އެފަދަ ކުދިން ފެނުމަކީ މިކަމުގެ އަލިގަދަ ހެތްކެކެވެ.

           މީގެ އިތުރުން ރަށުގެ ތަފާތު ފެންވަރުގެ މަޤާމުތަކުގައްޔާއި އިޖުތުމާޢީ ޙަރަކާތްތަކުގައި ގިނައިން ފެނިގެންދަނީ މަދަރުސީ މާހައުލުގައި އިސްވެ ޙަރަކާތްތެރިވި ދަރިވަރުން ކަންވެސް ދިރާސާއިން ދައްކައެވެ. އެން.އޭ.އެސް.އެސް.ޕީ (1996) ހާމާކުރާ ގޮތުގައި އިތުރު ޙަރަކާތްތަކުގެ ސަބަބުން އިޖުތިމާޢީގޮތުން ޤާބިލްމީހަކަށް ވުމުގެ ފުރުޞަތު ބޮޑެވެ. ވުމާއެކު ދިރާސާގެ ނަތީޖާއާއި މި ވާހަކައާއި ވަރަށް ބޮޑަށްގުޅެއެވެ. މުޖުތަމަޢުގައި ދިރިއުޅޭއިރު މިއީ ވަރަށް މުހިއްމު ކަމެކެވެ. ކޮންމެ މީހަކީވެސް ކޮންމެވެސް ޒިންމާއެއް އަދާކުރަންޖެހޭނެ މީހެކެވެ. އެމީހެއްގެ ޒިންމާގެ ދަށުގައިވާ ފަރާތްތަކާ މުއާމަލާތުކުރަން ޖެހޭނެ މީހެކެވެ. އެހެންކަމުން އިތުރު ޙަރަކާތްތަކުގެ ސަބަބުން މުޖުތަމުގައި ހަރުދަނާ މީހަކަށް ވުމުގެ މަގު ތަނަވަސްވެގެން އެބައެދެއވެ. އެޑިއުކޭޝަނަލް ރިސާރޗް ސާރވިސް (1999) ހާމާކުރާ ގޮތުގައި އިތުރު ޙަރަކާތްތަކުގެ ސަބަބުން އަމިއްލަނަފުސަށް އިތުބާރު ލިބިގެން ކަންކަން ކުރުމާއި، ގްރޫޕުމަސައްކަތް ތަކުގައި ގުޅިގެން  މަސައްކަތްކުރުމުގެ އާދާ އަށަގަތުމާއިއެކު ބުރަކޮށް މަސައްކަތްކޮށް ކަންކަން ކާމިޔާބުކުރުމަށް ރޫޙު އަށަގަނެއެވެ. ކުރެވުނު ދިރާސާއިން ހާމަގޮތުގައި ރަށާއި އަދި މުޖުތަމަޢުގައި އިސްކޮށް ޙަރަކާތްތެރި ވުމުގައި ބޮޑު ދައުރެއް އަދާކުރަނީ އިތުރު ޙަރަކާތްތަކުގައި މަދަރުސާއިން ފެނިފައިވާ މޫނުތަކެވެ. އެހެންކަމުން އެޑިއުކޭޝަނަލް ރިސާރޗް ސާރވިސްގެ ނަތިޖާއާއި މި ދިރާސާގެ ނަތީޖާ ވަރަށް އެއްގޮތްކަން ހާމަވެއެވެ.
            އިތުރު ޙަރަކާތްތަކުގެ ސަބަބުން ހަވާލުކުރެވޭ މަސައްކަތްތަކަށް ބޫރޫ ނާރާ ކަމަށާއި މަދަރުސާއާއި މުޖުތަމަޢުވެސް ބޮޑަށް ބަލައިގަންނަނީ ކިޔެވުމާއެކު އިތުރު ޙަރަކާތްކުގައި ބައިވެރިވާ ދަރިވަރުންކަން ދިރާސާއިން ހާމަވެއެވެ. އަދުނާނު ޚާމިސް (1989) ހާމާކުރާ ގޮތުން ސްކޫލުތަކުގައި ހިންގޭ އިތުރު ޙަރަކާތްކުން މުދައްރިސުންނާ ދަރިވަރުންގެ ދެމެދު އޮންނަ ގުޅުން ބަދަހިވެގެން ދެއެވެ. މިއީ އިސްވެ ދެންނެވި ގުޅުމަށް ވަރަށް ބޮޑަށް ތާއީދު ކުރެވޭ ވަހަކައެކެވެ. މިކަމުގެ ނަތީޖާ އެއްގެ ގޮތުން ސްކޫލުން ދަރިވަރުން ބަލައިގަނެއެވެ. މީގެ އިތުރުން ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި ދަރިވަރުން ބޮޑަށް ޝައުޤުވެރިވަނީ ކިޔެވުމާއި ގުޅުންހުރި އިތުރު ޙަރކާތްތަކުގައި ކަންވެސް ފާހަގަ ކުރެވެއެވެ. ހަމަ އެހެންމެ އިތުރު ޙަރަކާތްތަކުގައި ގިނައިން ބައިވެރިވަނީވެސް ކިޔެވުމުގައި ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންކަން މި ދިރާސާގެ ނަތީޖާއިން ދައްކައެވެ. ޢަބްދުﷲ އިބްރާހިމް (2009) ހާމަކުރާ ގޮތުގައި މަތީ ކާމިޔާބީ ޙާޞިލްކުރުމުގައި އިތުރު ޙާރަކާތްތަކުދެ ދައުރު ވަރަށް ބޮޑެވެ. އެހެންކަމުން ރާއްޖޭގެ ޓޮޕް އެޗީވާރސް ޙާޞިލްކޮށްފައިވާ ޢަބްދﷲ ގެ ބުނުމާއި ދިރާސާގެ ނަތީޖާއާ ވަރަށް ގުޅުން ބޮޑެވެ. އެހެނީ ދިރާސާއިން ދައްކާ ގޮތުގައި އިތުރު ޙަރަކާތްތަކުގައި ގިނައިން ބައިވެރިވަނީވެސް ކިޔެވުމުގައި ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންކަން ހާމަވެފައި ވާތީއެވެ.

           މި ދިރާސާގައި ބޭނުންކުރެވުނު ސުވާލު ކަރުދާހަކީ އަޅުގަނޑު އަމިއްލައަށް އުފައްދާފައިވާ ކަރުދާހެކެވެ. ސާރވޭގެ ބައިވެރިންގެ ޚިޔާލު ފުރިހަމައަށް ހޯދުމަށްޓަކައި ދީފައިވާ އިޚްތިޔާރީ ޖަވާބުގެ އިތުރަށް ޚިޔާލެއް ފާޅުކުރަން ބޭނުންނަމަ އެ ފުރުޞަތު ދިނުމުގެ ގޮތުން ކޮންމެ ސުވާލެއްގެ ތިރީގައި ހުސް ޖާގަ ދެވިފައި ވާނެއެވެ. މި ދިރާސާ ކުރުމުގައި ގްރޭޑް 6-12 ދެމެދުގެ %7 އިންސައްތަ އަށްވުރެ މަދުނޫން ޢަދަދެއްގެ  ދަރިވަރުން ބައިވެރިކޮށްފައި ވާނެއެވެ. މި ދިރާސާއަކީ ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނާ މުދައްރިސުން އަދި ބެލެނިވެރިން ހިމަނައިގެން ކުރެވުނު ދިރާސާއެއް ކަމަށްވާތީ މި ނަތީޖާއަކީ ހުރިހާ ސުކުލުތަކެއްގައި މިކަން އޮތްގޮތް ކަމުގައި ނުވެ ހިނގައިދާނެއެވެ. ނަމަވެސް މި ދިރާސާއަށް ސާމްޕްލިން ނެގިފައިވާނީ އަޅުގަނޑުގެ ކުރިމަތީ، ޙާޟިރުގައި ކަމަށްވުމާއެކު މިއީ ހއ. އަތޮޅުމަދަރުސާގެ ދަރިވަރުން އިތުރު ޙަރަކާތްކުގައި ބައިވެރި ވުމުން އެކުދިންނަށް ކުރާފައިދާކަމުގައި ކަނޑައެޅި ދާނެއެވެ. މިގޮތަށް ކަނޑައެޅީ ބައިވެރިވި ފަރާތްތަކުގެ ޢަދަދާއި ދިރާސާގެ ނަތީޖާއިން ވަރަށް މަތީ އިންސައްތައަކުން އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމުން ހެޔޮ އަސަރުތަކެއް ކުރާކަމަށް ޤަބޫލުކުރާތީއެވެ.

           މި ދިރާސާއަކީ ސީދާ އަޅުގަނޑު ކުރި ދިރާސާއަކަށް ވުމުން ދިރާސާގެ ޞައްޙަކަން އިތުރަށް ކަށަވަރު ވެއެވެ. އެގޮތުން އަޅުގަނޑުގެ ޙާޟިރުގައި ފޯމުތައް ފުރުމާއި އަމިއްލައަށް ނަތީޖާ އެނަލަސިސް ހެދުމުން މީގެ އިތުބާރު ބޮޑުވެގެން ދެއެވެ. ގްރާފުތަކާއި ޗާޓުތަކުން ދެއްކިފައިވާ މަޢުލޫމާތު ތަކަކީ އިސްވެ ދެންނެވި މަޢުލޫމާތު ތަކަށް އަޅުގަނޑު ތައްޔާރު ކޮށްފައިވާ ޗާޓުތަކާއި ގްރާފު ތަކެކެވެ. ވުމާއެކު މި ދިރާސާގެ ސާބިތުކަން އިތުރަށް ބޮޑުވެގެން ދެއެވެ.

           މި ފަދަ ދިރާސާއެއް ކުރުމުގައި މަދަރުސާގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަކީ ދިރާސާގެ ނަތީޖާ އިތުރަށް ފުރިހަމަވެގެން ދާނެ ކަމެއްކަމަށް ދެކެމެވެ. ހަމަ އެހެންމެ އެހެން ސްކޫލުތަކުގެ ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންގެ ޚިޔާލު ބޭނުންކުރުމަކީ މި ދިރާސާ މުޅި ރާއްޖެއަށް ފުޅާކޮށް، ރާއްޖޭގެ ސްކޫލުތަކުގައި އިތުރު ޙަރަކާތްތަކުން ދަރިވަރުންނަށް ކުރާ އަސަރު ދެނެގަތުމަށް ބޭނުންކުރެވިދާނެ ދިރާސާ އަކަށް ވާނެ ކަމެކެވެ. އެހެންނަމަވެސް މިއީ ލިބިފައިވާ ވަގުތާއި ހަވާލުކުރެވިފައިވާ މަސައްކަތުގެ ބާވަތުން ކުޑަ ދިރާސާއަކަށް އަމާޒު ކުރެވިގެން ކުރެވުމު މަސައްކަތެކެވެ. އެކަށީގެންވާ ވަގުތު ލިބިގެން މުޅި ރާއްޖެއަށް ފުޅާކުރެވިގެން މިފަދަ ދިރާސާއެއް ކުރެވިއްޖެނަމަ ބޭނުންތެރި މުހިއްމު މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރަމެވެ.

ނިންމުން
           މި ދިރާސާގައި އަޅުގަނޑު ބޭނުންވީ ސްކޫލުތަކުގެ ދަރިވަރުން ކިޔެވުމުގެ އިތުރުން، އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމުން ލިބޭ ފައިދާތައް ހޯދާ ހާމާކުރުމެވެ. ޒާހިޔާ ޒަރީރު ވިދާޅުފާ ފަދައިން ސްކޫލް ކުދިންނަކީ ކިއެވުމުގެ އިތުރަށް ސްކޫލުގައި ހިންގޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭ ކުދިންކަން ދިރާސާއިން ސާބިތުވެއެވެ. އަދުނާނު ޚާމިސް ހާމާކުރާ ފަދައިން ސްކޫލުތަކުގައި ހިންގޭ އިތުރު ޙަރަކާތްކުން މުދައްރިސުންނާ ދަރިވަރުންގެ ދެމެދު އޮންނަ ގުޅުން ބަދަހިވެގެން ދާކަމީ، އިތުރު ޙަރަކާތްތައް ހިންގަން ޖެހޭކަން ސާބިތުވާ ކަމެކެވެ. ދަރިވަރުން ކިޔެވުމަށް ޝައުޤު އުފެއްދުމަށާއި އާއްމު ދިރިއުޅުމަށް ތައްޔާރުކުރުމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ. ހަމަ އެއާއެކު ދަރިވަރުން އިމްތިހާނުތައް ހެދުމުގަ އާއި ކިޔެވުމުގެ ތެރެއިން ދިމާވާ ހާސްވެ ކަންބޮޑުވުންފަދަ ޙާލަތްތަކުން އަމިއްލައަށް އަރައިގަނެވެއެވެ. ހަމަ އެހެންމެ އިސްނެގުމާއެކު، އެހެންމީހުންނާ ވާދަކޮށް ކުރިއަރައިދިއުމުގެ ރޫޙް އިތުރުވެގެން ދެއެވެ.
           ޒިލް އާއި ނޯޑް އަދި ލޫމިސް ބަޔާންކުރާ ފަދައިން ގިނަވަގުތު ޙަރަކާތްތަކުގައި އުޅުމުގެ ސަބަބުން ވިޔާނުދާ ކަންތައްތަކަށް ދިއުމުގެ ފުރުޞަތު ކުޑަވެއެވެ. މަސްތުވާ ތަކެއްޗާއި،ރަގަނޅު ރަޙްމަތްތެރިން އިޚްތިޔާރުކުރުމާއި ޅަފަތުގައި މީހުންނާ އިނުންދަ ޚިޔާލުތަކުން  ދުރުކޮށްދެއެވެ. ކިޔެވުމަކީ ހަމައެކަނި މަޢުލޫމާތުތަކެއް އެނގުމެއް ނޫނެވެ. ތަފާތު ހުނަރުތައް އެކުލެވޭ ގޮތަށް މުޖުތަމަޢުމުގައި ޒިނަމާދާރު ކަމާއެކު އުޅޭވޭނެ ފަރުދަކު ތައްޔާރު ކުރުމެވެ. އެކަން ކުރެވޭނީ ބޭނުންވާ ތަފާތު ހުނަރުތައް ދަސްކޮށްދެވިގެންނެވެ. ޢަބްދުﷲ އިބްރާހިމް ހާމަކުރާ ފަދައިން މަތީ ކާމިޔާބީޙާޞިލްކުރުމުގައި އިތުރު ޙާރަކާތްތަކުދެ ދައުރު ވަރަށް ބޮޑެވެ.
           އެލިސަން ހާމާކުރާ ގޮތުގައި އިތުރު ޙަރަކާތުގެ ސަބަބުން ދަސްކުރާ ޢިލްމެއްގެ ބޭނުން ޢަމަލީ މައިދާނުގައި ހިފުމަށް މަގުފަހިވެގެން ދެއެވެ. އެކަމުގެ ސަސަބުބުން ދަސްކުރާ އެއްޗެއް ގިނަދުވަހަށް ހަނދާނުގައި ބެހެއްޓމަށް މަގުފަހިވެގެންދާނެ ޔަޤީނެވެ. އިޖުތިމާޢީގޮތުން ޤާބިލްމީހަކަށް ވުމުގެ ފުރުޞަތު ބޮޑެވެ. މިކަންކަމުން އެނގި ހާމަވެގެން ދަނީ ކިޔަވައި ދިނުމުގެ އިތުރުން ސްކޫލުތަކުގައި އިތުރު ޙަރަކާތްތައް ހިންގުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމެވެ. ޤައުމީ މަންޙަޖުގައި ބަޔާންކުރާ ފަދަ އުނގެނުމަށް ޝައުޤްވެރިވާ، އިސްލާމީ ޢަޤީދާ ވަރުގަދަ، ޒިންމާދާރު، އަދި އުފެއްދުންތެރި ފަރުދަކު ބިނާ ކުރުމުގައި އިތުރު ޙަރަކާތުގެ މުޙިއްމުކަމެވެ.  ހަރުދާނާ އިސްލާމީ ޢަޤީދާއެއްގެ މައްޗަށް ބިނާވެ، އަމިއްލަވަންތަކަން ދަމަހައްޓައި، އާދަކާދައާއި ޘަޤާފަތަށް ހުރުމަތްތެރިކޮށް ހިތައި،  އަމިއްލަ ނަފުސުގެ ޤާބިލްކަން އެނގި އޭގެ މައްޗަށް އިތުބާރުކުރާ ކަންކަމަށް ކުރިމަތިލާ ފަރުދަކު އުފެއްދުމުގައި ގިނަ ޙަރަކާތްތަކެއް ހިންގަން ޖެހޭކަމެވެ. މީގެ އިތުރުން އުނގެނުމަށް ޝައުޤްވެރި، ކަންކަން ތަޖުރިބާ ކުރުމަށް ލޯބިކުރާ، ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފައި އާއިލާއަށާއި މުޖުތަމަޢަށް ފައިދާކުރާ ޒިންމާދާރު ފަރުދަކު އުފެއްދުމުގައި ރޭވުންތެރިކަމާއެކު ހަމަހަމަ ފުރުޞަތު ތަކެއް ދީގެން ހިންގޭ އިތުރު ޙަރަކާތްތަކެއް ކޮންމެ ސްކޫލެއްގައި އޮތުމުގެ މުހިއްމުކަމެވެ.


           އަޅުގަނޑު ދެކޭގޮތުގައި މިފަދަ ދިރާސާއަކީ ކޮންމެ ސްކޫލަކަކަށްވެސް ވަރަށް މުހިއްމު ބޭނުންތެރި ދިރާސާއެކެވެ. ސަބަބަކީ އިތުރު ޙަރަކާތްތަކާމެދު ދަރިވަރުންނާ މުދައްރިސުން އަދި ބެލެނިވެރިން ދެކޭގޮތް ބަލައި، ކަމުގެ ޙަޤީޤަތް ހާމަކުރުމެވެ. ކަމެއް އޮންނަގޮތް ނުވަތަ ރަނގަޅުގޮތް ބުނެލުމުގެ ބަދަލުގައި ޢަމަލީ މަސައްކަތްތަކެއް ކޮށް، އެކަމުން ފެނުނު ނަތީޖާ ޤަބޫކުރަން މާ ފަސޭހަ ވާނެތީއެވެ. ހަމަ އެހެންމެ މިފަދަ މަސައްކަތެއް ހަމައެކަނި ސްކޫލުން އެކަނި ކުރުމުގެ ބަދަލުގައި ބެލެނިވެރިން ލައްވާ ކުރުވުމަކީވެސް މިކަމުގެ ސަބަބުން ޙާޞިލްކުރަން ބޭނުންވާ ނަތީޖާއަށް ވާޞިލްވުމަށް މަގުތަނަވަސްވެގެން ދާނެ ކަމެއްކަމުގައި ދެކެމެވެ. އެކަމުގެ އެދެވޭ އަސަރު ކުރާނެ ކަމެއްކަމުގައި ޤަބޫލުކުރަމެވެ.

No comments :

Post a Comment