ސްޓޫޑެންޓް ސެންޓަރޑް ލާރނިން އާއި ޓީޗާރސް
ސެންޓަރޑް ލާރނިން ބޭނުންކުރުން.
އުފެއްދުންތެރި ފިލާވަޅެއް
ރޭވިދާނެ ތަފާތު މެތަޑްތައް ހުރެއެވެ. އެގޮތުން ކުލާސްރޫމް ޑިސްކަޝަންއާއި،
ކޯޕަރޭޓިވް ލާރނިންއާއި، ސްމޯލް ގްރޫޕް ވޯކު ހިމެއެވެ. މީގެ އިތުރުން ޕްރޮބްލަމް
ސޯލްވިންގ އާއި،ޕާރފޯމެންސް އެކްޓިވިޓީގެ އިތުރުން ރިސާޗުހެދުން ފަދަ މެތަޑްތައް
ހިމެނެއެވެ. މި ގޮތްތަކުގެ ތެރެއިން އަޅުގަނޑު އިޚްތިޔާރު ކުރީ ކޯޕަރޭޓިވް
ލާރނިންގ މެތަޑެވެ.
ކޯޕަރޭޓިވް ލާރނިން އަކީ ގުޅިގެން އެއްބާރުލައިގެން ކިޔަވައިދިނުމުގައި
ކުދި ގުރޫޕްތަކެއްގައި، އެހީތެރިކަން ފޯރުކޮށްދީގެން
އުނގެނުން ކުރިއަށް ގެންދިޔުމުގެ އުސޫލެވެ. އުނގެނުމަށްޓަކައި ކަނޑައަޅާ ލަނޑުދަނޑިތައް
ހުންނަންވާނީ ގުޅިގެން ، ވާދަވެރި ގޮތެއްގައި ނުވަތަ
އަމިއްލަ ހުނަރު ތައް ދައްކުވައިދީގެން ޙާޞިލު ކުރެވޭ ފަދަ ގޮތަކަށް ބައްޓަން
ކުރެވިފައެވެ. ތައްޔާރު ކުރެވޭ ލެސަން ޕްލޭނާ އެއްގޮތަށް ފިލާވަޅުތައް ކުރިޔަށް
ގެންދިއުމަށް މި އުސޫލު ވަރަށް ބޮޑަށް މަގުފަހި ކޮށްދެއެވެ. ހަމަ އެފަދައިން ދަރިވަރުންނަށް
އިތުރަށް ދޭން ބޭނުންވާ އިރުޝާދުތައް ވަކިވަކިން ދިނުމަށް ފުރުޞަތު ލިބި، އެއްކޮށް
މަސައްކަތް ކުރާއިރު އެކި ކުދިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެވި، އެއްކޮށް މަސައްކަތް ކުރުމަށް ދަރިވަރުންނަށް ފުރުޞަތު ތަނަވަސް
ކޮށްދެވެއެވެ. ގުރޫޕު މަސައްކަތްތައް ކާމިޔާބު ކަމާއިއެކު ނިންމާލުމަށްޓަކައި
ގުރޫޕްގެ ހުރިހާ ދަރިވަރުންގެ އެހީތެރިކަން ވަރަށް މަތީ ދަރަޖައަކަށް ލިބިގެން
ދެއެވެ. ގުރޫޕުގެ ކޮންމެ މެންބަރަކުވެސް، އެހެން މެންބަރުންނާއި
ގުޅިގެން، އުފުލަންޖެހޭ ވަކި ޒިއްމާތަކެއް ހުރުމުގެ ސަބަބުން ބަރާބަރަށް
މަސްއޫލިއްޔަތު އަދާކުރުމުގެ އާދަ އަށަގަނެއެވެ.
ގުޅިގެންއުނގަންނައިދިނުމުގައި ކާމިޔާބު ހޯދަން ދަރިވަރުން
އިތުރަށް މަސައްކަތް ކުރާނެއެވެ. އެގޮތުންގިނަކުދިންގެ ނަތީޖާ ރަނގަޅުކުރާނެއެވެ.
އެކުދިންކިޔަވާ އެއްޗެހި ދިގު މުއްދަތަކަށް ހަނދާނުގަ ހުންނާނެއެވެ.
އެދަރިވަރުންގެ އަމިއްލަ ނަފުސަށް ހިތްވަރު ލިބޭނެއެވެ. އަދި ހަމައެހެންމެ
ކިޔެވުމަށް ގިނަވަގުތު ހޭދަކުރެވޭނެއެވެ. ފިކުރުކުރުމުގެ ހުނަރާ މައްސަލަ ހައްލު
ކުރުމުގެ ހުނަރު އިތުރުވާނެއެވެ. ކުދިންގެ މެދުގައި އޮންނަގުޅުން
ހަރުދަނާވާނެއެވެ. މީގެތެރޭގައި ރޫހާނީގޮތުން ތަރައްޤީވުމާއި އެކަކު އަނެއްކަކަށް
އަޅާލުމާއި ތަފާތު ފިކުރުގެ ކުދިން އެކުވެރިވުމާއި އަދި ގުޅިގެން މަސައްކަތް
ކުރުން ހިމެނެއެވެ. ނަފުސާނީ ގޮތުން ހިތްހަމަޖެހުމާ އަމިއްލަ އިހުސާސްތަކާ
ބޭނުންތައް ދެނެގަތުމުގެ ކުޅަދާނަކަން ލިބުމާއި އިޖުތިމާއީ މާހައުލެއްގައި އުޅެން
ދަސްވުމާއި އަމިއްލަ ނަފްސަށް އިތުބާރުކުރެވި ގޮންޖެހުންތަކާ ކުރިމަތިލާން
ދަސްވެއެވެ.
ކޯޕަރޭޓިވް
ލާނިންގ އަކީ ކާމިޔާބުކާމާއި އެކު އެކި ފެންވަރުގެ ކުދިން ބޭނުންކޮށްގެން
ކިޔަވައިދެވިދާނެ ގޮތެކެވެ. ގުޅިގެން އުނގެނުން ކުރިއަށް ދާއިރު އެއްކުޖަކު ކަމެއް
ކާމިޔާބު ކުރިޔަސް އެކާމިޔާބީ އެހެން ދަރިވަރުން ހިއްސާ ކުރާނެއެވެ. އެހެންކަމުން
ތަފާތުވައްތަރުގެ ކިޔަވައިދިނުމުގެ ހަރަކާތްތައް ބޭނުންކޮށްގެން ފިލާވަޅުކުރިއަށް
ގެންދިޔުމަކީ ގުޅިގެންއުނގެނޭ މާހައުލެއްގައި ވަރަށް ފަސޭހަކަމެކެވެ. މިގޮތަށް
ކިޔަވައި ދިނުމުން އެއްކުއްޖަކަށް އެނގިފައިވާ އެއްޗެއް އަނެއްކުއްޖަކަށް ބުނެދީ
އަދި ކުދިންގެ މެދުގައި އެނގިފައިވާ އެއްޗެއް ބުނެދިނުމަށް ނުވަތަ ވާހަކަ ދެއްކުމުގައި
އެއްކުއްޖަކު އަނެއްކުއްޖަކަށް ކެއަރކޮށް ޝެއަރ ކުރުމުގެ ފުރުޞަތު ބޮޑުވާނެއެވެ.
ގުޅިގެން
މަސައްކަތް ކުރުމާއި، ވާދަވެރި ގޮތެއްގައި މަސައްކަތް ކުރުމުގެ އެންމެ
ބޮޑުތަފާތަކީވެސް މިއެވެ. ވާދަވެރި ގޮތެއްގައި މަސައްކަތް ކުރާ ކުދިބަޔަކު
އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށްވެސް މަސައްކަތް ކުރާނެއެވެ. އަދިއެއްކުއްޖަކަށް
އެނގިފައިވާ އެއްޗެއް އަނެއްކުއްޖަކަށް ބުނެދީ އެހީތެރި ވެދޭކަށްވެސް ބޭނުމެއް ނުވާނެއެވެ.
ފާއިތުވެދިޔަ
90 އަހަރުގެ ތެރޭގައި ކުރެވިފައިވާ ދިރާސާތަކުގެ ޢަދަދު 600 އަށްވުރެ ގިނައެވެ.
ގިނަޢިލްމްވެރިންވަނީ ގުޅިގެން އެއްބާރުލައިގެން އުނގެނުމާއި، ވާދަވެރި
މާހައުލެއްގައި އުނގެނުމާއި،
ވަކިވަކި ދަރިވަރުންގެ މަސައްކަތުގެ މައްޗަށް ބަރޯސާވެގެން އުނގެނުމުގެ ކާމިޔާބުގެ
މައްޗަށް ބަލާދިރާސާ ކޮށްފައެވެ. މިދިރާސާދައްކާގޮތުން ލެކްޗަރ އުޞޫލުން
ކިޔަވައިދިނުމަށްވުރެ ދަރިވަރުންނާއި ގުޅިގެން އެއްބާރުލައިގެން އުނގެނުމަކީ މާ
ފައިދާހުރި ރަގަޅު ގޮތެއްކަމުގައި ފާހަގަކުރެވިފައިވެއެވެ.
މި ގޮތް އަޅުގަނޑު އިޚްތިޔާރުކުރީ ކޯޕަރޭޓިވް
މެތަޑަށް ފިލާވަޅު ރޭވުމުން ހުރިހާ ގޮތަކުން ބެލިޔަސް ދަރިވަރުންނަށް
ފައިދާވާނެކަމަށް ޤަބޫލުކުރެވޭތީއެވެ. އެގޮތުން ދަރިވަރުން ފިލާވަޅުގައި ބޮޑަށް
ބައިވެރި ކުރުވެއެވެ. ކޯޕަރޭޓިވް މެތަޑް ބޭނުންކުރުމުން މުދައްރިސަށް ވަރަށް
ބޮޑަށް ލުއިވެގެން ދާނެއެވެ. ކުލާސް ކޮންޓްރޯލް ކުރުމަށް ވަރަށްބޮޑަށް
ފަސޭހަވެގެން ދާނެއެވެ. ހަމަ އެއާއެކު ދަރިވަރުންގެ ފަރާތުން ދިމާވާ ކިޔެވުމާ
ނުގުޅޭ ކަންތައްތައް ހުއްޓުވުމަށް އެޅިގެންދާ ވަރަށްބޮޑު ބާރަކަށް ވެގެންދާނެއެވެ.
ދަރިވަރުން ފިލާވަޅުގައި އަމަލީގޮތުން ބައިވެރިވެ ގިނަވަގުތު އުޅެން ޖެހުމުގެ
ސަބަބުން ކިޔެވުމާ ނުގުޅޭ ބޭކާރު ކަންތައްތައް ކުރުމުން އެކުދިން އެއްފަރާތް
ކުރެވޭއެވެ. މައްސަލަ ޙައްލު ކުރާނެގޮތް އަނގަބަހުން ބުނެދިނުމާއި، އެއްދަރިވަރަކަށް
ލިބިފައިވާ މަޢުލޫމާތު އެހެން ދަރިވަރުންނާއި ޙިއްޞާކުރެވިގެން ދެއެވެ. މިފަދަ މަސައްކަތުގެ ތެރެއިން ދަސްކުރެވިފައިވާ އެއްޗަކާއިމެދު މަޝްވަރާކުރެވުމުގެ އިތުރުން ކުރިން
އުނގެނިފައިވާ މަޢުލޫމާތުތައް ގުޅުވައިލަން ދަސްވެގެން ދެއެވެ. ކަން މިހެން
ހުރުމާއެކު ކޯޕަރެޓިވް ލާރނިންގެ ތެރެއިން ދަރިވަރުންގެ ތަފާތު ހުނަރުތައް
ކުރިއަރައި ދިއުމަށް މަގުފަހިވެގެން ދެއެވެ. އެގޮތުން ދަރިވަރުންނަށް މުޖުތަމަޢުގެ
ތެރޭގައި އުޅޭއުޅުމުގައި ބޭނުންވާ އިސްނަގައިގެން މަސައްކަތްކުރުމާއި ކަންކަމުގައި
ގޮތް ނިންމުމާއި، އެހެން މީހުންނަށް އިތުބާރުކޮށް ކަންކަން ރާވާ ހިންގުމުގެ ހުނަރު
ލިބިގެން ދެއެވެ.
ލިޓްރޭޗަރ ރިވިއު
ޓީޗާރސް ސެންޓަރޑް ލާނނިން ތިއަރީ
އަކީ އެންމެ ފުރަތަމަ ކިޔަވައި ދިނުމުގައި އާއްމުކޮށް ބޭނުންކުރެވުނު ތިޔަރީއެވެ. މިއީ
މުދައްރިސްގެ ދައުރު ވަރަށް ބޮޑު އުސޫލެކެވެ. މިއާ ޚިލާފަށް ސްޓޫޑެންޓް ސެންޓަރޑް
ލާނނިން ތިއަރީ ދަރިވަރުން
ބައިވެރިކޮށްގެން އެކުދިންގެ ބައިވެރިވުން ބޮޑުކޮށް މުދައްރިސްގެ ދައުރު ކުޑަކޮށް
ކިޔަވައިދެވޭ އުސޫލެކެވެ. މި ދެ އުސޫލުގެ ފައިދާ އާއި ގެއްލުމާއި ބެހޭގޮތުން
މަޝްހޫރު ގިނަ ތިއަރިސްޓުން ވާހަކަ ދައްކާފައި ވެއެވެ.
ލީ
އާއި އޭނައިގެ ބައިވެރިން (2003) ގައި ހެދި ދިރާސާއިން ހާމަވާ ގޮތުގައި
އުނގަންނައި ދިނުމުގައި ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުމުން،
ދަރިވަރުންގެ ހުނަރުތައް އިތުރަށް ތަރައްޤީވެ، ދޭހަވާ މިންވަރު އިތުރުވެގެން ދާކަމަށް
ފާހަގަ ކުރެވިފައި ވެއެވެ. ލޮންކާ އާއި އަހުލާ (1995) ބަޔާންކުރާ ގޮތުގައި ދަރިވަރުން
ބައިވެރިކޮށްގެން އުނގަންނައި ދިނުން ބައްޓަން ކުރުމުން ދަރިވަރުންގެ
އެއްބާރުލުމާއި ބައިވެރިވުން ލިބޭ މިންވަރު އިތުރު ވެއެވެ. މިއީ ކޯޕަރޭޓިވް
ލާރނިންގެ މައިގަނޑު އަސާސެވެ. ދަރިވަރުންގެ ބައިވެރިވުން ލިބުމަކީ ފިލާވަޅެއް
ކާމިޔާބު ކުރުމަށް ލިބިގެންދާނެ އެންމެ ބޮޑު ބާރެވެ. އެހެންކަމުން ކޯޕަރޭޓިވް
ލާރނިންގެ އުސޫލު ބޭނުން ކުރުމުން ގިނަގުނަ ފައިދާތަކެއް ދަރިވަރުންނަށް ކުރެއެވެ.
ޖޯންސަން އެންޑް ހޮލިއުބެކް (1998) ބުނާގޮތުން
ކޯޕަރޭޓިވްލަރނިންގ އިން މައިގަނޑު 3 ފައިދާއެއް ލިބެއެވެ. ގުޅިގެންއުނގަންނައިދިނުމުގައި
ކާމިޔާބު ހޯދަން ދަރިވަރުން އިތުރަށް މަސައްކަތް ކުރާނެއެވެ. އެގޮތުންގިނަކުދިންގެ
ނަތީޖާ ރަނގަޅުކުރާނެއެވެ. އެކުދިންކިޔަވާ އެއްޗެހި ދިގު މުއްދަތަކަށް ހަނދާނުގަ
ހުންނާނެއެވެ. އެދަރިވަރުންގެ އަމިއްލަ ނަފްސަށް ހިތްވަރު ލިބޭނެއެވެ. އަދި ހަމައެހެންމެ
ކިޔެވުމަށް ގިނަވަގުތު ހޭދަކުރެވޭނެއެވެ. ފިކުރުކުރުމުގެ ހުނަރާ މައްސަލަ ހައްލު
ކުރުމުގެ ހުނަރު އިތުރުވާނެއެވެ. އަދި ކުދިންގެ މެދުގައި އޮންނަގުޅުން ހަރުދަނާވާނެއެވެ.
މީގެތެރޭގައި ރޫހާނީގޮތުން ތަރައްޤީވުމާއި އެކަކު އަނެއްކަކަށް އަޅާލުމާއި ތަފާތު
ފިކުރުގެ ކުދިން އެކުވެރިވުމާއި އަދި ގުޅިގެން މަސައްކަތް ކުރުން ހިމެނެއެވެ. ހަމައެހެންމެ، ނަފްސާނީ
ގޮތުން ހިތްހަމަޖެހުމާ އަމިއްލަ އިހުސާސްތަކާ ބޭނުންތައް ދެނެގަތުމުގެ
ކުޅަދާނަކަން ލިބުމާއި އިޖުތިމާއީ މާހައުލެއްގައި އުޅެން ދަސްވުމާއި އަމިއްލަ ނަފުސަށް
އިތުބާރުކުރެވި ގޮންޖެހުންތަކާ ކުރިމަތިލާން ދަސްވެއެވެ. މަޒުމޫނު ލިޔުންފަދަ
ފިލާވަޅުތައް ގެންދިއުމުގައި މިއީ ވަރަށް ކާމިޔާބު އުސޫލެކެވެ. ސަބަބަކީ ގިނަ މަޢުލޫމާތު
ހިމަނައިގެން ލިޔަންޖެހޭ މިފަދަ ލިޔުންތަކަކީ ވަކިވަކި ދަރިވަރުން އެކަނި ކުރުމަށް
އެހާ ޝަޢުޤް ހުންނަ ލިޔުންތަކެއް ނޫނެވެ. އެހެންކަމުން އެކި ކުދިންގެ ޚިޔާލާ
މަޝްވަރާގެ މަތިން މިފަދަ މަސައްކަތްތައް ކުރުމަށް ފުރުޞަތު ދިނުމަކީ ކުދިން ކުރާ
ހިތުން ކުރުމަށް މަގު ފަހުވެގެން ދާނެ ކަމެކެވެ.
ސިމޮން (1999) ހާމަކުރައްވާ ގޮތުގައި ސްކޫލުގައި
ވީހާވެސް ބޮޑަށް ދަރިވަރުން ބައިވެރި ކޮށްގެން ކިޔަވައިދޭއިރު، ކޮންމެ ދަރިވަރަކީ
ވަކިވަކި ހުނަރުތަކެއް ހުންނަ ދަރިވަރަކަށް ވީއިރު، ހުރިހާ ދަރިވަރުންނަށް ދޭންވާ
ސަމާލުކަން އެންމެ އެކަށީގެންވާ ގޮތުގައެއް ނުދެވެއެވެ. އެޑްވާރޑް (2001) ވެސް
ވަނީ މިކަމަށް ތާޢީދުކޮށް ވާހަކަ ދައްކާފައެވެ. މިފަދަ ކަންތައް ތައް މިހެން
ހުރުމަކީ މުދައްރިސުން ބައެއްފަހަރު ކޯޕަރޭޓިވް ލާރނިން އުސޫލުތައް ގެންދިއުމަށް
ފަސްޖެހޭ ކަންތަކެވެ. ވަކިވަކި ދަރިވަރުންގެ މަސައްކަތްތައް އެންމް އެކަށީގެންވާ
ގޮތުގައި ވަޒަންކުރުމަށް އުނދަގޫ ވުމަކީ މުދައްރިސުންނަށް އޮތް ވަރަށް ބޮޑު
ގޮންޖެހުމެކެވެ.
ބްރެޑޯ
(1999) ބާޔާންކުރައްވާ ގޮތުގައި ދަރިވަރުން އަމިއްލައަށް އުނގެނުމުގެ މި
ޚިޔާލުގައި އުނގެނެން ވީ މަގު ނުވަތަ ރާސްތާ ކަނޑައަޅަނީ ދަރިވަރު އަމިއްލައަށެވެ.
މިކަމުގެ ސަބަބުން ދަރިވަރުންގެ ކިބާގައި އަށަގަންނުވަންޖެހޭ އިޖުތިމާޢީ ރޫޙް
ނުވަތަ އެއްބައިވަންތަކަން ނެތިގެން ދާގޮތް ވެއެވެ. މިކަމުގެ ސަބަބުން އެކި
ކުދިންގެ ޚިޔާލު ތަފާތުވެ އުނގެނުމުގެ މަގެއް ކަނޑައެޅުމުގައި ދަތިތަކެއް ކުރިމަތި
ވެއެވެ. މިއީވެސް ކޯޕަރޭޓިވް ލާރނިން ގެންދިއުމަށް މުދައްރިސުން ފަސްޖެހޭ
އެއްކަމެވެ. އޯސަލިވެން (2003) ހާމަކުރާ ގޮތުގައި ތަރައްޤީ ނުވާ ޤައުމުތަކުގައި ދަރިވަރުން
ބައިވެރި ކޮށްގެން ކިޔަވައިދިނުން ކުރިއަށް ގެންދިއުމަކި އެހާ ކާމިޔާބު ގޮތެއް
ނޫނެވެ. ސަބަބަކީ މިގޮތަށް ކިޔަވައިދޭން ބޭނުންކުރާ އެންމެ އެކަށީގެންވާ
ވަޞީލަތްތައް ނުލިބުމުގެ ދަތިކަން ކުރިމަތި ވުމެވެ. މިފަދަ ގޮތްތަކަށް
އުނގަންނައިދިނުން ކުރިއަށް ގެންދެވޭނީ ބޮޑެތި ކުލާސްރޫމުތަކުގައި އެކިކަހަލަ
ތަފާތު މާޙައުލުތަކާ ގުޅުވައިގެން ކަމަށް ވާތީއެވެ. އިސްވެ ބަޔާންކުރެވި ދިޔަ
ފަދައިން އާއްމުކޮށް ދިވެހިރާއްޖޭގެ ސްކޫލުތަކުގެ ލުކާސްރޫމު ތަކަކީ ޖާގައިގެ ގޮތުން
އެހާ ތަނަވަސް ތަންތަނެއް ނޫނެވެ. އެހެންކަމުން ކުލާސްރޫމުގެ ޙަރަކާތްތައް
ރާވާއިރު ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން ކުޑަމިނުން
ގްރޫޕް ތަކެއް ހެދުމަށްޓަކައި އެކަށީގެންނުވާ
މާގިނަ ވަގުތު ހޭދަވާތަން އާދެއެވެ. މި ސަބަބަށްޓަކައި ކޮންމެ ކޮންމެ
ކުލާސްރޫމެއްގައި ކޯޕަރޭޓިވް ލާރނިންގެ އުސޫލު ގެންދިއުން އެއީ ދަތިކަމަކަށް
ވެދާނެއެވެ.
ބްލެކް (1999) ހާމަ ކުރައްވާ ގޮތުގައި
ދަރިވަރުން ބައިވެރި ކޮށްގެން ކިޔަވައިދިނުން ކުރިއަށް ގެންދާއިރު، ކިޔަވައިދިނުމުގެ
ތެރޭގައި ވަޒަންކުރުމަށް ދަތިތަކެއް ކުރިމަތި ވެއެވެ. އެގޮތުން މާކުސް ދިނުމަށް
ގްރޭޑެއް ކަނޑައެޅުމަށާއި، ދަރިވަރުންގެ މެދުގައި އުފެދޭ ވާދަކުރުމުގެ ރޫޙުގެ
ސަބަބުން އަމިއްލަ ކުރި އެރުމަށާއި ތަރައްޤީ އަށް ދަރިވަރުންދޭ ސަމާލުކަން
ކުޑަވާތަން އާދެއެވެ. ޕިއާރޖޭ (1954) ހާމަކުރައްވާ ގޮތުގައި ބޮޑުމީހަކަށް ވަރަށް
އާދައިގެ ކަމަކަށްވާ ވިސްނުމުގެ ބައެއް ގޮތްގޮތް ކުޑަކުއްޖަކަށް އެއީ އާދައިގެ
ގޮތަކަށް ވިސްނުން ކަމަށް ނުވެ ހިނގައިދާނެއެވެ. އަހަރެމެން ބޮޑެތި މީހުންނަށް
އެއީ ވަރަށް މޮޅުކަމަކަށް ނުވާ ކަމެއްވެސް ދަރިވަރަށް އެއީ ވަރަށް މޮޅު
ކަމަކަށްވެސް ވެދާނެއެވެ. އެހެންކަމުން ކުދިންގެ ޙަރާކަތްތައް ބަލައިގެން
ވަޒަންކުރުމުގައި ދަތި އުނދަގޫ ކަންތައްތަކެއް އެބަހުއްޓެވެ.
ސީގްލާރ
(2000) ހާމަކުރާ ގޮތުގައި ކުދިން ހެދި ބޮޑުވަމުން ދާއިރު، ސިކުނޑި ތަރައްޤީވަމުން
ދާ މަރުޙަލާގައި އެކުދިން ސަމާލުކަން ފޯކަސްކުރުމަށް ވަރަށް ބޮޑަށް ކުޅަދާނަވަމުން
ދެއެވެ. އަދި ފަސޭހަކަމާއެކު ވިސްނުމުގެ ސްޓްރެޓެޖީތައް ބޭނުންކުރަން ފަށައެވެ.
ކުދިން ބޮޑެތިވަމުންދާ ވަރަކަށް ބުއްދި ޤަބޫލުކުރާ ގޮތަށް ވިސްނުމަށާއި، މައްސަލަ ހައްލުކުރުމަށްޓަކައި ރަނގަޅު ޤަވާޢިދުތަކާއި ސްޓްރެޓެޖީތައް
އުފައްދަމުން ދެއެވެ. ގުދުރަތީގޮތުން ލައްވާފައިވާ މިފަދަ ހުނަރުތައް ތަރައްޤީ
ކުރެވޭފަދަ ގޮތަކަށް އަޅުގަނޑުމެންގެ ކިޔަވައިދިނުން ބައްޓަން ކުރުމަކީ ވަރަށް
މުހިއްމު ކަމެކެވެ. އެހެނީ ކިޔަވައިދިނުމަކީ ކުއްޖާގެ ސިކުނޑި ފުރިހަމަ
ކޮށްދިނުމަށް ކުރާ މަސައްކަތަކަށް ވާތީއެވެ.
ބަންދޫރާ
(1986) ބަޔަންކުރާ ގޮތުގައި މީހުން ކުރާ ކަންތައްތައް ވިސްނުންތެރިކަމާއެކު
ބަލައިގެން، އެހެން މީހުން ކުރާ ކަނަތްތައް ކުރަން ދަސްކުރެއެވެ. މިގޮތުން ވަކި
ސްލޫކެއް ދަސްވުމުގެ އިތުރުން ވަކި ޙާލަތެއްގައި އެ ސްލޫކު ގެންގުޅެފިނަމަ،
އެކަމުން ނިކުންނާނެ ނަތީޖާ ދަސްވެގެން ދެއެވެ. ވުމާއެކު ދަރިވަރުންނަށް ތަފާތު
ޙަރަކާތްތަކުގައި ބައިވެރިވެވޭނެ ގޮތަށް ފިލާވަޅުތައް ފަރުމާކުރުން ވަރަށް
މުހިއްމެވެ. ކިޔެވުމުގެ ތެރެއިން އެކިއެކި ކަންކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު
ދޭންޖެހެއެވެ. ތަޖުރުވާރމާ ކެނޑްލިސް (2008) ބަޔާންކުރާ ގޮތުގައި ތަޖުރުބާ އާއި
ޑައިރެކްޓް ޓީޗިން މެތަޑަށް ކިޔަވައި ދިނުމުން ސިކުނޑީގެ އޯގަނައިޒޭޝަން
ނިޒާމަށާއި، ސްޓްރަކްޗަރަލް ނިޒާމަށް ބަދަލު ގެނުވައެވެ. މާގްރެޓް ޑިލަޒާރ (2005)
ހާމަކުރާ ގޮތުގައި ސަޤާފީ ގޮތުން ތަފާތުވާ ޙާލަތްތަކުގައިވެސް ދަރިވަރުންގެ
ސިކުނޑީގެ ޙަރަކާތްތަކަށް ބަދަލު އާދެއެވެ. މިކަންކަމުން އެނގިގެންދަނީ ކޯޕަރޭޓިވް
އުސޫލުން ދަރިވަރުންނަށް އުނގަންނައި ދިނުމުގެ މުހިއްމު ކަމެކެވެ. ގިނަ
ޙަރަކާތްތަކުގައި ބައިވެރިކޮށްގެން، ތަފާތު މައްސަލަތައް ހައްލުކުރުމުގެ ތެރެއިން
އުނގަންނައި ދިނުން ކުރިއަށް ގެންދިއުމުން ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް
ފައިދާ ވާނެކަމެވެ.
އިސްވެ
ބަޔާންކުރެވު ތިޔަރީ ތަކުންވެސް ފާހަގަ ކުރެވުނު ގޮތުގައި ކޯޕަރޭޓިވް ލާރނިން
ބޭނުން ކުރުމުން ދަރިވަރުންނަށް ކުރާ ފައިދާ އެތައް ގުނައަކަށް
އިތުރުވެގެންއެދެވެ. ކޯޕަރޭޓިވް ލާރނިންގެ އުސޫލު ބޭނުންކުރުމުން ވަކިވަކި
ދަރިވަރުންގެ ހުނަރުތަކަށް ޖާގަ ނުލިބޭކަމަށް ސިމޮން އާއި އެޑްވަޑް ފާހަ
ކުރައްވާފައި ވީނަމަވެސް ކޯޕަރޭޓިވް އުސޫލުން ގެންދިއުމުން ވަކިވަކި
ދަރިވަރުންނަށް އަޅާލައި އެހީތެރިވުމަށް އިތުރަށް މަގުފަހިވެގެން ދާކަމަށް ލީ އާއި
އަހުލާ ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ޖޯންސަން އެންޑް ހޮލިއުބެކްވެސް ވަނީ ކޯޕަރޭޓިވް ލާރނިންގެ
ސަބަބުން ގިނަގުނަ ފައިދާތަކެއް ވާކަމަށް ހާމަކުރައްވާފައެވެ.
ޓީޗަރުން ކޯޕަރޭޓިވް
ލާރނިން ގެންދިއުމަށް ފަސްޖެހުން:
ކޯޕަރޭޓިވް
ލާރނިން މެތަޑް ބޭނުންކުރުމުން ދަރިވަރުންގެ ވިސްނުން ތަރައްޤީވުމަށް ވަރަށްބޮޑަށް
މަގުފަހިވެގެން ދެއެވެ. ފިލާވަޅު އުނގެނުމުގައި ދަރިވަރުންގެ
ޝައުޤްވެރިކަން އިތުރުވެ ބައިވެރިވުން އިތުރުވުމަށް މަގުފަހިވެގެން ދެއެވެ. ހަމަ
އެއާއެކު މައްސަލަތައް އަމިއްލައަށް ހައްލުކުރުމުގެ ޤާބިލްކަން އިތުރުވުމާއެކު ދަރިވަރުންނަށް
ލިބައިވާ މަޢުލޫމާތާއި ތަޖުރިބާ އެއްކުއްޖަކު އަނެއްކުއްޖަކާ ހިއްސާކުރުމަށް މަގު
ފަހިވެގެން ދެއެވެ. މުދައްރިސާއި ދަރިވަރުންނާއި އޮންނަގުޅުން ރަގަޅުވުމަކީ
ކާމިޔާބު ކަމައެކު ފިލާވަޅުތައް ދަރިވަރުންނަށް ވާޞިލް ކޮށްދެވޭނެ އެނެމެ މުހިއްމު
މަގެވެ. މީގެ އިތުރުންވެސް ދަރިވަރުންނަށް ފިލާވަޅުން އަދި ފިލާވަޅުން ބޭރުން
އުފެދިފައިވާ ޚިލާފުތައް ނައްތާލާ، އެއްވިސްނުމަކަށް ގެނައުމަށް ފުރުޞަތު
ތަނަވަސްވެގެން ދެއެވެ. ދަރިވަރުން އަމިއްލަ ނަފުސަށްކުރާ އިތުބާރު ރަނގަޅުވެ،
ވާހަކަދެއްކުމާއި، އަޑުއެހުމާއި، ޚިޔާލުފާޅުކުރުމުގެ ތެރެއިން ކުރިޓިކަލް ތިންކިން ބޭނުން
ކުރުމުގެ ފުރުޞަތު ފުޅާ ދާއިރާއެއްގައި ލިބިގެން ދެއެވެ.
ކޯޕަރޭޓިވް ލާރނިން މެތަޑު ކުލާސްރޫމުގައި
ބެނުންކުރުމަށް ބައެއް ޓީޗަރުން ފަސްޖެގޭތަން އާދެއެވެ. ކުލާސް މާހައުލު
ބައްޓަންވެފައިވާ ގޮތުން ބައެއްފަހަރު ކޯޕަރޭޓިވް ލާރނިން މެތަޑް ގެންދިއުމަށް
އެހާ ފަސޭހަ ނުވާފަހަރުވެސް އާދެއެވެ. ކުލާހުގައި އުޅޭ ބައެއް ހަލަބޮލިކުދިން
މަޝްވަރާކުރުމުގެ ސެޝަންތައް ޑޮމިނޭޓްކުރުމުގެ ސަބަބުން ބައެއް ދަރިވަރުން
މަޝްވަރާކުރުމުގެ ސެޝަންތަކުގައި އެއްގޮތަކަށްވެސް ބައިވެރިނުވެވޭ ފަހަރުވެސް
އާދެއެވެ. ހަމަ އެއާއެކު މަޝްވަރާކުރުމުގެ ސެޝަންތަކުގައި ބައިވެރިވުމަށް ބައެއް
ދަރިވަރުން ފަސްޖެހޭކަންވެސް ފާހަގަ ކުރެވެއެވެ. މީގެ އިތުރުން މަޝްވަރާކުރުމުގެ
ސެޝަންތައް ބައެއް ފަހަރު މުދަރިއްސްގެ ކޮންޓްރޯލްގެ ދަށުން ނެއްޓިގެން ދާތަން ފެނުމަކީ
ޓީޗަރުން މި އުސޫލު ބޭނުންކުރުމަށް ފަސްޖެހޭ ސަބަބެކެވެ. މީގެ އިތުރުން މި އުސޫލު
ބޭނުންކުރުމަށް ކިތައްމެ ފުރިހަމައަށް ތައްޔާރުވެގެން ދިޔަޔަސް ގްރޫޕް މަޝްވަރާކުރުން
ކުރިއަށް ގެންދިއުމުގައި ވަގުތު ބޭކާރުވެގެން ދާކަމީވެސް ބައެއް އުސްތާޒުން މި
މެތަޑް ބޭނުން ކުރަން ފަސްޖެހޭ ސަބަބެކެވެ.
މީގެ އިތުރުންވެސް
ކޯޕަރޭޓިވް ލާރނިން މެތަޑު ގެނދިއުމުގައި ޢަމަލީ ގޮތުން ފިލާވަޅުގައި ދަރިވަރުން ބައިވެރި
ކުރުމުން ސިލަބަސް ކަވަރު ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭކަން ބައެއް
ޓީޗަރުން ފާހަގަ ކުރެއެވެ. ހަމަ އެއާއެކު މި އުސޫލު ބޭނުންކުރުމުން ބައެއް
ޓީޗަރުންނަށް ކުލާސް ކޮންޓްރޯލް ނުވާކަން ފާހަގަ ކުރެވެއެވެ. ހަމަ އެފަދައިން ގްރޫޕްގައި
މަސައްކަތް ކުރަން ޖެހުމުން ވަކި ކުއްޖަކު ކުރަންދެއް ތިބެވުން ފަދަ މައްސަލަތައް
ދިމާވުމަކީ މި އުސޫލު ބޭނުން ކުރަން ބައެއް ޓީޗަރުން ފަސްޖެހޭ ސަބަބުތަކެވެ.
ކަން މިހެން އޮތްއިރު ދިމާވާ އިތުރު
މައްސަލަތަކެއްވެސް ފާހަގަ ކުރެވެއެވެ. އެއީ ކިޔަވައިދެއްވާ މުދައްރިސުންނަކީ މި
އުސޫލުތަކަށް އެހާ އަހުލުވެރި މުދައްރިސުންނަށް ނުވުމާއި، އެކަށީގެންވާ ގޮތަށް
(އޮގަނައިޒް) ކުރަން ނޭގުމުގެ މައްސަލަ ކުރިމަތި ވެއެވެ. މީގެ އިތުރުން
އެކަށީގެންވާ ވަގުތާއި ހަކަތަ ނުލިބުމާއި، ވަކިވަކި ކުދިންގެ ކުރިއެރުމާއި ނަތީޖާ
ދެނެގަތުމަށް ދަތިވުން ފަދަ މައްސަލަތައް ހިމެނެއެވެ. މިހުރިހާ ކަންކަމަކީވެސް
ކޯޕަރޭޓިވް ލާރނިން މެތަޑު މުދައްރިސުން ބޭނުން ކުރަން ފަސްޖެހޭ ސަބަބުތައް
ކަމުގައި ފާހަގަ ކުރަމެވެ.
މީގެ
އިތުރުންވެސް ކޮންމެ ކުލާހެއްގައި ތަފާތު ފެންވަރުގެ ތަފާތު މިޒާޖުތަކުގެ ކުދިން
ތިބެއެވެ. ހަމަ އެއާއެކު އެކިއެކި ސަބަބުތަކާހެދި އުނގެނުމަށް ހުރަސްއެޅިފައިވާ
ދަރިވަރުންވެސް ތިބެއެވެ. މިގޮތަށް ފާހަގަ ކުރެވޭ ދަރިވަރުންނަކީ އާއްމު އެހެން
ކުދިންނާ ތަފާތު އެހީތެރިކަން ބޭނުންވާ ކުދިންނެވެ. ކިޔަވައި ދިނުމުގައި ތަފާތު
ގޮތްތައް ބޭނުންކުރަން ޖެހޭ ކުދިންނެވެ. މިހެން ވުމުގެ ސަބަބުން މުދައްރިސުންނަށް ތައްޔާރުވުމަށް
އިތުރު ވަގުތު ބޭނުންވެއެވެ. މިދެންނެވި ކަންކަމަށް އެކަށީގެންވާ ވަގުތު
ނުލިބުމަކީވެސް ކޯޕަރޭޓިވް ލާރނިންގެ އުސޫލުތަކަށް ކިޔަވައި ދިނުމަށް
މުދައްރިސުންނަށް ދަތިވާ ސަބަބެކެވެ. ކުރިމަތިވާ ގޮންޖެހުމެކެވެ.
އުސްތާޛުންނާ ކުރި
އިންޓަވިއުގެ ނަތީޖާ
ޓީޗާރސް ސެންޓަރޑް ފިލާވަޅާއި، ސްޓޫޑެންޓް ސެންޓަރޑް
ފިލާވަޅާމެދު ދެ އުސްތާޛުން ފާޅުކޮށްފައިވާ ޚިޔާލުތަކުން ދައްކާ ގޮތުގައި
ދަރިވަރުންނަށް އުނގަންނައި ދިނުމުގައި އެންމެ ކާމިޔާބު ގޮތަކީ ދަރިވަރުން
ބައިވެރިކޮށްގެން ކިޔަވައިދިނުމެވެ. އާދެ ސްޓޫޑެންޓް ސެންޓަރޑް ލާރނިން އެވެ. ޓީޗާރސް
ސެންޓަރޑް ލާރނިން އަށްވުރެ ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް ފައިދާ ބޮޑު
ގޮތެއް ކަމުގައި ދެކެނީ ސްޓޫޑެންޓް ސެންޓާރޑް ލާރނިން އެވެ.
ޓީޗާރސް
ސެންޓަރޑް ލާރނިންގެ އުނިކަންތައްތައް ތަކުގެ ގޮތުގައި އުސްތާޛުން ފާހަގަ ކުރާ
ކަންތައް ތަކެއް ވެއެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ކުރަނީ ދަރިވަރުންގެ
ވިސްނުން ތަރައްޤީ ވުމަށް ހުރަސް އެޅުމެވެ. މުދައްރިސްގެ ދައުރު ބޮޑުވުމުގެ
ސަބަބުން ދަރިވަރުން ކަންކަމާ ވިސްނާ އަމިއްލައަށް މައްސަލަ ހައްލުކުރުމުގެ
ފުރުޞަތު ދަރިވަރުންނަށް ނުލިބުމެވެ. އެހެންކަމުން ދަރިވަރުންގެ ވިސްނުމުގެ ހުނަރު
ތަރައްޤީ ވާންޖެހޭ އަސްލު ދުވެލީގައި ތަރައްޤީއެއް ނުވެއެވެ. މަދަރުސާ ނިންނާ
ދަރިވަރުން މުޖުތަމަޢަށް ނިކުންނަ އިރު ދިރިއުޅުމުގައި ދިމާވާ ކަންކަން
ހައްލުކުރުމަށް އުނދަގޫ ވުމެވެ. ހަމަ އެހެންމެ މި އުސޫލު ބޭނުންކޮށްގެން ކިޔަވައި
ދިނުމުން، ކިޔަވައިދޭ އެއްޗެހި ގިނަ ދުވަހަށް ހަނދާން ނުހުންނަ ކަންވެސް ފާހަގަ
ކުރެއެވެ. މީގެ އިތުރުން މިބާވަތުގެ ފިލާވަޅުތަކަށް ދަރިވަރުންގެ ފަރާތުން ފެންނަ
ޝައުޤުވެރިކަން ކުޑަކަންވެސް ފާހަގަ ކުރެވެއެވެ. ޝައުޤްވެރިކަން ނެތް ކަމެއް
ކުރުވުމަށް މަސައްކަތް ކުރުމުގެ ސަބަބުން ކިޔެވުން މަތިން ފޫހިވާ ފަހަރުވެސް
އާދެއެވެ. ހަމަ އެއާއެކު ތަފާތު އެހެނިހެން މައްސަލަތައް އުފެދުމަށް
މަގުފަހިވެގެން ދެއެވެ. ކުރާނެ ކަމެއްނެތި ކުލާސްތެރޭ ވަގުތުތައް ހޭދަކުރަން
ޖެހުމުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ނުލިބި މަދަރުސާއަކީ
ދަރިވަރުން ފޫހިވާ ތަނެއްގެ ގޮތުގައި ވެގެންދާ ފަހަރުވެސް އާދެއެވެ. އެހެންކަމުން
ކިޔަވައި ދިނުމުގައި ޝައުޤްވެރިކަމަކީ ވަރަށް މުހިއްމު ކަމެކެވެ.
ސްޓޫޑެންޓް
ސެންޓަރޑް ލާރނިން ފިލާވަޅާމެދު ގިނަ ޚިޔާލުތަކެއް ފާޅުކޮށްފައި ވެއެވެ. މައިގަނޑު
ގޮތެއްގައި ފާގަހަ ކުރައްވާފައިވަނީ މި އުސޫލުގެ ސަބަބުން ގިނަ ގުނަ ފައިދާ ތަކެއް
ލިބިގެން ދާކަމަށެވެ. އެގޮތުން އެންމެ ބޮޑު ފައިދާއެއްކަމަށް ހާމަކުރައްވާފައި
ވަނީ ދަރިވަރުންގެ ވިސްނުން ތަރައްޤީ ވުމަށް މަގު ފަހިވެގެން ދިއުމެވެ.
ގްރޫޕްތަކުގައި މަޝްވަރާ ކޮށްގެން އެކި ކުދިންގެ ޚިޔާލާ މަޝްވަރާ ލިބިގެން އުނގެނުމުގެ
ނަތީޖާ އަކަށް ވެގެންދަނީ ކުރިން ވިސްނިފައި ނުވާ އެތައް އެއްޗެއް އެނގިގެން
ދިއުމެވެ. ކުރިން ހީނުކުރާ އެތައް ކަމެއް ހާމަވެގެން ދިއުމެވެ. ދިމާވާ
މަސައްލަތައް ހައްލުކުރުމުގެ ޤާބިލްކަން ސިކުނޑީގައި އިތުރު ވެގެން ދިއުމެވެ. މިއީ
ޖޯންސަން އެންޑް ހޮލިއުބެކް ފާޅުކޮށްފައިވާ ޚިޔާލާ އެއްގޮތް ޚިޔާލެކެވެ.
މީގެ އިތުރުން އިޖުތުމާޢީގޮތުން ދަރިވަރުންނަށް ކުރިއެރުން
އަންނަކަން ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ގްރޫޕް މަސައްކަތުގެ ތެރެއިން އެއްދަރިވަރަކު
އަނެއްދަރިވަރަކާ ގުޅިގެން ބަހާލައިގެން މަސައްކަތް ކުރަން ދަސްވެއެވެ. އެއްކުއްޖަކަށް
ނުކުރެވޭ މަސައްކަތްތައް އެހެންކުދިންގެ އެހީތެރިކަމާއެކު ކުރުމަށް މަގުފަހިވެގެން
ދެއެވެ. ހަމަ އެހެންމެ އެއްކުއްޖެއްގެ ޚިޔާލަށް އަނެއް ކުއްޖަކު އިޙްތިރާމް ކުރުމުގެ
މާތްސިފަ ދަރިވަރުންނަށް ދަސްވެގެން ދެއެވެ. އުނގެނި ދަސްކުރުމުގައި އިޖުތިމާޢީ
ގުޅުމަކީ ވަރަށްވެސް މުހިއްމު އެއްޗެކެވެ. އެކެއްގެ ބޭނުންތައް އަނެކާ ދެނެގަނެ އެކަކު
އަނެކަކުގެ ފަރާތުން ހިތްވަރު ލިބިގެން އެތައް އެއްޗެއް ދަސްކުރެއެވެ. މި ގޮތަށް
އުފެދޭ އިޖުތިމާޢީ ގުޅުމުގެ ސަބަބުން ދިރިއުޅުމުގައި މީހުންނާ ގުޅިގެން އުޅެން
ދަސްވެއެވެ. މުޖުތަމަޢުގައި އެއްބައިވަންތަ ކަމާއެކު ދިރިއުޅުމުގެ މަގު ފަހިވެގެން
ދެއެވެ. މުޖުތަމަޢުގައި ކާމިޔާބު ދިރިއުޅުމެއް އުޅެން ފުރުޞަތު ފަހިވެގެން ދެއެވެ.
ދެ
އުސްތާޛުންވެސް ފާހަގަ ކުރާ ގޮތުގައި ކުދިން ބައިވެރިކޮށްގެން ކިޔަވައިދިނުމުގެ ސަބަބުން
ފިލާވަޅުގެ މަޤްޞަދު ޙާޞިލްކުރަން ވަރަށް ބޮޑަށް ފަސޭހަވެގެން ދެއެވެ.
މުދައްރިސަށް ވަކިވަކި ކުދިންގެ ޙަރަކާތްތައް ގާތުން ބަލަން ފުރުޞަތު ލިބިގެން
ދެއެވެ. އިތުރު އެހީއަށް ބޭނުންވާ ކުދިންނަށް މުދައްރިސަށް އިތުރަށް ސަމާލުކަން
ދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދެއެވެ. ހަމަ އެއާއެކު މަސައްކަތުގައި
ދަރިވަރުން އަބަދުމެ ބައިވެރި ވެގެން ތިބުމުން ކުލާސް ކޮންޓްރޯލް ކުރުމަށް ވަރަށް
ފަސޭހަ ވެގެން ދެއެވެ. ޝައުޤްވެރިކަމާއެކު މަސައްކަތްތައް ކުރުމަށް މަގު
ފަހިވެގެން ދެއެވެ. ކުލާހުގައި ދިމާވާ ތަފާތު މައްސަލަތައް މަދުކުރެވި، އެކުވެރި
މާޙައުލެއްގައި ކިޔެވުމަށް ފުރުޞަތު ލިބިގެން ދެއެވެ. އެހެންކަމުން ދެ އުސްތާޛުން
ފާޅުކޮށްފައިވާ ޚިޔާލުތަކުން އެނގި ހާމަވެގެން ދަނީ ކިޔަވައިދިނުމުގައި ހުރިހާ
ގޮތަކުންވެސް ފައިދާ ބޮޑު ގޮތަކީ ދަރިވަރުން ވީހާވެސް ބޮޑަށް ބައިވެރިކޮށްގެން
ކިޔަވައިދިނުން ކަމުގައެވެ. އާދެ ކިޔަވައިދިނުމުގައި ބޮޑަށް ރަނގަޅީ ސްޓޫޑެންޓް
ސެންޓަރޑް ލާރނިން ކަމެވެ.
އުސްތާޛުން ފާހަގަކުރި
ކަންތައްތަކާމެދު އަޅުގަނޑު ދެކޭގޮތް.
ދެ
އުސްތާޛުންވެސް މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވާ ޚިޔާލުތައް ވަރަށް
އެއްގޮތެވެ. އެއީ އަޅުގަނޑެކޭ އެއްފަދައިން ދެ އުސްތާޛުންގެވެސް މައިގަނޑު
ވިސްނުންހުރީ ދަރިވަރުންނަށް ބޮޑަށް ފައިދާ ކުރާނީ ދަރިވަރުން ބައިވެރިކޮށްގެން
ކިޔަވައިދިނުން ކަމުގައި ދެކޭތީއެވެ. އެގޮތުން ދެ އުސްތާޛުން ފާހަގަ ކުރާ ގޮތުގައި
ދަރިވަރުން ބައިވެރިކޮށްގެން ކިވައިދިނުމުން ކިޔަވައިދޭ އެއްޗެއްގެ ތެރެއަށް
ބޮޑަށް ވަނުމަށް މަގުފަހިވެގެން ދާނެއެވެ. ބޮޑަށް ޝައުޤުވެރިކަން ހުންނާނެއެވެ. ބީއެފް
ސްކިނާރ އާއި ބަންދޫރާ ފާހަގަ ކުރައްވާ ފަދައިން ޝައުޤުވެރިކަމަކީ ކިޔެވުމުގެ
ވަރަށް މުހިއްމު ބައެކެވެ. ކަމަކަށް ޝައުޤްވެރި ވެއްޖެނަމަ އެކަމެއް ކުރެވޭނެ
މަގުތައް ހޯދައިގެން އެކަމެއް އޭނާ ކުރާނެއެވެ.
ހަމަ އެހެންމެ ދަސްކުރާ އެއްޗެއް ގިނަދުވަހަށް ހަނދާން
ބެހެއްޓުމަށްޓަކައި ދަރިވަރުން ބައިވެރިކޮށްގެން ކިޔަވއި ދިނުން މުހިއމުކަމަށް
އުސްތާޛުން ފާހަގަ ކުރައްވައެވެ. މިއީ ވަރަށް މުހިއްމުކަމެކެވެ. ސަބަބަކީ
ކިޔަވައިދިނުމަކީ އެންމެ ދުވަހެއްގެ ބޭނުނަމަށް ކޮށްދޭ ކަމެއް ނޫނެވެ.
އެކުއްޖެއްގެ މުޅި ދިރިއުޅުމުގައި ބޭނުން ހިފުމަށް ދަސްކޮށްދޭ ދަސްކޮށްދިނުމެކެވެ.
އެހެންކަމުން މިއީ ޖޯންސަން އެންޑް ހޮލިއުބެކްގެ ތިއަރީގައި ހާމަކުރައްވާ ފަދައިން
ދަސްކުރާ އެއްޗެއް ގިނަދުވަހަށް ހަނދާނުގައި ހަރުލެއްވުމަށް މުހިއްމު އުސޫލެކެވެ.
ކިޔަވައިދިނުމުގައި ސުވާލުކުރުމަކީ ވަރަށް މުހިއްމު
ކަމެކެވެ. އެހެނީ ސުވާލުކުރުމުގެ ސަބަބުން ފިލާވަޅު އެނގުނު މިންވަރު މުދައްރިސަށް
ދެނެގަނެވެއެވެ. ކުދިން ފިލާވަޅުގައި ބައިވެރި ކުރުވުމަށް އިތުރަށް މަގު
ފަހިވެއެވެ. ނަމަވެސް އުސްތާޛުން ފާހަގަ ކުރައްވާފައިވާ ފަދައިން މުޅި ފިލާވަޅު
ސުވާލުކޮށްގެން ކިޔަވައިދިނުމަކީ ދަރިވަރުންގެ ފަރާތުން ފޫހިކަން އިޙްސާސް
ކުރެވޭނެ ކަމެކެވެ. އެހެންކަމުން ޓީޗާރސް ސެންޓާރޑް ފިލާވަޅު ގައި މާބޮޑަށް ސުވާލު
ގިނަވުމުގެ ސަބަބުން ބީ އެފް ސްކިނާ ފާހަގަ ކުރައްވާ ޝައުޤުވެރިކަމުން ކުއްޖާ ބޭރުވެދާނެއެވެ.
އެހެން ވެއްޖެނަމަ އަހަރެމެން ބޭނުންވާ މަޤްޞަދު ޙާޞިލްވުމަށް ހުރަސް އެޅިގެން
ދާނެއެވެ. ފިލާވަޅުގެ މަޤްޞަދު ޙާޞިލްވުމަށް ހުރަހަކަށް ވެގެންދާނެއެވެ.
އެހެންކަމުން ދެ އުސްތާޛުން ފާހަގަ ކުރައްވާފައިވާ ފަދައިން ދަރިވަރުން
ބައިވެރިކޮށްގެން ކިޔަވައި ދިނުމަކީ އެކުދިން ޝައުޤުވެރިކަމާއެކު އެކަން ކުރުމަށް
ހިތްވަރު ލިބި ނަތީޖާ ޙާޞިލްކުރަން މަގުފަހިވެގެން ދާނެގޮތެކެވެ.
ނިންމުން
މައިގަނޑު ގޮތެއްގައި ކުދިން ބައިވެރި ކޮށްގެން ކިޔަވައި
ދިނުމާއި މުދައްރިސްގެ ދައުރު ބޮޑުކޮށް ކިޔަވައިދިނުމުގައި އެކި ތިއަރިސްޓުންގެ
މެދުގައި ޚިޔާލު ތަފާތުތަކެއް ހުރިކަން ފާހަގަ ކުރެވެއެވެ. ފައިދާ އާއި
ގެއްލުންތަކެއްގެ ގޮތުގައި ކަންތައްތަކެއް ފާހަގަ ކުރައްވާފައި ވެއެވެ. ކޮންމެ ކަމެއްގައިވެސް
މިފަދަ ޚިޔާލު ތަފާތުވުންތައް ހުންނަ ފަދައިންނެވެ. އިންސާނުން އުފައްދާ ބޭނުން
ކުރަމުންދާ އެއްވެސް އުފެއްދުމެއް ނުވަތަ ގޮތަކީ އެންމެ ފުރިހަމަ އެއްޗަކަށް
ނުވަތަ ގޮތަކަށް ވުމަކީ ނާދިރު ކަމެކެވެ. ކޮންމެ ކަމެއްގައިވެސް ރަނގަޅުކުރަން
ޖެހޭ ކަންތައްތައް ހުންނާނެއެވެ.
ކުދިން
ބައިވެރިކޮށްގެން ކިޔަވައި ދިނުމުން ދަރިވަރުން ޝައުޤްވެރި ވާކަމަށް ގިނަ
ތިއަރުސްޓުންނާއި، އިންޓަރވިއު ކުރެވުނު މުދައްރިސުން އެއްބަސްވެ
ލައްވައެވެ. އެގޮތުން ޝައުޤްވެރިކަމަކީ ވަކިކަމެއް ނުވަތަ ލަނޑުދަނޑިތަކެއް ޙާޞިލްކުރުމަށްޓަކައި
އެ ދިމާއަށް ކުއްޖާ އަމާޒުކުރުވާ އެކަމަށް ބާރު ފޯރުވާ، އެކަން ޙާޞިލްކުރުމަށް
ތަފާތު ކަންކަން ކުރުވާ ބާރަކަށް
ވާކަން ތިއަރިސްޓުން ފާހަގަ ކުރައްވައެވެ. އަދި ހަމަ އެފަދައިން ކުއްޖާގެ ސުލޫކު
އުތުރިއަރުވާ މިޞްރާބު ކުރުވާ ރައްކާތެރި ކޮށްދޭ ހަށިގަނޑުގެ އެތެރޭގެ ބާރަކާއި،
ބޭރުން ނުވަތަ ޙާލަތާއި ގުޅިގެން މާޙައުލުން ބާރު ފޯރުވާ ޝައުޤްވެރިކަން އުފައްދާ
އުސޫލެކެވެ.
ޝައުޤުވެރިކަމަށް
ޚާއްޞަ ދެ ތިއަރީ ކަމަށްވާ ބީއެފް ސްކިނާރގެ ތިއަރީއާއި އަލްބަޑް ބަންދޫރާގެ
ތިއަރީގައި މިކަންކަމަށް އިތުރު ބާރެއް ފޯރުކޮށްދީފައި ވެއެވެ. އެގޮތުން ކުދިންގެ
ކިބާގައި ފެންނަ ރަނގަޅު ސްލޫކުތަކަށް ހިތްވަރުދީ ހެދުމުން އެކަން
ތަކުރާރުކުރާކަން ސާބިތުކޮށްދީފައި ވެއެވެ. ޝައުޤްވެރިކަމާ ގުޅިފައިވަނީ ތަފާތު
ހިތްހަމަ ޖެހޭ ކަންތައްތަކާ ގުޅިގެން ކުރެވިފައިވާ ތަޖުރިބާ ތަކާއި ހިތްހަމަ
ނުޖެހިގެން ކުރެވިފައިވާ ތަޖުރުވާ ތަކުގެ މައްޗަށެވެ. ހަމަ އެހެންމެ ބަންދޫރާ
ފާހަގަކުރައްވަނީ ނަކަލުކޮށްގެން ދަސްކުރުމަށް ކުދިން ޝައުޤުވެރި ވާކަމަށެވެ.
އެގޮތުން އެހެންމީހުންގެ ތަޖުރުބާތައް އަޑުއަހައިގެންނާއި، ދެނެގަނެވިގެންނާއި،
ފެނިގެން ކުދިން ދަސްކުރަމުން ގެންދެއެވެ. އެގޮތުން މުދައްރިސުންގެ ފަރާތުންނާއި
ކުލާހުގެ ދަރިވަރުންގެ ފަރާތުންނާއި މުޖުތަމަޢުން ކަންކަން އުނގެނި ދަސްކުރެއެވެ.
މީގެ
އިތުރުންވެސް ހިއުމަނިސްޓުންގެ ނަޒަރިއްޔާތުގެ ތެރެއިން މާސްލޯގެ ނަޒަރިއްޔާތަށް
ބުރަވާއިރު އިންސާނާގެ ޝައުޤްވެރިކަން ގުޅިފައިވަނީ އިންސާނުން ގެ ބޭނުންތަކުގެ
މައްޗަށެވެ. އެގޮތުން އަސާސީ ބޭނުންތަކާއި، ނަފުސާނީ ބޭނުންތަކާއި، ނަފުސު
ފުރިހަމަ ކުރުމަށް ބޭނުންވާ ބޭނުންތަކުގެ މައްޗަށެވެ. އަސާސީ ބޭނުންތައް ފުރިހަމަ
ނުވާ މީހަކު ދެންހުރި ބޭނުންތަކަށް ޝައުޤްވެރިކަމެއް ނުހުންނާނެއެވެ. މި އުސޫލުގެ
މަތިންނެވެ. އެހެންކަމުން ދަރިވަރުންގެ އުނގެނުމުގައި އެކުދިންގެ ބޭނުންތަކާއި
އިޙްސާސްތައް ދެނެގަތުން ވަރަށް މުހިއްމެވެ. އެހެން ނޫންނަމަ ދަރިވަރުންގެ ފަރާތުން
އަޅުގަނޑުމެން ބޭނުންވާ ޝައުޤްވެރިކަމެއް ނުފެންނާނެއެވެ. އެކުދިންގެ ފަރާތުން
ޙަޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާޞިލްވުން އޮންނާނީ ވަރަށް ދުރުގައެވެ.
އިސްވެ
ބަޔާންކުރެވުނު ކަންކަމުން އެނގިގެންދަނީ ޝައުޤުވެރިކަމާއި ނުލައި ކިޔެވުމަކީ
ކުރުވޭނެ ކަމެއް ނޫންކަމެވެ. އެހެންކަމުން ދަރިވަރުންނަށް އުނގަންނައި ދިނުމުގެ
މަސައްކަތް ކުރާއިރު، ތިއަރީ ތަކުގެ އަލީގައި ގިނަ މަސައްކަތް ތަކެއް
ކުރެވިދާނެކަން އެނގިގެން ދެއެވެ. ވީމާ، އުނގަންނައިދޭ އެއްޗަކީ ދަރިވަރުންނަށް
މާނަހުރި، އެއްޗަކަށް ހެދުމަށްޓަކައި ކުދިންގެ މިޒާޖާއި ގުޅޭ ކުދިން ގަޔާވާ
ޓާސްކުތަކެއް ދިނުމުގެ މުހިއްމުކަން ވަރަށް ބޮޑެވެ. ކުދިންގެ ފެންވަރު ދެނެގަނެ
އެކުދިންގެ ބެކްގްރައުންޑް މަޢުލޫމަތުތައް ހޯދައިގެން ފިލާވަޅަށް ތައްޔާރު ވުމަކީ
ކާމިޔާބު ފިލާވަޅެއް ގެންދިއުމަށް މުހިއްމު އެހާމެ ބޭނުންތެރި ކަމެއް ކަމެވެ. އެހެންކަމުން
ގެންދާ ޙަރަކާތްތަކަކީ އެކި ފެންވަރުގެ ކުދިންނަށްވެސް ފަސޭހައިން ބައިވެރި
ވެވޭފަދަ ޙަރަކާތްތަކަށް ވާންޖެހެއެވެ. ހަމަ އެހެންމެ އެހާ ފަސޭހަ ޙަރަކާތްތަކަށް
ނުހެދުމަކީވެސް ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީކޮށް ކުރިއެރުމަށް ވަރަށް
މުހިއްމު ކަމެކެވެ. މުޖުތަމަޢު ބަލައިގަންނަ ފަދަ ހަރުދަނާ ފަރުދަކު ބިނާކުރުމަށް
ކޮންމެހެން ބޭނުންވާ ކަންތައްތަކެކެވެ.
No comments :
Post a Comment