1- ގްރެފިކް އޮގަނައިޒަރ އަކީ ކޮބާ؟
ގްރެފިކް އޮގަނައިޒަރ އަކީ ވަރަށް ފުޅާ ދާއިރާއެއްގައި
މާނަ ކުރެވިދާނެ އެއްޗެއްކަމުގައި ދެކެމެވެ. މިގޮތުން ގްރެފިކް އޮގަނައިޒަރ އަކީ މަޢުލޫމާތާއި
ޚިޔާލުތައް ދޭހަވާން ފަސޭހަވެ، ގިނަދުވަހަށް ހަނދާނުގައި ހުންނާނޭހެން ތަސްވީރާއި
ގްރާފް ބޭނުން ކޮށްގެން ދަރިވަރުންނަށް އޮޅުން ފިލުވައިދޭ އެއްޗެއް ފޫހިކަމެއްނެތި
ޝައުޤްވެރިވާ ގޮތަށް އޮޅުންފިލުވައިދިނުމަށް ބޭނުން ކުރާ ގޮތްތަކަކަށް ކިޔާ
ނަމެކެވެ. އޭގެ ސަބަބުން ބުނެދެވޭ އެއްޗެއް ރަނގަޅަށް އޮޅުން ފިލުމަށް މަގުފަހިވެއެވެ.
ހަމަ އެއާއެކު ދަސްކުރާ އެއްޗެއް ގިނަ ދުވަހަށް ހަނދާނުގައި ހުރުމަށްވެސް
މަގުފަހިވެގެން ދެއެވެ. މީގެ އިތުރުން ގްރެފިކް އޮގަނައިޒަރ ބޭނުންކޮށްގެން
ދަރިވަރުންނަށް އެއްޗެހި އޮޅުން ފިލުވައި ދިނުމުގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުން
އަމިއްލައަށް ކަންކަން ރަވައި، ދަސްކުރުމުގެ އާ ގޮތްތައް ހޯދުމަށް މަގު ފަހިވެގެން
ދެއެވެ. ދަރިވަރުންގެ ވިސްނުން ތަރައްޤީވެ އާގޮތްތަކަށް ވިސްނާ،
އުފެއްދުންތެރިކަން ކުރިއެރުމަށް މަގުފަހިވެގެންދާ ކަމެއްވެސް މެއެވެ.
2- ދަރިވަރުންގެ އުނގެނުން
ތަރައްޤީ ކުރުމަށް ގްރެފިކް އޮގަނައިޒަރގެ ބޭނުން ހިފާނީ ކިހިނެއް؟
ދަރިވަރުންގެ އުނގެނުން
ތަރައްޤީ ކުރުމަށް ތަފާތު ގޮތަގޮތަށް ގްރެފިކް އޮގަނައިޒަރ ބޭނުން ހިފިދާނެ އެވެ.
އެގޮތުން ފިލާވަޅެއް އޮޅުން ފިލުވައިދިނުމަށް ގްރެފިކް އޮގަނައިޒަރ ބޭނުން
ކުރެވިދާނެއެވެ. އަދި ދަރިވަރުންނަށް ފިލާވަޅަކުން ޙާޞިލްވެފައިހުރި މިންވަރު
ދެނެގަތުމަށްވެސް މީގެ ބޭނުން ހިފިދާނެއެވެ. ކަންތައްތައް މެދުވެރެރިވާ ސަބަބާއި
އެއިން ނުކުންނަ ނަތީޖާ ބަޔާން ކުރުމަށްވެސް މީގެ ބޭނުން ހިފިދާނެއެވެ. މީހެއްގެ
ޝަޚްޞިއްޔަތު ބަޔާން ކުރުމަށާއި، ތަފާތު އެއްޗެހި އަޅައި ކިޔުމަށް ގްރެފިކް
އޮގަނައިޒަރ ބޭނުން ހިފިދާނެއެވެ. ހަމަ އެއާއެކު އެއްޗެއްގެ ގުޅުން
ދައްކައިދިނުމަށާއި، ވިސްނުން ތަރައްޤީ ކުރުމަށްވެސް އޮގަނައިޒަރގެ ބޭނުން
ހިފިދާނެއެވެ. ކަމެއް މިހާރު އޮތް ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް
ގެންދިއުމަށްޓަކައި ގެންނަންޖެހޭ އިޞްލާޙުތަކާއި ގެނެވިދާނެ ބަދަލުތައްފަދަ
ކަންތައް ހޯދުމުގައިވެސް ގްރެފިކު އޮގަނައިޒަރގެ ބޭނުން ފުޅާ ދާއިރާއެއްގައި
ހިފިދާނެއެވެ.
2.1 ކޯޒް އެންޑް އިފެކްޓް
ގްރެފިކް އޮގަނައިޒަރ
ކޯޒް އެންޑް އިފެކްޓް
ގްރެފިކް އޮގަނައިޒަރ އަކީ ކަމެއް ދިމާވުމަށް މެދުވެރިވާ ސަބަބާއި އެކަމުން ކުރާ އަސަރު
ބަޔާން ކޮށްދޭ އޮގަނައިޒަރ އެވެ. އެގޮތުން ލިޔުމެއްގައި ކަމެއް މެދުވެރިވާ
ސަބަބާއި އެކަމުން ކުރާ އަސަރު ބަޔާން ކުރުމަށް، މި އޮގަނައިޒަރ ބޭނުން ކުރެވިދާނެއެވެ.
ނަތީޖާއެއްގެ ގޮތުން އެކަތި އަނެކެތީގެ ގުޅުމާއި އެކަމުން ކުރާ އަސަރުތައް ވަރަށް
ސާފުކޮށް ފެންނަން ހުންނާނެއެވެ. އަދި ކަމަކުން ކުރާ އަސަރާއި އެކަމުގެ ސަބަބުން
ނުކުންނަ ނަތީޖާތައް މި އޮގަނައިޒަރގެ އެހީގައި ދެއްކިދާނެއެވެ. މިބާވަތުގެ
އޮގަނައިޒަރތައް މަޒުމޫނު ލިޔުންފަދަ ސުރުޚީތަކުގައި ފަސޭހަކަމާއެކު ބޭނުން
ކުރެވިދާނެއެވެ. އެގޮތުން މަޒުމޫނު ތަޢާރަފް ކުރުމުގައްޔާއި
ފަރިތަކުރުވުމުގައިވެސް ބޭނުން ހިފިދާނެ ކަމުގައި ދެކެމެވެ.
ކޯޒް އެންޑް އިފެކްޓް
ގްރެފިކް އޮގަނައިޒަރ ބޭނުން ކޮށްގެން ދަރިވަރުންނަށް މަޒުމޫނެއް ބިނާވެފައި
އޮންނަގޮތް ދައްކައި ދެވިދާނެއެވެ. އެކަމުގެ ސަބަބުން މަޒުމޫނުގެ މައުޟޫޢު
ދެނެގަތުމަށް ފަސޭހަވެ، ހިމަނަންޖެހޭ މަޢުލޫމާތުތައް ދެނެގަންނަން ފަސޭހަވެގެން
ދާނެއެވެ. ތިރީގައި އެވަނީ މީޑިޔާގެ ސަބަބުން ދިވެހި ޤައުމަށް ކުރާ އަސަރު ތަކާއި
އެ އަސަރު ތަކުގެ ސަބަބުން ނުކުމެދާނެ ނަތީޖާތަކަށް މަޒުމޫނެއް ލިޔުމަށްޓަކައި ކޯޒް
އެންޑް އިފެކްޓް ގްރެފިކް އޮގަނައިޒަރ ބޭނުން ކޮށްގެން ދައްކައި ދީފައިވާ
ނަމޫނާއެކެވެ.
2.2ޝަޚްޞިއްޔަތު އަދި ވާހަކަ
ގްރެފިކް އޮގަނައިޒަރ
ވާހަކަ ގްރެފިކް
އޮގަނައިޒަރ ބޭނުން ކުރުމުން ދަރިވަރުންނަށް ވާހަކަ ލިޔުމަށް ފަސޭހަ ވެގެން
ދާނެއެވެ. ދަރިވަރުންނަށް ވާހަކައިގެ މައިގަނޑު ޝަޚްޞިއްޔަތުގެ މިޒާޖުތައް ފަސޭހަ
ކަމާއެކު ދެނެގަނެވެއެވެ. ހަމަ އެއާއެކު ވާހަކައިގެ ފެށުމާއި މައިގަނޑު ހާދިސާ
ނުވަތަ ވާހަކައިގެ މައިގަނޑު މައްސަލަ އަދި އެމައްސަލަތައް ހައްލު ކޮށްފައިވާ ގޮތް
ވަރަށް ފަސޭހަ ކަމާއެކު އެނގިގެން ދާނެއެވެ. ހަމަ އެފަދައިން މައިގަނޑު މައްސަލަ
އުފައްދާ އެމައްސަލަ ހޫނުވެ ކެކިއަރަން ދިމާވާ ގޮތާއި ހިނދިގެންދާގޮތް ފަސޭހައިން
ދެނެގަނެވޭނެއެވެ. އަދި ވާހަކައިގެ ކުންނު ގެނެސްފައިވާ ގޮތާއި ނިންމާލުން ވަރަށް
ފަސޭހައިން ފެންނަން އޮންނާނެއެވެ. ހަމަ އެއާއެކު ވާހަކައިން ލިބޭ ޢިބުރަތް
އެނގިގެން ދާނެއެވެ. މީގެ އިތުރުންވެސް ވާހަކައިގެ މައިގަނޑު ހާދިސާތައް ފަސޭހަ
ކަމާއެކު ވިސްނި، ވާހަކައިގެ މަންޒަރުތައް ސިފަކުރުމަށް އިތުރު އެހީއަކަށް
ވެގެންދާނެއެވެ. އަދި އެއީ ޙަޤިޤީ
ވާހަކައެއްކަން ނުވަތަ ޚިޔާލީ ވާހަކައެއްކަން ފަސޭހަ ކަމާއެކު ދެނެގަނެވޭނެއެވެ.
ތިރީގައި އެވަނީ ވާހަކަ
ލިޔަން ފަށައިގަތުގެ ކުރިން ދައްކާ ލެވިދާނެ ރޫޅާލެވިފައިވާ ވާހަކައެއްގެ ނަމޫނާ
ދައްކައުދޭ ވާހަކަ އޮގަނައިޒަރގެ ނަމޫނާއެކެވެ.
2.3 އަޅާ ކިޔުމާއި ތަފާތު
ދެއްކުމުގެ ގްރެފިކް އޮގަނައިޒަރ
މިބާވަތުގެ އޮގަނައިޒަރ ބޭނުން ކުރެވެނީ ދެ އެއްޗެއްގެ މެދުގައިވާ
އެއްގޮތް ކަމާއި، ތަފާތުތައް ދައްކައި
ދިނުމަށެވެ. ހަމަ އެއާއެކު ދެމީހެއްގެ ތަފާތު ބަޔާން ކުރުމަށާއި ދެ ލިޔުމެއްގެ
ތަފާތު ބަޔާން ކުރުމަށްވެސް އަޅާ ކިޔުމާއި ތަފާތު ދެއްކުމުގެ ގްރެފިކް އޮގަނައިޒަރ
ބޭނުން ކުރެވިދާނެއެވެ. އެގޮތުން ފިލާވަޅުތަކުގައި ލިޔުންތެރި ކަމުގެ ދެ
ދައުރެއްގެ ތަފާތުތައް ބަޔާން ކުރުމަށް މިބާވަތް ބޭނުން ކުރެވިދަނެއެވެ. ހަމަ
އެއާއެކު އަމިއްލަ ސިޓީއާއި ރަސްމީ ސިޓީގެ ތަފާތު ބަޔާން ކުރުމުގައިވެސް
މިބާވަތުގެ އޮގަނައިޒަރ ބޭނުން ހިފިދާނެއެވެ. މީގެ އިތުރުން ރައިވަރުގެ މޮޅުދެރަ
ފާހަގަ ކުރުމަށްވެސް މިބާވަތް ބޭނުން ކުރެވިދަނެއެވެ.
2.4 ޗޭން ގްރެފިކް
އޮގަނައިޒަރ
ޗޭން
ގްރެފިކް އޮގަނައިޒަރ ބޭނުން ކުރެވެނީ އެއްޗެއް ނުވަތަ ކަމެއް ދައުރުވާގޮތް ބަޔާން
ކުރުމަށެވެ. މިބާވަތުގެ އޮގަނައިޒަރ ބޭނުން ކުރުމުގައި ކަމެއްގެ ނުވަތަ އެއްޗެއްގެ
ފުރަތަމަ މަރުޙަލާ ނުވަތަ ފުރަތަމަ ފިޔަވަޅު އެނގުން ވަރަށް މުޙިއްމެވެ. އަދި
ހަމައެއާއެކު އެންމެފަހު މަރުޙަލާ ނުވަތަ ބަދަލުވަމުންގޮސް އޭގެ އާޚިރު ނަތީޖާއަކީ
ކޮބައިކަން އެނގެން ޖެހެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުންނަށް އެކަމެއް
ނުވަތަ އެއްޗެއްގެ ވާނުވާ ފަސޭހަ ކަމާއެކު ފަހުމްވުމަށް މަގުފަހިވެގެން ދާނެއެވެ.
މިފަދަ އޮގަނައިޒަރތައް ލިޔުންތެރިކަން އެއްދައުރުން އަނެއް ދައުރަށް އައިސްފައިވާ
ބަދަލުތައް ދައްކައި ދިނުމަށް ބޭނުން ކުރެވިދާނެއެވެ. އަދި ތާނަ އަކުރު
ބަދަލުވަމުން އައިސްފައިހުރި މަރުހަލަތައް އަންގައި ދިނުމަށްވެސް މި ބޭނުން
ކުރެވިދާނެއެވެ. މީގެ އިތުރުންވެސް ތަފާތު ކަންތައްތައް ކުރާނެ ގޮތް އޮޅުން
ފިލުވައި ދިނުމަށް ވެސް މިބާވަތުގެ އޮގަނައިޒަރ ބޭނުން ކުރެވިދާނެއެވެ. އެގޮތުން
މަޒުމޫނު ލިޔާނެ ގޮތާއި، ޅެން މާނަ ކުރާނެ ގޮތާއި ރައިވަރު މާނަ ކުރާނެ ގޮތްވެސް
ދައްކައި ދެވިދާނެއެވެ.
ތިރީގައި އެވަނީ ޅެން މާނަ ކުރުމަށްޓަކައި ކަންތައް ކުރަންވީ ގޮތް
ޗޭން ގްރެފިކް އޮގަނައިޒަރ ބޭނުން ކޮށްގެން ދައިކައި ދެވިދާނެ ގޮތުގެ މިސާލެކެވެ.
2.5 ބަސްކޮށާރު ތަރައްޤީ
ކުރުމާއި ކޮންސެޕްޓް ގްރެފިކް އޮގަނައިޒަރ
ބަސްކޮށާރު ތަރައްޤީ ކުރުމާއި ކޮންސެޕްޓް ގްރެފިކް އޮގަނައިޒަރ ގެ
ސަބަބުން ލިޔުންތަކުގައި ބަސްތައް ބޭނުން ކޮށްފައި ހުންނަ މާނަ ދެނެގަނެވެއެވެ.
އަދި ތަފާތު ޙާލަތްތަކުގައި ބޭނުން ކުރުމަށް މަގުފަހިވެގެން ދާނެއެވެ.
ދަރިވަރުންނަށް އެކަމަކާ ގުޅޭ ބަސްކޮށާރެއް އެނގިފައިހުރި މިންވަރު އަވަސް
ނަޒަރަކުން ދެނެގަތުމަށްވެސް މި ބާވަތުގެ އޮގަނައިޒަރ ބޭނުން ކުރެވިދާނެއެވެ. ހަމައެއާއެކު ކޮންސެޕްޓް ގްރެފިކް އޮގަނައިޒަރގެ
ސަބަބުން ތަފާތު ޚިޔާލުތަކުގެ މެދުގައިވާ ގުޅުން ދަރިވަރުންނަށް ފަސޭހައިން
ދެނެގަނެވޭނެއެވެ. އެއްކަމާއި އަނެއް ކަމާ ދެމެދުގައިވާ ގުޅުމާއި ގުޅި
ލާމެހިފައިވާ މިންވަރު ވަޒަން ކުރެވިގެން ދާނެއެވެ. މިކަން ބެލުމަށްޓަކައި
ދޭހައިގެ ގޮތުގައި ދެވޭ ތަފާތު ލިޔުންތަކުގައި ހުންނަ ބަސްތަކުން ދަރިވަރުންނާ
ސުވާލު ކުރެވިދާނެ އެވެ. އަދި މައިދާނީދަތުރުތައް އިންތިޒާމް ކުރުމަށްފަހު އެނބުރި
އައިސް، މައިދާނީ ދަތުރުގެ ރިޕޯޓް ލިޔުއްވުމުގައި ބަސްކޮށާރު ތަރައްޤީ ކުރުމާއި
ކޮންސެޕްޓް ގްރެފިކް އޮގަނައިޒަރ ގެ ބޭނުން ކުރެވިދާނެއެވެ.
ތިރީގައި އެވަނީ ބަސްކޮށާރު
ތަރައްޤީ ކުރުމާއި ކޮންސެޕްޓް ގްރެފިކް އޮގަނައިޒަރ ގެ ބޭނުން ކުރެވިދާނެ ގޮތުގެ
މިސާލެކެވެ. މިފަދަ ދަތުރު ތަކުގެ ކަން ހިނގި ގޮތް ބަޔާން ކޮށް ރިޕޯޓް ލިޔުމުން
ދަރިވަރުންގެ ބަސް ކޮށާރު މުއްސަނދި ވުމަށްވެސް ވަރަށްބޮޑު އެހީ އަކަށް ވެގެން
ދާނެއެވެ.
3- ގްރެފިކް އޮގަނައިޒަރ ގެ
ބޭނުން ކުރުމުގައި ހުރި ފަސޭހަ ތަކާއި ދަތިތައް
3.1 ފަސޭހަތައް
ގްރެފިކް އޮގަނައިޒަރ ބޭނުން
ކުރުމުން ލިބޭނެ ފައިދާތައް ވަރަށްވެސް ގިނައެވެ. ހަމަ އެއާއެކު ލިބޭ
ފަސޭހަތައްވެސް އެހާމެ ގިނައެވެ. އެގޮތުން ލިބޭނެ އެންމެ ބޮޑު ފައިދާއެއްކަމުގައި
ދެކެނީ ކިޔަވައިދޭ އެއްޗެއް ރަނގަޅަށް ދަރިވަރުންނަށް އެނގުމެވެ. ވިސްނުމެވެ.
ގްރެފިކް އޮގަނައިޒަރގެ ސަބަބުން ދަރިވަރުން ޝައުޤްވެރި ވާނެއެވެ.
އެހެންވެއްޖެނަމަ ކުލާސްރޫމުގައި މުދައްރިސް ކުލާސް ކޮންޓްރޯލް ކުރުމަށް
ހޭދަކުރަންޖެހޭ ވަގުތާއި ވިސްނަންޖެހޭ ވިސްނުން ވަރަށް ބޮޑަށް ކުޑަވެގެން
ދާނެއެވެ. ނަތީޖާއަކަށް ވާނީ ކިޔަވައިދޭން ބޭނުންވާ އެއްޗެއް ފަސޭހަކަމާއެކު
އުނގަންނައިދީ އޮޅުން ފިލުވައި ދިނުމަށް މަގު ފަހިވެގެން ދިއުމެވެ. ފިލާވަޅުގެ
މަޤްޞަދު ފުރިހަމައަށް ޙާޞިލް ވުމެވެ.
ހަމަ އެއާއެކު އެކެއްޗެއް
އޮޅުން ފިލުވައި ދިނުމަށް މުދައްރިސް ހޭދަކުރަންޖެހޭ ވަގުތު މަދުވެގެން ދާނެއެވެ.
ޝައުޤްވެރިކަމާއެކު ކަމެއް ކޮށްފިނަމަ އެކަމުގެ ނަތީޖާ ފަސޭހައިން ޙާޞިލްވެ ނުވަތަ
އެކަމުން އެނގޭ އެނގުމުގެ މިންވަރު އިތުރުވެގެންދާނެއެވެ. މިއީ އިންސާނީ
ޠަބީއަތެވެ. އެހެންކަމަށް ވާނަމަ މުދައްރިސް ދެވަނަ ފަހަރަށް އެއެއްޗެއް ކިޔަވައި
ދިނުމަށް ހޭދަކުރަންޖެހޭ ވަގުތު
ހޭދަކުރާކަށް ނުޖެހޭނެއެވެ. އެވަގުތުގެ ބޭނުން ހިފައިގެން މުދައްރިސަށް
ދަރިވަރުންނަށް ބޭނުންވާ އިތުރު އެހީތެރިކަމެއް ދެވިދާނެ ކަމުގައި ދެކެމެވެ.
ފޮތްތަކުގައި ހުންނަ ގިނަ
ޞަފްޙާތައް ކިޔަން ޖެހުމުން ފުރަތަމަވެސް ދަރިވުންނަށް ފޫހިކަން އިޙްސާވެއެވެ.
ގްރެފިކް އޮގަނައިޒަރގެ ސަބަބުން މިފަދަ ބޮޑެތި ފިލާވަޅު ތަކުގައި ހިމެނޭ މުޙިއްމު
ހުރިހާ މަޢުލޫމަތު ތަކެއް ކުރުކޮށް ދަރިވަރުންނަށް ހުށަހަޅައިލުމަށް މަގު
ފހިވެގެން ދެއެވެ. އެހެންކަމަށް ވާނަމަ މިއީވެސް ދަރިވަރުންނަށާއި ދުދައރިސަށްލިބޭ
އިތުރު ފައިދާއަކާއި ފަސޭހައަކަށް ވާނެކަން ޔަޤީނެވެ.
މީގެ އިތުރންވެސް
ދަރިވަރުންގެ އުފެއްދުންތެރިކަން އިތުރުވެގެން ދިއުމަށްވެސް މަގުފަހިވެގެން
ދެއެވެ. ދަރިވަރުން އަމިއްލައަށް ކަންތައްތައް ހޯދާ ދިރާސާ ކުރުމަށް
މަގުފަހިވެގެން ދެއެވެ. މައްސަލަތައް ދިމާވާ ގޮތާއި އެމައްސަލައިގެ ސަބަބުން
ދިމަވެދާނެ ކަންތައްތަކާއި އެކަމާ ގުޅިގެން އިތުރަށް ކުރިމަތިވެގެން ހިނގައިދާނެ
މައްސަލަ ތައްތައް ދެނެގަނެ އެކަންކަން ޙައްލު ކުރުމަށް ދުރާލާ ފިޔަވަޅު އަޅަން
ދަސްވެގެން ދެއެވެ. މިހުރީ މުޅިންވެސް ގްރެފިކް އޮގަނައިޒަރގެ ތަފާތު ވައްތަރުތައް
ބޭނުން ކުރުމުން ދަރިވަރުންނަށް ލިބިގެން ދާނެ ފައިދާ ތަކެވެ.
3.2 ގްރެފިކް އޮގަނައިޒަރ ގެ
ބޭނުން ކުރުމުގައި ހުރި ދަތިތައް
ގްރެފިކް އޮގަނައިޒަރ ބޭނުން
ކުރުމުގައި ހުރި ދަތިތަކެއް ކަމުގައި އަޅުގަނޑު ފާހަގަ ކުރާނީ އަޅުގަނޑުމެންގެ
ސްކޫލުތަކުގެ ކިޔަވައި ދިނުމުގެ ނިޒާމް ހަމަ ޖެހިފައިވާ ގޮތެވެ. އަޅުގަނޑުމެންގެ
ގިނަ މުދައްރިސުންނަކީ އެއްގްރޭޑަށްވުރެ ގިނަ ގްރޭޑް ތަކަށް ކިޔަވައިދޭ މުދައްރިސުންނެވެ.
ހަފްތާއަކު 25-30 ދެމުދުގެ ޢަދަދަކަށް ގަޑި ނަންނަގަވައި ދެއްވަން ޖުހުމުގެ
ނަތީޖާއެއްގެ ގޮތުން ކިޔަވައި ދިނުމަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު
ހުސްނުކުރެވުމެވެ. ހަމަ އެއާއެކު އެކަށީގެންވާ ވަޞީލަތްތައް ނުހުރުންވެސް މީގެ
ތެރޭގައި ހިމެއެވެ. އެގޮތުން މަޢުލޫމާތު ހޯދުމަށްޓަކައި އިންޓަރނެޓުގެ ވަޞީލަތް
ފަސޭހައިން ފުރިހަމައަށް ލިބެން ނުހުރުމާއި، ކިޔަވައި ދިނުމުގައި އޯޑިއޯވިޝުއަލް ފަސޭހައިން
ބޭނުންކުރެވޭނެ ގޮތް ހަމަޖެހިފައި ނުހުރުންވެސް ފާހަގަ ކުރަމެވެ. ކުރުކޮށް
ދަންނަވާނަމަ އަޅުގަނޑަށް ދެންނެވޭނި އަޅުގަނޑުމެންގެ ސްކޫލް ސިސްޓަމް ނުވަތަ މަދަރުސީ
ވެށި މިބާތުގެ ކަންތައްތަކަށް ތައްޔާރު ވެފައި ނެތްކަމަށެވެ. މީގެ ކުރިން
މީހުންނާއި ވަޞީލަތްތައް ކުރިއެރުވުމުގެ ވިސްނުން ގެންގުޅެވިފައި ހުރިލެއް
ކުޑަކަމެވެ. ޚާއްޞަކޮށް ކޯހެއް ހެދުމަށްފަހު ވަޒީފާއެއް ލިބުމުން ދެން އެނާ
އަމިއްލަ ކުރިއެރުމަށް ކުރާމަސައްކަތެއް ނޯވެއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔެއަށް
އަންނަމުންދާ ތަރައްޤީ އާއި ކުރިއެރުންތައް ކިޔަވައި ދިނުމުގެ މާޙައުލުގައި ބޭނުން
ކުރެވޭ މިންވަރު އޮންނަނީ ވަރަށް ދަށުގައެވެ.
No comments :
Post a Comment