Sunday, October 27, 2019

ކާމިޔާބު މީހކަށްވުން


d
          އިންސާނާ އުޅެންވީ އުސޫލުތަކާއި ޤަވާޢިދުތައް ބަޔާން ކޮށްދެއްވި ގަދަ ކީރިތި ވަންތަ ޖައްލަ ރައްބީއަށް ޙަމްދާ ޝުކުރުކުރަން (.) އުއްމަތަށް އެންމެ ފުރިހަމަ ނަމޫނާ ދެއްކެވި މާތް ސާހިބާ މުޙައްމަދުގެ ފާނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުއާކުރަން (.) މި ދުޢާގައި އެމާތް ރަސޫލާދެއްކެވި މަގުން ހިންގެވި އާލުންނާއި އަޞްޙާބުން ޝާމިލްކުރަން(.) މަދަރުސާގެ ހިންގުންތެރި ވެރިންނާހީވާގި ލީޑިންޓީޗަރުން(.) ރެއާދުވާލު އެބޭފުޅުންގެ އަގުހުރި ވަގުތުތައް އަޅުގަނޑުމެންގެ ޙައްގުގައި ހޭދަކުރަމުންދާ އަޅުގަނޑުމެންގެ ލޮބުވެތި މުދައްރިސުން(.) ހެޔޮބަސް އަހައި ހެޔޮނަޞޭހަތް ޤަބޫލުކުރާ އަޅުގަނޑުގެ އެކުވެރިން(.)  
          އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުޙު (.)
           އެކުވެރިންނޭ! (.) ކޮންމެ މީހަކީވެސް ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު މީހަކަށް ވުމަށް ބޭނުންވާނެ މީހެއް(.) ދުނިޔޭގައި އުފަލާ ހިތްހަމަޖެހުމާ އެކު ދިރިއުޅުން ވޭތުކުރަން ބޭނުންވާނެ މީހެއް(.) ދިވެހި މުހާވަރާގައި ވަނީ ކާމިޔާބަކީ މަސައްކަތްކުރާ މީހެއްގެ ޙައްޤެއްކަން(.) އެގޮތުން ހިނިވެސް ފަރުބަދަކެނޑީ ބުރަ މަސައްކަތުންކަން ކަށަވަރު(.) ހަމަ މިބީދައިން އިންސާނާވެސް ކަމިޔާބު މީހަކަށް ވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެކަން ކަށަވަރު(.)
     އަހަރެމެންނަކީ މުސްލިމުން ކަމުގައި ވީހިނދު، ކާމިޔާބު މީހަކަށް ވުމަށްޓަކައި އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ ދީނުގެ ތަނބު ކަމުގައިވާ ފަރުޟު ނަމާދު ބަރާބަރަށް އަދާކުރުން(.)  އޭގެ ސަބަބުން ޝައިޠާނީ ވަސްވާސްތަކުން އިންސާނާ ދުރުކޮށްދޭ(.) ނަމާދާކޮށް ޤުރުއާން ކިޔެވުމުން އިންސާނާގެ ހިތް އަލިވެގެންދޭ(.) ދަސްކުރުމުގެ ބާރު ގަދަވެގެންދޭ(.) ނަތީޖާއެއްގެ ގޮތުން ކާމިޔާބު މީހަކަށް ވުމަށް ބޭނުންވާ އެއް އަސާސްކަމުގައިވާ ޢިލްމު އުނގެނުން ފަސޭހަ ވެގެންދޭ(.) ނަމާދާ ދުރުވެ، ޤުރުއާން ކިޔެވުމާ ދުރުވި ވަރަކަށް އެމީހެއްގެ ހިތަކީ އަލިކަމެއް ނެތް މަރުވެފައިވާ ހިތަކަށް ވެގެންދޭ(.) މިކަން ސިފަކޮށްދެއްވާ ރަސޫލާ ޙަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވަނީ [ޤުރްއާނުގެ މިންވަރެއް އެމީހެއްގެ ހިތުގައި ނުވާ މީހެއްގެ މިސާލަކީ ފަޅު ގެއެއްގެ] މިސާލެވެ.
   އަޅުގަނޑުގެ އެކުވެރިންނޭ!(.) ކާމިޔާބު މީހަކަށް ވުމަށްޓަކައި އިޙްތިރާމް ކުރުމަކީ ވަރަށް މުހިއްމު ސިފައެއް(.) އަހަރެމެން ދުނިޔެއަށް އައުމުގެ އަސްކު ކަމުގައިވާ މައިންބަފައިންނަށް އިޙްތިރާމްކުރަންޖެހޭ(.) އެމީހުން ބުނާބަސް ޤަބޫލުކުރަންޖެހޭ(.) އެމީހުން ނުރުހޭ، ހިތުގަޖެހޭ އެއްވެސް ކަމެއް ކުރުމަކީ އަހަރެމެން ކޮށްގެންވާނެ ކަމެއްނޫން(.) މައިންބަފައިންނަކީ އަހަރެމްނެ ކާމިޔާބު ބަޔަކަށް ވުމަށް އެންމެ ބޮޑަށް އެދޭނެ މީހުން(.) އެންމެ ބުރަ މަސައްކަތެއް ކޮށްދޭ މީހުން(.) އެމީހުންހެ ހެޔޮ ދުއާއަކީ އަހަރެމެންގެ ކާމިޔާބީގެ އަސްލު(.) އެހެންކަމުން މައިންބަފައިންނާ ދިމާއަށް އުއްފުވެސް ނުބުނުމަށް ރަސޫލާވަނީ އަންގަވައި ދެއްވާފަ(.) ނަމަވެސް ހިތާމައަކީ
ހެޔޮވަރުގެއިސްކޮޅަކަށް ތިމާ ދެމިލާއިރަށް ބުނެ އަންގައޭ
        ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ދެން ބޭނުމެއް ނޯންނާނެޔޭ
ބުނާ އުސޫލުން މައިންބަފައިން އެއްވެސް ބަޔަކަށް ނުހެދުން(.) އެމީހުންނަށް ހިތުހުރި ގޮތެއް ހެދުން(.) އެކުވެރި ދަރިވަރުންނޭ(.) މިއީ ކުރަން ހެޔޮވާވަރު ކަމެއްނޫން(.) ފަލާޙާއި ކާމިޔާބު ލިބުންއޮތީ މައިންބަފައިންނަށް ހެޔޮކޮށް ހިތައިގެން(.) މާތް ﷲ އާއި ރަސޫލާގެ އިރުޝާދަށް ތަބާވެގެން(.) މުދައްރިސުންނަކީ އަހަރެމެންގެ މައިންބަފައިން ފަދަ ބައެއް(.) އަހަރެމްނެ ކުރިމަގު އުޖާލާ ކުރުމަށް ރެޔާދުވާލު އެތައް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ފަރާތްތަކެއް(.) އެހެންކަމުން އެމީހުންނަށްވެސް ދޭންވާ ޙައްޤު އިޙްތިރާމާ ޤަދަރު ދޭންވާނެ(.)

           އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ ތިޔަ ހުރިހާ އެކުވެރިންނަކީވެސް އިސްލާމް ދީނުގެ ރިވެތި އުޞޫލުތަކަށް ތަބާވާ، އެހެންމީހުންނަށް އިޙްތިރާމް ކުރާ، ކިޔަމަންތެރިވާ  ކާމިޔާބު ކުދިބަޔަކަށް ވުމަށް އަޒުމު ކަނޑައެޅުމަށް އިލްތިމާސް ކުރަމުން(.) ތިޔަ އެންމެހާ ދަރިވަރުންނަކީ ހެޔޮބަސް ޤަބޫލުކުރާ، ކުދިބައެއް ކަމުގައި މާތް ﷲ މިންވަރު ކުރައްވާށި! (.) އާމިން (.)
          ވައްސަލާމް ޢަލއިކުމް ވަރަޙްމަތުﷲ ވަބަރަކާތުޙޫ (.)

No comments :

Post a Comment