Sunday, October 27, 2019

މާދަރީ ބަހުގ ެދުވަސް



އިއްޒަތްތެރި ހާޒިރީން
السلام عليكم ورحمة الله وبركاته

މާދަރީ ބަހުގެ ދުވަހާ ގުޅޭގޮތުން ވާހަކަދައްކާއިރު، އެންމެ ފުރަތަމަ އެދުވަސް ފާހަގަކުރަން ޖެހުނު ސަބަބާމެދު އަލި އަޅުވައިލުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މުހިންމު ކަމެއް.

ދުވަސްވަރަކީ މީލާދީގޮތުން 1948 ވަނަ އަހަރު. އެއީ އިނގިރޭސީންގެ އަތްދަށުން އިންޑިޔާ މިނިވަންވީ ދުވަސްވަރު. އިންޑިޔާ މިނިވަންވުމާ ގުޅިގެން ޕާކިސްތަނަކާއި އިރުމަތީ ޕާކިސްތާނު، އާދެ! މިހާރުގެ ގޮތުންނަމަ ބަނގުލަދޭޝް އުފެދިގެން ދިޔަ.

ޕާކިސްތާނު މީހުން، އެމީހުންގެ މައިގަނޑު ބަހެއްކަމުގައި އުރުދޫ ބަސް ހަމަޖެއްސުން ވެގެންދިޔައީ ބަނގުލާ ބަހުން ވާހަކަ ދައްކަމުން ދިޔަ އިރުމަތީ ޕާކިސްތާނުގެ މީހުންނަށް އެތައް އުނދަގޫތަކެއް ކުރިމަތިވަގެން ދިޔަ ކަމަކަށް.

އެގޮތުން އިރުމަތީ ޕާކިސްތާން އާދެ!، ބަނގުލަދޭޝް މީހުން 1952 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެބައި މީހުންގެ ޙައްޤުތައް ހޯދުމަށްޓަކައި އަޑުލުމަށް މަގުމައްޗަށް ނުކުތުމުން، އެޤައުމުގެ ސިފައިން އެމީހުންގަޔަށް ބަޑިޖަހައި، އެތައް ބަޔަކު ޝަހީދުކޮށްލި. އަމިއްލަ ބަހަށް އާދެ! މާދަރީ ބަހަށްޓަކައި ފިދާވި މިފިދާވުމާ ގުޅިގެން އަދިވެސް ބަނގުލަދޭޝްގެ އެބައި މީހުންގެ ނަން، ފާހަގަކުރެވެމުން ދަނީ ޤައުމުގެ ޝަހީދުންގެ ގޮތުގައި... އަމިއްލަ ބަހަށްޓަކައި ފިދާވި އަފުރާދުންގެ ގޮތުގައި...

ބަނގުލަދޭޝްގެ މީހުން އިސްނަގައިގެން މިކަންތައް  އ. ދ. އަށް ހުށަހެޅުމުގެ ސަބަބުން ޔުނެސްކޯއިން، 1999 ނޮވެމްބަރ 17 ގައި ފާސްކުރި ޤަރާރަކާ ގުޅިގެން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހަކީ ބައިނަލް އަޤްވާމީ މާދަރީބަހުގެ ދުވަހުގެ ގޮތުގައި ހަމަޖެއްސި.

އާދެ! މިއަދު އަޅުގަނޑުމެން މިފާހަގަކުރާ ދުވަހަކީ ބައިނަލް އަޤްވާމީ މާދަރީބަހުގެ ދުވަސް.

ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައިވިޔަސް ބަހެއް އުވިގެން ދަނީ މައިގަނޑު ދެތިން ސަބަބަކާހުރެ. ބަހުގެ އަހުލުވެރިން އަޅުވެތިވުން.  ނުވަތަ އެބަހަކުން ރަސްމީ ތަޢުލީމުދެވޭ ނިޒާމެއް ނެތުން.  ނުވަތަ އެބަހަކުން ވާހަކަދައްކާ އެންމެން، ދިމާވާ ޤުދުރަތީ ކާރިޘާއެއްގައި މަރުވެގެން ދިއުން ފަދަ ކަންތައް މިދެންނެވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ.

މިދެންނެވި ވިސްނުމުގެ އަލީގައި ދިވެހި ބަހާ މެދު ވިސްނާލާއިރު އަޅުގަނޑުމެން އުފަލާއެކު ފާހަގަކޮށްލަން ޖެހެނީ، އަޅުގަނޑުމެންނަކީ އާދެ! ދިވެހިބަހުގެ އަހުލުވެރިންނަކީ، މިނިވަން މުސްތަޤިއްލު ބައެއްކަން. އަދި ދިވެހިބަހުން ރަސްމީ ތަޢުލީމު ދެވޭނެ ނިޒާމެއްވެސް ޤާއިމުކުރެވިފައި އޮތްކަން.

ހަމަ އެއާއެކު ވަރަށް ހިތާމައާއެކު ފާހަގަކޮށްލަން ޖެހެނީ  އ. ދ. ން ނެރުނު ޤަރާރެއްގައި ދުނިޔޭގައި މިހާރު ވާހަކަދައްކަމުންދާ 6800 ބަހުގެ ތެރެއިން، ދުރުނޫން މުސްތަޤުބަލެއްގައި އުވިދާނެކަމަށް ލަފާކުރެވޭ ބަސްތަކުގެ ތެރޭގައި ދިވެހިބަސް ހިމެނިފައިވުން.

މިއިން އަޅުގަނޑުމެންނަށް އަންގައިދެނީ ދިވެހިބަހާމެދު އަޅައިނުލައި އަތްއުރައިލައިގެން ތިބެވެން ނެތްކަން... ވީއިރު އެންމެ އަހަރަކު ދިވެހިބަސް ފޮތެއް ނެރެވުނޭ ކިޔައިފައި އަޅުގަނޑުމެންނަށް ތިބެވޭކަށް ނެތް.. ވިންޑޯސް އެކްސް ޕީ ގައި ދިވެހި ފޮންޓްތަކަށް ޖާގަލިބުނޭ ކިޔައިފައި ފަރުޖައްސައިލެވޭކަށް ނެތް.

ވީއިރު ބޮޑު ބަސްބުނެފައި އަރައި މަތިފަށް މަތީ ތިބެން ބޭނުން ނަމަ އަޅުގަނޑުމެން އެންމެން ވެސް އަތުކުރި އޮޅައިލައިގެން ދިވެހިބަސް ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަންވެއްޖެ. އަޅުގަނޑު ދެކޭގޮތުގައި ދިވެހިބަސް ކުރިއެރުވުމަށްޓަކައި، ދިވެހި ބަހާމެދު ކުޑަކުދިންގެ ހިތްތަކުގައި ލޯބި އުފެއްދުމަކީ، މިކަމަށް ހެދެންއޮތް އެންމެ މޮޅު ފަންޑިތަ... ކިޔަވާކުދިންގެ ހިތްތަކުގައި ދިވެހިބަހަށް އޮންނަ ލޯތްބާއި ބަހާމެދު ހުންނަ ޝައުޤުވެރިކަން އިތުރުކުރުމަކީ މިއަދު އަޅުގަނޑުމެން ވިސްނަންވެއްޖެކަމެއް..  ކުޑަކުދިން ދިވެހިބަހަށް ޝައުޤުވެރިވާނެ ގޮތްތައް ހޯދައި އެގޮތުގައި މަސައްކަތްކުރެވިއްޖެ ނަމަ ދިވެހިބަހަށް އަދަށްވުރެ ފަހި މާދަމައެއް ފެންނާނެކަމީ ހަމަ އެއްވެސް ޝައްކެއް އޮތްކަމެއްނޫން...

އެހެންވީމާ، ނިންމާލަމުން ވެސް އަޅުގަނޑު ދަންނަވާނީ،

" ޚިދުމަތްކުރުން ބަހަށް މިއީ ދެއަޚެއްގެ ވާޖިބެއް ނޫން
އެދުނަސް  ދެމީހަކަށް މިއީ  ކުރެވޭނެ ވަރުކަމެއް ނޫން  



السلام عليكم ورحمة الله وبركاته


އެންމެހައި ތާރީފާ ޘަނާ ޙައްޤުވެގެންވަނީ، އިންސާނާގެ، އިންސާނިއްޔަތުކަން ފުރިހަމަ ކުރެއްވުމަށްޓަކައި ބަސް މޮށުންތެރިކަމުގެ އަގުބޮޑު ނިޢުމަތް ދެއްވި، ﷲ  ސުބްޙާނަހޫ ވަތަޢާލާއަށް ... ޞަލަވާތާ ސަލާމުގެ ގުލްދަސްތާތަކުން ވެދުން މިކުރަނީ ކައު އިތުރު ރަސޫލާ މުޙަންމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަށާއި އެނަބިއްޔާގެ އިތުރު އާލުންނާއި މިތުރު ޞަޙާބީންނަށް ... އަދި މިޞަލަވާތާ ސަލާމުގައި އެމާތް ނަބިއްޔާގެ އެންމެހައި ޞަޙާބީންނާއި ތާބިޢީން ޝާމިލްކުރަން ..

އަޅުގަނޑުމެންގެ ޢިއްޒަތްތެރި ޕްރިންސިޕަލުންނާއި އެހެނިހެން ވެރިން .. ޢިއްޒަތްތެރި ސްޕަވައިޒަރުންނާއި ލޮބުވެތި މުދައްރިސުން، ޓީޗަރުން ، އަދި އަޅުގަނޑުގެ އެކުވެރި ކިޔަވާކުދިންނާއި އެހެނިހެން ބައިވެރިން .. އެންމެ މާތްވެގެންވާ އިސްލާމް ދީނުގެ ތަޙިއްޔާތުން ތިޔަ ހުރިހައި ބޭފުޅުންނަށް ސަލާމް ދަންނަވަން ..  السلام عليكم ورحمة الله وبركاته

މިރޭގެ މިހިތްގައިމު ވަގުތުކޮޅު އަޅުގަނޑު މިއުފާވެރި ފިޔަވަޅުގެ މައްޗަށް މިހުއްޓުނީ، ދުނިޔޭގެ މާދަރީބަހުގެ ދުވަހުގެ އުފަލުގައި އަޅުގަނޑުމެން މިކުރަމުންދާ އިޙްތިފާލުގައި އެކި ރޮނގު ރޮނގުން ޝުކުރު ޙައްޤުވާ ފަރާތްތަކަށް ޝުކުރު ދެންނެވުމަށްޓަކައި .. އަޅުގަނޑު މިއައިޓަމަށް އިންސާފުކުރާހިތް އޮތީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވެމުން މިދާ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑުމެންގެ މިރީތި ބަހާމެދު ފަޚުރުވެރިވާ ދަރިވަރެއް ޙައިޘިއްޔަތުން ދެތިން ބަހެއް ދަންނަވައިލުމަށް ފަހުގައި .. އާދެ! ދިވެހި ޅެންވެރިއަކު ވިދާޅުވެފައި ވަނީ:-

"އަސަރަކާ އަދި ފޮނިކަމެއް އެކިބަސްބަހުން ހަމަ ފެނުނަކަސް
އަސަރުގަދަ އަދި އެންމެ ފޮނި ބަހަކީ މަށަށް މި ދިވެހި ބަހޭ"

އާދެ! ކުޑަވެސް ޝައްކެއް ނެތް! މިއީ ވަރަށްވެސް ބޮޑު ޙަޤީޤަތެއް .. ސަބަބަކީ ދުނިޔެގެ އެންމެ ކުރިއަރާފައިވާ ބަސްބަހަށް ލިބިފައިވާ ކޮންމެ ފޮނިކަމަކާއި ފުރިހަމަ ކަމެއް އަޅުގަނޑުމެންގެ ބަހަށްވެސް މިވަނީ ލިބިފައި .. ކަންކަމާ ، ތަންތަނާ ، މީހުންނާ ، ތަކެތި ސިފަކޮށް އެ ނުފެންނަނީސް އޭގެ މަންޒަރު ނުހަނު މޮޅަށް ލަފުޒީ ކުރެހުންތަކުން އަޅުގަނޑުމެންނާ ހަމައަށް ވަޒަން ބަހުރުވައިންނާއި ލިޔާބަހުރުވައިން އަދަބީ ލިޔުންތައް، ކުޅަދާނަ ދިވެހި އަދީބުން އެގެންދަވަނީ ނެރެ ދައްކަވަމުން .. އެހެންކަމަށް ވުމާއެކު އަޅުގަނޑުމެން މިކަމާމެދު ފަޚުރުވެރި މިވަނީ ހަމަ ކޮންމެ ދިވެއްސަކުވެސް ދިވެހި ބަހާ މެދު ފަޚުރުވެރިވާނެ އެންމެ މަތީ ދަރަޖައަށް .. އާދެ! މިއީ ވަރަށް އަސަރުކުރުވާ އަދި ފޯރި އާއި ޖޯޝްވެސް ގެނެސްދޭ މައުޟޫޢެއް ... އެހެންވީމާ، ދެން އަޅުގަނޑު އެނބުރިލާނީ ޝުކުރުގެ ލިސްޓާ ދިމާއަށް ..

އާދެ! އަޅުގަނޑުމެން ދަންނަވައިލި ދަންނަވައިލުމަށް އަގުހުރި ވަގުތުކޮޅު އަޅުގަނޑުމެންނަށްޓަކާ ހުސްކޮށްދެއްވި މިރޭގެ ޢިއްޒަތްތެރި ޝަރަފުވެރި މެހްމާނަކީ، ދިވެހިބަހުގެ ފޮނިކަން ލިޔުންތެރިކަމާ ޅެންވެރިކަމުން ނެރެދެއްވުމުގައި ވަރަށްވެސް ޤާބިލް އަދީބެއްކަމުގައި ދެކެމުން މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުންނާއި އަޅުގަނޑުމެން ހުރިހާ ކިޔަވާކުދިންގެ ނަމުގައި ހިތުގެ އެންމެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން ..

އާދެ! މިއަދަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން ވާރުތަވީ މިރީތި ދިވެބަސް ހެޔޮގޮތުގައި ދެމެހެއްޓުމަށް އިތުރު ބާރަކާއި ވާތްގެއް ލިބިގެން ދާނެ ދުވަހެއް .. އެހެންކަމުން ދިވެހި ކާބަފައި އަދީބުންނަށާއި މިއަދުގެ އަދީބުންނަށް، އާދެ! ޖުމުލަކޮށް ފަޚުރާ ޝަރަފު ބަހަށް ހޯއްދަވައި ދެއްވި ހުރިހާ  އަދީބުންނަށް އެބޭބޭފުޅުން ޖަމާޢަތްވެގެންނާއި ފަރުދީގޮތުން، މިރީތި ދިވެހިބަހަށް ކޮށްދެއްވި މިންނެތް މަސައްކަތްޕުޅު ހަނދާންކޮށް، ދިވެހި އަދަބީ ޤުލްޝަނުގައި ފޮޅުނު އެންމެ ވަސްމީރު މަލުގެ ގުލްދަސްތާތަކުން  ވެދުންކޮށް ޝުކުރުދަންނަވަން .. އަދި އިސްވެ ގޮސްފައިވާ ދިވެހި ކާބަފައި އަދީބުންގެ ފުރާނަފުޅަށް ރަޙްމަތްލެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާދަންނަވަން ..

އާދެ! ބަހަކީ ވަކި މީހެއްގެ އެއްޗެއްނޫން .. އެންމެންގެ އެއްޗެއް ..  އެބަހަކުން ވާހަކަދައްކާހައި ބައެއްގެ އެއްޗެއް .. ޤުދުރަތުގެއެއްޗެއް ..  ދިވެހި ބަހަކީ ދިވެހި ޤައުމިއްޔަތުގެ އެއްރުކުން .. މިބަސް ދިރުވައި ކުރިއެރުވުމަކީ ހުރިހައި ދިވެހިންގެ ކަމެއް .. ދިވެހި ސަރުކާރުގެވެސް ކަމެއް .. މިހެންވެ ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ވެރިން ދިވެހިބަސް ދިރުވައި އާލާކުރުމަށް ކޮށްދެއްވާ އަގުބޮޑު ޚިދުމަތްތަކުގެ އަގު ވަޒަންކޮށް އަޅުގަނޑުމެން އެންމެންގެ ނަމުގައި އެމަރުކަޒުގެ ވެރިންނަށާއި ދިވެހި ސަރުކާރަށް ޝުކުރުދަންނަވަން .. ޚާއްޞަކޮށް ދިވެހިބަސް ދިރުވައި އާލާކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވާ ބުރަ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކޮށް، ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު ޢަބްދުލް ޤައްޔޫމަށް ތިޔަ އެންމެހައި ބޭފުޅުންނާއި އަޅުގަނޑުމެން ކިޔަވާކުދިންގެ ނަމުގައި އައްސަރިބަހާއި ސާބަސް ދެމުން ވަރަށް ހޫނު މަރުހަބާއަކާއި ޝުކުރެއް ދަންނަވަން .. 

މިދުވަސް މިހައި ކުލަގަދަ ގޮތަކަށް މިފާހަގަކުރެވެނީ އަޅުގަނދުމެންގެ ސްކޫލުން ވެސް ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާތީކަމަށް އަޅުގަނޑު ޤަބޫލުކުރަން .. އެހެންކަމުން މިފުރުޞަތުގައި، އަޅުގަނޑު ވަކިވަކިން ނަންފުޅުތައް ނުދެންނެވި ނަމަވެސް  ސްކޫލްގެ ވެރިންނަށާއި ސްޕަވައިޒަރުންނަށާއި މުދައްރިސުން ނުވަތަ ޓީޗަރުންނަށާއި ޖުމްލަކޮށް ސްކޫލްގެ ހުރިހައި ސްޓާފުންނަށް އަޅުގަނޑުމެން އާދެ! ސްކޫލްގެ ހުރިހާ ދަރިވަރުންގެ ނަމުގައާއި ތިޔަހުރިހާ ބޭފުޅުންގެ ނަންފުޅުގައި ޝުކުރާއި މުބާރިކުބާދީ އަދާކުރަން ..

އާދެ! ޝުކުރުގެ ލިސްޓަކީ ދިގުލިސްޓެއް .. އަދި އަޅުގަނޑާ ހަވާލުކުރެވިފައި މިވާ މަސައްކަތަކީ ވަރަށް ބުރަ އުނދަގޫ ވެސް ކަމެއް ... ސަބަބަކީ މިލިސްޓުން އެންމެ ނަންފުޅެއް ނުދެންނެވި ދިޔަނަމަވެސް އަޅުގަނޑު އެ ފެއިލްވީ .. ވީމާ، ޝުކުރުގެ ލިސްޓު އަޅުގަނޑު ނިންމާލާނީ އަޅުގަނޑުމެންނާ ގުޅިގެން ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ވަޑައިގެން ދެއްވި ތިޔަ ހުރިހައި ބޭފުޅުންނަށާއި މިދުވަސް އިތުރަށް ފުރިހަމަ ކުރުމަށް ބައިވެރިވި މިސްކޫލްގެ މުސްކުޅި ދަރިވަރުންނަށާއި މިހަރަކާތުގައި ބައިވެރިވި މިހާރުގެ ހުރިހައި ދަރިވަރުންނަށާއި މިރަސްމިއްޔާތު އިންތިޒާމުކުރުމުގައި ހަރަކާތްތެރިވެ އުޅުއްވި ހުރިހާ ބޭފުޅުންނަށް ހިތުގެ އެންމެ އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވަމުން .. ޝުކުރިއްޔާ! ..

އާދެ! މިފަދަ އަގުހުރި ފުރުޞަތެއް އަޅުގަނޑަށް ދެއްވިކަމަށްޓަކައި ސްކޫލްގެ ވެރިންނަށާއި އެހީތެރިވެދެއްވި މުދައްރިސުންނަށް ވެސް ޝުކުރު ދަންނަވަން ..

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ ދިވެހިބަހަށް އަދަށްވުރެ ފަހި މާދަމާއަކަށް އެދެމުން ..   


السلام عليكم ورحمة الله وبركاته

No comments :

Post a Comment