Tuesday, October 22, 2019

ޤައުމީ ދުވަސް


ޤައުމީ ދުވަސް
ޤައުމާ ވަޠަންދެކެ ލޯބިވުމުގެ މާތް ސިފަ އަޅަމެންގެ ކިބައިގައި ލެއްވި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާޝުކުރުކުރަން. ޤައުމިއްޔަތުގެ އެންމެ ފުރިހަމަ ނަމޫނާ ދެއްކެވި މާތް ސާހިބާ ޚާތިމުލް އަންބިޔާއި ވަލްމުރުސަލީނަށް ޞަލަވާތާއި ސަލާމުގެ އެންމެ ވަސްމީރު ގުލްދަސްތާތަކުން ވެދުންކުރަން. އަދި މިޞަލަވާތުގައި އިތުރު އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަން.

· ޖަލްސާގެ ޢިއްޒަތްތެރި ޝަރަފުވެރި މެހުމާނު 
· އައްސަލާމު ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތު.
· ޤައުމެއް ތަރައްޤީވެ ކުރިއަރައިގެން ދާނީ އެޤައުމެއްގެ އަހުލުވެރިންގެ މެދުގައި އޮންނަ އެއްބައެއްވަންތަކަމާއި އެކުވެރިކަމެއްގެ މައްޗަށް . އެބައެއްގެ މެދުގައި އޮންނަ ތަރައްޤީގެ ވިސްނުމާއި ކުރިއެރުމުގެ ޚިޔާލާތުގެ މައްޗަށްކަން ކަށަވަރު. މިއަދު އަޅުގަނޑު ވާހަކަ ދައްކަން ހަމަޖެހިފައިވާ މައުޟޫޢަކީ ޤައުމިއްތު ދިރުވުމުގެ މުހިންމުކަން.
· އަޅުގަނޑުމެން އެންމެންވެސް ވަރަށް ގިނައިން ދައްކާ ވާހަކައެއް. ޤައުމިއްޔަތު ކުރިއަރުވާށޭ. ޤައުމިއްޔަތު ދިރުވާށޭ. މިވާހަކަ ދައްކާއިރު އަޅުގަނޑުގެ ހިތށްއަރާ، އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށް، ޤައުމިއްޔަތޭ މިބުނާ ބަހުގެ މާނަ އެނގޭބާވައޭ. އާދެ! ޤައުމިއްޔަތަކީ ވަރަށްގިނަމާނަ އެއިން ނެރެވިދާނެ ލަފުޒެއް. ބައެއްމީހުން މިލަފުޒު މާނަކުރާއިރު މިއީ ގައުމުގެ ދީނާ، ގައުމުގެ ފަސްގަނޑާއި، ޤައުމީބަހާއި ތާރީޚާއި ސަގާފަތާއި މިހުރިހާއެއްޗެއްގެ މައްޗަށް އެކުލެވިގެން ދެވިފައިވާ ނަމެއްކަމުގައިވެސް ބުނެއުޅޭ. އަނެއް ބަޔަކުބުނަނީ މިއީ މިހުރިހައި އެއްޗެއް ދެކެވާލޯބިކަމަށް.
· ދިވެހިބހުގެ ރަދީފުގައި މިބަހުގެ މާނައެއްކަމުގައި ބަޔާންކުރައްވާފައިވަނީ އެއީ ޤައުމުދެކެ ވާ ލޯތްބާއި އަމިއްލަ ޤައުމާމެދު ހިތުގައި އުފެދޭ ޝުޢޫރު ނުވަތަ ޤައުމުވަންތަކަން ކަމުގައި. މިގޮތުންބަލާއިރު ޝައްކެއްވެސްނެތި ޤަބޫލުކުރަންޖެހެނީ ޤައުމިއްޔަތު ދިރުވުމުކީ ވަރަށްވެސް މުހިންމުކަމެއްކަމުގާ. އާދެ! މިއަދު މިދެކޭ ތރައްޤީއާއި ތަހުޒީބުގެ އުސްބާނިތަކުގައި އަޅުގަނޑުމެންގެ ޒުވާންޖީލު ނުވަތަ ޅަޒުވާނުން މިވަނީ ބޭރުގެ ސަޤާފަތާއި އާދަތަކަށް ރޭރުވެ އަމިއްލަވަންތަކަމަށް ބީރަށްޓެހިވާންފަށާފަ. މިފަދަ ޒަމާނެއްގައި އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަމާއި އަމިއްލަ ސަޤާފަތަށް ލޯބިކުރުމަކީ ވަރަށްމުހިންމު ކަމެއްކަން ކަށަވަރު.

· އަޅުގަނޑުމެންގެ މިދިވެހިރާއްޖެއަކީ ހިންދުކަނޑުގައިވާ މުތީގެ ހާރެއްކަމަށާއި ދުނިޔެމަތީގެ ސުވަރުގެ ކަމުގައި އަޅުގަނޑުމެންފިޔަވައި ދުނިޔޭގެ މަޝްހޫރު އެތައް ލިޔުންތެރިންނެއްވެސް ހެކިވޭ. އަދި އަޅުގަނޑުމެން ދިވެހިންނަކީ ފަޚުރުވެރިވުން ޙައްޤު ތާރީޚަކާއި ސަޤާފަތެއް ލިބިގެންވާ ބައެއްކަމަށްވެސް އެއްބަސްވޭ. މީގެ އިތުރުން އަޅުގަނޑުމެން ދިވެހިންނަކީ ސައްތައިންސައްތަ މުސްލިމުނަށް ވީކަމީވެސް ދުނިޔޭގެ ނަޒަރުގައި އަޅުގަނޑުމެންނަށް ލިބިގެންވާ އަގުހުރި ޝަރަފެއް. އެހެންކަމުން އަޅުގަނޑުމެންގެ ޤައުމާމެދު ތަފާތު ގޮތްގޮތަށް ބަލަމުންދާނޭ މީހުން ތިބޭނޭ ކަމީވެސް ޝައްކެއްއޮތް ކަމެއްނޫން.
· މުސްކުޅިންބުނެއުޅޭ މުޙާވަރާއެއްގައިވެސްވޭ. މުސްތަޤުބަލު ބިނާކުރަންވާނީ މާޒީވެ ދިޔަތަނަށްބަލާފައޭ. މިމުޙާވަރާއާމެދު ޤައުމީ ނަޒަރަކުން ވިސްނާލާއިރު އަޅުގަނޑު މެންގެ މިފަޚުރުވެރި ޤައުމަށްވެސް ބޭރުގެ ބައެއް ޢުދުވާންތައް އަމާޒުވެފައި އެބަހުރި. ކަމުގެ ޙަޤީގަތަށް ވިސްނާ ބަލާއިރު މިއިންކޮންމެ ކަމެއްވެސް ކުރިމަތިވެފައިވަނީ އަޅުގަނޑުމެންގެ ތެރެއިން ބައަކަށް އަޅުގަނޑުމެންގެ ޤައުމިއްޔަތާ މެދު އިހުމާލު ވެވުމުން. ޚިޔާނާތްތެރި ވެވުމުން. އާދެ! ޕޯޗުގީޒުންގެ އަނިޔާވެރި 15 އަހަރަށްވުރެގިނަދުވަސްވީ އަޅުވަތިކަން އަޅުގަނޑުމެން ތަޙައްމަލް ކުރަންޖެހުނީ 9 ވަނަ ޙަސަން ރަސްގެފާނު މާތްވެގެންވާ އިސްލާމް ދީންދޫކޮށް ރާއްޖޭގެ ރައްޔިތުންވެސް ދީނުންބޭރުކުރަން ރޭވި ރޭވުންތަކެއްދަށުންކަން ދިވެހިތާރީޚުން ސާބިތުވެ ފެންނާންއެބައޮތް.
· ހޮޅިންގެ އަޅުވެތިކަމުގައި ދިވެހި އަންހެނުންގެ ޢިއްފަތްތެރިކަން ގެއްލި އެތައް ދިވެހިންނެއް ފުރާނައިން އަތްދޮވެލަން ޖެހުނީވެސް ދެ ދިވެހިދަރިއެއްގެ ނުބައި ނުލަފާކަމުން. މަޝްހޫރު ތާރީޚީ ޢިލްމުވެރިޔާ ޙަސަންތާޖުއްދީނުގެ ދެދަރިން ކަމުގައިވާ ޝަމްސުއްދީނާއި މުޙުޔިއްދީނު ދިވެރާއްޖޭގެ ވެރިކަމާއި ނުރުހުންވެ އެވެރިކަން ބަދަލުކޮށްލުމަށް ކުރި ޚިޔާނާތްތެރި ދޮގުވެރި ޢަމަލުތަކެއްގެ ސަބަބުން. އެއަށްފަހު ދިވެހިން ކުރިމަތިލީ އެންމެ ނުރައްކާތެރި އެންމެ ބިރުވެރި ދުވަހަކީ ނޮވެންބަރު 3 އެކަންވެސް ދިމާވެފައިވަނީ ޤައުމީ ލޯތްބާއި ޤައުމީ މަސްލަހަތަށްވުރެ އަމިއްލަ އެދުމާއި ދަހިވެތިކަން އިސްކުރި ބައެއްގެ ސަބަބުން. ޤައުމިއްޔަތުގެ އަގުމާތް ޖައުހަރުން އަތްދޫކޮށް އަމިއްލައެދުން ކުރިއަށްނެރެފި ކޮންމެ ހިނދަކުވެސް މިޤައުމަށް ލިބިގެން ގޮސްފައިވަނީ ބަޔާންކުރަންވެސް ދަތި ގެއްލުންތަކެއް.
· މިފަދަޙާދިސާތަކާމެދު ފުންކޮށް ވިސްނާލުމުން ދޭހަވަނީ ކޮންމެ އަނިޔާއަކާވެސް އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވަނީ މަދުނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް ދިވެހިންގެ ހިތްތަކުން ޤައުމިއްޔަތުގެ ލޯބި ބީވެގެން ގޮސްފައިވާތީކަން. ނަމަވެސް މިއާއެކު އަޅުގަނޑުމެން އުފާކޮށް ފަޚުރުވެރިވާންވީ މިފަދަކޮންމެ ދަނޑިވަޅެއްގައިވެސް އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެންނާއި ހަމައަށް ގެނެސް ދެއްވާފައިވަނީ ވެސް ހަމަ އަޅުގަނޑުމެންގެ ތެރެއިން އުފެދުނު ޤައުމުދެކެ ލޯބިވާ ހަރުދަނާ ބަޠަލުންތަކެއްގެ ސަބަބުންކަން. އުތީމު މަހާރަދުންނާއި، ދޮންބަންޑާރައިން ފަދަ އަގުހުރި އެތައް ދިވެހި ދަރިންނެއްގެ ހިންމަތާއި މިންނަތުންކަން.
· އާދެ އަޅުގަނޑުމެން ކިޔަވާ ކުދިންގެ ހިތްތަކުގައި ޤައުމިއްތު ދިރުވައި އާލާކުރަންވީ، ބޭރުންނާއި އެތެރެއިން އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ބަހާތަކުގެ ތެރެއިން ބަހާއަކަށް އަތުވެދާނެ ޢުދުވާނަކުން އަޅުގަނޑުމެންގެ ޤައުމު ސަލާމަތުގެ އައްސޭރިއަކާއި ހަމައަށް ގެންގޮސްދޭނޭ ބަޠަލުން ތަކެއް އުފެއްދުމަށް، މިޒަމާނަކީ އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ބައިބައިވުންތަކާ، ދީނީ ބައިބައިވުންތައް އުފެދި އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުނއްސުރެއޮތް ހަމަހިމޭންކަމާއި އަމާންކަން ގެއްލި، އެކުވެރިކަމާއި އެއްބައެއްވަންތަކަން ގެއްލި އެމީހަކާއި އެމީހެކޭ ބުނާ އުސޫލުން ކަންކަން ކުރަމުން އަންނަ ޒަމާނެއް. މިފަދަ ކޮންމެ ބައިބައިވުމަކުން އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އުސްކުރިބޯށިތަކުގައި ރެނދު ލަމުންދާނެ. ޤައުމިއްޔަތުގެ ދިފާޢީ ކިއްލާތައް ފުނޑުފުނޑުވަމުންދާނެ.
· އެހެންކަމުން އަޅުގަނޑުމެންގެކިޔަވާކުދިން، އަންނަންއޮތްޖީލުގެ ޒުވާން ލީޑަރުން މިކަމާމެދު ފުންކޮށް ވިސްނުމަށްގޮވާލަން. އަޅުގަނޑުމެންގެ ހިތުގައި ޤައުމިއްޔަތުދިރުވައި އާލާކުރުމަށް ނަޞޭޙަތްތެރިވަން. އަޅުގަނޑުމެންގެ ހަށިތައް ޙުއްބުލްވަޠަންގެ ރީތި ސިފަތަކުން ޒީނަތްތެރި ކުރުމަށްގޮވާލަން. އަޅުގަނޑުމެންނަކީ އެފަދަ ބަޔަކަށް ވެގެންމެނުވީ އަޅުގަނޑުމެންގެ ތެރެއަކުން ދެވަނަ ބޮޑުތަކުރުފާނެއް ނުނުކުންނާނެ ދެވަނަ ދޮންބަންޑާރައިންނެއް ނުއުފެދޭނެ. އެހެންކަމުން ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާނީ
· ޤައުމެއްގެ ދީނާ ހަމަޖެހުން ޤައުމެއްގެ ތަހުޒީބާ ދިރުން
                       ޤައުމެއްގެ ނަމުގައި އޮންނަނީ ޤައުމިއްޔަތެއް ދިރުވައިގެނޭ
ވައްސަލާމު ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތު.


No comments :

Post a Comment