Wednesday, October 23, 2019

އިނގިރޭސި ބަހުގެ ސަބަބުން ދިވެހިބަހަށް ކުރާ އަސަރު


އިނގިރޭސި ބަހުގެ ސަބަބުން ދިވެހި ބަހައް ކުރަމުން ދާ އަސަރު.
ދުނިޔޭގައިވާ އެއްކަމެއް އަނެއްކަމާކާ ގުޅި ލާމެހިގެންވާ ގޮތުގައި އުފެއްދެވި ކުޅަދުންވަންތަ ޖައްލަރައްބީއަށް ހަމްދާ ސަނާ ދަންނަވަން(.) ހުރިހާ ކަމެއްގައިވެސް އެންމެ މަސްލަޙަތު ހުރި ގޮތް އިސްކުރެއްވި މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން(.) އަދި މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެ ފާނުގެ އާލު އަޞްޙާބުންނާއި މުތުރު ޞަޙާބީން ޝާމިލް ކުރަން(.)  މުބާރާތް އިންސާފުކުރައްވާ، އެދަރިވަރަކަށް ހައްޤު އުޖޫރަ ދެއްވަމުން ގެންދަވާ އިންސާފުވެރި ބަސްވާރުން(.) ބަހަށް ޤަދަރުކުރައްވާ މުބާރާތް އަޑުއެއްސެވުމަށް ވަޑައިގެން ތިއްބެވި އެންމެހައި ޖަލީސުން(.) އަދި އަޅުގަނޑެކޭވެސް އެއްފަދައިން މުބާރާތުގައި ވާދަކުރައްވާ އެކުވެރިން(.) އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު(.)
އާދެ ކޮންމެ ގައުމެއްގައި ވެސް އެ ބަޔަކު ވާހަކަދައްކާ، ލިޔެހަދާނެ ބަހެއް އޮންނާނެ(.) އެ ގޮތުން މި ކުޑަކުޑަ ދިވެހިރާއްޖޭގައި ބޭނުންކުރާ ބަހަކީ ދިވެހިބަސް(.) އެހެންނަމަވެސް ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަށް ވެސް ތަފާތު އެކި އެކި ބަސްބަހުގެ ނުފޫޒު އަންނަނީ ފޯރަމުން(.) އޭގެ ސަބަބުން އަޅުގަނޑުމެންގެ ބަހަށްވެސް ދަނީ ތަފާތު އަސަރުތައް ކުރަމުން(.) އާދެ، އަޅުގަނޑަށް މިއަދު ވާހަކަދައަކަން ލިބިފައިވާ މަޢުޟޫއަކީ [އިގނިރޭސި ބަހުގެ ސަބަބުން ދިވެހި ބަހައް ކުރަމުން ދާ އަސަރު.] (.) އެގޮތުން އިނގިރޭސި ބަހުގެ ސަބަބުން ދިވެހިބަހަށް އެދެވޭ އަސަރާއި ނޭދެވޭ އަސަރުތައްވެސް ދަނީ ކުރަމުން(.)
އާދެ ސްކޫލު ދައުރު ފެށުނީއްސުރެ ނިމެންދެން ބެލެނިވެރިންގެ ބޮލުރިހުމަކަށް ވެފައިވަނީ ކުއްޖާ އިނގިރޭސި ބަހަށް ދަށްވެދާނެތީ ކުރެވޭ ފިކުރުތައް(.) އެހެންކަމުން ދިވެހިބަހަށް ސަމާލުކަން ދިނުމަށްވުރެ ބޮޑަށް ބެލެނިވެރިންނަށް ވެސް ބާރު އެޅެނީ އިނގިރޭސިބަހަށް ސަމާލުކަން ދިނުން(.) ސްކޫލުތަކުގައި ވެސް ކަންހިނގަނީ ހަމަ މި ފަދައިން(.) އެހެންކަމުން ތަޢުލީމުދިނުމުގެ ނިޒާމުގައި އިނގިރޭސިބަހުން ގިނަ މާއްދާތައް ކިޔަވައިދިނުމުން އަމިއްލަ ބަސް ނެތިދިއުމަށް މަގުފަހިވޭ(.) އެހެންކަމުން މިއީ އިނގިރޭސި ބަހުގެ ސަބަބުން ދިވެހިބަހަށް އޮންނަ ޤަދަރު ކުޑަވެގެންދާ ކަމެއް(.) ދިވެހިބަހަށް ކުރާ ނޭދެވޭ އަސަރެއް(.)
ބަވަނަވަމުންދާ ދުނިޔޭގައި ވަޒީފާގެ ބާޒާރަކީ ވަރަށް ވާދަވެރި މައިދާނަކަށް މިވަނީ ވެފާ(.) ބައެއްފަހަރު ވަޒީފާއެއް ހޯދުމަކީ ވަރަށް ދަތި އުނދަގޫ ކަމަކަށް ވަނީ ވެފަ(.) ވަޒީފާގެ މައިދާނުގައި ވެސް އޮންނަ  އިނގިރޭސި ބަހުގެ ނުފޫޒުގެ ސަބަބުން ދިވެހިބަހުގެ ބޭނުންތެރިކަން އޮންނަނީ ކުޑަވެފައި(.) މީހަކަށް ވަޒީފާއެއް ދޭއިރު ވެސް ފުރަތަމަ ބަލަނީ އިނގިރޭސި ބަސް ނުވަތަ ކޮންމެ ވެސް ބޭރުބަހެއް ދަންނަ މީހަކުތޯ(.) ވަޒީފާގެ މާހައުލުގައި ވެސް ބޮޑަށް އިސްކަންދެނީ އިނގިރޭސި ބަހަށް(.) ވަޒީފާއަކަށް ޢިއުލާން ކުރާއިރުގައި ވެސް އެންމެ ފުރަތަމަ ޝަރުތަކަށް ވާނީ އިނގިރޭސި ބަހުން ލިޔަން ކިޔަން ދަންނަ މީހެއްކަމުގައިވުން(.) ކަން މިހެން އޮތުމުގެ ސަބަބުން އިނގިރޭސިބަހުގެ ނުފޫޒާ ބާރުގެ ސަބަބުން ދިވެހި ބަސް ދަސްކުރުމަށް ކުދިންގެ ރެގޭގައި އޮންނަ ރޫޙް ކުޑަވެގެންދާކަން ފާހަގަކުރެވޭ(.)
ދިވެހިރާއްޖެވެސް ދުވަހެއް ދުވަހަކަށް ކުރިއަރަމުންދާ ދިއުމުގައި ބޭރުގެ ޤައުމުތަކާ ކުރަންޖެހޭ މުޢާމަލާތްތައް ދަނީ އިތުރުވަމުން(.) މިފަދަ މުޢާމަލާތްތައް ކުރަން ލާޒިމްކުރަނީ އިނގިރޭސި ބަހުން(.) އެހެންކަމުން ދިވެހިންގެ ރަސްމީ ގިނަ ލިޔުންތައް އާންމުކޮށް ލިޔަންޖެހިފައި މިވަނީ އިނގިރޭސި ބަހުން(.) އެހެންކަމުން ތަފާތު ދާއިރާތަކުން މަތީ ތަޢުލީމައި ތަމްރީން ހޯދާ ދަރިވަރުންނަށް ދިވެހިބަހަށްވުރެ އިނގިރޭސިބަސް އިސްކުރުން އޮންނަނީ މަޖުބޫރުވެފައި(.) އެހެންކަމުން މިއީވެސް އިނގިރޭސި ބަހުގެ ސަބަބުން ދިވެހި ބަހާމެދު ފަރުވާކުޑަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާ ދޮރެއްވެސްމެ(.)
           މުޖުތަމަޢު ބައްޓަންވެފައި އޮތްގޮތުން އިނގިރޭސިބަހުގެ ސަބަބުން ދިވެހިބަހަށް ކިތަންމެ ނުރަނގަޅު އަސަރުތަކެއް ކުރި ކަމުގައި ވިޔަސް، އިނގިރޭސި ބަހުގެ ސަބަބުން ދިވެހިބަހަށް ލިބިގެންދާ ފައިދާތައްވެސް ހުރިކަން ފާހަގަކޮށްލަންޖެހޭ(.) އާދެ، ޢިލްމީގޮތުން ކުރިއަރަމުންދާ ދިއުމުގައި ދިވެހިބަހުން ވަރަށްގިނަ ދިރާސާތައް މިއަދު މިވަނީ ހަދަންޖެހިފައި(.) މިފަދަ ދިރާސާތައް ކުރުމުގައި އެއްކުރަންޖެހޭ މަޢުލޫމާތުތައް ހޯދުމުގައި އެންމެ ފަސޭހައިން ބަލައިލެވެން ހުންނަނީ އިނގިރޭސިބަހުން ލިޔެފައިވާ ފޮތްތައް(.) އިންޓަނެޓުން އެންމެ ފަސޭހައިން ސާރޗުކޮށްލެވެނީ އިނގިރޭސި ދިރާތައް(.) އެހެންކަމުން މިފަދަ ދިރާސާތަކުގެ އެހީގައި ދިވެހިބަހުން އަޅުގަނޑުމެން ލިޔާ ލިޔުންތައް ހަރުދާނެ އޮއްޓަރު ރަނގަޅުވެގެންދާކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެއް(.) މީގެ އިތުރުންވެސް ބައެއްފަހަރު އިނގިރޭސި ބަހުން ލިޔެވިފައިހުންނަ ވާހަކަތައް ސީދާ ދިވެހިބަހުން ބުނުމަށް ދަތިވާ ޙާލަތްތަކުގައި ބައެއް ލަފްޒުތަކުގެ ބަދަލުގައި ދިވެހި އައު ލަފުޒު އުފެދުމަށް މަގުފަހިވެގެންދާކަމީވެސް އަޅުގަނޑުމެންގެ ތެރޭގައި ފެންނަމުންދާ ކަމެއް ކަމުގައި ދަންނަވަންޖެހޭ(.) އެހެންކަމުން މިހުރީ އިނގިރޭސި ބަހުގެ ސަބަބުން ދިވެހިބަހަށް ކުރަމުންދާ އެދެވޭ އަސަރުކަން ފާހަގަކޮށްލަން(.)
           ކަންމިހެން އޮތުމާއެކު، ޢިލްމުފެތުރުމުގައި އިގިރޭސެ ބަހައް ދޭ އަހައްމިއްޔަތު ކަމެއްގެ ބޮޑު މިނުގެ މައްޗަށް ބިނާކޮށް ދިވެހި ބަސް ނެތި ދިޔުމުގެ ބިރުއޮތްކަން ފާހަގަ ކޮށްލަންޖެހޭ(.) ވަޒީފާ ތަކަށް މީހުން ނެގުމުގައި ގެންގުޅޭ އިނގިރޭސި ބަހަށް އިސްކަންދިނުމުގެ އުސޫލާމެދު ޚާއްޞަ ނަޒަރަކުން ވިސްނަންޖެހޭ(.) ހަމަ އެފަދައިން ދިވެހިންގެ ރަސްމީ ގިނަ ލިޔުންތައް އިނގިރޭސިބަހުން ލިޔުމުގެ ބަދަލުގައި ދިވެހިބަހުން ލިޔެވޭނެ ހަރުދަނާ މިންގަނޑުތަކެއް ޤާއިމުކުރަންމިވަނީ ޖެހިފައި(.) އިނގިރޭސިބަހުގެ ސަބަބުން ޢިލްމު ޙާޞިލްކުރަން ލިބިގެންދާ އެހީތެރިކަމަށް ބެލުމުގެ ބަދަލުގައި އަހަރެމެންގެ އަމިއްލަ މާދަރީ ބަސް ރައްކާތެރިކުރަން މަސައްކަތްކުރަންޖެހޭ(.) އިނގިރޭސިބަހުގެ ސަބަބުން ދިވެހިބަހަށް ކުރާ ނޭދެވޭ އަސަރުތަކުން ބަސްރައްކާތެރިކުރަންޖެހޭ(.) އަޅުގަނޑުގެ ދުޢާ އަކީ ދިވެހިން ނަކީ ދިވެހި ބަސް ފަނާވެދާނެ މަގުތައް ބަންދުކޮށް، ކުރިއަރާނެ މަގުތައް ހޯދާ އެގޮތުގައި މަސައްކަތްކުރާ ބަޔަކަށް ވެގެންދިއުން(.) އަޅުގަނޑު ނިން މަމުން ވެސް ބުނެލަން ބޭނުން ވަނީ:
މާމުޔާ ހަކުރަންވުރެން ފޮނިއެއްޗަކީ ދިވެހި ބަހޭ
           ހާމަވާ މިޙަޤީޤަތަށް ހެކިދައްކަނީ ދިވެހި ބަހޭ
ވައްސަލާމްޢަލައިކުމް ވަރަޙް މަތުﷲ ވަބަރަކާތު...........

 





No comments :

Post a Comment