Wednesday, October 23, 2019

21 ވަނަ ޤަރުނުގައި ޓީޗަރުން


21 ވަނަ ޤަރުނުގައި ޓީޗަރުން..
ތަޢާރަފު
                        ދުނިޔޭގެ ހުރިހާ މީހުން އިއްތިފާގުވާ ގޮތުގައި މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގެ އެންމެ ވަރުގަދަ އާރުކާޓީންނެވެ. ޤައުމެއް ހަރުދަނާކުރުމަށް ނުވަތަ ފަނާކުރުމުގެ ބާރު އެންމެބޮޑަށް ލިބިފައިވާ ފާރާތްތަކަށް މުދައްރިސުންވަނީ ކީއްވެބާއެވެ؟ ނެލްސަން މަންޑޭލާ (1918-2013) ހާމަކުރާ ގޮތުގައި ތަޢުލީމަކީ ދުނިޔެ ބަދަލުކޮށްލުމަށް އިންސާނުންނަށް ލިބިގެންވާ އެންމެ ވަރުގަދަ ހަތިޔާރެވެ. އާދޭހެވެ! އެހަތިޔާރު ބޭނުންކުރާ ބަޔަކީ މުދައްރިސުންނެވެ. އެހެންކަމުން މި ހަތިޔާރު ބޭނުންކުރާ ފަރާތްތަކަކީ ހުރިހާ ގޮތަކުންވެސް ހުނަރުވެރި، ހުޝިޔާރު ބަޔަކަށް ވާންޖެހޭނެއެވެ. އެހެންކަމުން މިޒަމާނުގައި މުދައްރިސުން އަދާކުރާ ޒިންމާއާއި މަސައްކަތަށްވުރެ 21 ވަނަ ޤަރުނުގައި މުދައްރިސުންގެ ދައުރު މާބޮޑެވެ.
            އަޙްމަދު ސަމީރު ޢަލީ (2014) ހާމަކުރާ ގޮތުގައި އެއްވެސް ގައުމެއްގައި، އެ މަދަރުސާއެއްގައި ކިޔަވައިދޭ މުދައްރިސުންނަށްވުރެ މޮޅު މަދަރުސާއެއް ނުހުންނާނެއެވެ. ކިޔަވައި ދިނުމުގެ ސިޔާސަތެއްވެސް މުދައްރިސުންނަށްވުރެ މޮޅެއް ނުވާނެއެވެ. ވީމާ ގައުމެއް ކުރިއެރުވޭނީ އެ ގައުމެއްގެ މުދައްރިސުން ކުރިއަރުވައިގެންނެވެ. އެހެންކަމުން މަދަރުސާއެއްގެ ކިޔެވުން ކާމިޔާބު ކޮށްދޭ ލޭނާރަކީ އެ މަދަރުސާއެއްގެ މުދައްރިސުންނެވެ. ރަނގަޅަށް ކިޔަވައިދިނުމަކީ އަނގައިން އަނގަޔަށް އަޅައިދިނުމެއް ނޫނެވެ. އޭނާއަކީ ހަމަ އެކަނި މައުލޫމާތު ފޯރުކޮށްދޭ ވަސީލަތެއް ނޫނެވެ. ތެދެކެވެ. ރަނގަޅު މުދައްރިސުން މައުލޫމާތު ފޯރުކޮށްދޭމެއެވެ. ނަމަވެސް އިތުރު އެތައް ކަމެއް ކުރެއެވެ. އެމީހުންނަކީ ދަރިވަރުން އިޙްތިރާމާއި އެކު ބަލައިގަންނަ ނަމޫނާ ބަޔަކަށްވެސް ވާންޖެހެއެވެ. އެމީހުންގެ ވިސްނުމުގައި، ކޮށްޓައިލެވޭ، ބަޔަކަށްވެސް ވާންޖެހެއެވެ. ތައުލީމު ފޯރުކޮށްދިނުމަކީ އުނގެނުމެވެ. އުނގެނުމުގެ ބައި އުނިކުރެވިއްޖެނަމަ، އެ ދެވުނީ ކޮން ތައުލީމެއްތޯއެވެ. މުދައްރިސަކު ކުލާހެއްގައި ކިތަންމެ ގިނައިރެއް ހޭދަ ކުރެއްވި ނަމަވެސް އޭނާގެ ފަރާތުން ދަރިވަރުންނަށް އިތުރު ކަމެއް، ހުނަރެއް މައުލޫމާތެއް ދަސްނުވާނަމަ،  އޭނާއަށް އަދި އުނގަންނައިދެވުނީކަމަކަށް ނުވެއެވެ. އެހެންކަމުން 21 ވަނަ ޤަރުނުގައި މުދައްރިސުންގެ ދައުރު ވަރަށް ފުޅާދާއިރާއެއްގައި މާނަ ކުރެވިދާނެއެވެ.
 1- މުދައްރިސުންގެ ދައުރު މާނަކުރަނީ ކިހިނެއް ހެއްޔެވެ؟
            މުޙައްމަދު ނާޞިރު (2014) ހާމަކުރައްވާފައި ގޮތުގައި މުދައްރިސަކު ސްކޫލުގައި ނުވަތަ ޖަމާޢަތުގައި އަދާކުރާ ދައުރަކީ ވަރަށް މުޙިއްމު އަދި ފުޅާ ދައުރެކެވެ. މުދައްރިސްގެ އަޅާލުމާއި ލޯތްބާއި ޝަޚުސިއްޔަތުގެ ބާރާއި ކުޅަދާނަކަމުގެ ނުފޫޒު ދަރިވަރަށް ކުރެއެވެ. ރަގަޅު ޓީޗަރެއްނަމަ އެޓީޗަރަކީ ދަރިވަރުގެ ރޯލްމޮޑެލް އަކަށް ވެދެއެވެ. ދަރިވަރު، އޭނާ ޤަބޫލުކުރާ މުދައްރިސުގެ އުޅުން ނަމޫނާއަކަށްބަލައި ހެދުންއަޅާގޮތަށް ހެދުންއަޅައި، ވާހަކަދައްކާ ސްޓައިލްގެ ނަމޫނާ އަކަށް ދެކެއެވެ. އެހެންކަމުން މުދައްރިސުންގެ ދައުރު މާނަކުރާނީ ކޮން ގޮތަކަށް ހެއްޔެވެ؟
            އަޅުގަނޑު ދެކޭ ގޮތުގައި މުދައްރިސުންނަކީ ކޮންމެ ފަދަ މާހައުލަކަށް ވެސް ފެތެންދަންނަ އަދި ކޮންމެ ފަދަ ބަޔަކާ ވެސް ގުޅިގެން އުޅެން ދަންނަ ބަޔަކަށް ވާން ވާނެ އެވެ. އެހެންކަމުން މުދައްރިސަކީ ތަފާތު ހުނަރުތައް ލިބި ހުރި މީހަކަށް ވުމަކީ ވަރަށް މުހިންމު ކަމެކެވެ. ކިޔަވައި ދިނުމުގެ ދާއިރާގައި ޙަރަކާތްތަރިވާ ކޮންމެ މީހަކީ ވެސް މީހުންނާއި ގުޅިގެން އުޅެން ދަންނަ މީހަކަށް ވާން ޖެހޭނެ އެވެ. ހަމަ އެ ފަދައިން ވާހަކަ ދެއްކުމުގެ ހުނަރުގެ ތެރެއަށް ވަދެވިފައި ހުރި މީހަކަށް ވުމަކީ ކާމިޔާބު މުދައްރިސަކަށް ވުމަށް ކޮންމެހެން ބޭނުން ކަމެކެވެ. ސަބަބަކީ ހަރުދަނާ ގޮތެއް ގައި މުވާޞަލާތު ކުރެވިގެން މެނުވީ ދަރިވަރުން ދެކޭގޮތް ބަދަލުކުރުމަށް ދަތިވާނެ އެވެ.
            ހަމަ އެފަދައިން އުފެއްދުންތެރި މީހަކަށް މުދައްރިސް ވާން ޖެހޭނެ އެވެ. އާ ގޮތްގޮތަކަށް ފިލާވަޅު ރާވައި ކުދިން ޝައުޤުވެރިވާ ފަދަ ގޮތްގޮތަށް އެކްޓިވިޓީތައް ގެން ދިއުމުގައި، މި ދެންނެވި އުފެއްދުންތެރިކަމުގެ ހުނަރުގެ ބޭނުން ހިފުމަށް ޓަކަ އެވެ. ހަމައެއާ އެކު  މުދައްރިސަކީ ކުދިންނާއި ގުޅިގެން އުޅެންދަންނަ ކުދިންގެ އިޙުސާސްތައް އެނގޭ އެ ކުދިންގެ ވާހަކަތައް އަޑުއަހާ މީހަކަށް ވާން ޖެހޭނެ އެވެ. މި ގޮތުން އެހެން މީހުންގެ އިޙުސާސްތައް ދެނެގަތުމުގެ ސިފަ މުދައްރިސްގެ ކިބައިގައި ހުންނަން ޖެހެއެވެ. ކުދިންނާއި ދޭތެރޭ ހަރުކަށިކޮށް ކަންތައްކުރަންޖެހޭ މަދު ދަނޑިވަޅެއް އައި ނަމަވެސް އާންމުކޮށް ހަރުކަށިކަން ދައްކާނަމަ ކުދިން މުދައްރިސްގެ މަތިން ފޫހިވާނެ އެވެ.
            މުޙައްމަދު ނަޝީދު (2011) ހާމަކުރާ ގޮތުގައި ޤައުމީ ތަރައްޤީގައި އެންމެ މުހިންމު ދައުރު އަދާކުރާ ބަޔަކީ މުދައްރިސުންނެވެ. މިކަމުގެ ޙަޤީޤަތަކީ ފަހެ ކޮބައިބާއެވެ؟ ޝައްކެއް ނެތެވެ. މުދައްރިސުން ކުރައްވާ މަސައްކަތުގެ އަސަރު ފެނިގެންދަނީ ހަމައެކަނި ދަރިވަރުންނާއި އެދަރިވަރުންގެ ޢާއިލާއަށް އެކަންޏެއް ނޫނެވެ. މުޅި ޤައުމަށް ބޭނުންވާ ހަރުދަނާ ފަރުދަކު ބިނާކުރުމުގައި މުދައްރިސުންގެ ދައުރު ވަރަށް ބޮޑެވެ. މުޖުތަމަޢެއް ބިނާކުރުމުގައި މުދައްރިސްގެ ދައުރަކީ ވަރަށްވެސް މުހިއްމު ދައުރެކެވެ. މުޖުތަމަޢުގެ ނައުގެ މިޞްރާބު ބަހައްޓާނީ ކޮން ދިމާލަކަށްކަން ކަނޑައެޅުމުގެ އެންމެބޮޑުބާރެއް އޮތް ފަރާތަކީ މުދައްރިސުންނެވެ. މުޖުތަމަޢުގައި ކުށް ކުރުމާއި ފަސާދައާއި ކޮރަޕްޝަންފަދަ ނުބައި ޢަމަލުތައް ޢާންމުވެފައިވާ މިފަދަ ދުވަސްވަރެއްގައި މުޖުތަމަޢު ހަމަމަގަށް އެޅުވުމަށް އެންމެ މުހިއްމު މަސައްކަތެއް ކުރެވޭނެ ފަރާތަކީ މުދައްރިސުންނެވެ. އެހެންކަމުން މުދައްރިސުން މިއަދު ވާންޖެހިފައިމިވަނީ، ދަރިވަރުންނަށް ރަނގަޅު ސިފަތަކާއި އަގުތަށް ދަސްކޮށްދިނުމުގައި މުހިންމު އިސްކަމެއްދީގެން މަސައްކަތްކުރާ ބަޔަކަށެވެ. މުދައްރިސުންގެ ފުރިހަމަ ބައިވެރިވުމާއިނުލައި މިމުހިންމު މަސައްކަތް ކާމިޔާބު ނުވާނެކަން ދުނިޔޭގެ އެކި ޤައުމުތަކުގައި ހިނގާފައިވާ ކަންކަމުން ދޭހަވެ އެނގެއެވެ.
            ދެވަނަ ބޮޑުހަގުރާމައިން ޖަޕާން ބަލިވެ، އެތައްބަޔަކު ޤަތުލުވެދިޔަ ދަނޑިވަޅުގައި، ޖަޕާނުގެ އެހާ ހަލުވިކޮށް ކުރިއަރައި ދިޔައީ ކީއްވެހެއްޔެވެ؟ ޙަޤީޤަތްތަކެއް ފެންނަން އެބައޮތެވެ. ޖަޕާނުގެ ވެރިން ފުރަތަމަ ބެލީ ދިރިތިބި ސިފައިންގެ އަދަދެއްނޫނުވެ. އެންމެ ފުރަތަމަވެސް އެވެރިން ބެލީ ދިރިތިބި މުދައްރިސުންގެ އަދަދެވެ. މިއަދު ޖަޕާނުދެކޭ ތަރައްޤީގެ މައިގަނޑު އަޞްލަކީ އެދުވަހުންފެށިގެން ރައްޔިތުންނަށް ތަޢުލީމު ދިނުމަށް އެޤައުމުގެ ވެރިން ދިން އިސްކަމެވެ. މިކަމުން ވެސް ދޭހަވަނީ މުދައްރިސުންތަކެއް ޤައުމު ތަރައްޤީކުރުމަށް އިޚުލާޞްތެރި މަސައްކަތްތަކެއް ކޮށްފިނަމަ ޤައުމުގެ މުސްތަގުބަލު ބަދަލު ކުރުމަކީ ވަރަށްވެސް ފަސޭހަކަމެއްކަމެވެ.
            ބަދަލުވަމުންމިދާ މުޖުތަމަޢުގައި މުދައްރިސުންނަކީ ތަފާތު ތޮފިތަކެއް އަޅައިގެން އުޅެންޖެހިފައިވާބަޔަކެވެ. ތަޢުލީމީ ދާއިރާގެ ޕުރޮފެސަރެއްކަމުގައިވާ ޑަބުލިއު. އެފް. ކާރނަލް (1972) ގައި މުދަރިސުން އަދާކުރަންޖެހޭ 7 ކަމެއް ފާހަގަކުރައްވާފައި ވެއެވެ.  އޭގެ ތެރޭގައި އުގަންނައިދިނުމާއި ނަމޫނާ ދެއްކުން ހިމެނެއެވެ. ހަމަ އެއާއެކު ކައުންސެލިން ދިނުމާއި އުގެނުމުގެ އިތުރުން މުޖުތަމަޢާއި މުޢާމަލާތް ކުރަން ޖެހެއެވެ. ހަމަ އެހެންމެ އިދާރީ މަސައްކަތްތައް ކުރުމާއި، ކުރާމަސައްކަތަށް ވަފާތެރިވާންޖެހޭނެކަން ފާހަގަ ކުރައްފާވައި ވެއެވެ.
            މުދައްރިސެއްގެ ގޮތުން ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ އުގަންނައި ދިނުމެވެ. ދަރިވަރުންނަށް އުގެނުމަށްފަހި މާޙައުލެއް މުދައްރިސް ފޯރުކޮށްދޭން ޖެހެއެވެ. ކުލާހަށް ވަނުމުގެ ކުރިން ފުރިހަމައަށް ފިލާވަޅަށް ތައްޔާރުވާންޖެހެއެވެ. ކުލާހުގައިވާ ކޮންމެ ދަރިވަރެއްގެ ފެންވަރަށް ވިސްނައިގެން ކިޔަވައިދެވޭނެ ގޮތަކަށް ފިލާވަޅު ރާވަން ޖެހެއެވެ. ދަރިވަރުން ފޫހިނުވެ ފިލާވަޅާއި ގަޔާވެގެން އުގެނުމުގެ މަސައްކަތް ކުރިއަށް ދާނެގޮތަކަށް ފިލާވަޅު ބައްޓަން ކުރަންޖެހެއެވެ. އަދި ހަމައެފަދައިން އުނގެނުމަކީ ކުލާހުގެ ހަތަރުފާރުގެ ތެރޭގައި ނޫނަސް ފުރިހަމަކުރެވިދާނެ ކަމެއްކަން ސިކުޑީގައި ބަހައްޓަން ޖެހެއެވެ. މިކަންކަން ފުރިހަމަކުރުމުގެ ތެރެއިން ދަރިވަރު ދެންއޮތް މަރުޙަލާއަށް ދިޔުމަށް ވާންޖެހޭ ތައްޔާރީތައް ފުރިހަމަ ވެފައިވޭތޯ މުދައްރިސް ޔަގީން ކުރަންޖެހެއެވެ. ވާނޭގޮތެއް ބުނެދޭން ނޭނގޭ ކުރިމަގަކަށް ތަޞައްރަފު ފުދިފައިވާ ކުދިބަޔަކަށް ހެދުމަކީ މުދައްރިސުންގެ މަސްޢޫލިއްޔަތެކެވެ.


2- މުދައްރިސުންގެ ދައުރު ކަނޑައަޅައިދޭ ބަހާތަކަކީ ނުވަތަ އެކަމަށް އަސަރު ފޯރުވާ ކަންކަމަކީ ކޮބައި ހެއްޔެވެ؟
            ޒަމާނަށް އަންނަ ބަދަލާ ގުޅިގެން އެކި ކަންކަމަށް ބަދަލު އަންނަމުން ދިއުމަކީ ދުނިޔެ ދައްކަމުންދާ ޙަޤީޤަތެކެވެ. ފިޠުރީ ޤާނޫނެވެ. އެހެންކަމުން މުދައްރިސުން އަދާކުރާ މަސްއޫލިއްޔަތު ތަކަށް ނުވަތަ އެމީހުން އަދާކުރާ ދައުރަށް އަސަރުފޯރާ ކަންތައްތަކެއް ހުރެއެވެ. މުދައްރިސުންގެ ދައުރު ކަނޑައަޅައިދޭ ބަހާތަކަށް އަސަރު ފޯރާކަންތައްތަކަކީ ވެސް އެކި ދުވަސްވަރު ތަފާތުވެގެންދާ ކަންތައްތަކެވެ. މިގޮތަށް އަސަރު ފޯރާ ކަންތައްތައް މައިގަނޑު ބައިތަކަކަށް ބަހާލެވިދާނެއެވެ.
                  އެގޮތުން ތަޢުލީމު ދިނުމުގެ މަޤްޞަދަކީ މުދައްރިސުންގެ ދައުރަށް އަސަރު ފޯރާނެ ބަހާއެކެވެ. ސަބަބަކީ މުދައްރިސުންނަކީ ދަރިވަރުންނަށް ތަޢުލީމު އުނގަންނައި ދިނުމުގެ މަސްޢޫލިއްތު އަދާކުރަން ތިބި ފަރާތްތަކަށް ވާކަމެވެ. ނަމަވެސް ތަޢުލީމީ ސިޔާސަތު ކަނޑައަޅައި ތަޢުލީމު ބައްޓަންކުރަން ބޭނުންވާ ބޮޑު މަންޒަރު ނުވަތަ މަންޙަޖު ތައްޔާރު ކުރަނީ މުދައްރިސުންނެއް ނޫނެވެ. ނަމަވެސް ވަކި ގޮތަކަށް ވަކިބައިތަކެއް ކިޔަވައިދިނުމަށް ކަނޑައެޅުމުން އެކަން ތަންފީޒުކުރަން ތިބޭ ބަޔަކީ މުދައްރިސުން ކަމަށް ވާކަމެވެ. އެހެން ކަމުން ތަޢުލީމު ދިނުމުގެ މަޤްޞަދަކީ ޓީޗަރުގެ ދައުރަށް އަސަރު ފޯރުވާ ބަހާއެކެވެ. ދިވެހިރާއްޖޭގައިވެސް މިކަން ވަރަށް ބޮޑަށް މިހާރު ފެނިގެން ދެއެވެ. މީގެ ތިރީސް ނުވަތަ ސާޅީސް އަހަރު ކުރިން ކުރާ ކަމަކީ ކިޔަވައިދޭ ތަކެތި ހިތުދަސްކޮށްދެނީއެވެ. އެއަށްފަހު އެތަކެތި ދަސްވިތޯ ބެލުމަށް ކިޔައިދޭން ޖެހެއެވެ. ހިތުން ކިޔައިދިނުމުން އެ ނިމުނީއެވެ. ނަމަވެސް މިއަދު އެކަން މިވަނީ މުޅިން ބަދަލުވެފައެވެ. ކިޔަވައިދޭ ގޮތާއި ވަޒަންކުރާގޮތްވެސް މުޅިން ތަފާތެވެ. ކިޔަވައިދިނުމަށް ބޮޑަށް ބާރުއަޅަނީ އަމަލީ މަސައްކަތްތަކެއްގެ ތެރެއިންނެވެ. ހަމަ އެއާއެކު ވަޒަންކުރުމަށް ބާރު އަޅަނީ ދަރިވަރަށް ލިބިފައިވާ ޤާބިލިއްޔަތު ތަކެވެ. ދަރިވަރުގެ ކިބައިގައި ހުންނަ ތަފާތު ކުޅަދާނަ ކަންތައް ތަކުގެ ތެރެއިންނެވެ.
            ހަމަ އެއާއެކު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ބޭނުންވާ ހުނަރު ތަކަކީވެސް މުދައްރިސުންގެ ދައުރަށް އަސަރުފޯރާ ބަހާއެކެވެ. މިއަދާ ހަމައަށް ރާއްޖޭގައި ތަޢުލީމު މިންކުރަމުން އަންނަނީ އެންމެ މަތީ މާކުސްއަށް ބަލައިގެންނެވެ. ނަތީޖާ އަކަށް ވެގެން ގޮސްފައިވަނީ ދަރިވަރުންގެ ކިބައިގައި ހަރުލައްވަން ބޭނުންވާ އަސާސީ ސިފަތައްވެސް އަށަނުގަތުމެވެ. އެންމެ މޮޅު ނަތީޖާ ޙާޞިކުރާ ކުދިން މުޖުތަމައަށް ނިކުންނަ އިރު ދިރިއުޅުމަށް ލޯހުޅުވިފައި ނެތުމެވެ. ނަމަވެސް ރާއްޖޭގައި އަލަށް ތަޢާރަފުކުރި އާމަންޙަޖަށް ކިޔަވައިދޭން ފެށުމުން އެކަން މިދަނީ ވަރަށް ބޮޑަށް ބަދަލުވަމުންނެވެ. އަމާޒުކުރެވެނީ ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް ބޭނުންވާ ޤާބިލިއްޔަތު އަށަގެންނެވުމަށެވެ. އެހެންކަމުން މިއީވެސް މުދައްރިސުންގެ ދައުރު ކަނޑައެޅުމުގައި ބަހާއެއްގެ ގޮތުގައި ބެލިދާނެއެވެ.
            މީގެ އިތުރުން އާދަކާދައަކީވެސް މުދައްރިސުންގެ ދައުރު ކަނޑައެޅުމުގައި އަސަރު ފޯރާ ބަހާއެކެވެ. އެބައެއްގެ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ބޭނުންވާނީ އެބައެއްގެ ޘަޤާފަތާ އާދަކާދައެވެ. އެހެންކަމުން މުދައްރިސް ކުރަންޖެހޭ މަސައްކަތް ވަރަށްބޮޑަށް ބަދަލުވެގެންދާނެއެވެ. ތަފާތު މުޖުތަމަޢުތަކުގެ އާދާކާދަ ބަދަލެވެ. އެހެންކަމުން އާދަކާދައިގެ ސަބަބުން މުދައްރިސުންގެ ދައުރަށް އަސަރު ފޯރައެވެ. މުދައްރިސް ކިޔަވައިދޭ އުސޫލާއި ގޮތްތަކަށް ބަދަލުގެންނަން ޖެހެއެވެ. މުދައްރިސްގެ އަދާކުރަންޖެހޭ ދައުރަށް އަސަރު ފޯރައެވެ.
            ހަމަ އެހެންމެ ސަރުކާރުގެ ސިޔާސަތު ތަކަކީވެސް އެކަމުގެ ސަބަބުން މުދައްރިސުން އަދާކުރަންޖެހޭ މަސައްކަތްތަކަށް އަސަރު ފޯރާނެ ބަހާއެކެވެ. އެއިރެއްގައި ސަރުކާރުން ކުރުމަށް އިސްކަންދޭ ކަންތައްތަކަށް ރިޢާޔަތްކޮށް މުދައްރިސުންގެ ދައުރަށް އަސަރު ފޯރައެވެ. ސިޔާސީ ކަންކަމަށް ސަމާލުކަންދޭނަމަ އެކަމާގުޅިގެން މުދައްރިސުންގެ ދައުރަށް ބަދަލުތަކެއް ގެންނަޖެހެއެވެ. ވަޒީފާގެ ބާޒާރަށް ކުދިން ބިނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ތަފާތެވެ. ހަމަ އެއާއެކު ޒާމާނާ ގުޅޭގޮތުން ޓެކްނޮލޮޖީއަށް ދަރިވަރުން މިސްރާބުކުރާނަމަ އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް ބޮޑަށް ތަފާތެވެ. މިފަދަ ކޮންމެ އަސާސަކާ ގުޅިގެން މުދައްރިސުންގެ ދައުރަށް ބަދަލު އާދެއެވެ. މުދައްރިސުންގެ ދައުރަށް އަސަރު ކުރެއެވެ.
3- މުދައްރިސުންގެ ދައުރަކީ ޒަމާނާއެކު ބަދަލުވަމުންދާ އެއްޗެއް ހެއްޔެވެ؟ ނޫނީ ސާބިތު އެއްޗެއް ހެއްޔެވެ؟
            ދުނިޔޭގެ ވަރަށް ގިނަ ކަންތައްތަކަކީ އަބަދު އެއްގޮތަކަށް ހިނގާ ކަންތައްތަކެއް ނޫނެވެ. މަދުކަންތައްތަކެއް އެއްގޮތަށް ދެމިގެން ދިޔަނަމަވެސް ދުނިޔެވީ ގިނަ ކަންތައްތަކަކީ ޒަމާނާ ގުޅިގެން ބަދަލުއަންނަ ކަންތައްތަކެވެ. އިރުއަރާ އޮއްސުމާ، ދިޔަވަރު ހިކިވެ ބޮޑުވުމާ، ވިހެއުމާ މަރުވުން އެއްގޮތަކަށް ދާކަންތައްތައް ކަމުގައި ގިނަބަޔަކު ޤަބޫލުކުރެއެވެ. ނަމަވެސް މިކަންކަމަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ޤަބޫލުކުރާ ފަރާތްތައްވެސް މަދެއްނޫނެވެ. އެގޮތުން މުދައްރިސް  އަދާކުރާ ދައުރު، ޒަމާނާއެކު ތަނަށް އަންނަ ބަދަލާގުޅިގެން، ބަދަލުވަމުން ދިޔުމަކީ ދުނިޔޭގެ އެހެންކަންތައްތައްވެސް ބަދަލުވަމުންދާ އުޞޫލުން ހިނގަމުން ދާކަމެވެ. މުދައްރިސެއްގެ ދައުރަށް އެންމެ ބޮޑު ނުފޫޒު ފޯރުވާކަމަށް އަބަދުވެސް ވެފައި އޮންނަނީ، އެ މުދައްރިސަކު އެއިރަކު މަސައްކަތްކުރައްވާ ޖަމާޢަތެއް ޤަބޫލުކުރާ ފަލްސަފާއެކެވެ. ނުވަތަ އެމީހުންގެ އުއްމީދުތަކެވެ. އެބައެއްގެ ތެރޭގައި އޮންނަ ޤަބޫލުކުރުންތަކެއްގެ މައްޗަށެވެ.
            ޑެއިރޯ (1994) ހާމަކުރައްވަނީ މިއަދުގެ ކިޔަވާ ކުދިންގެ ބޭނުންތައް  ނުވަތަ އެކުދިން ތަޢުލީމު ޙާޞިލުކުރާ ސަބަބުތައް ދަނީ ބަދަލުވަމުންނެވެ. މިއީ އަބަދު އެއްގޮތަކަށް އޮންނަން ޖެހޭ ކަމެއްބާއެވެ؟ މީގެ ތިރީހަކަށް އަހަރުގެ ކުރީގެ ޓީޗަރުން ތަޙައްމަލުކުރަން ޖެހުނު އުނދަގޫތައް ނުވަތަ ގޮންޖެހުންތަކަށްވުރެ މާ އުނދަގޫ ދަތި ގޮންޖެހުންތަކެއް  މިއަދު މުދައްރިސުންނާއި ކުރިމަތިލާންޖެހެއެވެ. މިއަދު ދަރިވަރުންނާއި ދިމާވާ ދަތިތައްވެސް މިއަދުގެ ޓީޗަރުންނަށް ރަގަޅަށް އެގޭނެއެވެ. އެދަރިވަރުން ސްކޫލަށް އަންނަނީ، ރަގަޅަށް ތައްޔާރު ނުވެކަން މުދައްރިސުންނަށް އެގެއެވެ. ޖިސްމާނީ، ޖަޒުބާތީ ގޯނާއާއި އަޅާނުލުމާއި މައިންބަފައިން ވަކިވުމުގެ ސަބަބުންނާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދަރިވަރުން ތިބެއެވެ. ކުށުގެ ރެކޯޑާއި މައިންބަފައިންގެ ތަފާތުކުރުންތަކުން އަސަރުކޮށްފައިވާ ކުދިން ތިބެއެވެ. މިފަދަ ދަރިވަރުންނަށްޓަކައި ކޮށްދެވޭނެ މާބޮޑުކަމެއް ނެތްކަން މުދައްރިސުންނަށް އެނގޭނެ އެވެ. މިއަދުގެ ޒުވާނުންނަށް އަޅާލާނެ ގިނަ ބޮޑެތި މީހުންތަކެއް މިއަދަކު ނެތެވެ. ކުރީގެ ޒުވާނުންނަށް އެފަދަ ފުރުޞަތު ލިބުނެވެ. އެއީ ކުއްޖަކު އިޖުތިމާޢީ ގޮތުންނާއި ޖަޒުބާތީގޮތުން ދުޅަހެޔޮ މީހަކަށް ބޭނުންވާ އަސާސްތަކެކެވެ. އެހެންކަމުން، މުދައްރިސުންނާއި މިއަދުގެ ދަރިވަރުންގެ ގުޅުން އިންތިހާއަށް ބޮޑުކޮށް އިތުރުކުރަންޖެހޭކަމެވެ.
            ގްލެން (1889) ހާމަކުރައްވަނީ މުދައްރިސުންނަކީ، މުޖުތަމަޢުގެ އެހެން އެއްވެސް ފަރުދަކަށްވުރެ ގިނަ ވަގުތު ދަރިވަރުންނާއިއެކު ހޭދަކުރާ މީހުންނަށްވާތީ، އެކަމުގައި މުދައްރިސުންގެ ރޯލު މަތިވެފައި ބޮޑެވެ. މުދައްރިސުންނަކީ ދަރިވަރުންގެ ކަންކަމުގެ އެންމެ މުއްސަނދި މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަރާތެވެ. އެހެންކަމުން، މުދައްރިސުން މިއަދު އަދާކުރާ ދައުރު ބަދަލުކުރަން ޖެހިފައިވާކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މުދައްރިސުންގެ މަސްއޫލިއްޔަތު ، ގައުމުގެ އެދިގޮވާ ގޮވުންތަކުގެ ކުރިމައްޗަށް ނެރެ މުދައްރިސުންނަށް ދެވޭ ތަޢުލީމު ބަދަލުކުރުމަކީ ކުރަންޖެހިފައިވާ ކަމެކެވެ.
            މުދައްރިސެއްގެ ގޮތުން ރަނގަޅު ނަމޫނާ ދެއްކުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. މަޝްހޫރު ސައިކޮލޮޖިސްޓް އަލްބާރޓް ބަންދޫރާގެ ސޯޝިއަލް ލާރނިންގ ތިއަރީގައި ބުނާގޮތުން އިންސާނުން ކަންކަން ދަސްކުރުމަށް ބޭނުންކުރާ ވަޞީލަތަކީ އެހެންމީހުން ކުރާކަންކަން ބަލައި ނުވަތަ އެހެންމީހުން ކުރާކަންކަން ނަކަލުކޮށްގެން އެގޮތަށް އެކަންކުރެވޭތޯބަލާ މީހުން ނުހަނު ގިނައެވެ.  އެހެންކަމުން ފިލާވަޅުތައް ބައްޓަންކުރާއިރު ސިފަތަކާއި އަގުތައް ދަސްކޮށްދިނުމުގައި، މިކަންކަން ކިޔައި ދިނުމަށްވުރެ މިކަންކަމުގެ ނަމޫނާދެއްކުމުން ލިބޭ ނަތީޖާ ފުރިހަމަވާނެއެވެ. ކަންމިހެންހުރިއިރު މުދައްރިސުންނަކީ ހުރިހާގޮތަކުންވެސް ދަރިވަރުންނަށް ނަމޫނާއަކަށް ވެވޭފަދަ ސިފަތަކަކާއި ޤަބޫލުކުރާ އަގުތަކެއްގެ ވެރިބަޔަކަށްވުން ކޮންމެހެންވެސް މުހިއްމެވެ. ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް އުނގަންނައިދިނުމުގެ ގޮތްތަކަށް ބަދަލު ގެންނަން ޖެހެއެވެ.
            ތަފާތު އަޚުލާޤީ މައްސަލަތަކުގެ ތެރޭގައި ދަރިވަރުން އުޅެމުންދާއިރު އަބަދުމެއިވޭ ޝަކުވާއަކީ ނުރަގަޅު އަޚުލާޤުގެ ދަރިވަރުންނަށް ކައުންސެލިންގ ދޭނެ ޚާއްޞަ މީހަކު ނެތުމެވެ. ޒަމާނަކީ ކަންކަމުގެ ހުނަރާއި ޢިލްމު ނުހަނުފަސޭހައިން ލިބެންހުރި ޒަމާނަކަށްވާއިރު، ދަރިވަރުން ހަމަމަގަށް ގެނައުމަށް ބޭނުންވާނެ މަޢުލޫމާތާއި ޢިލްމު ހޯދުމަކީ ކޮންމެ މުދައްރިސެއްވެސް ކުރައްވަން ޖެހޭނެކަމެކެވެ. މިކަންކުރުމަށް އެންމެ ބޭނުންވާނެ ވަޞީލަތަކީ ދަރިވަރާއި މުދައްރިސާއި ދެމެދު އޮންނަ ގުޅުމެވެ. މިގުޅުން  ރަނގަޅު، އުފެއްދުންތެރި ގުޅުމަކަށް ވުމަކީ ދަރިވަރުންނަށް ދިމާވާ ތަފާތު މައްސަލަތަކުން އެއްކިބާވުމަށް ހުޅުވިގެންދާނެ ވަރަށްވެސް ފުރިހަމަ ދޮރެކެވެ. ހަމަ މިއާއިއެކު ދަރިވަރުން ކުރިއަށް ދާންބޭނުންވާ ދާއިރާ ކަނޑައެޅުމުގައި މުދައްރިސުން މުހިއްމު ދައުރެއް އަދާކުރަން އެބަޖެހެއެވެ. މި ދައުރު ފުރިހަމައަށް އަދާކުރެވިއްޖެނަމަ ސުކޫލުދައުރު ނިންމާފައި ދަރިވަރުން ނިކުންނައިރު ކުރިއަށްދާނެ ދާއިރާއެއް ކަނޑަނޭޅިފައިތިބޭ އެތައްބައިވަރު ކުދިންތަކެއް މުޖުތަމަޢުގެ ތެރެއިން ނުފެންނާނެއެވެ. އެހެންކަމުން މިފަދަ ކަންކަމަށް އެކަށީގެންވާ މަޢުލޫމާތާއި ހުނަރު ހުރި ފަރާތްތަކަކަށް މުދައްރިސުން ބަދަލުވާން ޖެހެއެވެ.
            ވުމާއެކު، ކޮންމެ މުދައްރިސަކީވެސް މިގޮތުން ލިބޭ ތަފާތު މަޢުލޫމާތުތައް ކިޔަވައިދިނުމުގެ ތަފާތު މަސައްކަތްތަކުގައި ފުރިހަމައަށް ބޭނުންކުރާ ފަރާތަކަށް ވާންޖެހެއެވެ. އަމިއްލަ ކުރިއެރުމަށާއި ދަރިވަރުގެ އަދި މުޖުތަމަޢުގެ ކުރިއެރުމަށެވެ. މުދައްރިސެއްގެ މަސައްކަތަކީ ދަރިވަރުންނަށް ކިޔަވައިދިނުންކަމުގައިވާއިރު، މިމަސައްކަތުގައި ދިމާވާ އެކިއެކި ކަންކަން އެދަރިވަރުންގެ ބެލެނިވެރިންނާއި ޙިއްޞާކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ކަންމިހެންހުރިއިރު މުދައްރިސުންނަކީ ދަރިވަރުންގެ ކަންކަމާއި ބެހޭގޮތުން ފުރިހަމަ މަޢުލޫމާތު ބެލެނިވެރިންނަށް ދިނުމަށް، ޤަވާއިދުން ބެލެނިވެރިންނާއި ބައްދަލުކޮށްހަދާ ބަޔަކަށްވުން ވަރަށް މުހިއްމެވެ. އަދި މިބައްދަލުވުންތަކަކީ ފައިދާހުރި ބައްދަލުވުންތަކެއްކަމުގައި ހެދުމަށް ގަދައަޅާ މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.
            މީގެ އިތުރަށް ބެލެނިވެރިން އެ ޒަމާނަކާ ގުޅޭގޮތުން ނުވަތަ އެއިރެއްގެ ޙާލަތަށް ރިޢާޔަތްކޮށް ހޭލުންތެރިކުރުމަށް ތަފާތު ޕުރޮގުރާމްތައް ރާވާ ހިންގުން، މުދައްރިސުންގެ މަސައްކަތުގެ ތެރޭގައި ކުރާހިތުން ކުރާކަމެއްކަމުގައި ވެއްޖެނަމަ މުދައްރިސުންނާއި ބެލެނިވެރިންގެ ގުޅުން ހަރުދަނާވާނެއެެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ދެފަރާތުން ކުރަމުންގެންދާ މަސައްކަތް އިތުރަށް ފުރިހަމަ ވެގެންދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ދުވަހުގެ ކިޔަވައިދިނުމުގެ މަސައްކަތް ނިމެމުންދާއިރު ދަރިވަރުންނާއިބެހޭ މުހިއްމު މަޢުލޫމާތުތަކެއް ލިޔުމުގެ ގޮތުގައި ރައްކާކުރަން ޖެހޭނެކަމީ ޔަޤީންކަމެކެވެ. މިފަދަމަޢުލޫމާތު އެންމެފުރިހަމައަށް ތައްޔާރު ކުރެވޭނެ ބަޔަކީ މުދައްރިސުންނެވެ. ދަރިވަރުންގެ އަޚުލާޤީ އަދި ކިޔެވުމުގެ މިފަދަ މުހިއްމު މަޢުލޫމާތުތަކަކީ އަހަރުންއަހަރަށް އެއްކުރެވި އެއްތާކުން ފެންނާނެ މަޢުލޫމާތުތަކެއްގެ ގޮތުގައި ބެހެއްޓުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. އެހެންކަމުން މިފަދަ ކަންތައްތައްކުގެ ތެރެއިން މުދައްރިސްގެ ދައުރު ތަފާތުވެގެންދެއެެވެ.
            މިއާއިއެކު ސުކޫލުގައި ހިންގޭ އިތުރު ޙަރަކާތްތަކުގެ ރިކޯޑްތައް ފުރިހަމައަށް ތައްޔާރުކުރުމާއި ބެލެހެއްޓުމަކީ މުދައްރިސުންގެ ދުވަހުގެ ތާވަލުގެ ތެރެއަށް ފުރިހަމައަށް ވަދެގެންދާންޖެހޭނެ ކަމެކެވެ. މިވަރުން މިކަންތައް ނިންމާލުމުން ފުދޭނެހެއްޔެވެ؟ ނޫނެކެވެ. މިއަށްވުރެ މުދައްރިސްގެ ރޯލު ފުޅަލެވެ. ކޮންމެ މުދައްރިސަކީ ކުރާމަސައްކަތްތައް އިޚުލާޞްތެރިކަމާއި އެކު ޚިދުމަތްކުރާ ފަރާތަކަށްވުން ކޮންމެހެން ބޭނުމެވެ. ޚާއްޞަގޮތެއްގައި މުދައްރިސުންނާއި ޙަވާލުވެވިފައިވާ އުގަންނައި ދިނުމުގެ ޝަރަފުވެރި މަސައްކަތުގައި ވަފާތެރިވުމަކީ ޤައުމު ފުރިހަމަ މިޞްރާބަށް ގެންދިއުމަށް ވަރަށްވެސް  މުހިއްމުކަމެކެވެ.
            ބަޔާންކުރެވުނު މުހިއްމު ރޯލުތަކަކީ ދަރިވަރުންގެ ސިކުޑިއާއި ހަށިގަނޑާއި ރޫޙީބައި ތަރައްޤީ ކުރުމަށް ކޮންމެހެން އަދާކުރުން މުހިއްމު ރޯލުތަކެކެވެ. މުދައްރިސްގެ ފުރިހަމަ މަސައްކަތުން ދަރިވަރެއްގެ ދިރިއުޅުން ފުރިހަމަ މަގަށް އަޅުވާދެވުނުކަމުގެ އިޙްސާސް ކުރޭދުވަހަކީ ކިޔަވައިދިނުމުގެ ޙަޔާތުގައި އެންމެބޮޑު ހިތްހަމަޖެހުމެއްލިބޭނެ ދުވަސްކަން ޔަޤީނެވެ. މި ހިތްހަމަޖެހުން ގިނަ މުދައްރިސުންތަކަކަށް އަބަދުމެ ލިބެމުންދާނަމަ އެއީ މުޖުތަމަޢު ރަނގަޅު މިޞްރާބަކަށް ދާކަމުގެ ނިޝާނެކެވެ.
            މިފަދަ ކަންތައްތައް މިހެން ހުރުމާއެކު މުދައްރިސުންގެ ދައުރު ޒަމާނަށް އަންނަ ބަދަލާއެކު ބަދަލުވާން ޖެހެއެވެ. ކުރިން ދިމާނުވާ އެތައްކަމެއް މިއަދު މުދައްރިސުންނަށް ކުރިމަތި ވެއެވެ. އުއްމީދުނުކުރާ އެތައް ވާހަކަތަކެއް ދައްކަންޖެހެއެވެ. ހީވެސްނުކުރާ އެތައް މައްސަލަތަކަކާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން އެކަންކަން ހައްލުކުރުމަށްޓަކައި ކުރިން ކަންތައްތައް ކުރި ގޮތް ބަދަލުކުރަން ޖެހެއެވެ. އާ ކަންތައްތަކެއް ކުރަންޖެހެއެވެ. ވީމާ މުދައްރިސުންގެ ދައުރަކީ ސާބިތު އެއްޗެއް ނޫނެވެ.

4- މިޒަމާނުގައި މުދައްރިސުންގެ ދައުރަކަށްވާނީ ކޮން ކަންކަމެއް ހެއްޔެވެ؟ އެއީ ކީއްވެ ހެއްޔެވެ؟
            ބައިނަލް އަޤްވާމީ މުދައްރިސުންގެ ދުވަހު ޙުސައިން ވަޙީދު (2014) ހާމާކުރައްވާފައިވަނީ  ޓީޗަރަކުންނަކީ ޤައުމު ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ އެންމެ ޒިންމާދާރު ފަރާތް ކަމަށެވެ. ކޮމިޝަނާރ އޮފް ޕޮލިސްގެ ވާހަކާގައި ޓީޗަރުންނަކީ ދަރިވަރުންނަށް މަގުދައްކައިދޭ ރޯލްމޮޑެލުން ކަމަށްވާތީ ނަމޫނާ ބައެއްގެ ގޮތުގައި ހުނަރުވެރި، ޤާބިލް އަދި ޒިންމާދާރު ދަރިންތަކެއް ތަރުބިއްޔަތުކޮށް އިޖުތިމާޢީ ފޭރާން ވަރުގަދަކޮށްދެއްވުމުގައި މުދައްރިސުންގެ ދައުރު މިޒަމާނުގައި އިތުރުކުރުން މުހިއްމެވެ. ބަވަނަ ވެފައިވާ މި ޒަމާނުގައި ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ހިނގާ ކަންތައްތަކުގެ މަޢުލޫމާތު ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެތައް މިތަނަށް މިދަނީ ފޯރަމުންނެވެ. އެހެންކަމުން މިގޮތަށް ފޯރަމުން އަންނަ ކަންކަމުގެ ތެރޭގައި ރަނގަޅު ކަންތައްތަކާއި ރަނގަޅު ނޫން ކަންތައްތައް ހިމެނެއެވެ. ވުމާއެކު ރަނގަޅު ކަންތަކާއި ރަނގަޅުނޫން ކަންތައްތައް ދެނެގަނެވޭނެ ފަދަ ކުޅަދާނަކަމާއި، ޤާބިލްކަން ލިބިފައިވާ ދަރިވަރުންތަކަކަށް ހަދައިދިނުމަކީ މިއަދުގެ މުދައްރިސުންގެ ވަރަށްބޮޑު ޒިންމާއެކެވެ. އެހެންނޫނީ އަޅުގަނޑުމެންނަށް ފެނިގެންދާނީ ދެކެން ބޭނުންނުވާ މަންޒަރުތަކެކެވެ.
            އޭޔަރސް (1995) ވިދާޅުވެފައިވާގޮތުން މުދައްރިސުން ދަރިވަރުންލައްވާ ވިސްނުމަށާއި ސުވާލުކުރަން ފުރުޞަތު ދެއްވައެވެ. ވާހަކަ ދެއްކުމަށާއި ލިޔުމަށާއި ފުންކޮށްވިސްނައިގެން ކިޔަން މަގު ތަނަވަސްކޮށްދެއެެވެ. ގުޅިގެން މަސައްކަތް ކުރުމަށައި ހެވާއި ނުބައި ވަކިކުރަން ދަސްކޮށް ދެއެވެ. އެހެންގޮތަކަށް ދަންނަވާނަމަ، ފަރުދެއްގެ ހެދިބޮޑުވުމާއި ނަފުސު ތަރައްޤީ ކުރުމާއި އޭގެ ނަތީޖާއެއްގެ ގޮތުން އެކަކު އަނެކަކަށް އިޙުތިރާމުކުރާ ރަގަޅު މުޖުތަމަޢެއް ބިނާކުރެވެއެވެ. މެކިންޓަޔަރ (2002) ވިދާޅުވާގޮތުން އުނގަންނައިދިނުމަކީ، ހަމައެކަނި މަސައްކަތެވެ. އެހެނީ އޭގައި އެކުލެވޭ މަޤުޞަދެއް ނެތެވެ. އޭގައި ހިމެނެނީ ހަމައެކަނި ބޭރުފުށުގެ މަޤުޞަދެކެވެ. ފަރުދަކަށް ޚިދުމަތްދިނުމާއި މުޖުތަމަޢު ބިނާކުރުން އެއީ މަޤުޞަދު ކަމުގައިވިޔަސް، ޓީޗަރަށް ސަލާމަތްނުވެވޭނެ އެހެން ޒިންމާއެއް ވެއެވެ. އެއީ ދަސްކޮށްދޭ މީހާ ރަގަޅަށް ކުރާކަމެކެވެ. މުދައްރިސަށް ލިބޭ އުފަލާއި ހިތްހަމަޖެހުމަކީ އެއީއެވެ. ހުރިހާ އިންސާނުންގެވެސް އާޚިރު އަމާޒަކީ އެއީއެވެ. އެހެންކަމުން މިއަދު ކުދިންނަށް ދަސްކޮށްދިނުން އަމާޒު ހިފަންޖެހިފައިވަނީ އަންނަންއޮތް ޖީލަށް ބިނާކޮށެވެ. އަންނަންއޮތް ޤަރުނުގައި ބެހިގެން ނުދާފަދަ ފަރުދަކު ބިނާކުރުމުގެ ވިސްނުމަކުންނެވެ.
            ޕްލޭޓޯ (423 ބީސީ) ހާމަކުރާ ގޮތުގައި  މުދައްރިސަކީ، ދަރިވަރުގެ ދައުރު ބަދަލުކޮށް، އޭނާގެ ކިބައިގައި ރަނގަޅު ސިފަ އަށަގަންނުވާ ފަރާތެވެ. ދަރިވަރަކީ އޭނާގެ ޙިއްޞުތަކުގެ ތަޖުރިބާއިން ޙިކުމަތާއި ބުއްދިވެރިކަން ލިބިގަންނަ ފަރުދަކަށް މުދައްރިސް ހަދާދޭން ޖެހޭނެއެވެ. ހަމަ އެފަދައިން ސަރުކާރުގެ އެއިރެއްގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މުދައްރިސުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެއެވެ. އެއީ އެ ދުވަސްވަރަކާ ގުޅޭ ގޮތުން މުދައްރިސުން އަދާކުރަންޖެހޭ ވަރަށް މުޙިއްމު ދައުރެކެވެ.
5- މުސްތަޤްބަލުގައި މުދައްރިސުންގެ ދައުރަށް ބަދަލެއް އަތުވެދާނެ ހެއްޔެވެ؟ އަތުވެދާނެ ނަމަ، ލަފާކުރާ ބަދަލަކީ ކޮބައި ހެއްޔެވެ؟
            ފެންނަން އޮތް ޙަޤީޤަތަކީ ވޭތުވެދިޔަ މާޒީގައި އަހަރެމެންނަށް ފެންނަމުން ދިޔަ ވަރަށް ގިނަ ކަންތައްތަކެއް މިއަދު ބަދަލުވެފައި ވާކަމެވެ. އެގޮތުން ހީނުކުރާފަދަ ބޮޑެތި ބަދަލުތައް މިއަދު ވަނީ އައިސްފައެވެ. އެހެންކަމުން މުސްތަޤްބަލުގައި މުދައްރިސުން އަދާކުރާ ދައުރަށް ބަދަލު އައުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ރެޑެކަރ އާއި ބައިވެރިން (2011) ހާމަކުރާ ގޮތުގައި މުސްތަޤުބަލުގައި ދަރިވަރުންގެ އުނގެނުން ބައްޓަންކުރުމުގައި މުދައްރިސް އަދާކުރާނެ ދައުރު ގުނާލެވެނީ މައިގަނޑު ޙިއްޞާ ދާރެއްގެ ދައުރުގެ ގޮތުގައެވެ. އުނގެނުމަކީ ފަރުދަށް ޚާއްސަކޮށްގެން ކުރާކަމަކަށްވާތީ، ހުރިހާ ދަރިވަރުންނަށް އެއްއުޞޫލެއް ބޭނުންކޮށްގެން އުނގަންނައި ދިނުމަކީ އުނގަންނައި ދިނުމުގެ ދާއިރާގައި މިއަދު ބާވެފައިވާ ނުވަތަ ޤަބޫލު ނުކުރެވޭ ކަމަކަށްވަނީ ވެފައެވެ.
            މާދަމާގެ މުދައްރިސުންގެ  ދައުރަކަށްވާނީ، ބަވަނަވެފައިވާ އަދި އަވަސްއަވަހަށް ބަދަލުވަމުންދާ ދުނިޔޭގައި ކާމިޔާބު ލިބޭފަދަ ރައްޔިތެއް ބިނާކުރުމުގެ މުހިއްމު މަސައްކަތެވެ. އެއީ އުފެއްދުންތެރި، ފްލެކްސިބަލް އަދި އުނގެނެން ދަންނަ  ދަރިވަރުންތަކެއް ބިނާކުރުމެވެ. އަދި، މާދަމާގެ މުދައްރިސުން އަދާ ކުރަންޖެހޭ އަނެއް މުހިއްމު ދައުރަކީ، ދަރިވަރުންނަކީ ރަސްމީކޮންނާއި ނުރަސްމީކޮށް އުނގެނުމަށް ޝައުޤުވެރިވާ ކުދި ބަޔަކަށް އޭނާގެ ދަރިވަރުން ހެދުމެވެ. ހަމައެއާއިއެކު އުނގަންނައިދިނުމުގެ ގިނަ ވައްތަރު ބޭނުން ކޮށްގެން އުނގަންނައި ދިނުންވެސް އޭގެތެރޭގައި ހިމެނެއެވެ. އެއީ ތަފާތު ވަގުތު ތަކުގައި ތަފާތު ތަންތަނުގައި ތަފާތު ރިސޯސް ބޭނުންކޮށްގެން އުނގަންނައިދިނުމެވެ. 21 ވަނަ ޤަރުގައި އަތުވެދާނެ ބަދަލުތަކަށް ރިޢާޔަތްކޮށްގެން އުނގަންނައި ދިނުމެވެ. ކެރޮލް އަދި ރެސްޓާ (2010) ހާމަކުރައްވަނީ ވަރޗުއަލްކޮށާއި، ލޯކަލްއަދި ގްލޯބަލްގެ އިތުރުން ފޭސްޓުފޭސް އަދި ސިންކްރޮނަސް އަދި އެސިންކްރޮނަސް މާޙައުލުގައި އުނގަންނައިދިނުން ބައްޓަންވެގެން ދާނެކަމަށެވެ.  ރެޑެކަރ އަދި ބަވަރން (2011) ހާމަ ކުރާގޮތުގައި އުނގަންނައި ދިނުމުގެ މަރުޙަލާގައި މުދައްރިސްގެ ދައުރު ބަދަލުވެގެންދާނީ މެންޓާރ އެއްގެ ދައުރަށް ކަމަށް ބަޔާންކުރައްވާފައި ވެއެވެ. އެއީ ހަމަ އެކަނި ގައިޑުކޮށްދޭ ނުވަތަ އިރުޝާދުދޭ މީހެއްގެ ގޮތުގައެެވެ.
            އެޑްވާރޑްސް އާއި ބައިވެރިން (2002) ލަފާކޮށްފައިވާގޮތުން މިހާރު ހިންގަމުންދާ، މުދައްރިސުން ތަމްރީން ކުރުމުގެ ވައްޓަފާޅިއަށް މުސްތަޤުބަލުގައި ބަދަލު އަންނާނެއެވެ. ކައުންސިލް އޮފް ޔޫރަޕިއަން ޔޫނިއަނުން ލަފާކުރާ ގޮތުގައި ކުރިމަގުގައި ތަޢުލީމާއި ރިސަރޗާއި އިނޮވޭޝަން ގެ ނޮލެޖް ޓްރޭންގަލެއް ޤާއިމްކުރެވޭނެއެވެ. އެހެންކަމުން ކުރިމަގުގައި ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. ކިޔަވައިދޭ ގޮތަށާއި ބޭނުންކުރާ ވަޞީލަތްތަކަށް ތަފާތު ބޮޑެތި ކުރިއެރުންތައް އަންނާނެއެވެ. ހަމަ އެފަދައިން މުދައްރިސް އަދާކުރާ ރޯލުވެސް ތަފާތުވާނެއެވެ. ކެރޮލް އަދި ރެސްޓާ (2010) ހާމަކުރައްވާ ގޮތުގައި ކުރިމަގުގައި މުދައްރިސުން ތަމްރީން ކުރުމުގައި ޤައުމުތަކުގެ ސިޔާސަތަށް އަންނަ ބޮޑު ބަދަލުގައި މިދެންނެވި ކަންކަމަށް އިސްކަމެއް ދޭނެއެވެ.
             ކެރޮލް އަދި ރެސްޓާ (2010) ހާމަކުރައްވަނީ ޓީޗަރުންނަށް ވާންތިބި ޓީޗަރުން ބަލާނެކަންތައްތަކުގެ ތެރޭގައި ސްކޫލްނޫން މާހައުލެއްގައި ދަރިވަރުން އުނގެނޭގޮތާއި އިންފޯމަލް އަދި ފޯމަލްކޮށް ދަރިވަރުންގެ ކިޔެވުން ހިނގާގޮތާއި އުނގެނުމުގެ ނެޓްވޯކްގައި ދަރިވަރުން އުނގެނޭގޮތް ބަލާނެއެވެ. މިހާރެކޭވެސް އެއްފަދައިން، އުނގަންނައި ދިނުމަށް ކުރަންޖެހޭ މަސައްކަތުގެ އިތުރުން، ދަރިވަރުގެ މުޅިރަގަޅަށް މުދައްރިސުން އުފުލަންޖެހޭ ޒިންމާ ކުރިމަގުގައި އިތުރުވާނެއެވެ. އެއީ ދަރިވަރުން އަނިޔާއިން ޙިމާޔަތްކުރުމާއި ދަރިވަރަށް ކުރިމަތިވާ އެކިކަހަލަ ގޯނާތައް ފާހަގަ ކުރުމާއި ޙިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. މިކަމަށް ބޭނުންވާނީ ދަރިވަރުންނާއި މުދައްރިސުންގެ ދެމެދުގައި އުފެދޭ އިތުބާރާއި އީޖާބީ ގުޅުމެވެ. މިހާތަނަށް ހޯދުނު އެންމެ ދުވަސްވީ ލިޔުންތަކުން ފެންނަގޮތުގައި ސޮކްރެޓިކް ޑައިލޮގްސް ބެލެވިފައިވަނީ، ސުވާލުކޮށްގެން އުނގަންނައި ދިނުމަށް ބޭނުންކުރި އެންމެ ފުރަތަމަ މެތަޑް ކަމުގައެވެ. އެހެންކަމުން މިޒަމާނުގެ އިންކުއަރީ ބޭސްޑް ލާނިންގ ގެ އަސްލު ގުޅިފައިވާ ސޮކްރެޓިކް ޑައިލޮގްސް ކަމުގައި ޤަބޫލުކުރެވިދާނެއެވެ. ސޮކްރެޓިކް ލާރނިންގ މެތަޑަކީ ވަރަށް ސިސްޓެމެޓިކް ގޮތަކަށް ފަރުމާކުރެވިފައިވާ އަދި ހަތަރު މަރުހަލާއެއް ހިމެނޭ މެތަޑެކެވެ. ހަތަރު މަރުހަލާގެ ތެރެއިން ވަކިވައްތަރެއްގެ ސުވާލު ދަރިވަރާއި ކުރެވޭގޮތަށެވެ. އެހެންކަމުން، ސޮކްރެޓިކް މެތަޑަކީ، އިންކުއަރީ ބޭސްޑް ލާރނިންގ ގެ ގޮތްޕެއް ކަމުގައި ބެލެވިދާނެއެވެ. އެހެންކަމުން ބަދަލުވަމުންދާ މި ދުނިޔޭގެ ކަންކަން ހިނގާ މަގަށް ބަލާއިރު އެންމެ ކުރީގެ ފަލްސަފާވެރިންގެ ހޯދުންތައް މިޒަމާނުގައި ވަރަށް ރަނގަޅަށް ބޭނުންކުރެވެމުންދާކަން ފާހަގަ ކުރެވެއެވެ. ވުމާއެކު، މުސްތަޤްބަލުގައި އެފަދަ ބަދަލުތައް މުދައްރިސުންގެ ފަރާތުން ފެންނާނެކަމަށް ޤަބޫކުރެވެއެވެ.
            ފިލޯސަފަރުންނާއި، އުނގަންނައިދޭ މީހުންނާއި ރިސަރޗަރުންނާއި ސައިންޓިސްޓުން ހުއްޓުމެއްނެތި، ދަރިވަރުންނަށް މަޢުލޫމާތާއި ހުނަރު ފޯރުކޮށްދެވިދާނެ ކަމަށް އެބޭފުޅުން ޤަބޫލުކުރައްވާ ނަޒަރިއްޔާތު ހުށަހަޅުއްވަމުން ގެންދަވައެވެ. ވޭތުވެދިޔަ ޤަރުނުތަކުގައްޔާއި ޖީލުތަކުގައި، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވާދަކުރައްވައި ދަރިވަރުންނަށް އުނގަންނައިދޭން އެންމެ ރަގަޅު ގޮތަކީ އެބޭފުޅެއްގެ ގޮތްކަމުގައި ވިދާޅުވަމުން ގެންދެވިއެވެ. މިސާލަކަށް ބައެއްބޭފުޅުން ޤަބޫލުކުރައްވާ ގޮތުގައި ދަރިވަރުންނަށް އެންމެ ރަނގަޅަށް އުނގަނެގަނެވޭނީ، ދަރިވަރުން އަމިއްލައަށް ވަކި ސުރުޚީއެއް ނުވަތަ ތީމެއް ނަގައި އެއާއިބެހޭގޮތުން ހޯދައި ބެލުމުންނެވެ. އަނެއް ބަޔަކު ޤަބޫލުކުރަނީ، މުދައްރިސުން ޖެހެނީ ސާފުސީދާ މަޢުލޫމާތު ދަރިވަރުންނަށް ދިނުމެވެ. ކުރިން ދަސްވެފައިވާ ނުވަތަ އޮޅުން އަރާފައިވާގޮތް ރަގަޅު ކޮށްދޭށެވެ.

6- 21 ވަނަ ޤަރުނަށް ބަލާއިރު، މުދައްރިސުންގެ ދައުރަކީ ކިހާ މުހިއްމު މައުޟޫއެއް ހެއްޔެވެ؟
            ފާއިތުވެ ދިޔަ ދިގު މާޒީގައި އިންސާނުންވަނީ ވަރަށް ގިނަގުނަ ތަޖުރިބާތައް ކޮށްފައެވެ. ތަފާތު ބަދަލުތައް ގެނެސްގެން އެކަންކަން ތަޖުރިބާ ކޮށްފައެވެ. ނިކުމެފައިވާ ނަތީޖާތައް ދިރާސާކޮށް ކުރިމަގު ބައްޓަން ކުރުމަށްޓަކައި ތަފާތު ހޯދުންތައް ހޯދާފައެވެ. އަދިވެސް ގެންދަނީ މިދެންނެވި ހޯދުންތައް ކުރިއަށެވެ. 21 ވަނަ ޤަރުނުގައި މުދައްރިސުންގެ ރޯލަކީ އެކިއެކި ރޯލްތަކަށް އަވަސް އަވަހަށް ބަދަލުވާންޖެހޭ ދައުރެކެވެ. 21 ވަނަ ޤަރުނުގައި އުނގަންނައިދޭން ބޭނުންކުރާ މޮޑެލްއަކީ އެސެސްމެންޓަށް އަމާޒުކުރެވޭ މޮޑެލްއަކަށްވާތީ، ޓީޗަރު ވާންޖެހެނީ މުޤައްރަރުގެ ބޭނުންތަކަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައިދިނުން ފަސޭހަކޮށްދޭ މީހަކަށްވާށެވެ. ތަފާތު އުމުރުފުރާތަކުގެ ދަރިވަރުންނަށް ސޮފްޓުވެއަރ ތަކާއި ހާޑްވެއަރތައް ބޭނުންކޮށްގެން އުނގަންނައި ދިނުމުގެ ޤާބިލުކަން ހުރުމާއި އެކަމަށް ހޭނެންޖެހޭނެއެވެ. 21 ވަނަ ޤަރުނުގައި ޓީޗަރުގެ ދައުރުތެރޭގައި އެތައްގޮތަކަށް ކިޔަވައިދިނުމާއި ކުއްލިއަކަށް ދިމާވާ ޙާދިސާތަކަށް އުނގަންނައި ދިނުމުގެ ޤާބިލުކަން ހުންނަން ޖެހޭނެއެވެ.
            21 ވަނަ ޤަރުނުގެ ވާހަކަތަކަކީ މިޒަމާނުގައި ކޮންމެހެންވެސް ދައްކަންޖެހޭ ވަރަށް މުޙިއްމު މައުޟޫއެކެވެ. ސަބަބަކީ އަޅުގަނޑުމެން ދަރިވަރުން ތައްޔަރު މިކުރަނީ ކިޔަންނޭނގޭ ކުރިމަގަކަށެވެ. ވާނެގޮތެއް ބަޔާންކުރަން ނޭނގޭ އެތައްކަމެއްގެ ތެރެއަށް ނެރުމަށެވެ. އަންނާނެ ކަމަށް ލަފާކުރަން ނޭނގޭ އެތައް ބަދަލުތަކަކާ ކުރިމަތި ލުމަށެވެ. އެހެންކަމުން ކުރިމަގުގައި ވާނޭކަމަށް ލަފާކުރެވޭ ގޮތްތަކާމެދު ވިސްނާ ފިކުރުކުރަން ދަސްކޮށްދޭން ޖެހެއެވެ. ވުމާއެކު ކުރިމަގުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ދިރާސާތަކުގެ އަލީގައި ވިސްނައި ފިކުރު ހިންގަން ދަސްކޮށްދޭން ޖެހެއެވެ.
            ދިރާސާތަކުން ދައްކާގޮތުގައި އެކިކުދިން އެނގެނެނީ އެކި ގޮތްގޮތަށެވެ. އެކި ކުދިންގެ ލަރނިންގ ސްޓައިލް ތަފާތެވެ. އެހެންކަމުން 21 ވަނަ ޤަރުނުގެ ޓީޗަރަކީ، ތަފާތު ކުދިންނާއި ގުޅޭ ސްޓައިލްތަކަށް އުނގަންނައި ހުރިހާ ކުދިން ބައިވެރި ކޮށްގެން ކިޔަވައިދޭ މީހަކަށް ވާން ޖެހޭނެއެވެ. ދަރިވަރުގެ  ހުރިހާ ޙިއްސެއް ބޭނުންކޮށްގެން އުނގެނޭ ފިލާވަޅުތައް ތައްޔާރު ކުރުމަކީ 21 ވަނަ ޤަރުނުގެ މުދައްރިސް ކުރައްވަން ޖެހޭނެކަމެކެވެ. އެހެންމީހުންގެ ޚިޔާލާއި ފިކުރުތަކާއި ކަންކުރާގޮތް، ތިމާގެ ކުލާހުގައި ބޭނުންކުރަން ފަސްނުޖެހޭ، ކުރިޔަށް ލަފާކުރަން ދަންނަ މީހަކަށް 21 ވަނަ ޤަރުނުގެ ޓީޗަރު ވާންޖެހޭނެއެވެ. ހަމައެހެންމެ، މުޤައްރަރުގައި ހިމެނޭ އެކިއެކި މައްދާތަކާއި އޭނާގެ މާއްދާގެ ބައިތައް ގުޅުވަންއެނގޭ އަދި އޭގެ ބޭނުންކޮށްގެން ދަރިވަރުން އުނގެނުން ވަރުގަދަ ކޮށްދެވޭފަދަ މީހަކަށް ވާންޖެހޭނެއެވެ. ކަންކަން ޚިޔާލަށް ގެނައުމާއި ބަދަލުވެގަތުމަކީ ދުރުވިސްނޭ ޓީޗަރެއްގެ އެންމެ އަސާސީ ބައެވެ. ވެބް ޓެކްނޮލޮޖީގައި އަލަށް އަންނާނެ އާލާތްތައް ފާހަގަ ކުރުމާއި ބޭނުންކުރެވޭ އާލާތްތައް އެދެވޭގޮތުގައި ބޭނުންކުރުމުގެ ޤާބިލުކަން ހުރުމާއި، އުނގަންނައި ދިނުމުގައި ދަރިވަރުގެ ބޭނުންތަކަށް އެތަކެތި ބޭނުންކުރަންޖެހޭނެ އެވެ.
            ބްލަގަރ، ޓްވިޓަރ، ވިކިސްޕޭސް، އެމް.އެސް.އެން، މައިސްޕޭސް، މިއީ 21 ވަނަ ޤަރުނުގެ ޓެކްނޮލޮޖީގައި ބޭނުންކުރާނެ އާއްމު ޓޫލްސް ތަކަކަށް ވެގެންދާނެއެވެ. ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މި އާލާތްތައް ބޭނުންކުރަން 21 ވަނަ ޤަރުނުގެ ޓީޗަރަކަށް އެނގެންޖެހޭނެއެވެ. އެހެންކަމުން، ޚުލާސާގޮތެއްގައި، ދަންނަވާލެވެންއޮތީ، 21 ވަނަ ޤަރުނުގެ މުދައްރިސުންގެ ދައުރަކީ، މޮޑަރޭޓަރ، ފެސިލިޓޭޓަރ ، އަދި ރެފްރީއެއްގެ ރޯލެވެ.
ނިންމުން
            މުދައްރިސުންގެ ދައުރަކީ ވަރަށް ފުޅާ، ތަނަވަސް ދާއިރާއެއްކަން ތަފާތު ތިއަރިސްޓުންގެ ވާހަކަތަކުން ހާމަވެއެވެ. ހަރުދާނާ ޖީލެއް ބިނާކުރުމުގައި މުދައްރިސުންނަކީ ވަރަށް އިސްރޯލެއް އަދާކުރަންޖެހޭ ބައެކެވެ. މުދައްރިސުންގެ ދައުރު ކަނޑައެޅުމަށް  އަސަރު ފޯރާ އެތައް އަސާސްތަކެއް ހުރެއެވެ. އެބައެއްގެ ތަޢުލީމުދިނުމުގެ މަޤްޞަދާއި އާދަކާދަ، ހަރުލެއްވުމަށް ބޭނުންވާ ސިފަތައް މިކަމުގައި އިސްރޯލެއް އަދާކުރެއެވެ. މީގެ އިތުރުން އެތަނެއްގެ އިޤްތިޞާދީ ޙާލަތާއި ސިޔާސީ ވެށީގެ އިތުރުން ވަޒީފާގެ ބާޒާރު ހިމެނެއެވެ. ހަމަ އެހެންމެ ޓެކްނޮލޮޖީއަކީ އޭގެ ސަބަބަބުން ވަރަށް ބޮޑަށް އަސަރު ފޯރާނެ ކަމެކެވެ. މިކަންކަމުން މުދައްރިސުންގެ ދައުރު ތަފާތު ގޮތްގޮތަށް ބައްޓަންކުރަން ޖެހެއެވެ. އެހެންކަމުން މުދައްރިސުންގެ ދައުރަކީ އަބަދު އެއްގޮތަކަށް އޮންނާނެ ކަމެއް ނޫނެވެ. މުދައްރިސުންގެ ދައުރަށް އަސަރުފޯރާ ބަހާތަކާ ގުޅިގެން މުދައްރިސުންގެ ދައުރަށް ބަދަލު އަންނާނެއެވެ. މިއަދު މުދައްރިސުންގެ މުޖުތަމަޢުގައި ސާބިތުކަމާއެކު ދިރިއުޅެވޭނެ ފަދަ ހަރުދަނާ ޝަޚުޞެއް ބިނާކުރުން ކަމުގައި ވީނަމަވެސް ކުރިމަގުގައި އެކަން ބަދަލުކުރަން ޖެހޭނެއެވެ. ދިމާވެދާނެ ހުރިހާ ނުރައްކާތަކާ ގޮންޖެހުންތަކަށް ސާބިތުކަމާއެކު ކުރިމަތިލައި، އަމިއްލައަށް ހައްލު ހޯދޭފަދަ ފަރުދުން އުފެއްދުން އަމާޒަކަށް ހަދަންޖެހެއެވެ. އެހެންކަމުން ކުރިމަގުގައި މުދައްރިސުންގެ ދައުރަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހެއެވެ. ހަމަ އެއާއެކު އުނގެނުމާއި އުނގަންނައި ދިނުމަށް ބޭނުންކުރާ އެކިއެކި ވަޞީލަތްތަކަށް ބޮޑު އިންޤިލާބެއް އަންނާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. 21 ވަނަ ޤަރުނުގައި މުދައްރިސް އަދާކުރާނީ މެންޓަރ އެއްގެ ދައުރެވެ.











                                                                                                                                  

No comments :

Post a Comment