Tuesday, October 22, 2019

ހުރަވީ ދުވަސް


d
                   ޤައުމާއި ވަޠަންދެކެ ލޯބިވުމުގެ މާތް ސިފަ، އަޅަމެންގެ ކިބައިގައި ލެއްވި ގަދަކީރިތި ވަންތަ ޖައްލަރައްބީއަށް ޙަމްދާޝުކުރުކުރަން(.)  ޤައުމިއްޔަތުގެ އެންމެ ފުރިހަމަ ނަމޫނާ ދެއްކެވި މާތް ސާހިބާ މުޙައްމަދު ނަބީކަލޭގެފާނަށް ޞަލަވާތާއި ސަލާމުގެ އެންމެ ވަސްމީރު ގުލްދަސްތާތަކުން ވެދުންކުރަން(.) އަދި މިޞަލަވާތުގައި  އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަން(.) މަދަރުސާގެ އިސްވެރިން(.) ލީޑިން ތީޗަރުންނާއި މުދައްރިސުން(.) ޤައުމުގެ ފަޚުރުންކަމުގައިވާ އަޅުގަނޑެކޭ އެއްފަދަ މިއަދުގެ ކިޔަވާކުދިން(.) 
އައްސަލާމު ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތު(.)
           އާދެ، ޤައުމީ ގޮތުން ޚާއްޞަ ކޮށްލެވޭ މުހިންމު ދުވަސްތައް ފާހަގަ ކުރުމަކީ ކޮންމެ ޤައުމެއްގެ ޙަޔާތުގައިވެސް ކޮންމެހެން ބޭނުންތެރިކަމެއް(.)  އެގޮތުން ރާއްޖޭގައި ފާހަގަ ކުރަމުންދާ މުހިންމު ދުވަސް ދުވަހުގެ ތެރެއިން ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ފަޚުރުވެރި ހުރަވީދުވަސް(.) މިއީ އަޅުގަނޑުމެންނަށް ވަރަށް ޚާއްޞަ ދުވަހެއް(.) އަޅުގަނޑުމެންނަށް މިދުވަސް ޚާއްޞަވެގެންދާ ވަރަށް ގިނަ ސަބަބުތައް އެބަހުރި(.) އާދެ، ޤައުމީ ބަޠަލުންނަކީ ކޮންމެ ޤައުމެއްގައިވެސް ވަރަށް ޚާއްޞަ މަޤާމެއް ދެވިފައިވާ ބައެއް(.) ވަރަށް މަތިވެރި ޤަދަރަކާއި ޝަރަފެއް ޙައްޤުވާ ފަރާތްތަކެއް(.) ޤައުމު ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެންނާ ހަމައަށް ވާރުތަ ވެފައި މިވަނީ ޤައުމީ އަބުޠާލުންގެ މަސައްކަތުން(.) އެ ބޭބޭފުޅުންގެ ހިތުގައި މާތްވެގެންވާ އިސްލާމްދީނާ، ޤައުމިއްޔަތަށް އޮތް ލޯތްބެއްގެ ބޮޑުކަމުން(.) އާދެ ޤައުމުދެކެ އެބޭބޭފުޅުންގެ ހިތްތަކުގައިވާ ވަރުގަދަ ލޯތްބެއްގެ ސަބަބުން(.)
           ޝައްކެއްވެސްނެތް(.) މިއަދު އަޅުގަނޑުމެން ޒިކުރާމިކުރަނީ އެފަދަ ބަޠަލެއްގެ ހަނދާން(.) ހުރަވީ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ ހުރާ ދޮންހަސަންމަނިކުފާނުގެ މަތިވެރި ޒިކުރާ(.) އާދެ، ދޮންބަންދާރައިންގެ މަތިވެރި ޖިހާދުގެ ހަނދާންތައް(.) ހުރަވީދުވަހުގެ ގޮތުގައި މިދުވަސް ފާހަގަ ކުރަންފެށީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލް އާޚިރާ މަހުގެ ތިންވަނަދުވަހު(.) ހުރަވީ ދުވަހަސް ނިސްބަތްކުރެވެނީ ހިޖުރީ ގޮތުން 1166 ވަނަ އަހަރު ގެ ޖުމާދިލްއާޚިރާ މަހުގެ ތިންވަނަ ދުވަހު، ދޮންބަންޑާރައިން އިސްވެހުންނަވައިގެން މާލާބާރީން ނުވަތަ ހޮޅީންގެ ކިބައިން ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވިހާދިސާއަށް(.)
           ތާރީޚީގޮތުން އެނގެން އޮތް ގޮތުގައި ރާއްޖޭގެ މިނިވަންކަން ގެއްލި ޤައުމު ބޭރުބައެއްގެ އަތްދަށަށް ދިޔަ ކޮންމެ ޙާދިސާއެއްގައިވެސް އެކަމުގެ އަޑީގައި ދިވެހި ޚާއިނުންގެ މަދުބަޔަކު އެބަތިބޭ(.)  އެގޮތުން މަލާބާރީންގެ އަތް ދަށަށް ރާއްޖެ ދިޔަ ހާދިސާއަށް ބަލާއިރުވެސް ޤައުމުގެ އިއްޒަތްތެރި ދެ ބޭފުޅަކު ވަނީ ޤައުމަށް ޚިޔާނާތްތެރިވެފައި(.)  އާޚިރުގައި މިދެ ބޭފުޅުންނަށް ލިބިވަޑައިގަތީ ހިތްދަތި ކަމާ ހިތާމަ(.)  ގެއްލުމާއި ހަލާކު(.) ތާރީޚީ ގޮތުން ފެންނަން އޮތް އަނެއް ހަޤީގަތަކީ ދިވެހިންގެ ކެރޭކަމާއި ހިތްވަރުގަދަކަން(.)  ކިތަންމެ ވަރުގަދަ ބާރަކަށް ވިޔަސް، އެބާރަކުން މިޤައުމުގެ މިނިވަންކަމާއި އަމިއްލަ ވަންތަކަމާ ކުޅެލައިފިނަމަ، އެބައެއްގެ ވަސް މިފަސްގަނޑުން ފިލުވައިލުމުގައި ދިވެހި ބަޠަލުން ދައްކުވައިދީފައިވަނީ ޝުކުރާއި ތަޢުރީފް ގައްޤު މިޘާލު ތަކެއް(.). ކޮށްފައިވަނީ ވަރުގަދަ ޖިހާދު ތަކެއް(.) އެގޮތުން ދޮންބަންޑާރައިންގެ ޖިހާދަކީވެސް ދިވެހިން ނަސްރާއި ކާމިޔާބު ހޯދި މަތުވެރި ޖިހާދެއް(.)
           ދޮންބަންޑާރައިންގެ ޖިހާދުގެ ޙާދިސާއަށް ބަލާއިރު، ހޮޅީން ރާއްޖޭގެ ވެރިކަމަށް ވެރިވެގަނެ، މާލޭގައި ވެރިކަން ކުރަމުން ގެންދަނިކޮށް، ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލް އާޚިރާމަހުގެ 3 ވަނަ ދުވަހުގެ ރޭ މެންދަމު،  ދޮންބަންޑާރައިން ދިވެހީންގެ ހިތްވަރުގަދަ ބަޔަކާއެކު ވަޑައިގެން، މަލާބާރީންނަށް ކުއްލި ޙަމަލާއެއް ދެއްވައި އެމީހުން ބަލިކޮށް ލެއްވި(.)  މިކަމުގައި ދޮންބަންޑާރައިން ދައްކަވާފައި ވަނީ އާދަޔާޚިލާފު މޮޅުރޭއްވުންތެރި ކަމަކާއި ހިއްވަރެއް(.)  ޙިކުމަތްތެރިކަމާއި ސާބިތު ކަމެއް(.) މަލާބާރީން ނުވަތަ ހޮޅީންގެ އަޅުވެތިކަމުގައި ރާއްޖެ އޮތީ ޖުމުލަ ހަތަރު މަސްދުވަހަށްވުރެވެސް ކުރު މުއްދަތެއްގައި ކަމަށް ބައެއް ތާރީޚީ ފޮތްތަކުގައިވޭ(.)
           ހުރަވީދުވަހުގެ ނަމުގައި މިދުވަސް ފާހަގަކުރެވެމުން އަންނަނީ އެބަޠަލު ގެނެސްދެއްވި މިނިވަންކަމާއި ގައުމިއްޔަތު ދެމެހެއްޓުމުގެ ބާރާއި ޖޯޝް ދިވެހިންގެ ހިތްތަކުގައި ދިރުވައި ދެމެހެއްޓުމަށް(.) އެހެންކަމުން މިފަދަ ދުވަހެއްގައި މިޤައުމަށް މިނިވަން ކަން ދެއްވިކަމަށްޓަކައި މާތްﷲހަށް ޙަމްދާއި ޝުކުރު ކުރަންޖެހޭ(.) ޤައުމީ މިފަދަ ބަތަލުން ފަދައިން ޤައުމުގެ މިނިވަންކަމާއި އިސްތީޤްލާލު ހިމާޔަތްކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ އުފަލަކަށް ހަދަންޖެހޭ(.) މި ޤައުމުގެ ދަރިންނަށް  ޤައުމު ގޮވާލާ ކޮންމެ ދަނޑިވަޅެއްގައި މިގޮވާލުމަށް އިޖާބަދޭންޖެހޭ(.) ދޮންބަންޑާރައިން އެމަނިކުފާނުގެ ދަރިންނަށް ދެއްވާފައިވާ އިބްރަތްތެރި ނަސޭޙަތުން ކޮންމެ ދިވެހިދަރިއަކު ވެސް އިބްރަތް ޙާސިލްކުރުމަކީ މިފަދަ ދުވަހެއްގައި ވަރަށްވެސް މުހިންމުކަމެއް(.)
           މިދެ ކުދިންނަށް އަންގަވާ! ދީނާ، މި ޤައުމަށް، ބައްޕަހެން
                       ތެދުހިތުން، ތެދު ނިޔަތުގާ، ނަފުސާ  ފުރާނަ، ވަޤުފު  ކުރަން
މިޒަމާނަކީ ބޭރުންނާއި އެތެރެއިން އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ބަހާތަކުގައި ރެނދު އެޅުވުމަށް މަސައްކަތްކުރަމުންދާ ދުވަސްވަރެއް(.) ޤައުމިއްޔަތުގައި އަޅައި ކޮންމެ ރެނދަކާ، އުފެދޭ ކޮންމެ ބައިބައިވުމަކުން އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އުސް ކުރިބޯށިތަކުގައި ރެނދު ލަމުންދާނެ(.) ޤައުމިއްޔަތުގެ ދިފާޢީ ކިއްލާތައް ފުނޑުފުނޑުވަމުންދާނެ(.)  އެހެންކަމުން ޤައުމިއްޔަތުގެ ބަހާއަކަށް އަތުވެދާނެ ޢުދުވާނަކުން އަޅުގަނޑުމެންގެ ޤައުމު ސަލާމަތުގެ އައްސޭރިއަކާއި ހަމައަށް ގެންގޮސްދޭނޭ ބަޠަލުން ތަކެއް އުފެއްދުމަށް މިއަދު މިވަނީ ޖެހިފައި(.) މުޙައްމަދު ތަކުރުފާއި އަލިރަސްގެފާނާއި ދޮންބާނޑާރައިންތަކެއް މިވަނީ އުފައްދާ، ފައްކާކުރަން ޖެހިފައި(.)

           އެހެންކަމުން އަޅުގަނޑުމެންގެ ކިޔަވާކުދިން، އާދެ، އަންނަންއޮތްޖީލުގެ ޒުވާން ލީޑަރުން މިކަމާމެދު ފުންކޮށް ވިސްނުމަށްގޮވާލަން(.) އަޅުގަނޑުމެންގެ ހިތުގައި ޤައުމިއްޔަތުދިރުވައި އާލާކުރުމަށް ނަޞޭޙަތްތެރިވަން(.) ޤައުމީ ބަޠަލުންގެ މަސައްކަތްޕޅުތަކުން ޢިބްރަތް ޙާޞިލްކުރުމަށް އިލްތިމާސްކުރަން(.)  އަޅުގަނޑުމެންގެ ހަށިތައް ޙުއްބުލްވަޠަންގެ ރީތި ސިފަތަކުން ޒީނަތްތެރި ކުރުމަށްގޮވާލަން(.) އަޅުގަނޑުމެންނަކީ އެފަދަ ބަޔަކަށް ވެގެންމެނުވީ، އަޅުގަނޑުމެންގެ ތެރެއަކުން ދެވަނަ ބޮޑުތަކުރުފާނެއް ނުނުކުންނާނެކަން ޔަޤީން(.) ދެވަނަ ދޮންބަންޑާރައިންނެއް ނުއުފެދޭނެކަން ކަށަވަރު(.) ދެވަނަ ޢަލިރަސްގެފާނެއް ނުފެންނާނެކަމާމެދު ޝައްކެއްނެތް(.) ދެވަނަ ޝަހީދު ޙުސައިން އާދަމެއް ފެނުމަކީ ނާދިރުކަމެއް(.) އެހެންކަމުން އިސްލާމް ދީނާއި ޤައުމުގެ ދިފާޢުގައި މަސައްކަތްކުރެއްވި އެންމެހައި ބަޠަލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށް ދޫޢާކުރާ ޙާލު، އެފަދަ އެތަކެއް ބަޠަލުންނެއް މިފަސްގަނޑުން އުފެދިގެން ދިއުމަށް އުއްމީދުކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން(.) ނިންމާލަމުންވެސް ދަންނަވާލާނީ:

 ޤައުމެއްގެ ދީނާ ހަމަޖެހުން، ޤައުމެއްގެ ތަހުޒީބާ ދިރުން
          ޤައުމެއްގެ ނަމުގައި އޮންނަނީ، ޤައުމިއްޔަތެއް ދިރުވައިގެނޭ
އަހުރެންގެ މޭ ޤައުމަށްޓަކައި، އައްޑަނައަކަށް ދިއްކޮށްލުމީ
           ފަހުނޭވަޔަށް ދާންދެއް މޮޓޯ، ކަމުގައި ޚިޔާރު ކުރާނަމޭ

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

1 comment :

  1. Casino Review & Casino Bonus Codes 2021 - DRMCD
    Casino Review 2021 포천 출장안마 - Read a comprehensive overview of the game, welcome bonus, casino 양주 출장마사지 promotions, 김천 출장샵 free 상주 출장안마 spins, deposit bonus codes,  Rating: 3.2 고양 출장안마 · ‎Review by Dr

    ReplyDelete