Thursday, April 23, 2015

ލިބޭ ހުރިހާ ހުސްވަގުތެއް ފޭސްބުކުގައި ހޭދަ ނުކުރާށެވެ!


ލިބޭ ހުރިހާ ހުސްވަގުތެއް ފޭސްބުކުގައި ހޭދަ ނުކުރާށެވެ!

އިންޓަނެޓަކީ ނިޢުމަތެކެވެ. އޭގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ، އޭގެ ސަވާބާއި ދަރުމަ އިތުރުވެގެން ދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ހަމަ އެއާއެކު އެއީ އޭގެ ބޭނުން ހެޔޮގޮތުގައި ނުހިފައިފި މީހަކަށް ވަބާއެކެވެ. ބައްޔެކެވެ.

ޢިއްޒަތްތެރި ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ލޮބުވެތި އެކުވެރިންނޭވެ. ލޮބުވެތި ޒުވާނުންނޭވެ! ވިސްނާލާށެވެ. ފޭސްބުކްގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ހޭދަކުރާ ވަގުތުތަކުގެ ތެރެއިން ﷲ އަށްޓަކައި ހޭދަކުރެވުނީ ކިހާ ވަގުތެއްތޯ އަމިއްލަ ނަފުސާ ސުވާލު ކޮށްލާށެވެ. ހަމަ ޔަޤީނުން އެނގޭ އެއް ކަމެއް އެބަ އޮތެވެ. އެއީ އަޅުގަނޑުމެންގެ ވަގުތުތައް މި ދުނިޔޭގައި ހޭދަކުރާ ގޮތާމެދު ﷲ ސުވާލު ކުރައްވާނެކަމެވެ. ހެޔޮ ގޮތުގައި އެވަގުތުގެ ބޭނުން ހިފައިފި މީހަކަށް ކޮޅުނެތްކޮޅަށް އުފާވެރިކަން ހުއްޓެވެ. އެއާ ޚިލާފު ވެއްޖެ މީހަކަށް ހުރީ ހިތާމައެވެ.

ފަހުގެ ތާރީޚުގައި އެންމެ ގިނަ ބަޔަކު އެއް އިންޓަނެޓުގެ އިޖުތިމާޢީ ވިއުގައެއްގައި އުޅޭ އެއް ވިއުގައަކީ ފޭސްބުކެވެ. އޭގައި ބޭނުންކުރެވެން ހުރި ޚިދުމަތްތަކުގެ ފަސޭހަކަމާއި، އެކުވެރިންނާއި އެކުވެރިކަން ބަދަހިކޮށްލަން މިހާ "ބިޒީ" ދުވަސްވަރެއްގައި އެންމެ މަޤުބޫލު އެއް ވިއުގަ ކަމުގައި ފޭސްބުކް ވަނީ ވެފައެވެ.

ފޭސްބުކް ބަލާލުމުން އެކުވެރިންގެ އެދުވަހުގެ މޫޑު އެނގިގެން ދެއެވެ. ކޮންމެ މީހަކުވެސް ފަސޭހަކަމާއެކު އެމީހާގެ ހިތުގައިވާ އެއްޗެއް ހާމަކޮށްލަނީ އޭނާގެ ސްޓޭޓަސް ގައެވެ. އޭރުން އެކުވެރިންގެ ލިސްޓުގައިވާ އެންމެންނަށް އެ ފެނިގެން ދެއެވެ. އަދި އެކަމާ ގުޅޭގޮތުން އެކުވެރިން މަޝްވަރާވެސް ދެއެވެ. އެއްވެސް ޙާލެއްގައި އަޅުގަނޑު ފޭސްބުކް ޕްރޮމޯޓު ކުރުމަށް ވާހަކަ ދައްކަނީ އެއް ނޫނެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ މިއަދުގެ ގިނަ ޒުވާނުން ފޭސްބުކްގައި ތިބޭކަމީ ދެކޮޅު ހެދެން ނެތް ޙަޤީޤަތެކެވެ.

ވަރަށް ގިނަ ފަހަރަށް ފޭސްބުކްގެ އެކުވެރިންގެ ލިސްޓުގައި ހިމެނޭ ބައެއް މީހުންގެ ސްޓޭޓަސްތައް ބަލާލެވެއެވެ. އޭގެ ތެރެއިން ޙައިރާން ވާ ފަދަ ބައެއް ސްޓޭޓަސްތައް ފެންނަފަހަރު މަދެއް ނޫނޭ ދެންނެވިދާނެއެވެ. ކަމުގެ މުހިއްމުކަމާހެދި ލިޔުމަކުން މިވާހަކަ ޙިއްސާ ކޮށްލުމަކީ ރަނގަޅު ކަމެއް ކަމުގައި ފެންނާތީ ދަންނަވަމެވެ.

ފޭސްބުކްގެ ބައެއް އެކުވެރިން އެމީހުންގެ އަނބިން ނުވަތަ ފިރިން ނުވަތަ އެނޫންވެސް ފަރާތެއްދެކެ ވާލޯބި ހާމަކުރުމަށް ފޭސްބުކްގެ އެމީހެއްގެ ޕްރޮފައިލްގެ ފާރު (ފޭސްބުކް ވޯލް) ބޭނުން ކުރެއެވެ. މި ފާރުގައި ލިޔާ އެއްޗެއްނަމަ އެމީހެއްގެ ފޭސްބުކުގެ ރަހުމަތްތެރިން އެންމެންހެން ކިޔާނެއެވެ. މެސެޖުގައި ވަނީ އަނބިމީހާ ނުވަތަ ފިރިމީހާ ދެކެވާ ޚާލިޞް ލޯބީގެ ޢިބާރާތްތަކެވެ. އެހެން ނަމަވެސް އެމެސެޖުތަކަކީ ޢާއްމު ތަންތަނުގައި ބޭނުންކުރުން ލަދުހުތުރު ޢިބާރާތްތަކެއް ކަމަށް ސަލާމަތް ބުއްދި ދެކޭ ޢިބާރާތް ތަކެކެވެ.

ދެމަފިރިން އެކަކު އަނެކާގެ ސިއްރުތައް ވަންހަނާ ކުރަން ޖެހެއެވެ. އެއީ އެދެމީހުން އެކަކު އަނެކާއަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ. ދެމަފިރިންގެ ސިއްރުތައް އެއްވެސް މީހަކަށް ހާމަކުރުން ހުއްދައެއް ނުވާނެއެވެ. އެއީ ދެމަފިރިން ކުރެ އެކަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ ކިތަންބެ ބެސްޓު ފުރެންޑަކަށް ކަމުގައި ވިޔަސް، ކިތަންމެ ގާތްތިމާގެ މީހެއް ކަމުގައި ވިޔަސްމެއެވެ. އެއީ މަންމަ ނުވަތަ ބައްޕަ ނުވަތަ އެއްބަނޑު އެއްބަފާ މީހެއް ކަމުގައި ވިޔަސް މެއެވެ. ސަބަބަކީ އެއީ ދެމަފިރިންގެ ސިއްރެކެވެ. އެ ސިއްރު ސިއްރު ކުރުމަކީ ލާޒިމު ކަމެކެވެ.

އެހެން ކަމުން، ފޭސްބުކްގެ އެކުވެރިންނާއި ފޭސްބުކް ބޭނުންކުރާ ހުރިހާ ފަރާތްތަކެއްގެ ސަމާލުކަމަށްޓަކައި މިވާހަކަ ދެންނެވީމެވެ. ދެމަފިރިންގެ ދެމެދުގައި ދެކެވޭ ލޯބީގެ ވާހަކަތަކަކީ، އެހެން މީހުންނާ ހިއްސާ ކުރެވިގެންވާނޭ ވާހަކަތަކެއް ނޫނެވެ. އެއީ ސިއްރު ކުރެވެން ޖެހޭ އެއްޗެކެވެ. ފޭސްބުކްގެ ސްޓޭޓަސް އަކީ އެކަކު އަނެކަކުދެކެވާ ލޯބި ހާމަކުރާ ތަނަކަށް ނުހަދާށެވެ.



 1- ފޭސްބުކަކީ ނިޢުމަތެއްކަމަށް ލިޔުންތެރިޔާ ސިފަކުރައްވަނީ ކީއްވެ ހެއްޔެވެ؟  
                                              
2- [ފޭސްބުކްގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ހޭދަކުރާ ވަގުތުތަކުގެ ތެރެއިން ﷲ އަށްޓަކައި ހޭދަކުރެވުނީ ކިހާ ވަގުތެއްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ!] މި ލިޔުމުގައި މި ޢިބާރާތް ގެންނަވާފައި، ރޫހަށް ބަލައި، ލިޔުންތެރިޔާ މި ޖުމުލައިން ބަޔާންކުރަން ބޭނުންވާ ވާހަކަ އަކީ ކޮބައިކަން ތަފްޞީލްކޮށް އޮޅުންފިލުވައި ދޭށެވެ!                                                                                                                                   
3- ފޭސްބުކް ހެޔޮގޮތުގައި ނުހިފައިފި މީހަކަށް ވަބާއަކަށް ވެދާނެގޮތް އަމިއްލަ ޢިބާރާތުން ބަޔާންކުރާށެވެ!                 

4- ލިޔުންތެރިޔާ ހާމަކުރާ ގޮތުގައި މި ޒަމާނުގައި އެހާގިނަ މީހުން ފޭސްބުކް ބޭނުންކުރުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިހެއްޔެވެ؟                                                                                                                              

5- ފޭސްބުކުން ލިބޭ ޙަޤީޤީ ފައިދާ ތަކެއްގެ ވާހަކަ ލިޔުމުގައި ވެއެވެ. އޭގެ ތެރެއިން 2 ފައިދާއެއް ލިޔާށެވެ!                                                                                                                                        
6- ދެމަފިރިންގެ މައްޗަށްވާ ވަރަށްބޮޑު ޒިންމާއެއްގެ ވާހަކަ ލިޔުންތެރިޔާ ގެންނަވާފައި ވެއެވެ.  އެ ޒިންމާއަކީ ކޮބައިހެއްޔެވެ؟                                                                                                                                                                   
7- މި ލިޔުމުގެ ސުރުޚީއާއި ލިޔުމާ ގުޅޭކަން ނުވަތަ ނުގެޅޭކަން ސަބަބާއެކު ބަޔާންކުރާށެވެ!                                

8- ތިރީގައިވާ މާނަ ތަކާއި ގުޅޭ ބަސްތައް ދޭހައިގެ ލިޔުމުން ހޯދައިގެން ލިޔާށެވެ!                                                  

ހ- ކުރާ ހެޔޮ ކަންތަކުގެ ބަދަލު:          

ށ- ކަންކަމުގެ އަސްލު:                      

ނ- މީހުން ގަޔާވުން:                       
ރ- ފާޅުކުރަން ނުޖެހޭ ވާހަކަތައް:        

No comments :

Post a Comment