Wednesday, April 15, 2015

ދިވެހިޤައުމުގައި ހިންގާ ޖަރީމާއެއް ނޫންބާ؟ (ސާނަވީ ގްރޭޑް ތަކަށް ބޭނުންކުރެވިދާނެ ދޭހައެއް)


އެއީ ބޮޑުވެގެންވާ ޖަރީމާއެއް ނޫންބާވައެވެ؟

1-         މުޅި ދުނިޔެ އެއް އަޑަކުން ގޮވަމުންދަނީ ޙައްޤުތަކުގެ ވާހަކައެވެ. އިންސާނީ ޙައްޤުތަކުގެ ވާހަކައެވެ. އަސާސީ ޙައްޤުތަކުގެ ވާހަކައެވެ. ފަރުދީ ޙައްޤުތަކުގެ ވާހަކައެވެ. މި ޙައްޤުތައް ކޮންމެ މީހަކަށް ބަރާބަރަށް ފުރިހަމައަށް މިނިވަންކަމާއެކު ލިބެންޖެހޭނެ ވާހަކައެވެ. ޙައްޤުތަކުގެ ލިސްޓު ވަރަށްވެސް ދިގު އެހެންނޫންތޯއެވެ. އަދި މިވަރަކުން ނުނިމެއެވެ. ދިވެހިރާއްޖޭގައި ޙައްޤުތައް އޮތީ ކިހާމިންވަރެއްގައި ބާވައެވެ. އެވަރެއް ނެތްކަމަށް ހީކޮށްގެން މިތިބި [ފެހި ޤާނޫނު އަސާސީ] ގައި ޙައްޤުތަކުގެ ބޮޑުބާބެއް އޮވެޔޯލައެވެ. އޭގައި ދިރިހުރުމުގެ ޙައްޤާ، ދިރި އުޅުމުގެ ޙައްޤުގެ އިތުރުން އުނގެނުމާއި، ޚިޔާލުފާޅުކުރުމުގެ ޙައްޤު ކޮންމެ މީހަކަށް ވަރަށް ފުރިހަމައަށް ލިބިދީފައި ވާހަކަ އަކީވެސް [ބޮޑުގުޅަ] ވާހަކަތަކެކެވެ. މިހެންގޮސް ނަންހުސްކޮށް ހުރިހާ ޙައްޤެއް ވަރަށް ފުރިހަމައަށް ދީފައިވާ ވާހަކައަކީ ތޯތޯ ވާހަކައެއް ނޫނެވެ. އަދި މިޙައްޤުތައް ދީފައިވަނީ މޮހޮނަށް އޮޑިދިން ގޮތަކަށް ނޫންކަމުގައި ބުނާ މީހުންވެސް މަދެއް ނޫންކަމުގައި ދަންނަވަން ޖެހެއެވެ. އަދި މިވަރުން ނިމުނީއަކީ ނޫނެވެ. މިއިން އެއްވެސް ޙައްޤެއް އުނިކޮށް، ހިފެހެއްޓޭނީވެސް ޙައްޤުތައް ދިން ފަރާތުންކަންވެސް ބަޔާންކޮށްފައި ވެއެވެ.

2-         މި ހުރިހާ ޙައްޤުތަކުގެ ވާހަކަ ދައްކަމުންދާއިރު މިނިވަންކަމާއެކު އެމީހުން ބޭނުންވާ މީހަކަށް ވޯޓުދިނުމުގެ ޙައްޤަށް މިވަނީ ކީއްބާވައެވެ؟ މިއީ އަޅުގަނޑު ހިތުން ތިޔަ ފަރާތްތަކުގެ ހިތުގައިވެސް ފަހަރުގައި އުފެދިދާނެ ސުވާލެކެވެ. އިންތިޚާބުތަކުގެ ދުވަސްވަރު މިބުނާ ވޯޓުދިނުމުގެ ޙައްޤަށް ވަރަށް [ވާންވެގެން] ދާތަން އާދެއެވެ. ދެކޮޅަށް ދެމޭތަން އާދެއެވެ. ބައެއް ބޭފުޅުންގެ ވޯޓު، ވޯޓު ފޮއްޓާ ހަމައަށް ދިއުމުގެ ކުރިން ގުނާ ޢަދަދު ކުރެއެވެ. އަނެއްބައެއްގެ ވޯޓު ވާންވެގެންގޮސް ދެބުރިވެއެވެ. އަނެއްބަޔަކު ނީލަމުގެ އުސޫލުން ބޮޑު އަގުހުށަހަޅައި ފަރާތަކަށް [ޙައްޤު] ވިއްކާލައެވެ.

3-         އަޅުގަނޑު ދެންނެވޭތޯ މިއުޅެނީ ކޮންމެ މީހަކަށް ޤާނޫނު އަސާސީން ލިބިދީފައިވާ، މިނިވަންކަމާއެކު ވޯޓު ދިނުމުގެ ޙައްޤު ކޮބައިތޯއެވެ؟ ވޯޓު ދަމާ ވާންކުރަނީ ކާކު ތޯއެވެ؟ ވޯޓު ގަނެ ވިއްކަން މަގުފަހި ކުރަނީ ކޮންބައެއް ތޯއެވެ؟ ވޯޓު ބުރިބުރިވެ، ފިސްފިސްވެ، ޗިސްޗިސްވާން ޖެހެނީ ކާކުގެ އިޙުމާލުންތޯއެވެ؟ ވިސްނާލައްވާށެވެ! އަޅުގަނޑު މިއުޅެނީ މިކަން ވަކި މީހެއްގެ ބޮލަށް [ކަނޑާލާކަށް] ނޫނެވެ. އެކަމުގެ ޒިންމާ ވަކިމީހެއްގެ ބޮލުގައި އަޅުވައި، މީހަކު ބަދުނާމު ކުރާކަށް ވެސް ނޫނެވެ. އެއީ އަޅުގަނޑުގެ މަޤްޞަދެއްވެސް ނޫނެވެ. އެއީ ކޮން ބައެއްކަން ތިޔަ ކިޔުންތެރިން ކަނޑައަޅާށެވެ.

4-         އަދިވެސް ވިސްނާލައްވާށެވެ. ވޯޓަކީ ތިމާއަށް ފެންނަ މީހަކަށް، އަމިއްލަ އިޚްތިޔާރުގައި އަދާކުރަން އޮންނަ ޙައްޤެކެވެ. ކޮންމެ މީހަކަށް ލިބިފައިވާ އަސާސީ ޙައްޤެކެވެ. އެހެންކަމަށް ވާނަމަ، ވޯޓު ދޭންވާނީ އެއްވެސް ނުފޫޒެއްނެތި ތިމާއަށް ފެންނަ ފަރާތަކަށެވެ. މަންމަ ބުނެގެން ބައްޕަ ބުނެގެން ވަކި މީހަކަށް ވޯޓުދޭން ޖެހޭތޯއެވެ؟ ނުވަތަ ފިރިމީހާ ނުވަތަ އަނބިމީހާ ބުނާމީހަކަށް ވޯޓުދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްތޯއެވެ؟ ކަންމިހެން އޮތްއިރު ޚިޔާލެއް ފިކުރެއް ފާޅު ކުރުމުގެ ބާރު ލިބިފައިނުވާ [ނުކުޅެދޭ މީހާގެ] ވޯޓު ދޭންޖެހޭނީ ކާކަށް ތޯއެވެ؟ ނުކުޅެދޭ މަންމަ ނުވަތަ ބައްޕަގެ ވޯޓް ދަރިފުޅު ބޭނުންވާ މީހަކަށްދެވިދާނެ ހެއްޔެވެ؟ އެއީ އިންސާފުކަމަށް ބުނެވިދާނެ ހެއްޔެވެ؟ އަދި އެންމެ ހެއްވާ ކަމަކީ ބައެއްފަހަރު [ނުކުޅެދޭ މީހާގެ] ވޯޓް ދެ މީހަކަށް ދޭން ޖެހޭ ޙާލަތު މެދުވެރިވުމެވެ. ނުކުޅެދޭ މީހާ ބަލަހައްޓާ ފަރާތްތަކުގެ މެދުގައި ހަމަނުޖެހުން ހިނގާ، ގަދަމީހާ [ނުކުޅެދޭ މީހާ] ގޮވައިގެން ގޮސް ވޯޓުލާ މަންޒަރަކީ މަދުންނަމަވެސް ފެންނަ މަންޒަރެކެވެ. އެ އަދާކުރެވުނީ ނުކުޅެދޭ ބަލިމީހާގެ ޙައްޤުތޯއެވެ؟ އަނގައިން ބަސް ނުބުނެވޭ، ޙަރަކާތް ނުކުރެވޭ މީހާ ތާޢީދުކުރާ [ކެންޑިޑޭޓޭއް] އެހީތެރިޔާއަށް އެނގުނުގޮތާމެދު ފަހެ ސުވާލެއް ނޫފެދޭ ތޯއެވެ؟ އެއްވެސް ޤަވާޢިދެއްގައި އެންމެ ވޯޓެއް ދޭން އޮންނަ ޙާލަތުގައި ދެ ވޯޓު ދިނުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިދީފައެއް ނުވެއެވެ. މިވެސް ހަމަ އިންސާފުތޯއެވެ؟ ދެން ސުވާލަކީ މިގޮތަށް ވޯޓު ދީގެން ހޮވޭ ފަރާތަކީ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ތާޢީދުކުރާ، ވޯޓުދީގެން ހޮވޭ މީހާއަށް ވާނެތޯއެވެ؟ މައްސަލައެއް ނެތެވެ.

5-         އަދި މިވަރުން ނިމުނީކީ ނޫނެވެ! އިންތިޚާބުގެ ދުވަސްވަރު ފެންނަ ހެޔޮއެދޭ ރަޙަމަތްތެރި، އެހީތެރިންގެ ވާހަކައަކީ ނުދައްކާ ދޫކޮށްލެވޭވަރުގެ ވާހަކައެއް ނޫނެވެ. ބައެއްފަހަރު ޢުމުރުގައި ލޯނުދެކޭ ފަރާތްތައްވެސް މިބުނާ ދުވަސްވަރު ވަރަށް ގާތް ހެޔޮއެދޭ މީހުންނަށް ބަދަލުވެއެވެ. ވިންދާ އިޙްސާސް ދަންނަ މީހުނަށް ވެދެއެވެ. ރަށާއި ދާއިރާގެ ތަރައްޤީ އާއި ޒުވާނުންގެ ކުރިމަގު އުޖާލަކުރަން އެންމެ ބޭނުންވާ ފަރާތަށް ވެގެން ދާކަމީވެސް ފެންނަން އޮތް ޙަޤީޤަތެކެވެ.  މިފަދަ ބައެއް ޙާލަތްތަކުގައި މާދުރު އަތޮޅެއްގެ މީހަކުވެސް އަމިއްލަ އަތޮޅާއި ރަށް ދޫކޮށް އެހެން ބަޔަކަށް މާބޮޑަށް އެހީތެރިވެދޭހިތުން [ހިތްއޮބިނޯވެގެން] އައުމަކީވެސް ފެންނަ އާއްމު މަންޒަރެކެވެ. އަދިވެސް ނިމުނީކީ ނޫނެވެ. [ޑޯޓްޑޯ] ގެ ނަމުގައި ގެއަށް އައިސް ޙާލު އަހުވާލުބަލައި، ދަތިކަމެއް އޮތްތޯ ބަލައިހަދަނީ ހާދަ ހިތްހެޔޮ ކަމާއެކުގައެވެ. މިއީ ހަމަ ތެދުނިޔަތުގައި ކުރާ ކަމެއްކަމަށް ދެންނެވިދާނެތޯއެވެ؟

6-         އަދިވެސް ނުނިމެއެވެ. ދުނިޔޭގެ މިނިވަން ޖަމާޢަތްތަކުން ވަރަށް އާއްމުކޮށް ދައްކާ ވާހަކައެކެވެ. ސިޔާސީފައިސާގެ ވާހަކައެވެ. މިއީ ރައްޖޭގައި އުފެދިފައިވާ [ ޓްރާންސް ޕޭރެންސީ މޯލްޑިވްސް] އިންވެސް ވަރަށް އާއްމުކޮށް ދައްކާ ވާހަކައެކެވެ. އެބޭފުޅުން ދައްކަނީ ރާއްޖޭގައި ސިޔާސީ ފައިސާގެ ހާމަކަން ނެތްވާހަކައެވެ. އިންތިޚާބުތަކާ ގުޅިގެން މީހުން ޚަރަދުކުރާ ފައިސާގެ މިންވަރެއް ނުބެލޭވާހަކައެވެ. ޚަރަދުކުރާ ފައިސާގެ އަދަދު ބެލޭނެ ނިޒާމެއް ނެތްވާހަކައެވެ. ވަރަށްވެސް ބޮޑު ތެދެކެވެ. ބައެއް މީހުން ބުނާގޮތުން އިންތިޚާބުގެ ދުވަސްވަރަކީ [އުޑުން ވާރޭގެ ފަދައިން ރަތްނޫޓު] ވެހޭ ދުވަސްވަރެކެވެ. އެހާވެސް ފައިސާ ތިޔާއްގެވެ. އެހެންނަމަވެސް އިންތިޚާބަކާ ގުޅިގެން [ ލޯ ލާރިއެއްވެސް]  ލިބިފައެއް ނޯންނާނޭ ފަޚްރުވެރި ކަމާއެކު ބުނާ މީހުންވެސް މަދެކޭ އަޅުގަނޑު ދަންނަވާ ހިތެއް ނުވެއެވެ. ކޮންމެއަކަސް މި ދެންނެވި ދުވަސްވަރާ ދިމާކޮށް، މުޅިންވެސް ދެވެނީ [ހަދިޔާ] ކަމުގައި ދެކޭމީހުންވެސް މަދެއް ނޫނެވެ. އެކި އެކި ނަންނަމުގައެވެ. ހެޔޮއެދިގެން ދެވޭ ތަފާތު ހަދިޔާތަކުގެ ގޮތުގައެވެ. ޙާޖަތްތައް ފުއްދުމަށް ދެވޭ އެހީގެ ގޮތުގައެވެ. ކޮންމެ ގޮތަކަށް މި ވާހަކަތައް ދެކެވުނަސް އެންމެން އެއްބަސްވާ ކަމަކީ ކެނޑިޑޭޓުން މިލިއަނުން ޚަރަދު ކުރާކަމެވެ. ފައިސާގެ ގޮތުގައެވެ. އަދި މީގެ އިތުރުން ނުފޫޒާއި ބާރުގެ ގޮތުގައި ކުރެވޭ ޚަރަދުތަކަކީ އަގު ނުކުރެވުނަސް ބޮޑު ޚަރަދު ތަކެކެވެ. އެމީހަކަށް ލިބެންހުރި ވަޞީލަތްތަކުގެ ބޭނުން ކޮށްގެންނެވެ. ރަނގަޅެވެ. ކެމްޕޭނު ކުރުމަކީ ލިބިގެންވާ [ބޮޑު] ޙައްޤެކެވެ. ވަޢުދު ވުމަކީވެސް އޮތްކަމެވެ. ތަޞައްވަރުވެސް ހުށަހަޅާށެވެ! އެކަމަކުވެސް ގަދަބާރުން ވޯޓު ހޯދުމަށް މަސައްކަތް ނުކުރާށެވެ!

7-         ނިންމާލަން ގަސްތުކުރަމެވެ. ވިސްނާލުން ހުއްޓެވެ. ތިމާ ހިތްނޭދޭ ފަރާތަށް ތާޢީދުކުރާ މީހަކީ ނުލަފާ، ނުވިސްނޭ، ޖައްބާރު ކާފަރަކަށް ނުހަދާށެވެ! ތިމާވެސް ތާޢީދުކުރަނީ ތިމާގެ ވިސްނުމާ ޚިޔާލާ ފިކުރުގެ މައްޗަށް ބުރަވެ ހުރެއެވެ. އަނެކާވެސް އެ ނިންމުން ނިންމަނީ ހަމަ އެބީދައިންކަން ޤަބޫލުކުރާށެވެ! އަނެކާގެ ވޯޓަށް ބާރުފޯރުވަން ތިމާ ނޫޅޭށެވެ. އަނެކާގެ ވޯޓު ވަކި ފަރާތަކަށް ދިނުމަށް ނުބުނާށެވެ! ފިކުރެއް ޚިޔާލެއް ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ ފަރާތުގެ ވޯޓު ތިމާ ބޭނުންވާ ފަރާތަކަށް ނުދެމާ ހިނގާށެވެ! ދެވޭ ހަދިޔާއަކީ ޞައްޙަ މަގުން ދެވޭ ހަދިޔާއެއްތޯ ވިސްނާލުން ހުއްޓެވެ. ޤަބޫލުކޮށްލެވޭ އެހީއަކީ ހުއްދަ މަގުން ދިއްކޮށްލެވޭ އެހީއެއްތޯ ބުއްދީގެ ތަރާދުން ކިރާލުން ހުއްޓެވެ                                                                                 

                                                             ޢ.ޔ.ތ.ހ


ސުވާލުތައް

1- މި ލިޔުމުގެ ސުރުޚީގައި ބަޔާންކުރާ ޖަރީމާއަކީ ކޮބައިކަން ބަޔާން ކުރާށެވެ!  

2- ޙައްޤުތަކުގެ ވާހަކަ ވަރަށް ގިނައިން ލިޔުންތެރިޔާ ދައްކަވާފައި ވެއެވެ. ނަމަވެސް ޙައްޤާއި އެކުގައި ކޮންމެ މީހަކު ބޮލުއަޅަންޖެހޭ ކަމެއްގެ ވާހަކަ ގެންނަވާފައެއް ނުވެއެވެ. އެ ކަމަކީ ކޮބައިހެއްޔެވެ؟  

3- ލިޔުން ހުށަހަޅާފައިވާ ރޫޙަށް ބަލާއިރު ލިޔުންތެރިޔާ މިލިޔުން އަމާޒުކުރަން ބެނުންވާ މައިގަނޑު މައްސަލައަކީ ކޮބައިކަން ބަޔާންކުރާށެވެ! ނުވަތަ ހާމަ ކުރަންވާ މައިގަނޑު މައްސަލަކީ ކޮބައިހެއްޔެވެ؟

4- ލިޔުންތެރިޔާ ތަކުރާރުކޮށް ވިސްނާލުމަށް އެދިލައްވާފައި ވެއެވެ. އެގޮތުން ވިސްނާލަން އެދިފައިވާ ދެ ކަމެއް ބަޔާންކުރުމާއެކު އެކަން މިހާރު މުޖުތަމަޢުގައި އޮތްކަމަށް ޤަބޫލުކުރާ ގޮތާއި އޮންނަންވީ ރަނގަޅުގޮތްކަމަށް ޤަބާލުކުރާ ގޮތް ބަޔާންކުރާށެވެ! 

5- އިންތިޚާބުތަކާ ގުޅިގެން ހިނގަމުންދާ ކަންތައްތަކެއް ކަމަށް ބުނެ ލިޔުންތެރިޔާ ކަންތައްތަކެއް ބަޔާންކުރައްވާފައި ވެއެވެ. އޭގެ ތެރެއިން މުޖުތަމަޢުގެ އާއްމު އުސޫލުތަކާ ޚިލާފު 4 ކަމެއް ބަޔާންކުރާށެވެ!.

6- ކެނޑިޑޭޓުން ކުރުމަށް ތާޢީދުކުރާ ކަންތައްތަކެއްގެ ވާހަކަ ލިޔުންތެރިޔާ ގެންނަވާފައި ވެއެވެ. އޭގެ ތެރެއިން 3 ކަމެއް ބަޔާންކުރާށެވެ!

7- ތިރީގައިވާ ލަފުޒުތައް ލިޔުމުގައި ބޭނުންކޮށްފައިވާ މާނަ ލިޔާށެވެ!

ހ- ސިޔާސީ ފައިސާ

ށ- ޙާޖަތްތައް

ނ- ތަޞައްވަރު

ރ- ތޯތޯ ވާހަކަ

ބ- ތަރާދު



No comments :

Post a Comment