Wednesday, April 15, 2015

"ފިނިފެންމާ " ޤައުމީ މަލުގެ ޝަރަފާއި މަތިވެރިކަމުގެ ތެރެއިން ކިޔަވައިދިނުމާ ގުޅުވާލުން


އާދަމް ނަޞީރު އިބްރާހީމް (2009) (ޝާޢިރުލްމަޤުތޫލު)


ނީލަމެއްގައި އޮންނަ ފިނިފެންމަލުގެ ޢިއްޒަތަކީ ކޮބާ؟

 ހީނލަމުން އެންމެން ބަލާ އަޖުމައިގެ ޙުރުމަތަކީ ކޮބާ؟

ފީނަމުން ނެގުމުން އެ އަގު ނާރާނެ ރަން މުތަކީ ކޮބާ؟

ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟

-------------------------------------------------





ދުނިޔެއަށް ފުރަތަމަ އުފަންވީ ނުހަނު ޠާހިރު ކަންމަތީ،

އުނިކަމެއް އެއްވެސް ކުށެއް ކުށްފާފައެއް ނެތް ގޮތްމަތީ،

ފޮނި އެތައް އުންމީދަކާ، ހުވަފެންތަކޭ ވީ ކުރިމަތީ،

ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟





އެންމެ ފުރަތަމަ ކޮއްކޮއެއް، ދެން އޭގެ ފަހުގައި ދައްތައެއް،

ދެން އެއަށްފަހު ފެންނަ ނަމަ، ނިޔަނެތި އަބުރުވެރި މަންމައެއް،

އުންމަތަށް އޭރުން އިތުރުވާނީ، ޤަދަރުވެރި ވަންހައެއް،

ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟





ތިޔަ ދެ އަތްތިލައިން، މި އުންމަތް ހެޔޮ މަގަށް އެޅުވޭނެޔޭ

ތިޔަ އުނގުން ޤާބިލް އެތައް ޖީލެއް ބިނާ ކުރެވޭނެޔޭ

ނިޢުމަތުގެ ސުވަރުގެ ވަނީ ވެސް ތިޔަ ދެ ފައިތިލަ ދަށުގަޔޭ

ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟





ތިޔަ ލޮލުން ނުޖެހޭނެ އަނިޔާގައި ކަރުނަ ފޫދޭކަށެއް،

ތިޔަ ނަފުސު ނުޖެހޭނެ ބާޒާރަށް ވިކެން އެތުރޭކަށެއް،

ތިޔަ ޤަދަރު ނުޖެހޭނެ ވެއްޔާ ހިރަފުހާ މޮޑެވޭކަށެއް،

ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟





ޤަދަރުހުރި ފިނިފެންމަލަށް، މުޅި ގަސް ޢިނާޔަތްތެރިވެޔޭ

ބަދަލު ނުވެ ފެހި ފަތްތަކާ، ކަށިތައް ޙިމާޔަތްތެރިވެޔޭ

ޤުދުރަތުގެ މި ނިޒާމުތައް ވިސްނާށެ ޙިކްމަތްތެރިމެޔޭ

ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟



·        މި ލަވަޔަކީ ޅެންވެރިކަމުގެ ގޮތުން ފޭރާން ހެޔޮ ޅެމެކެވެ. ލަވަ ހައްދަވާފައިވާ މައުޟޫޢުގެ ގޮތުން މިއީ ކިޔަވައިދިނުމުގައި ތަފާތު ގިނަ ބޭނުންތައް ހިފިދާނެ ޅެމެކެވެ. އެގޮތުން މަޒުމޫނު ލިޔުމާއި، ޅެން ޝަރަޙަ ކުރުމާއި، ވާހަކަ ލިޔުން ފަދަ ކަންކަމުގައި ވަރަށް ރަނގަޅަށް ބޭނުން ހިފިދާނެ ކަމަށް ދެކެމެވެ.

·        އިސްލާމް ދީނުގައި އަންހެނާގެ މަޤާމު. ފަދަ މައުޟޫއަކަށް މަޒުމޫނު ލިޔުމަށް މި ޅެމުން ވަރަށް ފުރިހަމައަށް މަޢުލޫމާތު ލިބިގެން ދެއެވެ.

·        މީގެ އިތުރުންވެސް ޅެން މާނަކުރުމަށާއި ޅެންވެރިންނާއެކު ހަވީރު ކުރުމަށް ނަމޫނާ ޅެމެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ޅެމެކެވެ.  

No comments :

Post a Comment