Tuesday, April 28, 2015



ބަސް ކިޔަވައިދިނުމުގައި މަޒުމޫނު ލިޔުމަށާއި، ޅެން މާނަކުރުމަށާއި، ޅެން ޝަރަޙަ ކުރުން ފަދަ މަސައްކަތް ތަކުގައި ބޭނުންކުރެވިދާނެ ލަވައެއް.

ދިވެހިބަސް ރައްކާތެރިކޮށް ދެމެހެއްޓުން

ދިވެހިބަސް ރައްކާތެރިކޮށް ދެމެހެއްޓުން
1-              ދިވެހީންގެ މާދަރީ ބަހަކީ ދިވެހި ކާބަފައިންގެ ތަރިކައެވެ. ދިވެހި ބިމުގެ މަލައެވެ. ދިވެހި އާދަކާދައިގެ ހަނދާނެވެ. ދިވެހި ތިމާވެށީގެ ނިޝާނެވެ. ދިވެހި ބަހަކީ ދިވެހީންގެ ފިކުރެވެ. ދިވެހީންގެ ޚިޔާލެވެ. ދިވެހީންގެ ޝުޢޫރެވެ. އެހެންކަމުން ދިވެހީންގެމާދަރީ ދިވެހިބަސް މަރުވިޔަނުދީ، ރައްކާތެރިކޮށް ދެމެހެއްޓުމަކީ ހުރިހައި ދިވެހީންގެ މައްޗަށް އޮތް ވާޖިބެކެވެ. މި ވާޖިބު އަދާކުރެވޭނީ ހުރިހައި ދިވެހީން އެ ކަމަށް ވަރަށްބޮޑަށް ސަމާލުކަން ދީގެންނެވެ.
2-              މިއަދަކީ ދުނިޔެ ބަވަނަވަމުންދާ ދުވަހެވެ. ދުނިޔޭގެ އިންފާރުތައް ވެއްޓިފައިވާކަމަށް ބުނަމުން އަންނަ ދުވަހެވެ. އެއް ދުނިޔެއެއްގެ އަޑު ގުގުމަމުން އަންނަ ދުވަހެވެ. ދުނިޔެ ބަވަނަވަމުންދާއިރު  އެންމެ ބާރަށް އިވޭ އެއް އަޑަކީ ދުނިޔޭގެ ބަހެއްގެ ވާހަކައިގެ އަޑެވެ. އިނގިރޭސިބަސް ދުނިޔޭގެ ބަހުގެ މަގާމު ހޯދައިފައިވާ ވާހަކައިގެ އަޑެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި އިނގިރޭސިބަހަކީ މިހާރު ދުނިޔޭގެ ވިޔަފާރި އާއި އެހެނިހެންކަންކަމުގައި އެންމެ އާންމުކޮށް ބޭނުންކުރާ އެއްބަހެވެ. ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައިމީހުން މިހާރު އިނގިރޭސިބަސް ބޭނުންކުރެއެވެ.
3-              އިނގިރޭސިބަސް މިގޮތަށް ދުނިޔެއަށް ފެތުރިގެން ދިޔުމަކީ އެހެނިހެން ބަސްބަހަށް ކިހައިވަރެއްގެ ނުރައްކަލެއް އޮތް ކަމެއްހެއްޔެވެ؟ އެއީ ދުނިޔޭގެ އެހެން ބަސްބަސް އުވިގެން ހިނގައިދާނެކަމެއް ހެއްޔެވެ؟ އިނގިރޭސިބަސް މުޅިދުނިޔޭގައިހެން  ބޭނުންކުރި ނަމަވެސް އެއީ އަދި އެހެން ބަސްބަސް މުޅިން އުވިގެން ދާންވީ ސަބަބެއްނޫނެވެ. ބަހެއް އުވިގެންދާނީ އެ ބަހަކުން ވާހަކަދައްކާނެ މީހަކު ނެތުމުންނެވެ. ދެވަނަ ބަހެއްގެ ގޮތުގައި އިނގިރޭސިބަސް ބޭނުންކުރި ނަމަވެސް މާދަރީބަސް ދެމެހެއްޓުމަށް ސަމާލުކަން ދެވޭނަމަ މާދަރީބަސް އުވިގެނެއްނުދާނެއެވެ. އަލަށް އުފަންވަމުންދާ ޖީލުތަކަށް މާދަރީބަސް އަޑުއިވޭނަމަ އެ ބަސް ދަސްވަމުން އެއްޖީލުން އަނެއްޖީލަށް ވާރުތަކުރަމުންދާނެއެވެ. ނަމަވެސް އެ ބަހަކުން ވާހަކަދައްކާ މީހުންގެ އަދަދު މަދު ބަހެއްގެ އަހުލުވެރީން އެ ބައެއްގެ މާދަރީ ބަސް ރައްކާތެރި ކުރުމަށް ފަރުވާކުޑަކޮށްލައިފި ނަމަ، އެ ބަހެއް މަރުވެގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
4-              ދިވެހިބަހުން ވާހަކަދައްކާ މީހުންގެ އަދަދު މަދުކަމީ ދިވެހިބަހަށްވެސް އެ ބަސް ރައްކާތެރިކޮށް ދަމަހައްޓަން އޮތް ވަރަށްބޮޑު ގޮންޖެހުމެކެވެ. އެހެންނަމަވެސް ދިވެހިބަސް ރައްކާތެރިކޮށް ދިރުވައި އާލާކުރުމަށް ލިބިފައިވާ ވަސީލަތްތައް މަދެއްނޫނެވެ. ދިވެހިބަހުގައި އަދަބިއްޔާތުގެ ބައިތައް އެބަހުއްޓެވެ. ދިވެހިބަހުން ލިޔެ ޗާޕުކޮށްފައިވާ ފޮތްތައް އެބަހުއްޓެވެ. ދިވެހިބަސް ލިޔާނެ އަކުރެއް އެބައޮތެވެ. ދިވެހިބަސް ލިޔާ އަކުރަކީ މިޒަމާނުގެ ޓެކްނޮލޮޖީއާ ރައްޓެހި އަކުރެކެވެ.

      ދޭހައިގެ ލިޔުން ކިޔުމަށްފަހު ތިރީގައިވާ ސުވާލުތަކަށް ޖަވާބު ދޭށެވެ! 

1- މި ލިޔުމުގައި ދިވެހިންގެ މާދަރީބަސް ސިފަކޮށްފައިވާ 2 ގޮތެއް ބަޔާންކުރާށެވެ!        


2- ހުރިހާ ދިވެހިންނަށް އޮތް ވާޖިބެއް ކަމުގައި ލިޔުންތެރިޔާ ބަޔާންކުރާ ކަމަކީ ކޮބާ؟
       
3- ދިވެހިބަސް ރައްކާތެރިކުރެވޭނެ ގޮތެއްކަމަށް ލިޔުންތެރިޔާ ބަޔާންކުރާ ގޮތަކީ ކޮބާ؟          

4- އިނގިރޭސި ބަސް ދުނިޔޭގެ ވަރަށްގިނަ މީހުން ބޭނުންކުރާކަން ހާމަކުރުމަށް ލިޔުންތެރިޔާ ބަޔާންކުރާ ވާހަކައަކީ ހިމެނޭ ޖުމުލަ އެ އޮތްގޮތަށް ލިޔާށެވެ!                                       

5- އިނގިރޭސިބަސް ދުނިޔެއަށް ފެތުރިގެން ދިއުމަކީ އެހެންބަސްތައް އުވިގެން ދިއުމަށް މެދުވެރި ވެދާނެ ސަބަބެއް ކަމަށް ލިޔުންތެރިޔާ ދެކޭ ހެއްޔެވެ؟ ދެކޭ ނަމަ ދެކޭ ސަބަބު، އަދި ނުދެކޭނަމަ ނުދެކޭ ސަބަބުވެސް ބަޔާންކުރާށެވެ!                                                                     
6- ބަހެއް މަރުވުމަކީ ކޮބައި ހެއްޔެވެ؟   
                                     
7- ދިވެހިބަހަށްވެސް އެ ބަސް ރައްކާތެރިކޮށް ދަމަހައްޓަން އޮތް ބޮޑު ގޮންޖެހުމެއް އޮތްކަމަށް ލިޔުންތެރިޔާ ދެކެނީ ކީއްވެ؟                                                                   
8- ތިރީގައިވާ މާނަ ތައް ދޭހަވާ ލަފުޒުތައް ދޭހައިގެ ލިޔުމުން ހޯދައިގެން ލިޔާށެވެ!         
ހ- ޤައުމެއްގެ މީހުންގެ އަމިއްލަބަސް (ޕެރެގްރާފު-1)   
ށ- ކަމަކަށް ދެވޭ ދަރަޖަ         (ޕެރެގްރާފު-2)   
ނ- އިންސާނުން ދިރިއުޅޭ ތަން     (ޕެރެގްރާފު-2)  
ރ- ފަރުވާތެރިކަމާއެކު ބެލެހެއްޓުން   (ޕެރެގްރާފު-4)  





Thursday, April 23, 2015

ހޯރަފުށީ މަތިން ނަގާފައިވާ ވީޑިއޯއެއް.. ދިވެިރާއްޖޭގެ ރަށްތަކުގެ ރީތިކަން ދައްކުވައިދޭ.....





ލިބޭ ހުރިހާ ހުސްވަގުތެއް ފޭސްބުކުގައި ހޭދަ ނުކުރާށެވެ!


ލިބޭ ހުރިހާ ހުސްވަގުތެއް ފޭސްބުކުގައި ހޭދަ ނުކުރާށެވެ!

އިންޓަނެޓަކީ ނިޢުމަތެކެވެ. އޭގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ، އޭގެ ސަވާބާއި ދަރުމަ އިތުރުވެގެން ދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ހަމަ އެއާއެކު އެއީ އޭގެ ބޭނުން ހެޔޮގޮތުގައި ނުހިފައިފި މީހަކަށް ވަބާއެކެވެ. ބައްޔެކެވެ.

ޢިއްޒަތްތެރި ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ލޮބުވެތި އެކުވެރިންނޭވެ. ލޮބުވެތި ޒުވާނުންނޭވެ! ވިސްނާލާށެވެ. ފޭސްބުކްގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ހޭދަކުރާ ވަގުތުތަކުގެ ތެރެއިން ﷲ އަށްޓަކައި ހޭދަކުރެވުނީ ކިހާ ވަގުތެއްތޯ އަމިއްލަ ނަފުސާ ސުވާލު ކޮށްލާށެވެ. ހަމަ ޔަޤީނުން އެނގޭ އެއް ކަމެއް އެބަ އޮތެވެ. އެއީ އަޅުގަނޑުމެންގެ ވަގުތުތައް މި ދުނިޔޭގައި ހޭދަކުރާ ގޮތާމެދު ﷲ ސުވާލު ކުރައްވާނެކަމެވެ. ހެޔޮ ގޮތުގައި އެވަގުތުގެ ބޭނުން ހިފައިފި މީހަކަށް ކޮޅުނެތްކޮޅަށް އުފާވެރިކަން ހުއްޓެވެ. އެއާ ޚިލާފު ވެއްޖެ މީހަކަށް ހުރީ ހިތާމައެވެ.

ފަހުގެ ތާރީޚުގައި އެންމެ ގިނަ ބަޔަކު އެއް އިންޓަނެޓުގެ އިޖުތިމާޢީ ވިއުގައެއްގައި އުޅޭ އެއް ވިއުގައަކީ ފޭސްބުކެވެ. އޭގައި ބޭނުންކުރެވެން ހުރި ޚިދުމަތްތަކުގެ ފަސޭހަކަމާއި، އެކުވެރިންނާއި އެކުވެރިކަން ބަދަހިކޮށްލަން މިހާ "ބިޒީ" ދުވަސްވަރެއްގައި އެންމެ މަޤުބޫލު އެއް ވިއުގަ ކަމުގައި ފޭސްބުކް ވަނީ ވެފައެވެ.

ފޭސްބުކް ބަލާލުމުން އެކުވެރިންގެ އެދުވަހުގެ މޫޑު އެނގިގެން ދެއެވެ. ކޮންމެ މީހަކުވެސް ފަސޭހަކަމާއެކު އެމީހާގެ ހިތުގައިވާ އެއްޗެއް ހާމަކޮށްލަނީ އޭނާގެ ސްޓޭޓަސް ގައެވެ. އޭރުން އެކުވެރިންގެ ލިސްޓުގައިވާ އެންމެންނަށް އެ ފެނިގެން ދެއެވެ. އަދި އެކަމާ ގުޅޭގޮތުން އެކުވެރިން މަޝްވަރާވެސް ދެއެވެ. އެއްވެސް ޙާލެއްގައި އަޅުގަނޑު ފޭސްބުކް ޕްރޮމޯޓު ކުރުމަށް ވާހަކަ ދައްކަނީ އެއް ނޫނެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ މިއަދުގެ ގިނަ ޒުވާނުން ފޭސްބުކްގައި ތިބޭކަމީ ދެކޮޅު ހެދެން ނެތް ޙަޤީޤަތެކެވެ.

ވަރަށް ގިނަ ފަހަރަށް ފޭސްބުކްގެ އެކުވެރިންގެ ލިސްޓުގައި ހިމެނޭ ބައެއް މީހުންގެ ސްޓޭޓަސްތައް ބަލާލެވެއެވެ. އޭގެ ތެރެއިން ޙައިރާން ވާ ފަދަ ބައެއް ސްޓޭޓަސްތައް ފެންނަފަހަރު މަދެއް ނޫނޭ ދެންނެވިދާނެއެވެ. ކަމުގެ މުހިއްމުކަމާހެދި ލިޔުމަކުން މިވާހަކަ ޙިއްސާ ކޮށްލުމަކީ ރަނގަޅު ކަމެއް ކަމުގައި ފެންނާތީ ދަންނަވަމެވެ.

ފޭސްބުކްގެ ބައެއް އެކުވެރިން އެމީހުންގެ އަނބިން ނުވަތަ ފިރިން ނުވަތަ އެނޫންވެސް ފަރާތެއްދެކެ ވާލޯބި ހާމަކުރުމަށް ފޭސްބުކްގެ އެމީހެއްގެ ޕްރޮފައިލްގެ ފާރު (ފޭސްބުކް ވޯލް) ބޭނުން ކުރެއެވެ. މި ފާރުގައި ލިޔާ އެއްޗެއްނަމަ އެމީހެއްގެ ފޭސްބުކުގެ ރަހުމަތްތެރިން އެންމެންހެން ކިޔާނެއެވެ. މެސެޖުގައި ވަނީ އަނބިމީހާ ނުވަތަ ފިރިމީހާ ދެކެވާ ޚާލިޞް ލޯބީގެ ޢިބާރާތްތަކެވެ. އެހެން ނަމަވެސް އެމެސެޖުތަކަކީ ޢާއްމު ތަންތަނުގައި ބޭނުންކުރުން ލަދުހުތުރު ޢިބާރާތްތަކެއް ކަމަށް ސަލާމަތް ބުއްދި ދެކޭ ޢިބާރާތް ތަކެކެވެ.

ދެމަފިރިން އެކަކު އަނެކާގެ ސިއްރުތައް ވަންހަނާ ކުރަން ޖެހެއެވެ. އެއީ އެދެމީހުން އެކަކު އަނެކާއަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ. ދެމަފިރިންގެ ސިއްރުތައް އެއްވެސް މީހަކަށް ހާމަކުރުން ހުއްދައެއް ނުވާނެއެވެ. އެއީ ދެމަފިރިން ކުރެ އެކަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ ކިތަންބެ ބެސްޓު ފުރެންޑަކަށް ކަމުގައި ވިޔަސް، ކިތަންމެ ގާތްތިމާގެ މީހެއް ކަމުގައި ވިޔަސްމެއެވެ. އެއީ މަންމަ ނުވަތަ ބައްޕަ ނުވަތަ އެއްބަނޑު އެއްބަފާ މީހެއް ކަމުގައި ވިޔަސް މެއެވެ. ސަބަބަކީ އެއީ ދެމަފިރިންގެ ސިއްރެކެވެ. އެ ސިއްރު ސިއްރު ކުރުމަކީ ލާޒިމު ކަމެކެވެ.

އެހެން ކަމުން، ފޭސްބުކްގެ އެކުވެރިންނާއި ފޭސްބުކް ބޭނުންކުރާ ހުރިހާ ފަރާތްތަކެއްގެ ސަމާލުކަމަށްޓަކައި މިވާހަކަ ދެންނެވީމެވެ. ދެމަފިރިންގެ ދެމެދުގައި ދެކެވޭ ލޯބީގެ ވާހަކަތަކަކީ، އެހެން މީހުންނާ ހިއްސާ ކުރެވިގެންވާނޭ ވާހަކަތަކެއް ނޫނެވެ. އެއީ ސިއްރު ކުރެވެން ޖެހޭ އެއްޗެކެވެ. ފޭސްބުކްގެ ސްޓޭޓަސް އަކީ އެކަކު އަނެކަކުދެކެވާ ލޯބި ހާމަކުރާ ތަނަކަށް ނުހަދާށެވެ.



 1- ފޭސްބުކަކީ ނިޢުމަތެއްކަމަށް ލިޔުންތެރިޔާ ސިފަކުރައްވަނީ ކީއްވެ ހެއްޔެވެ؟  
                                              
2- [ފޭސްބުކްގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ހޭދަކުރާ ވަގުތުތަކުގެ ތެރެއިން ﷲ އަށްޓަކައި ހޭދަކުރެވުނީ ކިހާ ވަގުތެއްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ!] މި ލިޔުމުގައި މި ޢިބާރާތް ގެންނަވާފައި، ރޫހަށް ބަލައި، ލިޔުންތެރިޔާ މި ޖުމުލައިން ބަޔާންކުރަން ބޭނުންވާ ވާހަކަ އަކީ ކޮބައިކަން ތަފްޞީލްކޮށް އޮޅުންފިލުވައި ދޭށެވެ!                                                                                                                                   
3- ފޭސްބުކް ހެޔޮގޮތުގައި ނުހިފައިފި މީހަކަށް ވަބާއަކަށް ވެދާނެގޮތް އަމިއްލަ ޢިބާރާތުން ބަޔާންކުރާށެވެ!                 

4- ލިޔުންތެރިޔާ ހާމަކުރާ ގޮތުގައި މި ޒަމާނުގައި އެހާގިނަ މީހުން ފޭސްބުކް ބޭނުންކުރުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިހެއްޔެވެ؟                                                                                                                              

5- ފޭސްބުކުން ލިބޭ ޙަޤީޤީ ފައިދާ ތަކެއްގެ ވާހަކަ ލިޔުމުގައި ވެއެވެ. އޭގެ ތެރެއިން 2 ފައިދާއެއް ލިޔާށެވެ!                                                                                                                                        
6- ދެމަފިރިންގެ މައްޗަށްވާ ވަރަށްބޮޑު ޒިންމާއެއްގެ ވާހަކަ ލިޔުންތެރިޔާ ގެންނަވާފައި ވެއެވެ.  އެ ޒިންމާއަކީ ކޮބައިހެއްޔެވެ؟                                                                                                                                                                   
7- މި ލިޔުމުގެ ސުރުޚީއާއި ލިޔުމާ ގުޅޭކަން ނުވަތަ ނުގެޅޭކަން ސަބަބާއެކު ބަޔާންކުރާށެވެ!                                

8- ތިރީގައިވާ މާނަ ތަކާއި ގުޅޭ ބަސްތައް ދޭހައިގެ ލިޔުމުން ހޯދައިގެން ލިޔާށެވެ!                                                  

ހ- ކުރާ ހެޔޮ ކަންތަކުގެ ބަދަލު:          

ށ- ކަންކަމުގެ އަސްލު:                      

ނ- މީހުން ގަޔާވުން:                       
ރ- ފާޅުކުރަން ނުޖެހޭ ވާހަކަތައް:        

Thursday, April 16, 2015

ހޯރަފުއްޓައި ކައިރީގައިވާ ކުޑަ ފަޅުރަށެއް ހޯރަފުއްޓާ ގުޅުން. (ދިވެހިރާއްޖޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް)




ދެރަށް ގުޅުމުގެ ކުރިން ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް.



ހޯރަފުއްޓާއި ކުޑަރަށް ގުޅުނު ފަހުން ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް

 ހޯރަފުއްޓާއި ކުޑަރަށް ގުޅުމަށް ދެކެވުނު ވާހަކަތަކުގެ މައްޗަށް ޑައިލޮގެއް ލިޔުއްވިދާނެ. މިއީ ދަރިވަރުންގެ އުފެއްދުންތެރިކަން ކުރިއެރުމަށް ކުރެވިދާނެ ޒާތުގެ މަސައްކަތެއް. ހަމަ އެއާއެކު ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު ވާހަކަދައްކާއިރު ، ބެނުން ކުރެވިދާނެ ވަރުގަދަ ދަލީލެއް.

Wednesday, April 15, 2015

ދިވެހިޤައުމުގައި ހިންގާ ޖަރީމާއެއް ނޫންބާ؟ (ސާނަވީ ގްރޭޑް ތަކަށް ބޭނުންކުރެވިދާނެ ދޭހައެއް)


އެއީ ބޮޑުވެގެންވާ ޖަރީމާއެއް ނޫންބާވައެވެ؟

1-         މުޅި ދުނިޔެ އެއް އަޑަކުން ގޮވަމުންދަނީ ޙައްޤުތަކުގެ ވާހަކައެވެ. އިންސާނީ ޙައްޤުތަކުގެ ވާހަކައެވެ. އަސާސީ ޙައްޤުތަކުގެ ވާހަކައެވެ. ފަރުދީ ޙައްޤުތަކުގެ ވާހަކައެވެ. މި ޙައްޤުތައް ކޮންމެ މީހަކަށް ބަރާބަރަށް ފުރިހަމައަށް މިނިވަންކަމާއެކު ލިބެންޖެހޭނެ ވާހަކައެވެ. ޙައްޤުތަކުގެ ލިސްޓު ވަރަށްވެސް ދިގު އެހެންނޫންތޯއެވެ. އަދި މިވަރަކުން ނުނިމެއެވެ. ދިވެހިރާއްޖޭގައި ޙައްޤުތައް އޮތީ ކިހާމިންވަރެއްގައި ބާވައެވެ. އެވަރެއް ނެތްކަމަށް ހީކޮށްގެން މިތިބި [ފެހި ޤާނޫނު އަސާސީ] ގައި ޙައްޤުތަކުގެ ބޮޑުބާބެއް އޮވެޔޯލައެވެ. އޭގައި ދިރިހުރުމުގެ ޙައްޤާ، ދިރި އުޅުމުގެ ޙައްޤުގެ އިތުރުން އުނގެނުމާއި، ޚިޔާލުފާޅުކުރުމުގެ ޙައްޤު ކޮންމެ މީހަކަށް ވަރަށް ފުރިހަމައަށް ލިބިދީފައި ވާހަކަ އަކީވެސް [ބޮޑުގުޅަ] ވާހަކަތަކެކެވެ. މިހެންގޮސް ނަންހުސްކޮށް ހުރިހާ ޙައްޤެއް ވަރަށް ފުރިހަމައަށް ދީފައިވާ ވާހަކައަކީ ތޯތޯ ވާހަކައެއް ނޫނެވެ. އަދި މިޙައްޤުތައް ދީފައިވަނީ މޮހޮނަށް އޮޑިދިން ގޮތަކަށް ނޫންކަމުގައި ބުނާ މީހުންވެސް މަދެއް ނޫންކަމުގައި ދަންނަވަން ޖެހެއެވެ. އަދި މިވަރުން ނިމުނީއަކީ ނޫނެވެ. މިއިން އެއްވެސް ޙައްޤެއް އުނިކޮށް، ހިފެހެއްޓޭނީވެސް ޙައްޤުތައް ދިން ފަރާތުންކަންވެސް ބަޔާންކޮށްފައި ވެއެވެ.

2-         މި ހުރިހާ ޙައްޤުތަކުގެ ވާހަކަ ދައްކަމުންދާއިރު މިނިވަންކަމާއެކު އެމީހުން ބޭނުންވާ މީހަކަށް ވޯޓުދިނުމުގެ ޙައްޤަށް މިވަނީ ކީއްބާވައެވެ؟ މިއީ އަޅުގަނޑު ހިތުން ތިޔަ ފަރާތްތަކުގެ ހިތުގައިވެސް ފަހަރުގައި އުފެދިދާނެ ސުވާލެކެވެ. އިންތިޚާބުތަކުގެ ދުވަސްވަރު މިބުނާ ވޯޓުދިނުމުގެ ޙައްޤަށް ވަރަށް [ވާންވެގެން] ދާތަން އާދެއެވެ. ދެކޮޅަށް ދެމޭތަން އާދެއެވެ. ބައެއް ބޭފުޅުންގެ ވޯޓު، ވޯޓު ފޮއްޓާ ހަމައަށް ދިއުމުގެ ކުރިން ގުނާ ޢަދަދު ކުރެއެވެ. އަނެއްބައެއްގެ ވޯޓު ވާންވެގެންގޮސް ދެބުރިވެއެވެ. އަނެއްބަޔަކު ނީލަމުގެ އުސޫލުން ބޮޑު އަގުހުށަހަޅައި ފަރާތަކަށް [ޙައްޤު] ވިއްކާލައެވެ.

3-         އަޅުގަނޑު ދެންނެވޭތޯ މިއުޅެނީ ކޮންމެ މީހަކަށް ޤާނޫނު އަސާސީން ލިބިދީފައިވާ، މިނިވަންކަމާއެކު ވޯޓު ދިނުމުގެ ޙައްޤު ކޮބައިތޯއެވެ؟ ވޯޓު ދަމާ ވާންކުރަނީ ކާކު ތޯއެވެ؟ ވޯޓު ގަނެ ވިއްކަން މަގުފަހި ކުރަނީ ކޮންބައެއް ތޯއެވެ؟ ވޯޓު ބުރިބުރިވެ، ފިސްފިސްވެ، ޗިސްޗިސްވާން ޖެހެނީ ކާކުގެ އިޙުމާލުންތޯއެވެ؟ ވިސްނާލައްވާށެވެ! އަޅުގަނޑު މިއުޅެނީ މިކަން ވަކި މީހެއްގެ ބޮލަށް [ކަނޑާލާކަށް] ނޫނެވެ. އެކަމުގެ ޒިންމާ ވަކިމީހެއްގެ ބޮލުގައި އަޅުވައި، މީހަކު ބަދުނާމު ކުރާކަށް ވެސް ނޫނެވެ. އެއީ އަޅުގަނޑުގެ މަޤްޞަދެއްވެސް ނޫނެވެ. އެއީ ކޮން ބައެއްކަން ތިޔަ ކިޔުންތެރިން ކަނޑައަޅާށެވެ.

4-         އަދިވެސް ވިސްނާލައްވާށެވެ. ވޯޓަކީ ތިމާއަށް ފެންނަ މީހަކަށް، އަމިއްލަ އިޚްތިޔާރުގައި އަދާކުރަން އޮންނަ ޙައްޤެކެވެ. ކޮންމެ މީހަކަށް ލިބިފައިވާ އަސާސީ ޙައްޤެކެވެ. އެހެންކަމަށް ވާނަމަ، ވޯޓު ދޭންވާނީ އެއްވެސް ނުފޫޒެއްނެތި ތިމާއަށް ފެންނަ ފަރާތަކަށެވެ. މަންމަ ބުނެގެން ބައްޕަ ބުނެގެން ވަކި މީހަކަށް ވޯޓުދޭން ޖެހޭތޯއެވެ؟ ނުވަތަ ފިރިމީހާ ނުވަތަ އަނބިމީހާ ބުނާމީހަކަށް ވޯޓުދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްތޯއެވެ؟ ކަންމިހެން އޮތްއިރު ޚިޔާލެއް ފިކުރެއް ފާޅު ކުރުމުގެ ބާރު ލިބިފައިނުވާ [ނުކުޅެދޭ މީހާގެ] ވޯޓު ދޭންޖެހޭނީ ކާކަށް ތޯއެވެ؟ ނުކުޅެދޭ މަންމަ ނުވަތަ ބައްޕަގެ ވޯޓް ދަރިފުޅު ބޭނުންވާ މީހަކަށްދެވިދާނެ ހެއްޔެވެ؟ އެއީ އިންސާފުކަމަށް ބުނެވިދާނެ ހެއްޔެވެ؟ އަދި އެންމެ ހެއްވާ ކަމަކީ ބައެއްފަހަރު [ނުކުޅެދޭ މީހާގެ] ވޯޓް ދެ މީހަކަށް ދޭން ޖެހޭ ޙާލަތު މެދުވެރިވުމެވެ. ނުކުޅެދޭ މީހާ ބަލަހައްޓާ ފަރާތްތަކުގެ މެދުގައި ހަމަނުޖެހުން ހިނގާ، ގަދަމީހާ [ނުކުޅެދޭ މީހާ] ގޮވައިގެން ގޮސް ވޯޓުލާ މަންޒަރަކީ މަދުންނަމަވެސް ފެންނަ މަންޒަރެކެވެ. އެ އަދާކުރެވުނީ ނުކުޅެދޭ ބަލިމީހާގެ ޙައްޤުތޯއެވެ؟ އަނގައިން ބަސް ނުބުނެވޭ، ޙަރަކާތް ނުކުރެވޭ މީހާ ތާޢީދުކުރާ [ކެންޑިޑޭޓޭއް] އެހީތެރިޔާއަށް އެނގުނުގޮތާމެދު ފަހެ ސުވާލެއް ނޫފެދޭ ތޯއެވެ؟ އެއްވެސް ޤަވާޢިދެއްގައި އެންމެ ވޯޓެއް ދޭން އޮންނަ ޙާލަތުގައި ދެ ވޯޓު ދިނުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިދީފައެއް ނުވެއެވެ. މިވެސް ހަމަ އިންސާފުތޯއެވެ؟ ދެން ސުވާލަކީ މިގޮތަށް ވޯޓު ދީގެން ހޮވޭ ފަރާތަކީ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ތާޢީދުކުރާ، ވޯޓުދީގެން ހޮވޭ މީހާއަށް ވާނެތޯއެވެ؟ މައްސަލައެއް ނެތެވެ.

5-         އަދި މިވަރުން ނިމުނީކީ ނޫނެވެ! އިންތިޚާބުގެ ދުވަސްވަރު ފެންނަ ހެޔޮއެދޭ ރަޙަމަތްތެރި، އެހީތެރިންގެ ވާހަކައަކީ ނުދައްކާ ދޫކޮށްލެވޭވަރުގެ ވާހަކައެއް ނޫނެވެ. ބައެއްފަހަރު ޢުމުރުގައި ލޯނުދެކޭ ފަރާތްތައްވެސް މިބުނާ ދުވަސްވަރު ވަރަށް ގާތް ހެޔޮއެދޭ މީހުންނަށް ބަދަލުވެއެވެ. ވިންދާ އިޙްސާސް ދަންނަ މީހުނަށް ވެދެއެވެ. ރަށާއި ދާއިރާގެ ތަރައްޤީ އާއި ޒުވާނުންގެ ކުރިމަގު އުޖާލަކުރަން އެންމެ ބޭނުންވާ ފަރާތަށް ވެގެން ދާކަމީވެސް ފެންނަން އޮތް ޙަޤީޤަތެކެވެ.  މިފަދަ ބައެއް ޙާލަތްތަކުގައި މާދުރު އަތޮޅެއްގެ މީހަކުވެސް އަމިއްލަ އަތޮޅާއި ރަށް ދޫކޮށް އެހެން ބަޔަކަށް މާބޮޑަށް އެހީތެރިވެދޭހިތުން [ހިތްއޮބިނޯވެގެން] އައުމަކީވެސް ފެންނަ އާއްމު މަންޒަރެކެވެ. އަދިވެސް ނިމުނީކީ ނޫނެވެ. [ޑޯޓްޑޯ] ގެ ނަމުގައި ގެއަށް އައިސް ޙާލު އަހުވާލުބަލައި، ދަތިކަމެއް އޮތްތޯ ބަލައިހަދަނީ ހާދަ ހިތްހެޔޮ ކަމާއެކުގައެވެ. މިއީ ހަމަ ތެދުނިޔަތުގައި ކުރާ ކަމެއްކަމަށް ދެންނެވިދާނެތޯއެވެ؟

6-         އަދިވެސް ނުނިމެއެވެ. ދުނިޔޭގެ މިނިވަން ޖަމާޢަތްތަކުން ވަރަށް އާއްމުކޮށް ދައްކާ ވާހަކައެކެވެ. ސިޔާސީފައިސާގެ ވާހަކައެވެ. މިއީ ރައްޖޭގައި އުފެދިފައިވާ [ ޓްރާންސް ޕޭރެންސީ މޯލްޑިވްސް] އިންވެސް ވަރަށް އާއްމުކޮށް ދައްކާ ވާހަކައެކެވެ. އެބޭފުޅުން ދައްކަނީ ރާއްޖޭގައި ސިޔާސީ ފައިސާގެ ހާމަކަން ނެތްވާހަކައެވެ. އިންތިޚާބުތަކާ ގުޅިގެން މީހުން ޚަރަދުކުރާ ފައިސާގެ މިންވަރެއް ނުބެލޭވާހަކައެވެ. ޚަރަދުކުރާ ފައިސާގެ އަދަދު ބެލޭނެ ނިޒާމެއް ނެތްވާހަކައެވެ. ވަރަށްވެސް ބޮޑު ތެދެކެވެ. ބައެއް މީހުން ބުނާގޮތުން އިންތިޚާބުގެ ދުވަސްވަރަކީ [އުޑުން ވާރޭގެ ފަދައިން ރަތްނޫޓު] ވެހޭ ދުވަސްވަރެކެވެ. އެހާވެސް ފައިސާ ތިޔާއްގެވެ. އެހެންނަމަވެސް އިންތިޚާބަކާ ގުޅިގެން [ ލޯ ލާރިއެއްވެސް]  ލިބިފައެއް ނޯންނާނޭ ފަޚްރުވެރި ކަމާއެކު ބުނާ މީހުންވެސް މަދެކޭ އަޅުގަނޑު ދަންނަވާ ހިތެއް ނުވެއެވެ. ކޮންމެއަކަސް މި ދެންނެވި ދުވަސްވަރާ ދިމާކޮށް، މުޅިންވެސް ދެވެނީ [ހަދިޔާ] ކަމުގައި ދެކޭމީހުންވެސް މަދެއް ނޫނެވެ. އެކި އެކި ނަންނަމުގައެވެ. ހެޔޮއެދިގެން ދެވޭ ތަފާތު ހަދިޔާތަކުގެ ގޮތުގައެވެ. ޙާޖަތްތައް ފުއްދުމަށް ދެވޭ އެހީގެ ގޮތުގައެވެ. ކޮންމެ ގޮތަކަށް މި ވާހަކަތައް ދެކެވުނަސް އެންމެން އެއްބަސްވާ ކަމަކީ ކެނޑިޑޭޓުން މިލިއަނުން ޚަރަދު ކުރާކަމެވެ. ފައިސާގެ ގޮތުގައެވެ. އަދި މީގެ އިތުރުން ނުފޫޒާއި ބާރުގެ ގޮތުގައި ކުރެވޭ ޚަރަދުތަކަކީ އަގު ނުކުރެވުނަސް ބޮޑު ޚަރަދު ތަކެކެވެ. އެމީހަކަށް ލިބެންހުރި ވަޞީލަތްތަކުގެ ބޭނުން ކޮށްގެންނެވެ. ރަނގަޅެވެ. ކެމްޕޭނު ކުރުމަކީ ލިބިގެންވާ [ބޮޑު] ޙައްޤެކެވެ. ވަޢުދު ވުމަކީވެސް އޮތްކަމެވެ. ތަޞައްވަރުވެސް ހުށަހަޅާށެވެ! އެކަމަކުވެސް ގަދަބާރުން ވޯޓު ހޯދުމަށް މަސައްކަތް ނުކުރާށެވެ!

7-         ނިންމާލަން ގަސްތުކުރަމެވެ. ވިސްނާލުން ހުއްޓެވެ. ތިމާ ހިތްނޭދޭ ފަރާތަށް ތާޢީދުކުރާ މީހަކީ ނުލަފާ، ނުވިސްނޭ، ޖައްބާރު ކާފަރަކަށް ނުހަދާށެވެ! ތިމާވެސް ތާޢީދުކުރަނީ ތިމާގެ ވިސްނުމާ ޚިޔާލާ ފިކުރުގެ މައްޗަށް ބުރަވެ ހުރެއެވެ. އަނެކާވެސް އެ ނިންމުން ނިންމަނީ ހަމަ އެބީދައިންކަން ޤަބޫލުކުރާށެވެ! އަނެކާގެ ވޯޓަށް ބާރުފޯރުވަން ތިމާ ނޫޅޭށެވެ. އަނެކާގެ ވޯޓު ވަކި ފަރާތަކަށް ދިނުމަށް ނުބުނާށެވެ! ފިކުރެއް ޚިޔާލެއް ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ ފަރާތުގެ ވޯޓު ތިމާ ބޭނުންވާ ފަރާތަކަށް ނުދެމާ ހިނގާށެވެ! ދެވޭ ހަދިޔާއަކީ ޞައްޙަ މަގުން ދެވޭ ހަދިޔާއެއްތޯ ވިސްނާލުން ހުއްޓެވެ. ޤަބޫލުކޮށްލެވޭ އެހީއަކީ ހުއްދަ މަގުން ދިއްކޮށްލެވޭ އެހީއެއްތޯ ބުއްދީގެ ތަރާދުން ކިރާލުން ހުއްޓެވެ                                                                                 

                                                             ޢ.ޔ.ތ.ހ


ސުވާލުތައް

1- މި ލިޔުމުގެ ސުރުޚީގައި ބަޔާންކުރާ ޖަރީމާއަކީ ކޮބައިކަން ބަޔާން ކުރާށެވެ!  

2- ޙައްޤުތަކުގެ ވާހަކަ ވަރަށް ގިނައިން ލިޔުންތެރިޔާ ދައްކަވާފައި ވެއެވެ. ނަމަވެސް ޙައްޤާއި އެކުގައި ކޮންމެ މީހަކު ބޮލުއަޅަންޖެހޭ ކަމެއްގެ ވާހަކަ ގެންނަވާފައެއް ނުވެއެވެ. އެ ކަމަކީ ކޮބައިހެއްޔެވެ؟  

3- ލިޔުން ހުށަހަޅާފައިވާ ރޫޙަށް ބަލާއިރު ލިޔުންތެރިޔާ މިލިޔުން އަމާޒުކުރަން ބެނުންވާ މައިގަނޑު މައްސަލައަކީ ކޮބައިކަން ބަޔާންކުރާށެވެ! ނުވަތަ ހާމަ ކުރަންވާ މައިގަނޑު މައްސަލަކީ ކޮބައިހެއްޔެވެ؟

4- ލިޔުންތެރިޔާ ތަކުރާރުކޮށް ވިސްނާލުމަށް އެދިލައްވާފައި ވެއެވެ. އެގޮތުން ވިސްނާލަން އެދިފައިވާ ދެ ކަމެއް ބަޔާންކުރުމާއެކު އެކަން މިހާރު މުޖުތަމަޢުގައި އޮތްކަމަށް ޤަބޫލުކުރާ ގޮތާއި އޮންނަންވީ ރަނގަޅުގޮތްކަމަށް ޤަބާލުކުރާ ގޮތް ބަޔާންކުރާށެވެ! 

5- އިންތިޚާބުތަކާ ގުޅިގެން ހިނގަމުންދާ ކަންތައްތަކެއް ކަމަށް ބުނެ ލިޔުންތެރިޔާ ކަންތައްތަކެއް ބަޔާންކުރައްވާފައި ވެއެވެ. އޭގެ ތެރެއިން މުޖުތަމަޢުގެ އާއްމު އުސޫލުތަކާ ޚިލާފު 4 ކަމެއް ބަޔާންކުރާށެވެ!.

6- ކެނޑިޑޭޓުން ކުރުމަށް ތާޢީދުކުރާ ކަންތައްތަކެއްގެ ވާހަކަ ލިޔުންތެރިޔާ ގެންނަވާފައި ވެއެވެ. އޭގެ ތެރެއިން 3 ކަމެއް ބަޔާންކުރާށެވެ!

7- ތިރީގައިވާ ލަފުޒުތައް ލިޔުމުގައި ބޭނުންކޮށްފައިވާ މާނަ ލިޔާށެވެ!

ހ- ސިޔާސީ ފައިސާ

ށ- ޙާޖަތްތައް

ނ- ތަޞައްވަރު

ރ- ތޯތޯ ވާހަކަ

ބ- ތަރާދު



"ފިނިފެންމާ " ޤައުމީ މަލުގެ ޝަރަފާއި މަތިވެރިކަމުގެ ތެރެއިން ކިޔަވައިދިނުމާ ގުޅުވާލުން


އާދަމް ނަޞީރު އިބްރާހީމް (2009) (ޝާޢިރުލްމަޤުތޫލު)


ނީލަމެއްގައި އޮންނަ ފިނިފެންމަލުގެ ޢިއްޒަތަކީ ކޮބާ؟

 ހީނލަމުން އެންމެން ބަލާ އަޖުމައިގެ ޙުރުމަތަކީ ކޮބާ؟

ފީނަމުން ނެގުމުން އެ އަގު ނާރާނެ ރަން މުތަކީ ކޮބާ؟

ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟

-------------------------------------------------





ދުނިޔެއަށް ފުރަތަމަ އުފަންވީ ނުހަނު ޠާހިރު ކަންމަތީ،

އުނިކަމެއް އެއްވެސް ކުށެއް ކުށްފާފައެއް ނެތް ގޮތްމަތީ،

ފޮނި އެތައް އުންމީދަކާ، ހުވަފެންތަކޭ ވީ ކުރިމަތީ،

ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟





އެންމެ ފުރަތަމަ ކޮއްކޮއެއް، ދެން އޭގެ ފަހުގައި ދައްތައެއް،

ދެން އެއަށްފަހު ފެންނަ ނަމަ، ނިޔަނެތި އަބުރުވެރި މަންމައެއް،

އުންމަތަށް އޭރުން އިތުރުވާނީ، ޤަދަރުވެރި ވަންހައެއް،

ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟





ތިޔަ ދެ އަތްތިލައިން، މި އުންމަތް ހެޔޮ މަގަށް އެޅުވޭނެޔޭ

ތިޔަ އުނގުން ޤާބިލް އެތައް ޖީލެއް ބިނާ ކުރެވޭނެޔޭ

ނިޢުމަތުގެ ސުވަރުގެ ވަނީ ވެސް ތިޔަ ދެ ފައިތިލަ ދަށުގަޔޭ

ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟





ތިޔަ ލޮލުން ނުޖެހޭނެ އަނިޔާގައި ކަރުނަ ފޫދޭކަށެއް،

ތިޔަ ނަފުސު ނުޖެހޭނެ ބާޒާރަށް ވިކެން އެތުރޭކަށެއް،

ތިޔަ ޤަދަރު ނުޖެހޭނެ ވެއްޔާ ހިރަފުހާ މޮޑެވޭކަށެއް،

ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟





ޤަދަރުހުރި ފިނިފެންމަލަށް، މުޅި ގަސް ޢިނާޔަތްތެރިވެޔޭ

ބަދަލު ނުވެ ފެހި ފަތްތަކާ، ކަށިތައް ޙިމާޔަތްތެރިވެޔޭ

ޤުދުރަތުގެ މި ނިޒާމުތައް ވިސްނާށެ ޙިކްމަތްތެރިމެޔޭ

ދީނުގައި ލޮބުވެތިވި އުޚްތާ މީގެ ޢިބްރަތަކީ ކޮބާ؟



·        މި ލަވަޔަކީ ޅެންވެރިކަމުގެ ގޮތުން ފޭރާން ހެޔޮ ޅެމެކެވެ. ލަވަ ހައްދަވާފައިވާ މައުޟޫޢުގެ ގޮތުން މިއީ ކިޔަވައިދިނުމުގައި ތަފާތު ގިނަ ބޭނުންތައް ހިފިދާނެ ޅެމެކެވެ. އެގޮތުން މަޒުމޫނު ލިޔުމާއި، ޅެން ޝަރަޙަ ކުރުމާއި، ވާހަކަ ލިޔުން ފަދަ ކަންކަމުގައި ވަރަށް ރަނގަޅަށް ބޭނުން ހިފިދާނެ ކަމަށް ދެކެމެވެ.

·        އިސްލާމް ދީނުގައި އަންހެނާގެ މަޤާމު. ފަދަ މައުޟޫއަކަށް މަޒުމޫނު ލިޔުމަށް މި ޅެމުން ވަރަށް ފުރިހަމައަށް މަޢުލޫމާތު ލިބިގެން ދެއެވެ.

·        މީގެ އިތުރުންވެސް ޅެން މާނަކުރުމަށާއި ޅެންވެރިންނާއެކު ހަވީރު ކުރުމަށް ނަމޫނާ ޅެމެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ޅެމެކެވެ.