Tuesday, September 1, 2020

އަދަބީ ބަސް

                            ބައެއް އަދަބީ ބަހާއި، އެބަސްތަކުގެ މާނަ

1

އަޑިގަނޑަކަށް ފަހު އުސް ގަނޑެއް އަންނާނެއެވެ.

އުފަލަކަށް ފަހު ހިތާމައެއް އަންނާނެއެވެ.

2

ވެހޭތާ ފެންނެގުން

އެކަމެއް ކުރެވެން އޮންނަ ވަގުތުގައި އެކަމެއް ކުރުން

3

އިށީންނާނެ ގަލެއް ނުބަލައި އުދުއްސައި ގަތުން

ލިބިފައިވާ ކަމަކަށް ވުރެ ރަގަނޅުކަމެއް ލިބުމުގެ ކުރިން އެކަމެއް ދޫކޮށްލުން

4

ހަރު ކޮންނާނީ އެކަކުންޏެއްގެ ވަރުންނެވެ.

ކަމެއް ކުރަންވާނީ ތިމާގެ ފެންވަރުންނެވެ.

5

ފޫނެއް ފަޔަށް ފެން ނުފުރާށެވެ.

ފައިދާއެއް ނެތް ކަންތައްތައް ނުކުރާށެވެ.

6

އަހިވަކާޖެހި އަހިވަކެއް ފާވާނެއެވެ.

ގޯސް މީހުންނާއެކު އުޅެންޏާ ގޯސްވާނެއެވެ.

7

ފެންކައްކާ ބޮލީގެ އިއްޒަތް

ބޭނުންޖެހޭ ވަގުތު އެއްޗެއްގެ ބޭނުންކޮށްފައި އެއްލައިލުން

8

ހުދު ބޯކިރުފޮދެއް ކަހަލަ ދަތްތަކެއް

އެއްޗެއްގެ ހުރި ރީތިކަން ދެއްކުން

9

ބިސްމަޅި ދުއްވުން

މީހަކަށް ނުވަތަ ކަމަކަށް ފާރަލުން

10

ތިމާގެ ދަރި ތިމާއަށް ދޮންފުތު ވާނެއެވެ.

ތިމާގެ ދަރިފުޅު އަބަދުވެސް ތިމާއަށް ރަނގަޅުވާނެއެވެ.

11

ހިޔަންޏަށް މުޑިނެގުން

ހަޤީޤަތެއް ނެތް ކަންތައްތައް ކުރަން އުޅުން

12

ރައްކާވެ ތިބިއްޔާ ދަތުރެވެ.

ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވެ ތިބުން

13

ހަކުރު ދެންޏާ ބޮޑުބޭބެ އެވެ.

ތިމާއަށް އެއްޗެހި ދޭ މީހަކީ ތިމާގެ ގާތް މީހާއެވެ.

14

ގެއްލިއްޖެ އަބުރެއް އަނބުރާ ނުލިބޭނެއެވެ.

ތިމާއަށް ކުރެވޭ ގޯސްކަމެއްގެ ސަބަބުން ތިމާ ބަދުނާމު ވެއްޖެނަމަ ފަހުން އިސްލާހުވިއަސް ތިމާއަކީ ރަނގަޅު މީހެއްގެ ގޮތުގައެއް ނުދެކޭނެއެވެ.

15

ފޭހުން އިލޮށިގަނޑު ހެރޭނީ ފޭހުނު މީހާގެ ލޮލަށެވެ.

އެހެންމީހަކަށް ކެއްސެއްދޭން ތިމާކުރާ ނުބައި ކަމެއްގެ ކެހި ލިބޭނީ ހަމަ ތިމާއަށެވެ.

16

ކަނބުރު ގެޔަކަށް ވަނިއްޔާ އަޅި ބުރާނެއެވެ.

ނުބައި ކަމެއް ކުރާ ބަޔަކާ އެއްކޮށް އުޅޭނަމަ ތިމާ އެފަދަކަމެއް ނުކުރިނަމަވެސް އަޑުއަރާނެއެވެ.

17

ދަލުބޭރުން ޖެހުން

ނުބެހޭކަންތައްތަކާ ބެހިއުޅުން

18

މިރިނުވެ ގޮބޮޅި ކާށިވުން

އަމިއްލައަށް ބޮޑުވެގެން އުޅުން

19

ގިނި ދުންމީހާ ރަތްމަލަށް ބިރުގަންނާނެއެވެ.

ކަމަކާ ބިރުގަންފިމީހާ އެކަހަލަ ދެވަނަކަމެއް ފެނުމުންވެސް ބިރުގަންނާނެއެވެ.

20

ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއެވެ.

ތިމާ ހިތްއެދޭމީހާގެ ކިބައިގައި ނުރަނަގަޅު ކަމެއްހުރި ކަމުގައިވިޔަސް އެކަންފާހަގައެއް ނުކުރެވޭނެއެވެ.

21

ކުށްޅަވަށްފަލު ރަނިންހެދުން

ތިމާގެ ފެންވަރު ހަނދާންނައަތާލުން

22

ހަނދެއްފަދަ މޫނު

އެންމެ ފުރިހަމަ

24

އަހިފަތެއްހާ ލުއި

ވަރަށް ލުއި

25

ނެގިގާގަނޑަށް ބޮލިއެރުން

ވަރިކުރިމީހާއާ ދެވަނަ ފަހަރަށް އިނުން

26

އުތީމު ތިންބަދަވިން

ބާރުގަދަކަމާއި ކުޅަދާނަކަން، ބަދަވިންނާއި އެއްފަދަކުރުން

27

ތެޔޮނާށި ކާޅު ޖަހައިގަތުން

ހިތާވެގެންއުޅޭ އަންހެންކުއްޖާ އެހެންމީހަކާއިނުން

28

އަތިރިމަތީގައި ހޭލަމޭލައަށް އުޅުން

ކޮޅުކޮޅަށް ހަރަކާތްތެރިވުން(މަސައްކަތުގައި އަވަދިނެތިއުޅުން)

29

ވާވަނުން

ވާނުވާ ނޭގުން

30

ހުން އަންނާނެކަމަށް ރަޖާލުން

ކަމެއްދިމާވުމުގެ ކުރިން އެކަމާ ކުރިމަތިލުން

31

ނަވަށް ކުރާބާރު އެނގޭނީ ކެނބަށެވެ.

ކަމެއްގައިހުރި ބުރަކަން އެނގޭނީ އެކަމެއްކުރާ މީހާއަށެވެ.

32

ކުކުޅަށްވުރެ ބިސްދޮށީ ނުވާށެވެ.

ތިމާއަށްވުރެ ބޮޑެތިމީހުންގެ މައްޗަށްބަސްނުބުނާށެވެ.

33

ކާންދޭ އަތުގައި ދަތްނާޅާށެވެ.

ތިމާއަށް އެއްޗެހިދޭ މީހާއަށް ގެއްލުން ނުދޭށެވެ.

34

ބޮއްކުރާދޮށަށް އޮޑިއެއް ނުކަނބާނެއެވެ.

އަންހެން ކުދިން ފިރިހެން ކުދިން ފަހަތަކުން ނުދާނެއެވެ.

35

އަޑެއް ކިއްޔާ ރެދެއް ލާނެއެވެ.

ވާހަކައެއް ދެކެވޭނަމަ އޭގައި ހަޤީޤަތެއް ވާނެއެވެ.

36

ނުރޯދަރިއަކަށް ކިރެއް ނުލިބޭނެއެވެ.

ކަމެއް ކުރަން ނޫޅޭނަމަ އެކަމެއް ނުވާނެއެވެ.

37

ކީހާ ޅެން ވީ ފަރިއްސަށެވެ.

ކުރި ހުރިހާ ކަމެއް ތާކުން ތާކު ނުޖެހުން

38

ވަޅި ރީތީ ތޫނިއްޔާއެވެ.

އެއްޗެއް ރަނގަޅުވާނީ އޭގެ ބޭނުން ރަނގަޅަށް ކުރެއްވެންޏާއެވެ.

39

އަނބި ރީތީ ހެވިއްޔާއެވެ.

ބަލާލަން ހުތުރަސް ފިރިމީހާއަށް ކޮށްދޭންޖެހޭ ހުރިހާކަމެއް ރަނގަޅަށް ކޮށްދިނުމެވެ.

40

އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއެވެ.

ގޯސް އެއްޗަކުން ރަގަނޅު އެއްޗެއް ނުނިކުންނާނެއެވެ.

41

ދުނިޔެ ހިނގާނީ ތޮށަލި ދުޅަޔަށެވެ.

ދަތި ކަންކަމާއި ފަސޭހަކަންކަން ދިމާވުމެވެ.

42

ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެއެވެ.

މަޑުން ތިބޭ މީހުން ކުރާ ކަންތައްތައް މާ ނުރައްކާވާނެއެވެ.

43

ވަޑިން ގެޔަކު ދޮރެއް ނުހުންނާނެއެވެ.

އެމީހަކު ކުރާ މަސައްކަތަކާ ގުޅޭ ކަންތައްތައް އެގެއެއްގައި ފުރިހަމައެއް ނުވާނެއެވެ.

44

ނުބީހެންޏާ ކަނޑާ ހަމައެވެ.

ނުބައި ކަމެއް ކުރިއަސް ފަޅާނާރާ ނަމަ ރަގަނޅުވާނެއެވެ.

45

މެކުނު ފުމުނަކަސް ގާހަކަޔަކަށް ނުފުމެވޭނެއެވެ.

މުއްސަދިން އުޅޭ ގޮތަކަށް ފަގީރުންނަކަށް ނޫޅެވޭނެއެވެ.

46

ބޭރުންދާ އޮޑިޔަކަށް ނިވަލެއް ނޯންނާނެއެވެ.

ތިމާ ބޭނުންވާ ކަމެއް ކުރެވޭނީ އެކަމެއްގެ ވާހަކަ ބުނެގެންނެވެ.

47

ވަގަކަށް ހާސް ދުވަސް ވެރިޔަކަށް އެއްދުވަސް

ކަމެއް ފާޅާއަރާނީ އެކަމެއް ކުރާތާ ގިނަދުވަސްތަކެއް ވާ ފަހުންނެވެ.

48

ނުފިރުކެވެނީސް ދުވަން ނޫޅޭށެވެ.

އެމީހަކަށް ކުރަން ނޭނގޭ ކަންތައްތައް ކުރަން ނޫޅޭށެވެ.

49

ފޮތެއް އޮތަކަސް އެދުރެއް ނުވާނެއެވެ.

ތިމާ އަތުގައި ކިތަންމެ ވަޞީލަތެއް ހުރި ކަމުގައި ވިޔަސް އެއެއްޗެހީގެ ބޭނުން ކުރަން ނޭނގޭ ނަމަ ތިމާއަކީ މޮޅުމީހަކަށް ނުވާނެއެވެ.

50

ކުކުޅު ފައިދަށުވެ ފިޔޮއް މަރެއް ނުވާނެއެވެ.

ކަމެއް ރަގަނޅަށް ދަންނަ މީހަކު އަތުން އެކަމެއް ގޯހެއް ނުވާނެއެވެ.

51

އަޑުގަދަމީހާގެ ރުއް ގިނަވާނެއެވެ.

ކަންކަމާ އަޑުހަރުކޮށް ކެރިގެން ވާހަކަދައްކާ މީހުން ބުނާގޮތަށް ގިނަފަހަރު ކަންތައްތައް ނިމޭނެވެ.

52

ނުފޯރާ ފޮތިން ފޫނުގަޅާށެވެ.

ތިމާއަށް ލިބޭ މިންވަރަށް ވުރެ ބޮޑަށް ހަރަދު ނުކުރާށެވެ.

53

ދޭމީހާ ދިނަސް ކާމީހާ ކާންވާނީ ބަލައިގެންެނެވެ.

އެހީވެދޭނެ މީހަކު ހުރިކަމުގައިވެސް އެމީހާގެ ކިބައިން އަބަދު އެހީއަށް ނޭދޭށެވެ.

54

ތިމާޔާ ނުބެހޭ ކަންކަމާ ކާޅުކެޔަސް ސޮއްނުގޮވާށެވެ.

ނުބެހޭ ކަންތައްތަކާ ނުބެހޭށެވެ.

55

އެމީހެއްގެ ރޮނޑަކުން ހަންދަމާނީ އެމީހަކު ދަމާނެ ކޮޅަކަށެވެ.

އެމީހެއްގެ ކަމެއް ކުރާނީ އެމީހަކު އެދޭ ގޮތަކަށެވެ.

56

އަސްވިއްކިޔަސް ލަގަން ނުވިއްކާށެވެ.

އަގުހުރި ބޭނުންތެރި ތަކެތި ދޫކޮށްނުލާށެވެ.

57

ބެދޭ މަޅިއެއް ނުފެންނާނެއެވެ.

އެމީހަކަށް ކުރެވޭ ގޯސް ކަންތައްތަކެއް އެމީހަކަށް ނުފެންނާނެއެވެ.

58

ކަލާސީނަކަށް ނަވެއް ބަލެއް ނުވާނެއެވެ.

ގޮތެއް ހުހެއްނުވާނެއެވެ.

59

މަސްދުވާނީ ފެން އޮތްތާގައެވެ.

ފައިސާވެރި،ތަނަވަސް މީހުންގާތަށްދާ މީހުން ގިނަ ވާނެއެވެ.

60

ވަޅެއް ނުތެޅޭނޭ ތެޅޭނީ ދާންޏެވެ.

ވެރިޔަކަށް ދެރަގޮތެއް ނުހެދޭނެވެ. އަބަދުވެސް ބަދުނާމާއި ގެއްލުން ލިބޭނީ ދަށުން މަސައްކަތް ކުރާ މީހުންނަށެވެ.

61

މީހުން މީހުންނަށް ވާނީ މީހުންނަށް ހެދީމައެވެ.

ކަންކަން ކާމިޔާބު ވާނީ އެހެންމީހުންގެ އެހީތެރިކަމާއެކުގައެވެ

62

ދިޔަވަރު ނުބަލާ އޮޑި ބޭލުން.

އިރުވައި ނުބަލައި ކަންތައްކުރުން.

63

އެއްއުރައެއްގައި ދެ ކަނޑިއަކަށް ނުއޮވެވޭނެއެވެ.

ހަމަހަމަ އެމަޤާމެއްގައި އެއްތަނެއްގައި ދެމީހަކަށް ހަމަޖެހިގެން ނޫޅެވޭނެވެ.

64

ރާވެރިއްގެ ދަރިޔަކަށްވެސް ހަތަރެތިން އެކެތި އޮވެއެވެ.

ކިތަންމެ ދެރަ މީހަކަށްވެސް ގޮތެއް އޮންނާނެއެވެ.

65

އެއްތުނޑި ވޮޑެންޏާ އެނެއްތުނޑި ގިރާނެވެ.

އެއްބަޔަކު މަތީ ފެންވަރަށް ދާއިރު އެނެއްބަޔަކު ނުވާހިކު ދެރަވެ ދަށު ދަރަޖާގައި ތިބޭނެވެ.

 

66

ބެޔަސް ނުބެޔަސް ނަންވާނީ ހައިވަކަރު އޮޑިއަށެވެ.

ނަންވާނީ މަޝްހޫރު މީހުންނެވެ. ( ނުރަނގަޅު ގޮތުގައި މަޝްހޫރުވެފައިވާ މީހަކުނަމަ އޭނާ ނުކުރާ ކަންކަމުގެ ބަދުނާމުވެސް ބޮލުގައި އެޅޭނެވެ. ހަމަ އެފަދައިން ރަނގަޅު ގޮތުގައި މަޝްހޫރުވެފައިވާ މީހުން ދަށްފެންވަރުގެ ކަންކަންކުރިޔަަސް ތަޢުރީފު ކުރާނެވެ.

67

އުނދުޅިޔަށްވުރެ ދަނޑި ދިގު ނުވާނެވެ.

އެމީހަކާއި އެކަށީގެންވާ ކަންތައްތަކަށްވުރެ އިތުރަށް ކަންކަމާ ނުބެހޭށެވެ.

68

އަތެއް އޮތަކަސް ބަތެއް ނުކެވޭނެއެވެ.

ކަމެއް ކުރަން ކިތަންމެ މޮޅަށް އެނގުނަސް އެކަމެއް ކުރެވޭނީ އެކަމެއް ކުރެވޭނެ ވަސީލަތްތައް ލިބިގެންނެވެ.

69

ހިނިއަރާވެސް ފަރުފަދަ ކަނޑައެވެ.

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކިތަންމެ ބޮޑުކަމެއްވެސް ކާމިޔާބު ވާނެއެވެ. ( ކުރާކަމެއްގެ އަސަރު ފެންނާނީގިނަދުވަހުންނެވެ. )

70

ލައްގާނީ ލައްގާ ހުރަޔަށެވެ.

އަބަދުވެސް ލިބޭނީ ލިބޭ މީހާ އަށެވެ.

71

ބަސްނުވިކޭ އޮޑީގެ ދިރުނބާ ކޮޅަށް ނާރާށެވެ.

ތިމާގެ އަމުރު ނުހިނގާ ގޮަތަށް ކަންކަމާ ހަވާލު ނުވާށެވެ.

72

ލަދަކާހުރެ ތަދެއް ނުފިލާނެއެވެ.

ކަމެއް ކާމިޔާބުވާނީ އެކަމަކާއި ކުރިމަތި ލައިގެންނެވެ.

73

ލަނޑަޔާވާނީ ލަނޑަޔާއެވެ.

އެމީހަކާއި ގުޅޭނީ އެމީހެއްގެ މިޒާޖާއި ގުޅޭ މީހެކެވެ.

74

ކަންވެ ނަންނުވިޔަސް ކަންނުވެ ނަންނުވާށެވެ.

ކުރިކަމެއްގެ ނަންނުލިބުނަސް ނުކުރާ ކަމަކާއި މަތިނުވާށެވެ.

75

އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ.

ކަމަކަށް ފުރަތަމަ ނުވިސްނާ އެކަމާއި ކުރިމަތިލައިފިނަމަ އެކަމަކުން ސަލާމަތްވުން އުދަނގޫވާނެއެވެ.

76

މޫދު ގަލަކަށް މަހެއްވެއެވެ.

ކޮންމެ މީހަކަށްވެސް މީހަކުވާނެއެވެ.

77

ކަނޑަށްއަޅާ އެއްޗެހީގެވެސް ހިސާބު ބަލައެވެ.

ކުރާ ކޮންމެކަމަކަށްވެސް ޚަރަދުވާ މިންވަރު ބަލާށެވެ.

78

މީހުން އެނގޭނީ އެއްއޮޑިން ދަތުރުކޮށްލީމައެވެ.

މީހެއްގެ ޙަޤީޤަތް އެނގޭނީ އެމީހަކާއި އެކުގައި އުޅެލީމައެވެ.

79

ރިހޭފައިމައްޗަށް ފޮއި ވެއްޓުން

ހިތާމައެއްގައި ވަނިކޮށް އިތުރު ހިތާމައެއް ކުރިމަތިވުން

80

އާ ކުކުޅަކަށް ގާބިހެއް އެޅުން

އަލަށް ކަމެއްކުރެވިގެން އެވާހަކަ ދައްކާއުޅުން

81

ދަންބެރަށްވުރެ ތަގުޑި ދިގުވުން

ކަމެއްގެ އަސްލު ބޭނުމަށް ނުގޮސް ދިގުލާ ދެންމުން

82

އަތްނުލާ އައްދޮ ކިޔުއްވުން

ކަމެއް ކުރާށޭ ނުބުނެ އެކަމެއް އެމީހަކު ލައްވާ ކުރުވުން

83

ދަމައިގެން ކަނޑީގެ މިޔަމައްޗަށް އައުން

ކަމެއްކުރަން އެންމެ އެކަށީގެންވާ ވަގުތުގައި އެތަނަކަށް އައުން

84

ކޮނޑު އޮތް ފުރޯ ވަލުން ހޯދުން

އަތުގައި އޮތްއެއްޗެއް އެހެންތަނަކުން ހޯދުން.

85

މުގުރިންނަށް ވެސް ކުން ކިޔެއެވެ.

ކިތަންމެ މޮޅުމީހަކަށްވެސް ކުށެއް ކިއިދާނެއެވެ.

86

އެއް ދޮނުގައި ދެ ބުޅި ޖެހުން

އެއްކަމެއް ކުރަން އުޅުމުގެ ތެރޭގައި ދެކަމެއްގެ ފައިދާ ލިބިގަތުން

87

އެޅިހާ ބަތަކަށް ރިހަ ވުން

ކޮންމެ ގޮތެއް ވަރިހަމަ ވުން

88

ތަން އޮތްތާ ގޮނޑިއެޅުން

އެއްޗެއް ލިބެން އޮތް ވަގުތު އަވަހަށް އެ އެއްޗެއް އަތްދަށުލުން

89

ކަނދިކަމަނާގެ މަސް ތެލުލުން

ކަން ނުކޮށް ނަންވާން އުޅުން

90

މުޅި އޮޑީގައި ހަސަނުގެ ދެފައި

ހުރިހާ ތަނެއްގައިވެސް އެކެއްގެ ބާރު ހިނގުން

91

ބުރުދާ ގައިމުކުރުން

ޔަޤީން ކުރުން ( ކަމެއް ކުރިތޯ ބަލާ ޔަޤީން ކުރުން )

92

އިނބިލީހު ކައިވެންޏަށް

ކަމެއް މާ ބޮޑަށް ދިގުލައިގެން ގޮސް އެކަމެއް ނުވުން

93

ބަސަރާއަށް ކަދުރު ވިއްކުން

އެއްޗެއް ގިނައިން ލިބެން ހުރި ތަނަކަށް އެ އެއްޗެއް ވިއްކުން

94

ވަޅި ދުށްތާ ކާށި ކެއުން

އެ އެއްޗެއް ފެނުމުން، އޭގެ ބޭނުން ކުރުން

95

ވޮށިމަސްމިޔަރު މަސްގަނޑަށް ބަލާހެން

އެއްޗަކަށް ދަހިވެތިވެ ބެލުން

96

ކަޅިފުށީ ކަލޭގެ ޖެހި ކޮކަޑި

ތާކުންތާކު ނުޖެހޭ ގޮތަށް ލަނޑުދޭން އުޅުން

97

ހުވަފެނަކީ ބިލާހެއް

ޙަޤީޤަތެއް ނެތް ކަންތައްތައް

98

މިރި ނުވެ ގޮބޮޅި ކާށިވުން

މާ އަވަހަށް ފެންވަރު އޮޅިގެން އުޅުން

99

އެއްގޮށްދުނބުރި ފެޅުން

ކަމެއް ކާމިޔާބު ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރުން

100

ރޯނުއެދުރު

މާ ބޮޑަށް ކަންތައްތައް ދަންނަކަމަށް ހެދިގެން އުޅޭ މީހާ

  

No comments :

Post a Comment