Wednesday, October 23, 2019

ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި


a
           ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރަން ކުރެވިދާނެ ކަންތައްތައް
           ހިންދު ކަނޑުގައި ގަތާލެވިފައިވާ ހާރެއްފަދަ ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ލެއްވި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަން.(.) ހަނގުރަމައިގެ މައިދާނުގައިވެސް ރުއްގަސް ޙިމާޔަތް ކުރުމުގެ ނަމޫނާ އުއްމަތަށް ދެއްކެވި މާތްސާހިބާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާ ކުރަން(.) މި ދުޢާގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ސަޙާބީން ޝާމިލު ކުރަން(.) އިންސާފުވެރި ފަނޑިޔާރުން(.) ޝައުޤުވެރިކަމާއެކު މުބާރާތް އަޑުއެއްސެވުމަށް ވަޑައިގެން ތިއްބެވި ޖަލްސާގެ އެންމެހާ ހާޒިރީން(.) އެންމެހާ އެކުވެރިން(.)   އައްސަލާމް ޢަލައިކުމް.      
           އާދެ، ޤުދުރަތީގޮތުން ވަރަށް ރީތި ހަމެއެހައިމެ ހިތްގައިމު ވެއްޓެއް ލިބިފައިވާ މިރާއްޖެއަކީ ދިވެހިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންވެސް ހިތް އުފާ ކޮށްލަދޭ އެއް މަންޒިލެއް(.)  ރާއްޖޭގެ މި ހިތްގައިމު ވެށިން އުފާ ޙާޞިލް ކުރަމުންދާއިރު އެވެށީގެ ނާޒުކު ކަން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ(.) މިނާޒުކު ތިމާވެށި ރައްކާތެރި ކުރުމަށް ފަރުދީ ފެންވަރުގައާއި ޖަމާޢަތުގެ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް ހުންނާނެކަން ކަށަވަރު(.) އާދެ، މިއަދު އަޅުގަނޑަށް ވާހަދައްކަން ލިބިފައިވާ މަޢުޟޫއަކީ  ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރަން ކުރެވިދާނެ ކަންތައްތައް(.)
           ކުރިއަރަމުން އަންނަ މިދުނިޔޭގައި ބޮޑެތި ޤައުމުތަކުގެ ކާރުޚާނާތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސް ތަކުގެ ސަބަބުން ދުނިޔޭގެ މޫސުމަށް ދަނީ ބޮޑެތި ބަދަލު ތަކެއް އަންނަމުންނެވެ(.) މިގޮތުން އޯޒޯން ފަށަލަ ތުނިވުމާއި ޖައްވު ހޫނުވާ ވާހަކައަކީ އަބަދުވެސް އަޑު އިވެމުންދާ ވާހަކަ ތަކެކެވެ(.) ބޮޑެތި ކާރުޚާނާތައް ރާއްޖޭގައި ނެތްކަމުގައި ވިޔަސް، ދުނިޔެ ހޫނުވުމުން ކުރާ އަސަރު ކުޑަ ކުރުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުރި(.) އެގޮތުން އަޅުގަނޑުމެންނަށް އެޅިދާނެ އެންމެ ބޮޑު އެއް ފިޔަވަޅަކީ ގަސް ކެނޑުން މަދުކުރުން(.) އެހެންކަމުން ރާއްޖޭގެ ތިމާވެއްޓާމެދު ވިސްނާލާ، މިގޮތަށް ކެނޑޭ ގަސްތައް މަދުކުރުމަކީ އަޅުގަނޑުމެންގެ ޒިންމާ އެއް(.)
ނުކަނޑަމާތޯ ހިޔަލަށާ ފިންޏަށްޓަކައި ހެދި ހުރި ގަހެއް،
                ފިކުރަކާ ނުމެލާ އެފަދަ ގަސްތައް ކެނޑުން އެއީ މޮޔަކަމެއް.
 އެހެންކަމުން ގަސް ކެނޑުމުގެ ބަދަލުގައި ހިޔާދޭ ބޮޑެތި ގަސްތައް ގިނައިން އިންދުމަށް ސަމާލުކަންދޭން ޖެހޭ(.) މިކަމަކީ ތިމާވެށި ޙިމާޔަތް ކުރުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެއްކަމުގައި އަޅުގަނޑު ދެކެން(.)
           ރާއްޖޭއަށް ލިބިފައިވާ މުރަކައިގެ ޗާލު ބަގީޗާތަކަކީ ދިވެހިންނަށް ލިބިފައިވާ، ޤުދުރަތުގެ އަގުހުރި ހަދިޔާއެއް(.) ނަމަވެސް، އެއީ ވަރަށް ނާޒުކުތަންތަންކަން ހަނދާންކޮށްލަންޖެހޭ(.) މީގެ އަހަރުތަކެއް ކުރި އާއި މިހާރު މިތަންތަން އޮތް ގޮތް އަޅާ ބަލައިފިނަމަ ފެނިގެންދާނީ ދިރުމެއްނެތް މަރުވެފައިވާ ފަޅުތަނެއްގެ ގޮތުގައި(.) މިއީ އަޅުގަނޑުމެންގެ އިޙުމާލުން ލިބިފައިވާ ގެއްލުންކަން ކަށަވަރު(.)

ފަރުތަކެއްގެ ނަމުން ޙިމާޔަތުގައި އެތުރި ތިބި ލަޝްކަރަށް،
                ވަރު ވަރުން ޙަމަލާ ދިނީމާ މަރު މަގޭ ލަސްވާނެހޭ؟
އެހެންކަމުން އެންވެރިކަމަށާއި މަސްވެރިކަމުގެ އިތުރުން އެނޫންވެސް ބޭނުންތަކުގައި އެތަންތަނަށް ދާ ފަރާތްތަކުން މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ(.) މުރަކައިގެ ނާޒުކު ފަރުތަކަށް ގެއްލުން ނުލިބޭނެ ގޮތަކަށް އަޅުގަނޑުމެންގެ އުސޫލުތައް ބައްޓަންކުރަންޖެހޭ(.) އޭރުން އަޅުގަނޑުމެންގެ ތިމާވެށި ޙިމާޔަތް ކުރެވިގެންދާނެ(.)
     މީގެ އިތުރުން ރަށުގެ ގޮނޑުދޮށުން ވެލި ނެގުން ހުއްޓުވުމަކީ ނާޒުކު ވެށި ޙިމާޔަތްކުރުމަށް ކުރެވިދާނެ އެންމެ މުހިއްމުކަންތައް(.) މިއަދުވެސް މި އުސޫލު ކަނޑައެޅިފައި އޮތްކަމަކު ޢަމަލުކުރާ ފަރާތްތަކުން ދަނީ ގޮޑުދޮށްތަކުން ވެލިނަގަމުން ކަމުގައި ދަންނަވަންޖެހޭ(.) އެހެންކަމުން ނާޒުކު ގޮނޑުދޮއްތަކުން ވެލިނެގުން މުޅިން ހުއޓާލުމަކީ ވެސް ތިމާވެށީގެ ޙިމާޔަތަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއް ކަމުގައި ދެކެން(.)
           ހަމަ އެހެންމެ ރަނގަޅު ގޮތުގައި ކުނި ނައްތާލެވޭ ނިޒާމެއް ޤާއިމުވެފައި އޮތުމަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ނާޒުކުވެއްޓަށް ކުރާ އަސަރު ކުޑަކުރެވޭނެ މުހިއްމު ފިޔަވަޅެއް(.) މިކަން މިގޮތަށް ކުރެވިއްޖެނަމަ ވައި ތަޤައްޔަރުވުން ހުއްޓުވިދާނެކަމެއް(.) ހަމަ އެހެންމެ ޕްލާސްޓިކާއި އެނޫންވެސް ދިގުމުއްދަތެއްގައި ފަނާނުވެ ހުންނަ ތަކެތިން ލިބޭ ގެއްލުން ކުޑަކުރެވިދާނެ ކަމެއް(.)  އެހެންކަމުން ރައްކާތެރި ގޮތުގައި ކުނިނައްތާލާނެ ނިޒާމެއް އޮތުމަކީ ނާޒުކުތިމާވެށި ޙިމާޔަތް ކުރުމަށް އެޅިގެންދާނެ ހަރުދަނާ ފިޔަވަޅެއް(.)
           އަދި ހަމަ އެހެންމެ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ޓަކައި ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދުކުރަން ޖެހޭ(.) އެގޮތުން  ބާޒާރު ކުރުމަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ނުވަތަ ފޮތި ކޮތަޅު ބޭނުން ކުރެވިދާނެ(.) ޕާޓީ ތަކާއި އެހެނިހެން ޙަފްލާ ތަކަކީ ޕްލާސްޓިކަށް ނޫނެކޭ ބުނާނެ މާޙާއުލުތައް ކަމުގައި ހެދުމަކީވެސް އަޅުގަނޑުމެންގެ ނާޒުކު ތިމާވެށި ރައްކާތެރި ކުރުމަށް ކުރެވިދާނެ ވަރަށް އާދައިގެ ނަމަވެސް މުހިންމު ކަންކަން(.) މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރުގައިވާ ފަދައިން ޕްލާސްޓިކަށް ނޫނެކޭ ބުނާ ބަޔަކަށް ވުމަކީ ތިމާވެއްޓަށް ދެވޭނެ ވަރަށް ބޮޑު ފަރުވާއެއް(.)
           ކޮންމެއަކަސް، މިހާރު ތަޢުލީމީ ދާއިރާގައި ފަށާފައިވާ ފަރުކޮއި ޕްރޮގްރާމްފަދަ ޕްރޮގްރާމްތައް ހިންގައިގެން ހޭލުންތެރިކަން އިތުރުކަން މިވަނީ ޖެހިފައި(.) މޫދާއި، ފަރުގެ ބޭނުންކުރާ ފަރާތްތަކުން ތިމާވެއްޓަށް ޚާއްޞަ ސަމާލުކަމެއް ދިނުން މިވަނީ މަޖުބޫރުވެފައި(.) ކަނޑާލެވޭ ކޮންމެ ގަހަކަށް ދެގަސް އިންދުމުގެ ޝިޢާރުތައް މިވަނީ އައުކުރަން ޖެހިފައި(.) ހަމަ އެހެންމެ ޕްލާސްޓިކަށް ނޫނެކޭ ބުނާނެ ދޫތަކަކަށް މިވަނީ ޤައުމު ބޭނުންވެފައި(.) މިރީތި ތިމާވެށި އަންނަން އޮތް ޖީލުތަކަށް ވެސް އަމާނަތްތެރި ކަމާއެކު ފޯރުކޮށްދިނުމަކީ މިޖީލުގެ ޒިންމާއެއް(.) އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންގެ މިނާޒުކުވެށި އަބަދުގެ އަބަދަށް ރައްކާތެރި ކުރެއްވުން(.) ތިމާވެށި ޙިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގައި ބަރަކާތް ލެއްވުން(.) ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ(.)

No comments :

Post a Comment