Thursday, October 22, 2020

އަދަބީބަހުގެ ސިޓީ

 

ޝަޒާ

           އަހަރެން ކަލާޔާ ކައިވެނި ކުރީ ފަހަރެއްގައިވެސް ކަލާ ކުއްޅަވައްފަލު ރަންޏަކަށް ވާނޭ ކަމަކަށް ނޫނެވެ. ނަމަވެސް ކައިވެނި ކުރުމާއެކު ކުރިން އުޅުނު ބިކަހާލު ހަނދާންނެތި ކަލާގެ ހިތް ވަހުތާނެއް ފަދައިން އެނބުރެން ފަށައިފިއެވެ. އަހަރެންނަށް ލިބޭ ހުރިހާ ފައިސާއެއް ޚަރަދުކުރަން ޖެހުނީ ކާލައަށް ރީތި ހެދުމާއި ގަހަނާ ހޯދުމަށެވެ. ކަލާ ބޭނުންވީ ފިނިފެން މަލެއް ފަދައިން އަބަދު ފޮޅިފައި އިންނާށެވެ. ތަރިއެއް ފަދައިން އަބަދު ވިދާ ބެބުޅުމަށެވެ. މިކަމުގެ ސަބަބުން ކަލާގެ ރީތިކަން އިންތިހާއަށް ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ދަގައްފާނަށް ދަގަނޑު ދަމާފަދައިން ފިރިހެނުންތައް ކަލާއާ ދިމާއަށް ލެނބެން ފެށިއެވެ. މިގޭގެ ވަށައިގެން މުގޯލިއަޅަން ފެށިއެވެ. ވާނީވެސް އެހެންތާއެވެ. އިރުހުއްޓާ ހަނދުގެ އަލިކަމެއް ނުފެންނާނެތާއެވެ.

           އެންމެ ފަހުން ކަލާ ރައްޓެހިކުދިންނާ އެކު ބޭރަށް ދާންވެސް ފެށީއެވެ. ކަލާގެ ވަށައިގެން ފިރިހެނުންތައް ދުވަން ފެށީއެވެ. ފެން އޮތްތާކަށް މަސްދާ ފަދައިންނެވެ. އެގޮތަށް ނޫޅުމަށް އަހަރެން ކަލާއަށް އެތައް ފަހަރަކު ނަސޭހަތްތެރިވީމެވެ. އަހިވަކާޖެހި އަހިވައް ފާވާނެތީއެވެ. ގިނައޮޅި ގިރާ ކުރަންޏާ ގިނަ އަޑުއިވޭނެތީވެސް މެއެވެ. އަދި ހަމަ އެހެންމެ ކަނބުރު ގެއަކަށް ވަނިއްޔާ އަޅި ބުރާނެކަން އަހަރެންނަށް އެނގޭތީއެވެ. ނަމަވެސް އަހަރެންގެ ވާހަކަތަކަށް ކަލާ ދިނީ ބީރު ކަންފަތެކެވެ.

           އެންމެފަހުން ކަލާ ބޭނުންވީ އަހަރެންނާ ވަކިވެ މާލުވެރި ޖާހުވެރިއަކާ ގުޅޭށެވެ. އެހެންކަމުން އަހަރެން ކަލާ ދޫކޮށްލީމެވެ. ދުވާމަހެއްގެ ނަގުލުގައި ނުހިފެހެއްޓޭނެތީއެވެ. ހަމަ އެހެންމެ ކަށިޖަހާފައި ދާ ސޫތްޕެއް ހިފެހެއްޓުމުގެ ބޭނުމެއް ނޯންނާނެކަން ވެސް އެނގޭތީއެވެ. ކަލާ ދޫކޮށްލުމަށްފަހު ތިޔަ އުދުއްސާގަތީ އިށީންނާނެ ގަލެއް ނުބަލައެވެ.

           ކަލާގެ ބުރުސޫރަ ވަރަށް ރީއްޗެވެ. ކަލާ ބޭނުންވަނީ ރީތިކަމުގެ ނާޖާއިޒު ފައިދާ ނަގާށެވެ. ކަލާގެ ކަޅު ފަށުއިގަނޑެއް ފަދަ އިސްތަށިގަނޑު ބޭނުންކުރީ ހިލޭ ފިރިހެނުންގެ ފައިފުއްސަކަށެވެ. ޖަމްބުކުލައިގެ ކޯތާފަތް މަރުޙަބާކީ އެފަދަ މީހުންނަށެވެ. ރަތް ލޭކޮޅެއްފަދަ ތުންފަތުގެ ހިނިތުންވުން މަރުޙަބާ ކިޔަމުން ދިޔައީ މުއްސަނދިންނަށްޓަކައެވެ. މަޑުމަޑު ޖެލީކޮޅެއްފަދަ އަތް ދިއްކޮށްލީ ފައިސާއަށްޓަކައެވެ. އަންނާރު އޮއްތަކެއްފަދަ ދަތްތަކުގެ ވިދުން ދައްކަން ބޭނުންވީ ދެއުޅިއެއްނުވާ މީހުންނަށެވެ. ކަލާގެ ފުރިހަމަކަން ސާދަފަނަރައިގެ ހަނދެއްފަދައެވެ. ނަމަވެސް ވިދާހާ އެއްޗަކީ ރަނެއް ނޫންކަން ކަލާ އަހަރެންނަށް ސާބިތުކޮށްދީފިއެވެ.

           އަހަރެންނާ އިނދެގެން އުޅުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ކަލާގެ އުޅުން މާ ރަނގަޅެއް ނޫނެވެ. ވަޅުގައި އޮތް ބޮއް ބޯވަރެއް ނޭނގޭނެ ތާއެވެ. ނަމަވެސް ބިތުފަންގި ނެގީމާ ކެޔޮކޭވަރު އެނގިއްޖެއެވެ. އެއީ ވެހޭތާ ފެންނެގުމެއް ނޫނެވެ. ދަތްހުއްޓާ ކާށި ކެއުމެއްވެސް ނުމެ ނޫންމެއެވެ. އެއީ ޒުވާންކަން ނީލަންކިޔުމެވެ.

           ބަލަ މޮޔަޔާއެވެ. ބެދޭމަޅިއެއް ނުފެންނާނެތާއެވެ. އެމީހުން ކަލާގެ ލޮލުގައި އަނދުން އެޅުވީއެވެ. ޅޮސް އުނދޯއްޔަށް އަރުވައިގެން ހެއްލީއެވެ. ކަލެއަށް އެމީހުން ދިނީ ފެންކައްކާ ބޮލީގެ ޢިއްޒަތެވެ. އެމީހުން ކަލޭ ބޭނުންކުރީ ވަގުތީ އުފަލަށްޓަކައެވެ. އެމީހުން ބޭނުން ފުދުމުން ސައިތައްޓަށް ވެއްޓޭ މެއްސެއް ފަދައިން ނަގާ އެއްލާލީއެވެ.

           މިއަދު ކަލާ ތިވަނީ ކޮށި ދަނޑުގެއްލި ކަތިވަޅި ގެއްލި މަރިޔަނބުވެސް ގެއްލިފައެވެ. އަހަރެންނާ ގުޅުމަށް ކަލާ ތިޔަ އެދެނީ ދުނިޔޭގެ ލަދުން ސަލާމަތްވުމަށެވެ. މިއަދު ކަލާ ކުރާ މަސައްކަތް ވާނީ ފޫނެއްފަޔަށް ފެންފުރުން ފަދަ ކަމަކަށެވެ. މިހާރު މާ ލަސްވެއްޖެއެވެ. ވަގުތު ފާއިތުވެއްޖެއެވެ. ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ހަމަ އެހެންމެ ގެއްލިއްޖެ އަބުރެއްވެސް އަނބުރާ ނުލިބޭނެއޭ ބުނިއަޑު ހަނދާންނެތީހެއްޔެވެ؟ މިހާރު ތިޔަހުރީ ތިމާ އަމިއްލައަށް ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް ހެރިފައެވެ.

           ކަލާ އަހަރެންގެ ރިހޭފައިމައްޗަށް ފޮއި ވައްޓާލާފާ ދިޔައިރުވެސް ނެގިގާގަނޑަށް ބޮލި އާރާނޭކަން ދެނެހުރީމެވެ. ނަމަވެސް މިހާރުދެން ބޮއްކުރާ ދޮށަށް އޮޑި ނުކަނބާށެވެ. އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއްފުޅަށް މަތިން ފުންމާލާނެކަން ދަންނަމެވެ. ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިޔަސް ތެދުނުވާނެކަން އެނގެއެވެ. ހިތިކަދޫވެލެއްގެ ބުޑަށް ފެންކަމުގައި މާމުތް އެޅިޔަސް އެއިން ނުކުންނަ މޭވާ ފޮނި ނުވާނޭކަންވެސް އެނގިއްޖެއެވެ.

           ކަލާޔާ އެކުގައި އެއްވެސް މީހަކަށް އުފާވެރި ޙަޔާތެއް ނޫޅޭވޭނެކަން އަހަރެންނަށް އެނގެއެވެ. ވީ އިރު ތޮށަލިތަކުރާ ޖެހުނު ވިގަނިހެން، ތުނޑުހަސަނާ ޖެހުނު މީދާހެން އަހަރެންނަށް ގޯނާ ނުކުރާށެވެ. މޮޔަހަސަނަށް އަމާފެނިގެން އުޅޭހެން ނޫޅުމަށް ނަޞޭޙަތް ދެމެވެ. ވީމާ، ގިނިދުއްމީހާ ރަތްމަލަށް ބިރުގަންނަ ފަދައިން އަހަރެން ކާލާދެކެ ބިރުގަންނަމެވެ. އެހެންކަމުން މަހާނަމައްޗަށް މަޑިއަށް ނުޖެހޭށެވެ. ކަލާގެ އުޅުން ރަނގަޅުކުރާނަމޭ ކިޔައިގެން ކިތަންމެ ވާހަކައެއް ދެއްކިޔަސް އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. ދަތްއަޅަން ކެރޭ ކުއްތާއެއް ވައްވަކެއް ނުޖަހާނެއެވެ. ހަމަ އެހެންމެ ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެކަން ހަނދާންކުރާށެވެ.

           ކަލާއަކީ މާރަނގަޅު އާއިލާއެއްގެ ކުއްޖެއް ނޫންކަންވެސް އަހަރެންނަށް މިހާރު އެނގިއްޖެއެވެ. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެތާއެވެ. އަދި ކިތަންމެ ވަރަކަށް ދޮންކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެތާއެވެ. އަހަރެން ކަލާ ރަނގަޅުކުރުމަށް މަސައްކަތްކުރި ހިނދު ކަލާގެ މައިންބަފައިންނަށް ގޯސްވީ އަހަރެންނެވެ. ވާނީވެސް އެހެންތާއެވެ. އަބަދުވެސް ތިމާގެ ދަރި ތިމާއަށް ދޮންފުތުވާނެއެވެ.

           ކަލާ ބޭނުންވެގެން އެދުނުހިނދު، އަހަރެންނަށް ކުރި މަލާމާތް ހަނދާން ނެތުނީހެއްޔެވެ؟ އެކަކުންޏެއް ހަރުކޮންނާނީ އެކަކުންޏެއްގެ ވަރުންނޭ ބުނެ އަހަރެން ދެރަކޮށްލީއެވެ. ލަނޑަޔާ ވާނީ ލަނޑަޔާއޭ ބުނެ އަހަރެން ރޮއްވާލީއެވެ. ނަމަވެސް ދުނިޔެ ހިނގާނީ ތޮށަލި ދުޅައަށޭ ބުނާ ބުނުން އަހަރެންގެ ހިތްވަރު އާލާ ކޮށްދިނެވެ. މޫދު ގަލަކަށް މަހެއްވާނޭ ބުނާ ބުނުން އަހަރެންގެ އުއްމީދު އާކޮށްދިނެވެ. އަހަރެން އިންތިޒާރުކުރީ އަޑިގަނޑަކަށްފަހު އުސްގަނޑަކަށެވެ. އެދުވަސް މިހާރު އަތުވެއްޖެއެވެ. އަހަރެންނަށް އިޚްލާޞްތެރި އަނތްބަކު ލިބިއްޖެއެވެ. ވީއިރު، އައްޓަމަހެއް ފަދައިން އަހަރެންގެ ގައިގައި ތަތްކޮށްލަން ނޫޅޭށެވެ.

           މިއަދު ކަލާ މުޅި ދުނިޔެއަށް ބޭޒާރުވެ، ފަޟީޙަތް ވީނަމަވެސް އަހަރެން އަޅައެއް ނުލާނަމެވެ. ތިމާއާ ނުބެހޭ ކަންތަކާ ކާޅުކެޔަސް ސޮއްނުގޮވާށޭ ބުނޭ ނޫންހެއްޔެވެ. ފެތުނު އޮޑީގެ ރިޔަލު ދަށުވިޔަސް ކަލާގެ އަތްދަށު ނުވެ ވޭތޯ ބަލާނަމަވެ. ކަލާ އަންހެނަކަށްވެ ހުރެ އަހަރެންނަށް ދިން ޝަޒާގެ ބަދަލު މިހާރު ތިޔަދަނީ ލިބެމުންނެވެ. މިއަދު ކަލާއަށް ތިޔަ ލިބުނީ ރީތިކަމުގެ އިނާމެވެ. ކަލާ ކުޅަ ފާފައިގެ ޙައްޤުޝަޒާއެވެ.

Tuesday, September 1, 2020

އަދަބީ ބަހުގެ ތަޢާރަފު

 

 

އަދަބީބަސް

1- ހަރުބަސް:

            ހަރުބަހަކީ އޭގައި ފޮރުވިފައިވާ މާނައިން ޢިބުތަރެއް ލިބޭ ބަސްތަކެވެ. މިފަދަ ބަސްތަކުގެ ތެރޭގައި ޢަމުރެއް، ނަހީއެއް ނުވަތަ ނަސޭޙަތަކަށް ފުދޭ ބަސްތައް އެކުލެވެއެވެ.

މިސާލު: ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅަށް ނާރާށެވެ!

 

8- ބޯދާބަސް:

            މުސްކުޅި ބުނުންތަކުގެ ތެރެއިން ހަރުބަހެއް ކަމުގައި ނުހިމެނޭ ކޮންމެ ބަހަކީ ބޯދާބަހެވެ. މިފަދަ ބަސްތަކުން ބޮޑަށް ފެނިގެންދާނީ ދުނިޔޭގެ ކަންހިނގާ މަގެވެ.

މިސާލު: ބެޔަސް ނުބެޔަސް ނަންވާނީ ހައިވަކަރު އޮޑިއެވެ. ގިނިދުށްމީހާ ރަތްމަލަށް ބިރުގަންނާނެއެވެ.

 

6- ވައްބަސް ނުވަތަ ވަގުބަސް:

            ވައްބަސް ނުވަތަ ވަގުބަހަކީ ނުސީދާގޮތަކަށް އެހެން މީހަކާ ދިމާއަށް ބުނެލާ ބަހެކެވެ. އޭގެ މާނަ އެނގޭނީ އެބަހަކުން [ޖަހައިލެވޭ ] މީހަކަށެވެ.

މިސާލު: ތެޔޮނާށި ކާޅުގެންދިޔައީއެވެ. ގޮރުލޯގަނޑަށް ވެއްޓުނީއެވެ.

 

2- މިސާލުބަސް:

            މިސާލުބަހަކީ ހިނގާފައި އޮތް ކަމަކާ އެއްފަދަކޮށް ބުނެފައިވާ ބަސްބަހެވެ.

މިސާލު: ރިހޭފައިމައްޗަށް ފޮއި ވެއްޓުން.

 

3- މިސާލު:

            މިސާލަކީ އެއްޗަކާ އެއްފަދަ ކުރުމުގެ ގޮތުން ބޭނުންކުރެވޭ ބަސްބަހެވެ.

މިސާލު: އަހިފަތެއްހައި ލުއި،  ކުރަފަތެއްހައި ތޫނު،

 

5- މަޖާޒީ މިސާލު:

            މިއީ މަޖާޒީގޮތުން މީހެއް ނުވަތަ އެއްޗެއް ކޮންމެވެސް އެއްޗަކާ އެއްފަދަ ކުރުމަށް ބޭނުން ކުރެވޭ ބަސްބަހެވެ. މިއީ ދިވެހި ލިޔުންތަކުން ވަރަށް ގިނައިން ފެންނަ ބާވަތެކެވެ.

މިސާލު: އުތީމު [ ތިންބަދަވިން]  ދިވެހި އަދަބުގެ [ ފަތިހުގެ ތަރި] މިޒަމާނުގެ [ރިހިދޫ]

 

 

4- މަޖާޒު:

            މިއީ ބަސް ބުނުމުން ދޭހަވާ މާނަ ނޫން އެހެން މާނައެއް ދޭހަވާ ބަސްބަހެވެ.

މިސާލު: އަހަރެންގެ އަތުގައި ރޭޑިޔޯއެއް އެބަހުއްޓެވެ. އަބަދާ އަބަދު އަނގަ ތަޅާކަށް ނުވާނެއެވެ.

 

7- ފުންބަސް ނުވަތަ ފަށުވިޢިބާރާތް:

            މިއީ ލިޔެ ކިޔުމުގެ ތެރޭގައި ބޭނުންކުރާ އަދަބީ ބަސްބަސް ފުންކޮށް ނުވަތަ ފަށުވިޢިބާރާތުގެ ގޮތުގައި ބޭނުން ކުރުމަށް ކިޔޭ ނަމެކެވެ.

މިސާލު: އޭނާ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކޮށްފިއެވެ.

އަދަބީ ބަހުގެ ސިޓީ

 

 އަދަބީގެ

ޑ.އަދަބީފުށި

 

                  ލޯބިވާދަރިފުޅަށް  
                 ހެޔޮދުއާ ސަލާމެވެ.                        
           ދަރިފުޅާއެވެ! ދަރިފުޅުގެ ހާލު ކިހިނެއްހެއްޔެވެ؟ މަންމަގެ ހާލު ރަނގަޅެވެ. ހަމަ އެފަދައިން ދަރިފުޅުގެ ހާލު ރަނގަޅުވާނޭ ކަމަށް ހީކޮށް އުފާކުރަމެވެ.                                    

            ދަރިފުޅާއެވެ! އަބަދުވެސް މަންމަގެ ހެޔޮ ދުއާތައް ވަނީ ދަރިފުޅާއެކުގައެވެ. މަންމަގެ ނަސޭހަތް އަޑުއަހާށެވެ. ދަރިފުޅަކީ މަންމަގެ ހުރި ހަމައެކަނި ދަރިއެވެ. މަންމަ ލޮލުގެ ކޮއި ފަދައިން ބަލަމުންއައި މަންމަގެ ލޯބިވާ ދަރިފުޅެވެ. މިކަމަށް އާއިލާގެ  އެންމެންވެސް ހެކިވާނެއެވެ. އެންމެން އެކަންޏެއްނޫނެވެ، އަވަށްޓެރިންވެސް ހެކިވާނެއެވެ. ޚުދު ދަރިފުޅަށްވެސް އެކަން އިހުސާސްކުރެވޭނެކަން ކަށަވަރެވެ. ރަށުގެ އެންމެންގެ ރުހުން ދަރިފުޅަށް ލިބިފައިވުމަކީ އޭގެ ނަތީޖާއެވެ. ޚުލްޤު ހެޔޮ ދަރިއެއްގެ ގޮތުގައި ދަރިފުޅު ހުނިޖަހާލެވެނީ އެހެންވެގެންނެވެ. އަދި މަންމަ އެންމެ ފަޚްރުވެރިވަނީ މުޅި މިރަށުގައި އަތްފުނާ އެޅިއަސް ތިއަ ފަދަ އަޚްލާގީ ދަރިއަކު މިފަސްގަނޑުން ނުފެންނާނެތީއެވެ.     

 

    

                  ދަރިފުޅާއެވެ! ދަރިފުޅަށް ދެވިފައި ތިއަހުރީ ތަފާތު މިޒާޖުގެ ތަފާތު ކަންކަމަށް ލޯބިކުރާ ބަޔަކު އުޅޭ މުޖުތަމައަކަށެވެ. އެގޮތުން ދަރިފުޅު ތިއަހުންނަގޭ މުރުތަޟާއަކީވެސް އެހާ ރަނގަޅުކުއްޖެއް ނޫނެވެ. އޭނާގެ މައިންބަފައިންވެސް ހަމަ އެގޮތެވެ. އަލަގަހަކުން ކެޔޮނިރެއް ފަޅާނެހެއްޔެވެ؟ ދަރިފުޅާއެވެ. މަންމަ އެންމެ ދެރަވެ ކަންބޮޑުވަނީ އަހިވަކަކާއިޖެހި އަހިވަކެއް ފާވާ އުޞޫލުން ދަރިފުޅަށްވެސް މުރުތަޟާގެ އަސަރުކޮށްފާނެތީއެވެ. އެހެންވިއަ ނުދޭށެވެ. އިހަށް ނުވިރައްކަލެއް ފަހަކުން ނުވެވޭނެއެވެ. މަންމަ، ދަރިފުޅު ތިއަގެއަށް ފޮނުވީ ފޮނުވާހިތަކުންނޫނެވެ. ކުޑަގަހަކަށްވުރެ ބޮޑުގަހެއްގެ ހިޔާ ބޮޑުވާނެތީއެވެ. ލަނޑަޔާ ވާނީ ލަނޑަޔާކަން މަންމަ ހަނދާންނެތީކީ ނޫނެވެ. ދަރިފުޅަށް ތިޔަބައި މީހުންނާއެކު އުޅެން އުނދަނގޫވާނެ އެތައް ކަމެއް ހުންނާނެކަން މަންމަ ޤަބޫލުކުރަމެވެ. އެކަމަކު، ނަމަނަމަ  ތިއަގޭ މީހުން ޖަހާހާ ބެރަކަށް ދަރިފުޅު ނުނަށާ ވޭތޯ ބަލާށެވެ. ގިނަވަގުތު ގެއިން ބޭރުގައި އުޅުމަށް އާދަ ނުކުރާށެވެ. ބެދޭ މަޅިއެއް ނުފެންނަނެއެވެ. ރަހުމަތްތެރިންނާއެކު އެކުދިންގޭގެއަށްގޮސް އުޅުން އާދަނުކުރާށެވެ. ކަނބުރުގެއަކަށް ވަދެވިއްޖެއްޔާ އަޅިބުރާނެއެވެ.  ގިނަ އޮޅި ގިރާކުރަންޏާ ގިނަ އަޑު އިވޭނެއެވެ.

 

                  ދަރިފުޅާއެވެ! ޖެހޭވަޔަށް ނުބަލާ، ހުރިއޮޔާ ދެކޮޅަށް އޮޑި ދީލަންޖެހޭ ފަހަރުވެސް އަންނާނެއެވެ. އެފަދަ ހާލަތުގައިވެސް، ގިރިއަކަށް ފަރަކަށް އަރުވާނުލާ އަމާންކަމާއެކު މަންޒިލަށް އޮޑި ވާސިލްކުރެވޭނީ ހުޝިޔާރު ނެއްވަކަށެވެ. ދަރިފުޅުވެސް އެފަދަ ނެއްވަކަށް ވެވެތޯ މަރުފަލިޖަހާށެވެ. ތިއަހެން އުޅޭއިރު ދުނިޔޭގެ ދަޅަތަކަށް ދަރިފުޅު ހައްލުވާލަން މަސައްކަތްކުރާނެ މީހުން އުޅޭނެއެވެ. ނަމަނަމަ ފެތުނު އޮޑިއެއްގެ ރިޔަލު ދަށުވިއަސް އެއިން މީހެއްގެ އަތްދަށު ނުވާށެވެ.  ހޭލާ ހުންނާށެވެ. ހަކުރުދޭ ކޮންމެ މީހަކީ ބޮޑުބޭބެއެއްކަމުގައި ނަމަނަމަ ނުހިތާށެވެ. ދަރިފުޅަކީ އެމީހުން ޖަހާހާ މަޅިއެއްގައި ބެދި ދައްކާހާ މަގަކުން ހިނގާ، ކުރާހާ ކަމަކަށް ފާޑުކިޔާ ކުއްޖެއްކަމުގައި ވެގެންނުވާނެއެވެ. ތިމާއާއި ނުބެހޭކަންކަމުގައި ކާޅުކެޔަސް ސޮއްނުގޮވާށެވެ. ދަލުބޭރުން ނުޖެހޭށެވެ. އަދި ފުރިފައިހުރިއެއްޗެއް ގުޑުގުޑު ނާޅާނެކަން އެފަދަ މީހުންނަށް ދަރިފުޅު ސާބިތުކޮށްދޭށެވެ. ނަމަނަމަ ސައިޠާނުންގެ ވަސްވާހަށް ނުހެއްލޭށެވެ. ހެއްލުމަކީ ގެއްލުމެކެވެ. އުޅޭން ނޭނގުނު މީހަކަށް މިޔާންވެސް ނޭނގޭނެއެވެ.   

 

 

 

 

 

                    ދަރިފުޅާއެވެ! ތިއައީ މަންމަގެ ލޮލުގެ ކޮއެވެ. ފަސްމީރު ކުރިރުކެކެވެ. ޞާލިހު އަޅެއްގެގޮތުގައި ހަޔާތުގެ ދުވަސްތައް ހޭދަކުރާށެވެ. ދަރިފުޅު މާލެފޮނުވީ ކިޔަވާ މޮޅުކުއްޖަކަށް ހެދުމުގެ ހެޔޮ ނިޔަތުގައެވެ. އަހަރެމެންކަހަލަ ނިކަމެއްޗަކަށް ތިއަފަދަ ފުރުޞަތެއްވެސް ލިބޭނީ ހާހަކުން  ފަހަރަކުއެވެ. ދަތުރު ފެންނާނީ ފުރީމާކަން މަންމަ އަބަދުވެސް ދަރިފުޅަށް ހަނދާންކޮށްދެމު ނޫންހެއްޔެވެ؟ ހިތްވަރުކޮށް، ލިބުނު ފުރުޞަތުގެ ބޭނުންހިފާށެވެ. ފެން ނެގޭނީ ވެހޭއިރުއެވެ. ގެއްލިއްޖެވަގުތަކީ އަނބުރާލިބޭނެއެއްޗެއް ނޫނެވެ. އެހެންކަމުން، މަންމައާއި ވަކިން ދުރުގައި ތިހެންހުރެ ފޫނެއް ފަޔަށް ފެންފުރުމަކުން  ކުރާނެ ފައިދާއެއް ނޯންނާނެކަން ހަނދާން ކުރާށެވެ. އެއްގައުމުން ކިޔަވަމުން އަނެއް ގައުމުން ހިތް އުފާކުރަމުން ބަޔަކު ދިޔަޔަސް އަހަރެމެންނަށް އެކަމެއް ވާކަށް ނެތެވެ. ވާނެނަމަ، މެކުނާ އެއްވަރަށް ގާހަކައަށް ވެސް ފުމެވުނީހެވެ. ކަކުނިވެސް ހަރުކޮންނަން އުޅުނީހީ އެކަކުންޏަށް ވާވަރަށްވުރެ ބޮޑުކޮށެވެ.

           ދަރިފުޅާއެވެ! އެއްވެސް އެއްޗަކަށް ނުވަތަ ކަމަކަށް ބޭނުންވިއަސް ނުބުނެ ނުހުންނާށެވެ. ގުޅާފައި ނަމަވެސް ބުނާށެވެ. ލަދަކާހުރެ ތަދެއް ނުފިލާނެއެވެ. ނުރޯދަރިއަކަށް ކިރު ލިބޭނީވެސް މަދުފަހަރަކުއެވެ. ދަރިފުޅުކަމަކު ބޭނުންވެފައި ހުއްޓަސް  މަންމައަކަށް ދަރިފުޅު ނުބުނަންޏަކާ ނޭނގޭނެއެވެ. ދަރިފުޅާއެވެ! އަދި ބުނަންހެއްޔެވެ. މިވާހަކަ މިހެން ބުނުމުން މަންމައަށް ގުޅާނީ ހަމައެކަނި އެއްޗެއް ނުވަތަ ކަމެއް ބޭނުންވީމައެއް ނޫނެވެ. ފެންކަންކާ ބޮލީގެ އިއްޒަތް މަންމަ ބޭނުމެއްނޫނެވެ.    

 

           ދަރިފުޅާއެވެ! މަގޭ ހެޔޮ ދަރިފުޅާއެވެ! ހަޤީޤަތުގައި މަންމަ މި ސިޓީ މި ލިޔުނީ ވަރަށް އެހެންކަހަލަ ވާހަކައެއް މިރަށުގައި ދަރިފުޅޭ ކިޔައިގެން ދައްކާއަޑު އިވުމުން، އެކަން ޤަބޫލުކުރަން ދަތިވާތީ އެއީ  ކިހާވަރެއްގެ ހަޤީޤަތެއް ހުރި ވާހަކައެއްތޯ ސާފުކޮށްލާށެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ދަރިފުޅު ހީނުކުރާށެވެ. ދަރިފުޅާއެވެ. ދަރިފުޅުވެސް ގޯސްކަމެއް ކޮށްފިނަމަ މަންމައަށް ގޯސްވާނެއެވެ. ޖަނަވަރީގޭ ހައްވަދައިތަ ހަވަރުފެންފޮޅިއަޅަމުން އެދުވަނީ ހަޤީޤަތެއްހުރި  ވާހަކައެއް ހިފައިގެން ހެއްޔެވެ؟ އެއް އަތް ތެޅިއަސް އަޑު ނުކިޔާނެކަން އެނގޭތީ މަންމަ އެއްޗެއް ނުބުނީއެވެ. ހައްވަދައިތަގެ ވާހަކާގައި، ދަރިފުޅު ހޮޅިދަނޑި ގުދުކުރަމުން ދުވަނިއްޔޯލައެވެ. ހަނދުވަރު ކުރަތްޕެއްހެން ގޭގޭ ދޮށުގައި މުގޯލިއަޅަމުން ދުވަނިއްޔޯލައެވެ. ބޮޑުމަސްތިލަކުރަނިއްޔޯލައެވެ. އެއީ ތެދެއްހެއްޔެވެ؟ ތެދެއްނަމަ އެކަން ހުއްޓާށެވެ. ކަންވެ ނަންނުވިޔަސް ކަންނުވެ ނަންނުވާށެވެ. ދަރިފުޅު އަދި ބޮޑެއް ނުވެއެވެ. މިރިނުވެ ގޮބޮޅި ކާށި ނުވާށެވެ. ފަހުންވެސް ތިކަން ކުރެވިދާނެއެވެ. އިންނާނެ މީހުން ފަހުންވެސް ވާނެއެވެ. މޫދުގައިވާ ކޮންމެ ގަލަކަށް މަހެއްވާނެއެވެ. އެހެންނަމަވެސް ކިޔެވުމަށް ތިއަކަހަލަ ދެވަނަ ފުރުޞަތެއް ލިބުމަކީ އަހަރެމެންކަހަލަ ބައަކަށް ކަނޑުން މާވަހަރެއް ލިބުންހާ ތަދު ކަމެކެވެ.

 

 

           ދަރިފުޅާއެވެ! މަންމަ މިކިޔާހާ ލަވައެއް ފަރިއްސަށް ނުހަދާށެވެ. މަންމައަށް މިހުރެވެނީ ބަސްވިކޭ އޮޑިއެއްގެ ދިރުނބާކޮޅުގައިކަމަށް، މަންމަ ހީކުރަމެވެ. މަންމަ މިވާހަކަ މިއަހާލީ އެދައްކާ ވާހަކަތައް ގަބޫލުކުރެވޭތިއެއް ނޫނެވެ. މަންމަގެ ދަރިފުޅު އެކަހަލަ ކަމެއް ނުކުރާނެކަންވެސް މަންމައަށް އެގެއެވެ. ދަރިފުޅު ދޮންފުތުކުރަނީކީއެއް ނޫނެވެ. އެއަށްވުރެ ދަރިފުޅަށް އިތުބާރު ކުރެވެއެވެ. އެހެންނަމަވެސް އެކަން އަހާ ސާފުކުރުމަކީ މައެއްގެ ވާޖިބަކަށްވާތީ އަހާލީއެވެ. އިހަށް ދޮންވި ފަތެއް އިހަށް ވެއްޓޭނެއެވެ. ފަތުގެ ތާޒާކަން ހުއްޓާ ފަތުގެ ބޭނުން ހިފާށެވެ. އަބަދުވެސް މަންމަގެ ހެޔޮބަސް އަހާށެވެ. ބަސްއަހައިގެން ކިޔަވާށެވެ. އެއްކޮޅަށް ދެމިޔަސް ވާނެއް ނުވަނެކަން ހަނދާންކުރާށެވެ. އެކަނި އެއްދަރުގަނޑެއް ނާނދާނެއެވެ. މަންމައަށް ޖަވާބު ފޮނުވާނެކަމުގެ އުންމީދުގައި ވަކިވެލަމެވެ. ގޭ އެންމެނަށް މަންމަގެ ސަލާމް ބުނެދޭށެވެ.    

                                                  

            އަބަދުވެސް ހެޔޮދުއާ ސަލާމް!

           

                                                                         ދަރިފުޅުދެކެ ލޯބިވާ މަންމަ...    

   

އަދަބީ ބަސް

                            ބައެއް އަދަބީ ބަހާއި، އެބަސްތަކުގެ މާނަ

1

އަޑިގަނޑަކަށް ފަހު އުސް ގަނޑެއް އަންނާނެއެވެ.

އުފަލަކަށް ފަހު ހިތާމައެއް އަންނާނެއެވެ.

2

ވެހޭތާ ފެންނެގުން

އެކަމެއް ކުރެވެން އޮންނަ ވަގުތުގައި އެކަމެއް ކުރުން

3

އިށީންނާނެ ގަލެއް ނުބަލައި އުދުއްސައި ގަތުން

ލިބިފައިވާ ކަމަކަށް ވުރެ ރަގަނޅުކަމެއް ލިބުމުގެ ކުރިން އެކަމެއް ދޫކޮށްލުން

4

ހަރު ކޮންނާނީ އެކަކުންޏެއްގެ ވަރުންނެވެ.

ކަމެއް ކުރަންވާނީ ތިމާގެ ފެންވަރުންނެވެ.

5

ފޫނެއް ފަޔަށް ފެން ނުފުރާށެވެ.

ފައިދާއެއް ނެތް ކަންތައްތައް ނުކުރާށެވެ.

6

އަހިވަކާޖެހި އަހިވަކެއް ފާވާނެއެވެ.

ގޯސް މީހުންނާއެކު އުޅެންޏާ ގޯސްވާނެއެވެ.

7

ފެންކައްކާ ބޮލީގެ އިއްޒަތް

ބޭނުންޖެހޭ ވަގުތު އެއްޗެއްގެ ބޭނުންކޮށްފައި އެއްލައިލުން

8

ހުދު ބޯކިރުފޮދެއް ކަހަލަ ދަތްތަކެއް

އެއްޗެއްގެ ހުރި ރީތިކަން ދެއްކުން

9

ބިސްމަޅި ދުއްވުން

މީހަކަށް ނުވަތަ ކަމަކަށް ފާރަލުން

10

ތިމާގެ ދަރި ތިމާއަށް ދޮންފުތު ވާނެއެވެ.

ތިމާގެ ދަރިފުޅު އަބަދުވެސް ތިމާއަށް ރަނގަޅުވާނެއެވެ.

11

ހިޔަންޏަށް މުޑިނެގުން

ހަޤީޤަތެއް ނެތް ކަންތައްތައް ކުރަން އުޅުން

12

ރައްކާވެ ތިބިއްޔާ ދަތުރެވެ.

ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވެ ތިބުން

13

ހަކުރު ދެންޏާ ބޮޑުބޭބެ އެވެ.

ތިމާއަށް އެއްޗެހި ދޭ މީހަކީ ތިމާގެ ގާތް މީހާއެވެ.

14

ގެއްލިއްޖެ އަބުރެއް އަނބުރާ ނުލިބޭނެއެވެ.

ތިމާއަށް ކުރެވޭ ގޯސްކަމެއްގެ ސަބަބުން ތިމާ ބަދުނާމު ވެއްޖެނަމަ ފަހުން އިސްލާހުވިއަސް ތިމާއަކީ ރަނގަޅު މީހެއްގެ ގޮތުގައެއް ނުދެކޭނެއެވެ.

15

ފޭހުން އިލޮށިގަނޑު ހެރޭނީ ފޭހުނު މީހާގެ ލޮލަށެވެ.

އެހެންމީހަކަށް ކެއްސެއްދޭން ތިމާކުރާ ނުބައި ކަމެއްގެ ކެހި ލިބޭނީ ހަމަ ތިމާއަށެވެ.

16

ކަނބުރު ގެޔަކަށް ވަނިއްޔާ އަޅި ބުރާނެއެވެ.

ނުބައި ކަމެއް ކުރާ ބަޔަކާ އެއްކޮށް އުޅޭނަމަ ތިމާ އެފަދަކަމެއް ނުކުރިނަމަވެސް އަޑުއަރާނެއެވެ.

17

ދަލުބޭރުން ޖެހުން

ނުބެހޭކަންތައްތަކާ ބެހިއުޅުން

18

މިރިނުވެ ގޮބޮޅި ކާށިވުން

އަމިއްލައަށް ބޮޑުވެގެން އުޅުން

19

ގިނި ދުންމީހާ ރަތްމަލަށް ބިރުގަންނާނެއެވެ.

ކަމަކާ ބިރުގަންފިމީހާ އެކަހަލަ ދެވަނަކަމެއް ފެނުމުންވެސް ބިރުގަންނާނެއެވެ.

20

ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއެވެ.

ތިމާ ހިތްއެދޭމީހާގެ ކިބައިގައި ނުރަނަގަޅު ކަމެއްހުރި ކަމުގައިވިޔަސް އެކަންފާހަގައެއް ނުކުރެވޭނެއެވެ.

21

ކުށްޅަވަށްފަލު ރަނިންހެދުން

ތިމާގެ ފެންވަރު ހަނދާންނައަތާލުން

22

ހަނދެއްފަދަ މޫނު

އެންމެ ފުރިހަމަ

24

އަހިފަތެއްހާ ލުއި

ވަރަށް ލުއި

25

ނެގިގާގަނޑަށް ބޮލިއެރުން

ވަރިކުރިމީހާއާ ދެވަނަ ފަހަރަށް އިނުން

26

އުތީމު ތިންބަދަވިން

ބާރުގަދަކަމާއި ކުޅަދާނަކަން، ބަދަވިންނާއި އެއްފަދަކުރުން

27

ތެޔޮނާށި ކާޅު ޖަހައިގަތުން

ހިތާވެގެންއުޅޭ އަންހެންކުއްޖާ އެހެންމީހަކާއިނުން

28

އަތިރިމަތީގައި ހޭލަމޭލައަށް އުޅުން

ކޮޅުކޮޅަށް ހަރަކާތްތެރިވުން(މަސައްކަތުގައި އަވަދިނެތިއުޅުން)

29

ވާވަނުން

ވާނުވާ ނޭގުން

30

ހުން އަންނާނެކަމަށް ރަޖާލުން

ކަމެއްދިމާވުމުގެ ކުރިން އެކަމާ ކުރިމަތިލުން

31

ނަވަށް ކުރާބާރު އެނގޭނީ ކެނބަށެވެ.

ކަމެއްގައިހުރި ބުރަކަން އެނގޭނީ އެކަމެއްކުރާ މީހާއަށެވެ.

32

ކުކުޅަށްވުރެ ބިސްދޮށީ ނުވާށެވެ.

ތިމާއަށްވުރެ ބޮޑެތިމީހުންގެ މައްޗަށްބަސްނުބުނާށެވެ.

33

ކާންދޭ އަތުގައި ދަތްނާޅާށެވެ.

ތިމާއަށް އެއްޗެހިދޭ މީހާއަށް ގެއްލުން ނުދޭށެވެ.

34

ބޮއްކުރާދޮށަށް އޮޑިއެއް ނުކަނބާނެއެވެ.

އަންހެން ކުދިން ފިރިހެން ކުދިން ފަހަތަކުން ނުދާނެއެވެ.

35

އަޑެއް ކިއްޔާ ރެދެއް ލާނެއެވެ.

ވާހަކައެއް ދެކެވޭނަމަ އޭގައި ހަޤީޤަތެއް ވާނެއެވެ.

36

ނުރޯދަރިއަކަށް ކިރެއް ނުލިބޭނެއެވެ.

ކަމެއް ކުރަން ނޫޅޭނަމަ އެކަމެއް ނުވާނެއެވެ.

37

ކީހާ ޅެން ވީ ފަރިއްސަށެވެ.

ކުރި ހުރިހާ ކަމެއް ތާކުން ތާކު ނުޖެހުން

38

ވަޅި ރީތީ ތޫނިއްޔާއެވެ.

އެއްޗެއް ރަނގަޅުވާނީ އޭގެ ބޭނުން ރަނގަޅަށް ކުރެއްވެންޏާއެވެ.

39

އަނބި ރީތީ ހެވިއްޔާއެވެ.

ބަލާލަން ހުތުރަސް ފިރިމީހާއަށް ކޮށްދޭންޖެހޭ ހުރިހާކަމެއް ރަނގަޅަށް ކޮށްދިނުމެވެ.

40

އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއެވެ.

ގޯސް އެއްޗަކުން ރަގަނޅު އެއްޗެއް ނުނިކުންނާނެއެވެ.

41

ދުނިޔެ ހިނގާނީ ތޮށަލި ދުޅަޔަށެވެ.

ދަތި ކަންކަމާއި ފަސޭހަކަންކަން ދިމާވުމެވެ.

42

ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެއެވެ.

މަޑުން ތިބޭ މީހުން ކުރާ ކަންތައްތައް މާ ނުރައްކާވާނެއެވެ.

43

ވަޑިން ގެޔަކު ދޮރެއް ނުހުންނާނެއެވެ.

އެމީހަކު ކުރާ މަސައްކަތަކާ ގުޅޭ ކަންތައްތައް އެގެއެއްގައި ފުރިހަމައެއް ނުވާނެއެވެ.

44

ނުބީހެންޏާ ކަނޑާ ހަމައެވެ.

ނުބައި ކަމެއް ކުރިއަސް ފަޅާނާރާ ނަމަ ރަގަނޅުވާނެއެވެ.

45

މެކުނު ފުމުނަކަސް ގާހަކަޔަކަށް ނުފުމެވޭނެއެވެ.

މުއްސަދިން އުޅޭ ގޮތަކަށް ފަގީރުންނަކަށް ނޫޅެވޭނެއެވެ.

46

ބޭރުންދާ އޮޑިޔަކަށް ނިވަލެއް ނޯންނާނެއެވެ.

ތިމާ ބޭނުންވާ ކަމެއް ކުރެވޭނީ އެކަމެއްގެ ވާހަކަ ބުނެގެންނެވެ.

47

ވަގަކަށް ހާސް ދުވަސް ވެރިޔަކަށް އެއްދުވަސް

ކަމެއް ފާޅާއަރާނީ އެކަމެއް ކުރާތާ ގިނަދުވަސްތަކެއް ވާ ފަހުންނެވެ.

48

ނުފިރުކެވެނީސް ދުވަން ނޫޅޭށެވެ.

އެމީހަކަށް ކުރަން ނޭނގޭ ކަންތައްތައް ކުރަން ނޫޅޭށެވެ.

49

ފޮތެއް އޮތަކަސް އެދުރެއް ނުވާނެއެވެ.

ތިމާ އަތުގައި ކިތަންމެ ވަޞީލަތެއް ހުރި ކަމުގައި ވިޔަސް އެއެއްޗެހީގެ ބޭނުން ކުރަން ނޭނގޭ ނަމަ ތިމާއަކީ މޮޅުމީހަކަށް ނުވާނެއެވެ.

50

ކުކުޅު ފައިދަށުވެ ފިޔޮއް މަރެއް ނުވާނެއެވެ.

ކަމެއް ރަގަނޅަށް ދަންނަ މީހަކު އަތުން އެކަމެއް ގޯހެއް ނުވާނެއެވެ.

51

އަޑުގަދަމީހާގެ ރުއް ގިނަވާނެއެވެ.

ކަންކަމާ އަޑުހަރުކޮށް ކެރިގެން ވާހަކަދައްކާ މީހުން ބުނާގޮތަށް ގިނަފަހަރު ކަންތައްތައް ނިމޭނެވެ.

52

ނުފޯރާ ފޮތިން ފޫނުގަޅާށެވެ.

ތިމާއަށް ލިބޭ މިންވަރަށް ވުރެ ބޮޑަށް ހަރަދު ނުކުރާށެވެ.

53

ދޭމީހާ ދިނަސް ކާމީހާ ކާންވާނީ ބަލައިގެންެނެވެ.

އެހީވެދޭނެ މީހަކު ހުރިކަމުގައިވެސް އެމީހާގެ ކިބައިން އަބަދު އެހީއަށް ނޭދޭށެވެ.

54

ތިމާޔާ ނުބެހޭ ކަންކަމާ ކާޅުކެޔަސް ސޮއްނުގޮވާށެވެ.

ނުބެހޭ ކަންތައްތަކާ ނުބެހޭށެވެ.

55

އެމީހެއްގެ ރޮނޑަކުން ހަންދަމާނީ އެމީހަކު ދަމާނެ ކޮޅަކަށެވެ.

އެމީހެއްގެ ކަމެއް ކުރާނީ އެމީހަކު އެދޭ ގޮތަކަށެވެ.

56

އަސްވިއްކިޔަސް ލަގަން ނުވިއްކާށެވެ.

އަގުހުރި ބޭނުންތެރި ތަކެތި ދޫކޮށްނުލާށެވެ.

57

ބެދޭ މަޅިއެއް ނުފެންނާނެއެވެ.

އެމީހަކަށް ކުރެވޭ ގޯސް ކަންތައްތަކެއް އެމީހަކަށް ނުފެންނާނެއެވެ.

58

ކަލާސީނަކަށް ނަވެއް ބަލެއް ނުވާނެއެވެ.

ގޮތެއް ހުހެއްނުވާނެއެވެ.

59

މަސްދުވާނީ ފެން އޮތްތާގައެވެ.

ފައިސާވެރި،ތަނަވަސް މީހުންގާތަށްދާ މީހުން ގިނަ ވާނެއެވެ.

60

ވަޅެއް ނުތެޅޭނޭ ތެޅޭނީ ދާންޏެވެ.

ވެރިޔަކަށް ދެރަގޮތެއް ނުހެދޭނެވެ. އަބަދުވެސް ބަދުނާމާއި ގެއްލުން ލިބޭނީ ދަށުން މަސައްކަތް ކުރާ މީހުންނަށެވެ.

61

މީހުން މީހުންނަށް ވާނީ މީހުންނަށް ހެދީމައެވެ.

ކަންކަން ކާމިޔާބު ވާނީ އެހެންމީހުންގެ އެހީތެރިކަމާއެކުގައެވެ

62

ދިޔަވަރު ނުބަލާ އޮޑި ބޭލުން.

އިރުވައި ނުބަލައި ކަންތައްކުރުން.

63

އެއްއުރައެއްގައި ދެ ކަނޑިއަކަށް ނުއޮވެވޭނެއެވެ.

ހަމަހަމަ އެމަޤާމެއްގައި އެއްތަނެއްގައި ދެމީހަކަށް ހަމަޖެހިގެން ނޫޅެވޭނެވެ.

64

ރާވެރިއްގެ ދަރިޔަކަށްވެސް ހަތަރެތިން އެކެތި އޮވެއެވެ.

ކިތަންމެ ދެރަ މީހަކަށްވެސް ގޮތެއް އޮންނާނެއެވެ.

65

އެއްތުނޑި ވޮޑެންޏާ އެނެއްތުނޑި ގިރާނެވެ.

އެއްބަޔަކު މަތީ ފެންވަރަށް ދާއިރު އެނެއްބަޔަކު ނުވާހިކު ދެރަވެ ދަށު ދަރަޖާގައި ތިބޭނެވެ.

 

66

ބެޔަސް ނުބެޔަސް ނަންވާނީ ހައިވަކަރު އޮޑިއަށެވެ.

ނަންވާނީ މަޝްހޫރު މީހުންނެވެ. ( ނުރަނގަޅު ގޮތުގައި މަޝްހޫރުވެފައިވާ މީހަކުނަމަ އޭނާ ނުކުރާ ކަންކަމުގެ ބަދުނާމުވެސް ބޮލުގައި އެޅޭނެވެ. ހަމަ އެފަދައިން ރަނގަޅު ގޮތުގައި މަޝްހޫރުވެފައިވާ މީހުން ދަށްފެންވަރުގެ ކަންކަންކުރިޔަަސް ތަޢުރީފު ކުރާނެވެ.

67

އުނދުޅިޔަށްވުރެ ދަނޑި ދިގު ނުވާނެވެ.

އެމީހަކާއި އެކަށީގެންވާ ކަންތައްތަކަށްވުރެ އިތުރަށް ކަންކަމާ ނުބެހޭށެވެ.

68

އަތެއް އޮތަކަސް ބަތެއް ނުކެވޭނެއެވެ.

ކަމެއް ކުރަން ކިތަންމެ މޮޅަށް އެނގުނަސް އެކަމެއް ކުރެވޭނީ އެކަމެއް ކުރެވޭނެ ވަސީލަތްތައް ލިބިގެންނެވެ.

69

ހިނިއަރާވެސް ފަރުފަދަ ކަނޑައެވެ.

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކިތަންމެ ބޮޑުކަމެއްވެސް ކާމިޔާބު ވާނެއެވެ. ( ކުރާކަމެއްގެ އަސަރު ފެންނާނީގިނަދުވަހުންނެވެ. )

70

ލައްގާނީ ލައްގާ ހުރަޔަށެވެ.

އަބަދުވެސް ލިބޭނީ ލިބޭ މީހާ އަށެވެ.

71

ބަސްނުވިކޭ އޮޑީގެ ދިރުނބާ ކޮޅަށް ނާރާށެވެ.

ތިމާގެ އަމުރު ނުހިނގާ ގޮަތަށް ކަންކަމާ ހަވާލު ނުވާށެވެ.

72

ލަދަކާހުރެ ތަދެއް ނުފިލާނެއެވެ.

ކަމެއް ކާމިޔާބުވާނީ އެކަމަކާއި ކުރިމަތި ލައިގެންނެވެ.

73

ލަނޑަޔާވާނީ ލަނޑަޔާއެވެ.

އެމީހަކާއި ގުޅޭނީ އެމީހެއްގެ މިޒާޖާއި ގުޅޭ މީހެކެވެ.

74

ކަންވެ ނަންނުވިޔަސް ކަންނުވެ ނަންނުވާށެވެ.

ކުރިކަމެއްގެ ނަންނުލިބުނަސް ނުކުރާ ކަމަކާއި މަތިނުވާށެވެ.

75

އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ.

ކަމަކަށް ފުރަތަމަ ނުވިސްނާ އެކަމާއި ކުރިމަތިލައިފިނަމަ އެކަމަކުން ސަލާމަތްވުން އުދަނގޫވާނެއެވެ.

76

މޫދު ގަލަކަށް މަހެއްވެއެވެ.

ކޮންމެ މީހަކަށްވެސް މީހަކުވާނެއެވެ.

77

ކަނޑަށްއަޅާ އެއްޗެހީގެވެސް ހިސާބު ބަލައެވެ.

ކުރާ ކޮންމެކަމަކަށްވެސް ޚަރަދުވާ މިންވަރު ބަލާށެވެ.

78

މީހުން އެނގޭނީ އެއްއޮޑިން ދަތުރުކޮށްލީމައެވެ.

މީހެއްގެ ޙަޤީޤަތް އެނގޭނީ އެމީހަކާއި އެކުގައި އުޅެލީމައެވެ.

79

ރިހޭފައިމައްޗަށް ފޮއި ވެއްޓުން

ހިތާމައެއްގައި ވަނިކޮށް އިތުރު ހިތާމައެއް ކުރިމަތިވުން

80

އާ ކުކުޅަކަށް ގާބިހެއް އެޅުން

އަލަށް ކަމެއްކުރެވިގެން އެވާހަކަ ދައްކާއުޅުން

81

ދަންބެރަށްވުރެ ތަގުޑި ދިގުވުން

ކަމެއްގެ އަސްލު ބޭނުމަށް ނުގޮސް ދިގުލާ ދެންމުން

82

އަތްނުލާ އައްދޮ ކިޔުއްވުން

ކަމެއް ކުރާށޭ ނުބުނެ އެކަމެއް އެމީހަކު ލައްވާ ކުރުވުން

83

ދަމައިގެން ކަނޑީގެ މިޔަމައްޗަށް އައުން

ކަމެއްކުރަން އެންމެ އެކަށީގެންވާ ވަގުތުގައި އެތަނަކަށް އައުން

84

ކޮނޑު އޮތް ފުރޯ ވަލުން ހޯދުން

އަތުގައި އޮތްއެއްޗެއް އެހެންތަނަކުން ހޯދުން.

85

މުގުރިންނަށް ވެސް ކުން ކިޔެއެވެ.

ކިތަންމެ މޮޅުމީހަކަށްވެސް ކުށެއް ކިއިދާނެއެވެ.

86

އެއް ދޮނުގައި ދެ ބުޅި ޖެހުން

އެއްކަމެއް ކުރަން އުޅުމުގެ ތެރޭގައި ދެކަމެއްގެ ފައިދާ ލިބިގަތުން

87

އެޅިހާ ބަތަކަށް ރިހަ ވުން

ކޮންމެ ގޮތެއް ވަރިހަމަ ވުން

88

ތަން އޮތްތާ ގޮނޑިއެޅުން

އެއްޗެއް ލިބެން އޮތް ވަގުތު އަވަހަށް އެ އެއްޗެއް އަތްދަށުލުން

89

ކަނދިކަމަނާގެ މަސް ތެލުލުން

ކަން ނުކޮށް ނަންވާން އުޅުން

90

މުޅި އޮޑީގައި ހަސަނުގެ ދެފައި

ހުރިހާ ތަނެއްގައިވެސް އެކެއްގެ ބާރު ހިނގުން

91

ބުރުދާ ގައިމުކުރުން

ޔަޤީން ކުރުން ( ކަމެއް ކުރިތޯ ބަލާ ޔަޤީން ކުރުން )

92

އިނބިލީހު ކައިވެންޏަށް

ކަމެއް މާ ބޮޑަށް ދިގުލައިގެން ގޮސް އެކަމެއް ނުވުން

93

ބަސަރާއަށް ކަދުރު ވިއްކުން

އެއްޗެއް ގިނައިން ލިބެން ހުރި ތަނަކަށް އެ އެއްޗެއް ވިއްކުން

94

ވަޅި ދުށްތާ ކާށި ކެއުން

އެ އެއްޗެއް ފެނުމުން، އޭގެ ބޭނުން ކުރުން

95

ވޮށިމަސްމިޔަރު މަސްގަނޑަށް ބަލާހެން

އެއްޗަކަށް ދަހިވެތިވެ ބެލުން

96

ކަޅިފުށީ ކަލޭގެ ޖެހި ކޮކަޑި

ތާކުންތާކު ނުޖެހޭ ގޮތަށް ލަނޑުދޭން އުޅުން

97

ހުވަފެނަކީ ބިލާހެއް

ޙަޤީޤަތެއް ނެތް ކަންތައްތައް

98

މިރި ނުވެ ގޮބޮޅި ކާށިވުން

މާ އަވަހަށް ފެންވަރު އޮޅިގެން އުޅުން

99

އެއްގޮށްދުނބުރި ފެޅުން

ކަމެއް ކާމިޔާބު ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރުން

100

ރޯނުއެދުރު

މާ ބޮޑަށް ކަންތައްތައް ދަންނަކަމަށް ހެދިގެން އުޅޭ މީހާ