Thursday, October 22, 2020

އަދަބީބަހުގެ ސިޓީ

 

ޝަޒާ

           އަހަރެން ކަލާޔާ ކައިވެނި ކުރީ ފަހަރެއްގައިވެސް ކަލާ ކުއްޅަވައްފަލު ރަންޏަކަށް ވާނޭ ކަމަކަށް ނޫނެވެ. ނަމަވެސް ކައިވެނި ކުރުމާއެކު ކުރިން އުޅުނު ބިކަހާލު ހަނދާންނެތި ކަލާގެ ހިތް ވަހުތާނެއް ފަދައިން އެނބުރެން ފަށައިފިއެވެ. އަހަރެންނަށް ލިބޭ ހުރިހާ ފައިސާއެއް ޚަރަދުކުރަން ޖެހުނީ ކާލައަށް ރީތި ހެދުމާއި ގަހަނާ ހޯދުމަށެވެ. ކަލާ ބޭނުންވީ ފިނިފެން މަލެއް ފަދައިން އަބަދު ފޮޅިފައި އިންނާށެވެ. ތަރިއެއް ފަދައިން އަބަދު ވިދާ ބެބުޅުމަށެވެ. މިކަމުގެ ސަބަބުން ކަލާގެ ރީތިކަން އިންތިހާއަށް ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ދަގައްފާނަށް ދަގަނޑު ދަމާފަދައިން ފިރިހެނުންތައް ކަލާއާ ދިމާއަށް ލެނބެން ފެށިއެވެ. މިގޭގެ ވަށައިގެން މުގޯލިއަޅަން ފެށިއެވެ. ވާނީވެސް އެހެންތާއެވެ. އިރުހުއްޓާ ހަނދުގެ އަލިކަމެއް ނުފެންނާނެތާއެވެ.

           އެންމެ ފަހުން ކަލާ ރައްޓެހިކުދިންނާ އެކު ބޭރަށް ދާންވެސް ފެށީއެވެ. ކަލާގެ ވަށައިގެން ފިރިހެނުންތައް ދުވަން ފެށީއެވެ. ފެން އޮތްތާކަށް މަސްދާ ފަދައިންނެވެ. އެގޮތަށް ނޫޅުމަށް އަހަރެން ކަލާއަށް އެތައް ފަހަރަކު ނަސޭހަތްތެރިވީމެވެ. އަހިވަކާޖެހި އަހިވައް ފާވާނެތީއެވެ. ގިނައޮޅި ގިރާ ކުރަންޏާ ގިނަ އަޑުއިވޭނެތީވެސް މެއެވެ. އަދި ހަމަ އެހެންމެ ކަނބުރު ގެއަކަށް ވަނިއްޔާ އަޅި ބުރާނެކަން އަހަރެންނަށް އެނގޭތީއެވެ. ނަމަވެސް އަހަރެންގެ ވާހަކަތަކަށް ކަލާ ދިނީ ބީރު ކަންފަތެކެވެ.

           އެންމެފަހުން ކަލާ ބޭނުންވީ އަހަރެންނާ ވަކިވެ މާލުވެރި ޖާހުވެރިއަކާ ގުޅޭށެވެ. އެހެންކަމުން އަހަރެން ކަލާ ދޫކޮށްލީމެވެ. ދުވާމަހެއްގެ ނަގުލުގައި ނުހިފެހެއްޓޭނެތީއެވެ. ހަމަ އެހެންމެ ކަށިޖަހާފައި ދާ ސޫތްޕެއް ހިފެހެއްޓުމުގެ ބޭނުމެއް ނޯންނާނެކަން ވެސް އެނގޭތީއެވެ. ކަލާ ދޫކޮށްލުމަށްފަހު ތިޔަ އުދުއްސާގަތީ އިށީންނާނެ ގަލެއް ނުބަލައެވެ.

           ކަލާގެ ބުރުސޫރަ ވަރަށް ރީއްޗެވެ. ކަލާ ބޭނުންވަނީ ރީތިކަމުގެ ނާޖާއިޒު ފައިދާ ނަގާށެވެ. ކަލާގެ ކަޅު ފަށުއިގަނޑެއް ފަދަ އިސްތަށިގަނޑު ބޭނުންކުރީ ހިލޭ ފިރިހެނުންގެ ފައިފުއްސަކަށެވެ. ޖަމްބުކުލައިގެ ކޯތާފަތް މަރުޙަބާކީ އެފަދަ މީހުންނަށެވެ. ރަތް ލޭކޮޅެއްފަދަ ތުންފަތުގެ ހިނިތުންވުން މަރުޙަބާ ކިޔަމުން ދިޔައީ މުއްސަނދިންނަށްޓަކައެވެ. މަޑުމަޑު ޖެލީކޮޅެއްފަދަ އަތް ދިއްކޮށްލީ ފައިސާއަށްޓަކައެވެ. އަންނާރު އޮއްތަކެއްފަދަ ދަތްތަކުގެ ވިދުން ދައްކަން ބޭނުންވީ ދެއުޅިއެއްނުވާ މީހުންނަށެވެ. ކަލާގެ ފުރިހަމަކަން ސާދަފަނަރައިގެ ހަނދެއްފަދައެވެ. ނަމަވެސް ވިދާހާ އެއްޗަކީ ރަނެއް ނޫންކަން ކަލާ އަހަރެންނަށް ސާބިތުކޮށްދީފިއެވެ.

           އަހަރެންނާ އިނދެގެން އުޅުނު ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ކަލާގެ އުޅުން މާ ރަނގަޅެއް ނޫނެވެ. ވަޅުގައި އޮތް ބޮއް ބޯވަރެއް ނޭނގޭނެ ތާއެވެ. ނަމަވެސް ބިތުފަންގި ނެގީމާ ކެޔޮކޭވަރު އެނގިއްޖެއެވެ. އެއީ ވެހޭތާ ފެންނެގުމެއް ނޫނެވެ. ދަތްހުއްޓާ ކާށި ކެއުމެއްވެސް ނުމެ ނޫންމެއެވެ. އެއީ ޒުވާންކަން ނީލަންކިޔުމެވެ.

           ބަލަ މޮޔަޔާއެވެ. ބެދޭމަޅިއެއް ނުފެންނާނެތާއެވެ. އެމީހުން ކަލާގެ ލޮލުގައި އަނދުން އެޅުވީއެވެ. ޅޮސް އުނދޯއްޔަށް އަރުވައިގެން ހެއްލީއެވެ. ކަލެއަށް އެމީހުން ދިނީ ފެންކައްކާ ބޮލީގެ ޢިއްޒަތެވެ. އެމީހުން ކަލޭ ބޭނުންކުރީ ވަގުތީ އުފަލަށްޓަކައެވެ. އެމީހުން ބޭނުން ފުދުމުން ސައިތައްޓަށް ވެއްޓޭ މެއްސެއް ފަދައިން ނަގާ އެއްލާލީއެވެ.

           މިއަދު ކަލާ ތިވަނީ ކޮށި ދަނޑުގެއްލި ކަތިވަޅި ގެއްލި މަރިޔަނބުވެސް ގެއްލިފައެވެ. އަހަރެންނާ ގުޅުމަށް ކަލާ ތިޔަ އެދެނީ ދުނިޔޭގެ ލަދުން ސަލާމަތްވުމަށެވެ. މިއަދު ކަލާ ކުރާ މަސައްކަތް ވާނީ ފޫނެއްފަޔަށް ފެންފުރުން ފަދަ ކަމަކަށެވެ. މިހާރު މާ ލަސްވެއްޖެއެވެ. ވަގުތު ފާއިތުވެއްޖެއެވެ. ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ހަމަ އެހެންމެ ގެއްލިއްޖެ އަބުރެއްވެސް އަނބުރާ ނުލިބޭނެއޭ ބުނިއަޑު ހަނދާންނެތީހެއްޔެވެ؟ މިހާރު ތިޔަހުރީ ތިމާ އަމިއްލައަށް ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް ހެރިފައެވެ.

           ކަލާ އަހަރެންގެ ރިހޭފައިމައްޗަށް ފޮއި ވައްޓާލާފާ ދިޔައިރުވެސް ނެގިގާގަނޑަށް ބޮލި އާރާނޭކަން ދެނެހުރީމެވެ. ނަމަވެސް މިހާރުދެން ބޮއްކުރާ ދޮށަށް އޮޑި ނުކަނބާށެވެ. އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއްފުޅަށް މަތިން ފުންމާލާނެކަން ދަންނަމެވެ. ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިޔަސް ތެދުނުވާނެކަން އެނގެއެވެ. ހިތިކަދޫވެލެއްގެ ބުޑަށް ފެންކަމުގައި މާމުތް އެޅިޔަސް އެއިން ނުކުންނަ މޭވާ ފޮނި ނުވާނޭކަންވެސް އެނގިއްޖެއެވެ.

           ކަލާޔާ އެކުގައި އެއްވެސް މީހަކަށް އުފާވެރި ޙަޔާތެއް ނޫޅޭވޭނެކަން އަހަރެންނަށް އެނގެއެވެ. ވީ އިރު ތޮށަލިތަކުރާ ޖެހުނު ވިގަނިހެން، ތުނޑުހަސަނާ ޖެހުނު މީދާހެން އަހަރެންނަށް ގޯނާ ނުކުރާށެވެ. މޮޔަހަސަނަށް އަމާފެނިގެން އުޅޭހެން ނޫޅުމަށް ނަޞޭޙަތް ދެމެވެ. ވީމާ، ގިނިދުއްމީހާ ރަތްމަލަށް ބިރުގަންނަ ފަދައިން އަހަރެން ކާލާދެކެ ބިރުގަންނަމެވެ. އެހެންކަމުން މަހާނަމައްޗަށް މަޑިއަށް ނުޖެހޭށެވެ. ކަލާގެ އުޅުން ރަނގަޅުކުރާނަމޭ ކިޔައިގެން ކިތަންމެ ވާހަކައެއް ދެއްކިޔަސް އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. ދަތްއަޅަން ކެރޭ ކުއްތާއެއް ވައްވަކެއް ނުޖަހާނެއެވެ. ހަމަ އެހެންމެ ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެކަން ހަނދާންކުރާށެވެ.

           ކަލާއަކީ މާރަނގަޅު އާއިލާއެއްގެ ކުއްޖެއް ނޫންކަންވެސް އަހަރެންނަށް މިހާރު އެނގިއްޖެއެވެ. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެތާއެވެ. އަދި ކިތަންމެ ވަރަކަށް ދޮންކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެތާއެވެ. އަހަރެން ކަލާ ރަނގަޅުކުރުމަށް މަސައްކަތްކުރި ހިނދު ކަލާގެ މައިންބަފައިންނަށް ގޯސްވީ އަހަރެންނެވެ. ވާނީވެސް އެހެންތާއެވެ. އަބަދުވެސް ތިމާގެ ދަރި ތިމާއަށް ދޮންފުތުވާނެއެވެ.

           ކަލާ ބޭނުންވެގެން އެދުނުހިނދު، އަހަރެންނަށް ކުރި މަލާމާތް ހަނދާން ނެތުނީހެއްޔެވެ؟ އެކަކުންޏެއް ހަރުކޮންނާނީ އެކަކުންޏެއްގެ ވަރުންނޭ ބުނެ އަހަރެން ދެރަކޮށްލީއެވެ. ލަނޑަޔާ ވާނީ ލަނޑަޔާއޭ ބުނެ އަހަރެން ރޮއްވާލީއެވެ. ނަމަވެސް ދުނިޔެ ހިނގާނީ ތޮށަލި ދުޅައަށޭ ބުނާ ބުނުން އަހަރެންގެ ހިތްވަރު އާލާ ކޮށްދިނެވެ. މޫދު ގަލަކަށް މަހެއްވާނޭ ބުނާ ބުނުން އަހަރެންގެ އުއްމީދު އާކޮށްދިނެވެ. އަހަރެން އިންތިޒާރުކުރީ އަޑިގަނޑަކަށްފަހު އުސްގަނޑަކަށެވެ. އެދުވަސް މިހާރު އަތުވެއްޖެއެވެ. އަހަރެންނަށް އިޚްލާޞްތެރި އަނތްބަކު ލިބިއްޖެއެވެ. ވީއިރު، އައްޓަމަހެއް ފަދައިން އަހަރެންގެ ގައިގައި ތަތްކޮށްލަން ނޫޅޭށެވެ.

           މިއަދު ކަލާ މުޅި ދުނިޔެއަށް ބޭޒާރުވެ، ފަޟީޙަތް ވީނަމަވެސް އަހަރެން އަޅައެއް ނުލާނަމެވެ. ތިމާއާ ނުބެހޭ ކަންތަކާ ކާޅުކެޔަސް ސޮއްނުގޮވާށޭ ބުނޭ ނޫންހެއްޔެވެ. ފެތުނު އޮޑީގެ ރިޔަލު ދަށުވިޔަސް ކަލާގެ އަތްދަށު ނުވެ ވޭތޯ ބަލާނަމަވެ. ކަލާ އަންހެނަކަށްވެ ހުރެ އަހަރެންނަށް ދިން ޝަޒާގެ ބަދަލު މިހާރު ތިޔަދަނީ ލިބެމުންނެވެ. މިއަދު ކަލާއަށް ތިޔަ ލިބުނީ ރީތިކަމުގެ އިނާމެވެ. ކަލާ ކުޅަ ފާފައިގެ ޙައްޤުޝަޒާއެވެ.

No comments :

Post a Comment