އަދަބީގެ
ޑ.އަދަބީފުށި
ލޯބިވާދަރިފުޅަށް
ހެޔޮދުއާ
ސަލާމެވެ.
ދަރިފުޅާއެވެ! ދަރިފުޅުގެ ހާލު ކިހިނެއްހެއްޔެވެ؟
މަންމަގެ ހާލު ރަނގަޅެވެ. ހަމަ އެފަދައިން ދަރިފުޅުގެ ހާލު ރަނގަޅުވާނޭ ކަމަށް
ހީކޮށް އުފާކުރަމެވެ.
ދަރިފުޅާއެވެ! އަބަދުވެސް މަންމަގެ ހެޔޮ ދުއާތައް ވަނީ
ދަރިފުޅާއެކުގައެވެ. މަންމަގެ ނަސޭހަތް އަޑުއަހާށެވެ. ދަރިފުޅަކީ މަންމަގެ ހުރި
ހަމައެކަނި ދަރިއެވެ. މަންމަ ލޮލުގެ ކޮއި ފަދައިން ބަލަމުންއައި މަންމަގެ ލޯބިވާ
ދަރިފުޅެވެ. މިކަމަށް އާއިލާގެ އެންމެންވެސް ހެކިވާނެއެވެ. އެންމެން އެކަންޏެއްނޫނެވެ، އަވަށްޓެރިންވެސް
ހެކިވާނެއެވެ. ޚުދު ދަރިފުޅަށްވެސް އެކަން އިހުސާސްކުރެވޭނެކަން ކަށަވަރެވެ.
ރަށުގެ އެންމެންގެ ރުހުން ދަރިފުޅަށް ލިބިފައިވުމަކީ އޭގެ ނަތީޖާއެވެ. ޚުލްޤު ހެޔޮ
ދަރިއެއްގެ ގޮތުގައި ދަރިފުޅު ހުނިޖަހާލެވެނީ އެހެންވެގެންނެވެ. އަދި މަންމަ
އެންމެ ފަޚްރުވެރިވަނީ މުޅި މިރަށުގައި އަތްފުނާ އެޅިއަސް ތިއަ ފަދަ އަޚްލާގީ
ދަރިއަކު މިފަސްގަނޑުން ނުފެންނާނެތީއެވެ.
ދަރިފުޅާއެވެ! ދަރިފުޅަށް ދެވިފައި ތިއަހުރީ
ތަފާތު މިޒާޖުގެ ތަފާތު ކަންކަމަށް ލޯބިކުރާ ބަޔަކު އުޅޭ މުޖުތަމައަކަށެވެ.
އެގޮތުން ދަރިފުޅު ތިއަހުންނަގޭ މުރުތަޟާއަކީވެސް އެހާ ރަނގަޅުކުއްޖެއް ނޫނެވެ.
އޭނާގެ މައިންބަފައިންވެސް ހަމަ އެގޮތެވެ. އަލަގަހަކުން ކެޔޮނިރެއް
ފަޅާނެހެއްޔެވެ؟ ދަރިފުޅާއެވެ. މަންމަ އެންމެ ދެރަވެ ކަންބޮޑުވަނީ
އަހިވަކަކާއިޖެހި އަހިވަކެއް ފާވާ އުޞޫލުން ދަރިފުޅަށްވެސް މުރުތަޟާގެ އަސަރުކޮށްފާނެތީއެވެ.
އެހެންވިއަ ނުދޭށެވެ. އިހަށް ނުވިރައްކަލެއް ފަހަކުން ނުވެވޭނެއެވެ. މަންމަ، ދަރިފުޅު ތިއަގެއަށް ފޮނުވީ ފޮނުވާހިތަކުންނޫނެވެ.
ކުޑަގަހަކަށްވުރެ ބޮޑުގަހެއްގެ ހިޔާ ބޮޑުވާނެތީއެވެ. ލަނޑަޔާ ވާނީ ލަނޑަޔާކަން
މަންމަ ހަނދާންނެތީކީ ނޫނެވެ. ދަރިފުޅަށް ތިޔަބައި މީހުންނާއެކު އުޅެން
އުނދަނގޫވާނެ އެތައް ކަމެއް ހުންނާނެކަން މަންމަ ޤަބޫލުކުރަމެވެ. އެކަމަކު،
ނަމަނަމަ ތިއަގޭ މީހުން ޖަހާހާ ބެރަކަށް ދަރިފުޅު ނުނަށާ ވޭތޯ
ބަލާށެވެ. ގިނަވަގުތު ގެއިން ބޭރުގައި އުޅުމަށް އާދަ ނުކުރާށެވެ. ބެދޭ މަޅިއެއް
ނުފެންނަނެއެވެ. ރަހުމަތްތެރިންނާއެކު އެކުދިންގޭގެއަށްގޮސް އުޅުން
އާދަނުކުރާށެވެ. ކަނބުރުގެއަކަށް ވަދެވިއްޖެއްޔާ އަޅިބުރާނެއެވެ. ގިނަ އޮޅި ގިރާކުރަންޏާ ގިނަ އަޑު އިވޭނެއެވެ.
ދަރިފުޅާއެވެ! ޖެހޭވަޔަށް ނުބަލާ، ހުރިއޮޔާ ދެކޮޅަށް އޮޑި ދީލަންޖެހޭ ފަހަރުވެސް
އަންނާނެއެވެ. އެފަދަ ހާލަތުގައިވެސް، ގިރިއަކަށް ފަރަކަށް އަރުވާނުލާ
އަމާންކަމާއެކު މަންޒިލަށް އޮޑި ވާސިލްކުރެވޭނީ ހުޝިޔާރު ނެއްވަކަށެވެ.
ދަރިފުޅުވެސް އެފަދަ ނެއްވަކަށް ވެވެތޯ މަރުފަލިޖަހާށެވެ. ތިއަހެން އުޅޭއިރު
ދުނިޔޭގެ ދަޅަތަކަށް ދަރިފުޅު ހައްލުވާލަން މަސައްކަތްކުރާނެ މީހުން އުޅޭނެއެވެ.
ނަމަނަމަ ފެތުނު އޮޑިއެއްގެ ރިޔަލު ދަށުވިއަސް އެއިން މީހެއްގެ އަތްދަށު ނުވާށެވެ.
ހޭލާ ހުންނާށެވެ. ހަކުރުދޭ ކޮންމެ މީހަކީ
ބޮޑުބޭބެއެއްކަމުގައި ނަމަނަމަ ނުހިތާށެވެ. ދަރިފުޅަކީ އެމީހުން ޖަހާހާ
މަޅިއެއްގައި ބެދި ދައްކާހާ މަގަކުން ހިނގާ، ކުރާހާ ކަމަކަށް
ފާޑުކިޔާ ކުއްޖެއްކަމުގައި ވެގެންނުވާނެއެވެ. ތިމާއާއި ނުބެހޭކަންކަމުގައި
ކާޅުކެޔަސް ސޮއްނުގޮވާށެވެ. ދަލުބޭރުން ނުޖެހޭށެވެ. އަދި ފުރިފައިހުރިއެއްޗެއް
ގުޑުގުޑު ނާޅާނެކަން އެފަދަ މީހުންނަށް ދަރިފުޅު ސާބިތުކޮށްދޭށެވެ. ނަމަނަމަ
ސައިޠާނުންގެ ވަސްވާހަށް ނުހެއްލޭށެވެ. ހެއްލުމަކީ ގެއްލުމެކެވެ. އުޅޭން ނޭނގުނު
މީހަކަށް މިޔާންވެސް ނޭނގޭނެއެވެ.
ދަރިފުޅާއެވެ! ތިއައީ މަންމަގެ ލޮލުގެ ކޮއެވެ. ފަސްމީރު
ކުރިރުކެކެވެ. ޞާލިހު އަޅެއްގެގޮތުގައި ހަޔާތުގެ ދުވަސްތައް ހޭދަކުރާށެވެ.
ދަރިފުޅު މާލެފޮނުވީ ކިޔަވާ މޮޅުކުއްޖަކަށް ހެދުމުގެ ހެޔޮ ނިޔަތުގައެވެ.
އަހަރެމެންކަހަލަ ނިކަމެއްޗަކަށް ތިއަފަދަ ފުރުޞަތެއްވެސް ލިބޭނީ ހާހަކުން ފަހަރަކުއެވެ. ދަތުރު ފެންނާނީ ފުރީމާކަން މަންމަ
އަބަދުވެސް ދަރިފުޅަށް ހަނދާންކޮށްދެމު ނޫންހެއްޔެވެ؟ ހިތްވަރުކޮށް، ލިބުނު
ފުރުޞަތުގެ ބޭނުންހިފާށެވެ. ފެން ނެގޭނީ ވެހޭއިރުއެވެ. ގެއްލިއްޖެވަގުތަކީ
އަނބުރާލިބޭނެއެއްޗެއް ނޫނެވެ. އެހެންކަމުން، މަންމައާއި ވަކިން ދުރުގައި
ތިހެންހުރެ ފޫނެއް ފަޔަށް ފެންފުރުމަކުން ކުރާނެ ފައިދާއެއް ނޯންނާނެކަން ހަނދާން ކުރާށެވެ. އެއްގައުމުން ކިޔަވަމުން
އަނެއް ގައުމުން ހިތް އުފާކުރަމުން ބަޔަކު ދިޔަޔަސް އަހަރެމެންނަށް އެކަމެއް
ވާކަށް ނެތެވެ. ވާނެނަމަ، މެކުނާ އެއްވަރަށް ގާހަކައަށް ވެސް ފުމެވުނީހެވެ.
ކަކުނިވެސް ހަރުކޮންނަން އުޅުނީހީ އެކަކުންޏަށް ވާވަރަށްވުރެ ބޮޑުކޮށެވެ.
ދަރިފުޅާއެވެ! އެއްވެސް އެއްޗަކަށް ނުވަތަ ކަމަކަށް
ބޭނުންވިއަސް ނުބުނެ ނުހުންނާށެވެ. ގުޅާފައި ނަމަވެސް ބުނާށެވެ. ލަދަކާހުރެ ތަދެއް
ނުފިލާނެއެވެ. ނުރޯދަރިއަކަށް ކިރު ލިބޭނީވެސް މަދުފަހަރަކުއެވެ. ދަރިފުޅުކަމަކު
ބޭނުންވެފައި ހުއްޓަސް މަންމައަކަށް
ދަރިފުޅު ނުބުނަންޏަކާ ނޭނގޭނެއެވެ. ދަރިފުޅާއެވެ! އަދި ބުނަންހެއްޔެވެ. މިވާހަކަ
މިހެން ބުނުމުން މަންމައަށް ގުޅާނީ ހަމައެކަނި އެއްޗެއް ނުވަތަ ކަމެއް
ބޭނުންވީމައެއް ނޫނެވެ. ފެންކަންކާ ބޮލީގެ އިއްޒަތް މަންމަ ބޭނުމެއްނޫނެވެ.
ދަރިފުޅާއެވެ!
މަގޭ ހެޔޮ ދަރިފުޅާއެވެ! ހަޤީޤަތުގައި މަންމަ މި ސިޓީ މި ލިޔުނީ ވަރަށް
އެހެންކަހަލަ ވާހަކައެއް މިރަށުގައި ދަރިފުޅޭ ކިޔައިގެން ދައްކާއަޑު އިވުމުން، އެކަން ޤަބޫލުކުރަން ދަތިވާތީ އެއީ ކިހާވަރެއްގެ ހަޤީޤަތެއް ހުރި ވާހަކައެއްތޯ
ސާފުކޮށްލާށެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ދަރިފުޅު ހީނުކުރާށެވެ.
ދަރިފުޅާއެވެ. ދަރިފުޅުވެސް ގޯސްކަމެއް ކޮށްފިނަމަ މަންމައަށް ގޯސްވާނެއެވެ.
ޖަނަވަރީގޭ ހައްވަދައިތަ ހަވަރުފެންފޮޅިއަޅަމުން އެދުވަނީ ހަޤީޤަތެއްހުރި ވާހަކައެއް ހިފައިގެން ހެއްޔެވެ؟ އެއް އަތް ތެޅިއަސް އަޑު
ނުކިޔާނެކަން އެނގޭތީ މަންމަ އެއްޗެއް ނުބުނީއެވެ. ހައްވަދައިތަގެ ވާހަކާގައި،
ދަރިފުޅު ހޮޅިދަނޑި ގުދުކުރަމުން ދުވަނިއްޔޯލައެވެ. ހަނދުވަރު ކުރަތްޕެއްހެން ގޭގޭ
ދޮށުގައި މުގޯލިއަޅަމުން ދުވަނިއްޔޯލައެވެ. ބޮޑުމަސްތިލަކުރަނިއްޔޯލައެވެ. އެއީ
ތެދެއްހެއްޔެވެ؟ ތެދެއްނަމަ އެކަން ހުއްޓާށެވެ. ކަންވެ ނަންނުވިޔަސް ކަންނުވެ
ނަންނުވާށެވެ. ދަރިފުޅު އަދި ބޮޑެއް ނުވެއެވެ. މިރިނުވެ ގޮބޮޅި ކާށި ނުވާށެވެ.
ފަހުންވެސް ތިކަން ކުރެވިދާނެއެވެ. އިންނާނެ މީހުން ފަހުންވެސް ވާނެއެވެ. މޫދުގައިވާ
ކޮންމެ ގަލަކަށް މަހެއްވާނެއެވެ. އެހެންނަމަވެސް ކިޔެވުމަށް ތިއަކަހަލަ ދެވަނަ
ފުރުޞަތެއް ލިބުމަކީ އަހަރެމެންކަހަލަ ބައަކަށް ކަނޑުން މާވަހަރެއް ލިބުންހާ ތަދު
ކަމެކެވެ.
ދަރިފުޅާއެވެ! މަންމަ މިކިޔާހާ ލަވައެއް ފަރިއްސަށް
ނުހަދާށެވެ. މަންމައަށް މިހުރެވެނީ ބަސްވިކޭ އޮޑިއެއްގެ ދިރުނބާކޮޅުގައިކަމަށް، މަންމަ ހީކުރަމެވެ. މަންމަ މިވާހަކަ މިއަހާލީ އެދައްކާ
ވާހަކަތައް ގަބޫލުކުރެވޭތިއެއް ނޫނެވެ. މަންމަގެ ދަރިފުޅު އެކަހަލަ ކަމެއް
ނުކުރާނެކަންވެސް މަންމައަށް އެގެއެވެ. ދަރިފުޅު ދޮންފުތުކުރަނީކީއެއް ނޫނެވެ.
އެއަށްވުރެ ދަރިފުޅަށް އިތުބާރު ކުރެވެއެވެ. އެހެންނަމަވެސް އެކަން އަހާ
ސާފުކުރުމަކީ މައެއްގެ ވާޖިބަކަށްވާތީ އަހާލީއެވެ. އިހަށް ދޮންވި ފަތެއް އިހަށް
ވެއްޓޭނެއެވެ. ފަތުގެ ތާޒާކަން ހުއްޓާ ފަތުގެ ބޭނުން ހިފާށެވެ. އަބަދުވެސް
މަންމަގެ ހެޔޮބަސް އަހާށެވެ. ބަސްއަހައިގެން ކިޔަވާށެވެ. އެއްކޮޅަށް ދެމިޔަސް
ވާނެއް ނުވަނެކަން ހަނދާންކުރާށެވެ. އެކަނި އެއްދަރުގަނޑެއް ނާނދާނެއެވެ.
މަންމައަށް ޖަވާބު ފޮނުވާނެކަމުގެ އުންމީދުގައި ވަކިވެލަމެވެ. ގޭ އެންމެނަށް
މަންމަގެ ސަލާމް ބުނެދޭށެވެ.
އަބަދުވެސް ހެޔޮދުއާ ސަލާމް!
ދަރިފުޅުދެކެ ލޯބިވާ މަންމަ...
No comments :
Post a Comment