ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ޓްރައިޓްސް (ޒާތީ ސިފަތައް)ވަ ފޮ ވަން
ލީޑަރޝިޕް ޓްރައިޓްސް ނުވަތަ ލީޑަރޝިޕް ކޮލިޓީސް ތަކަކީ އަބަދާ އަބަދުވެސް ރަނގަޅުކޮށް ކުރިއެރުވޭ، އެ ލީޑަރެއްގެ ޒާތީ ސިފަތަކެކެވެ. އުތީމު ތުޑިމަތީގައި މަޅިފަތި ޖައްސަވަން އުޅުއްވި ދުވަސްވަރުން ފެށިގެން ލީޑަރޝިޕް ޓްރައިޓްސް ތަކެއް ބޮޑުތަކުރުފާނުގެ ހަޔާތްޕުޅުގައި ދިޔައީ ބިންވަޅު ނެގެމުންނެވެ. ބައްޕާފުޅާއި ބޮޑުބޭބޭފުޅުގެ އަރިހުން ކިޔަވާ ވިދާޅުވުމަށްފަހު އިންޑިއާގެ ބޭދާޅީއަށް ވަޑައިގެން ކިޔަވާ ވިދާޅުވުމުގެ ސަބަބުން ލީޑަރޝިޕްގެ ހަރުދަނާ ޒާތީ ސިފަތަކެއްގެ ވެރި ޝަޚްސިއްޔަތަކަށް ވެވަޑައި ގެންނެވިއެވެ. ލިބިވަޑައިގެން ހުންނެވި ޢިލްމާއި ޙިލްމު ހެޔޮގޮތުގައި ބޭނުންކޮށް ޢަމަލީ މައިދާނުގައި ހުނަރުވެރި ޤާބިލު ލީޑަރެއްގެ ގޮތުގައި ނަތީޖާ ނެރުއްވަމުން ގެންދެވިއެވެ. މި ޙަޤީޤަތް މިހެން ހުރުމާއެކު ބޮޑުތަކުރުފާނުގެ ޢާއިލާގައި ޢަލީ ތަކުރުފާނަކީ ދޮށީ ބޭބޭފުޅުކަމަށްވިޔަސް، ރާއްޖެ މިނިވަން ކުރެއްވުމުގެ މަތިވެރި ޖިހާދުގައި ލީޑަރަކަށް ބޮޑުތަކުރުފާނު ހަމަޖައްސަވައި އެތަކުރުފާނުގެ އަތްޕުޅު މައްޗަށް ޢަލީތަކުރުފާނުވެސް ބައިޢަތު ހިޕެވިއެވެ. (ސ. 159) ބޮޑުތަކުރުފާނުގެ ޒާތީ ސިފަތަކަށް ބަލާލާއިރު ހަރުދަނާ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ވަރަށް މުހިންމު ސިފަތަކެއް އެމަނިކުފާނުގެ ހަޔާތްޕުޅުން ފެންނަން އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނޭ ޚާއްޞަ ސިފަތަކަކީ:-
1. ޢިލްމު (ނޮލެޖް)
ބޮޑުތަކުރުފާނަކީ ލިބިވަޑައިގެން ހުންނެވި ޢިލްމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެއްވި ލީޑަރެކެވެ. ބައްޕާފުޅު ޙުސައިން ޚަތީބު ތަކުރުފާނާއި ބޮޑުބޭބޭފުޅު ނޮޅިވަރަންފަރު އެދުރުކަލޭފާނުގެ އަރިހުން ދަސްކުރެއްވި ތަޢުލީމާއި ތަރުބިއްޔަތުގެ އިތުރުން އުފަންރަށާއި ތިމާގެ ބޭފުޅުން ދޫކުރައްވާ އިންޑިއާގެ ބޭދާޅީއަށް ވަޑައިގެން ކިޔަވާ ވިދާޅުވިއެވެ. (ސ:52) ބޮޑުތަކުރުފާނަކީ ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު ވަރަށް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ. ރާއްޖޭގެ ކަނޑުތަކާއި ކަނޑުއޮޅިތަކާއި ފަރުތަކާއި ގިރިތަކާއި ހާތަކާއި އަދި ރަށްރަށާއި ރަށްރަށުގެ ފަޅުތައް އެތަކުރުފާނު ދަސްކުރައްވާފައިވަނީ އެރަށްރަށުގެ ގިނަ މީހުންނަށްވެސް ނޭގޭހާ މިންވަރަށެވެ. ރާއްޖޭގެ މޫސުމާއި ނަކަތްތަކާއި ވިއްސާރައާއި ވަޔާއި އޮޔަށް އެ ތަކުރުފާނު ފަރިތަ އެވެ. ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި ގެރިއްލާ ހަނގުރާމައެއްކޮށް ކާމިޔާބު ހޯދުމަށް ބޭނުންވާ ޢިލްމާއި ތަޖުރިބާ އެމަނިކުފާނު ގެންދެވީ ކޮންމެ ދުވަހަކުވެސް ހޯއްދަވަމުންނެވެ. ރަނގަޅު ޓެކްޓިކަލް ނިންމުންތަކެއް އުތީމު މަހާރަދުންނަށް ނިންވެމުނީ އެހެންވެގެންނެވެ. ޖިހާދުގައި ބައިވެރިވި ކޮންމެ މީހަކަށްވެސް ބޮޑުތަކުރުފާނަކީ ނަމޫނާ ޝަޚްސިއްޔަތެކެވެ. މަސައްކަތް ކުރަންވީ ގޮތް ވިދާޅުވެ ދެއްވައި އިރުޝާދު ދެވޭވަރުގެ ޤާބިލު ބޭފުޅެކެވެ. އެކުގައި މަސައްކަތްކުރެއްވި ބޭކަލުން މަސައްކަތްކުރައްވާއިރު ސަމާލުކަން ދެއްވަންވީ ކަންތައްތައް ފާހަގަކޮށްދެއްވައި ރަނގަޅު ކުރަންވީ ކަންތައްތައް ވިދާޅުވެ ދެއްވި ލީޑަރެކެވެ.
2. ބުންވަރު (އެންޑިއުރެންސް)
ބޮޑުތަކުރުފާނަކީ ބުންވަރު ގަދަ ބޭފުޅެކެވެ. ރެއާއި ދުވާލު ކަނޑުމަތީގައި އަރާމެއްނެތި ފަސް އަހަރު ދުވަސްވަންދެން އެ ކުރެއްވި ޖިހާދަކީ ބުންވަރު ނެތް މީހަކަށް ކުރެއްވޭނެ ޖިހާދެއް ނޫނެވެ. ރޭގަނޑު ދަންވަރު ސިއްރުން ރަށްރަށަށް އަރުވައި، ދުޝްމިނުން ބިރުގަންނުވާ އެމީހުންނަށް ހަމަލާ ދެއްވާ ދިވެހި މުސްލިމު ރައްޔިތުންނަށް ހިތްވަރު ދެއްވަމުން ފަންރިޔަލުގައި އެކުރެއްވި އުނދަގޫ ދަތުރުތަކަކީ ބުންވަރު ހުރެގެންނޫނީ ކުރެއްވޭނެ ދަތުރުތަކެއް ނޫނެވެ. އުނދަގޫ ދަތި ހާލަތުގައި ކެތްތެރިކަމާއެކު އުފުލެއްވި ބުރަ ތަކަކީ މެންޓަލް އަދި ފިޒިކަލް ސްޓެމިނާ ހުރެގެން ނޫނި އުފުލޭނެ ބުރަތަކެއް ނޫނެވެ. އުތީމު ތިންބެއިންގެ އެންޑިއުރެންސް ބާރަށުގައި ތެލަބަގުޑި ކުޅުއްވާ ބައި ހިތްޕަވައިގެން ވަޑައިގެންނެވި ދުވަހުވެސް ފެނިގެން ދިޔައެވެ.
"އަތޮޅުވެރިން މިތާންގައި ހުންނަވާފައި އެއްގަމަށް ދުރުވަމުން ބުނުއްވިޔޭ ތެލަބަގުޑި ކުޅޭނީ އެކަހަލަ ހިތްވަރު ހުންނަ ކުދިންނެވެ." (ސ:46)
3. ރީތި އާދަތައް (ބެއަރިންގ)
އުތީމު ބޮޑު ތަކުރުފަނަކީ ރީތި އާދަތައް ހުރި ބޭފުޅެކެވެ. ސާފުތާހިރުކަމާއި ހަށިގަނޑުގެ ދުޅަހެޔޮކަމާއި ހަށިހެޔޮކަން ލިބިވަޑައިގެން ހުންނެވި ފިސާރި ފިރިހެންވަންތަ ބޭފުޅެކެވެ. ހެނދުންކޮޅު ތުރުކުރެއްވުމުގައި ރީތި އާދަތައް ގެންގުޅުއްވިއެވެ. ވާހަކަ ދައްކަވައި ހެއްދެވީ އެންމެންނަށްވެސް އިޙްތިރާމާއެކު ރީތި ކޮށެވެ. އުތީމު ތިންބެއިން ވިޔަޒޯރު އަތޮޅުވެރިންގެ އަރިހަށް ބާރަށަށް އީދުވެދުމައިގެން ވަޑައިގެންނެވި ދުވަހު ބޮޑު ތަކުރުފާނުގެ ރީތި އާދަތައް ފެނިގެން ދިޔައެވެ. އެދުވަހު
"ކަނބާ އައިސާގެ ހިތްފުޅަށް އެރިޔޯލައޭ. ނޫނެކޭ މާލޭގެ ކޮއިލުތެރޭގައި ނޫނަކަސް ތޫނުފިލި ވައްތަރުޖަހާ ފިރިހެން ކުދިންނަކީ ތިބޭބައެކެވެ. އުތީމު ތިންބެއިން ދުރުވެ ވާރުގޭ ދޮރުމައްޗަށް ހިޔަނި އެޅުމާއެކު އެގޭގެ ތެރޭގައިތިބި މީސްތަކުން ފުންމައިގެން ތެދުވެއްޖައޫއެވެ." (ސ:34)
4. ވަފާތެރިކަން (ލޯޔަލްޓީ)
ޣާޒީ ރަދުންނަކީ ދީނާއި ޤައުމާއި ރައްޔިތުންނަށް ވަފާތެރި ލީޑަރެކެވެ. ދީނާއި ޤައުމަށްޓަކައި އެމަނިކުފާނު ކުރެއްވި ޖިހާދަކީ އަމިއްލަފުޅަށް ދީނާއި ޤައުމަށްޓަކައި އުފުއްލެވި އުނދަގުލަކާއި ތަކުލިފުން ފުރިގެންވީ ބުރަ މަސްއޫލިއްޔަތެކެވެ. ދުވަހަކުވެސް މާޔޫސްވެ ވަޑައެއް ނުގަންނަވައެވެ. އަމިއްލަ ނަފްސަށްވެސް ޝަކުވާއެއް ނުކުރައްވަވައެވެ. ޖިހާދުގައި ބައިވެރިވެ ވަޑައިގެންނެވި ކޮންމެ މުޖާހިދެއްގެ ހުރިހާ ކަމެއް ބަލަހައްޓަވައި ދެއްވިއެވެ. ބާރަށު ބޯށިވަލު ބުޅާފާތުމާގެ ރެހެންދި ލައްވައި ކައިވެނިފުޅަށް އާބަސް ހޯއްދަވާފައި އެ ކައިވެނިފުޅު ކުރެއްވިއެވެ. "ކަނބުލޯޔޭ މިތިބީ ޢަދްލުވެރި ދެކީންނެވެ. މިހުރީ ކައިވެނިމަތީގެ ހެދުމާއި ގަހަނާއެވެ. ކަނބުލޯ އެދުވަހު ވައުދުވީ ފަދައިން އަހުރެންނާ އިންނާން ރަންކިޔާށެވެ." (ސ. 75)
5. އިސްނެގުން (އިނީޝިއޭޓިވް)
ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރައްވަން އިސްނެންގެވި އިސްނެންގެވުމުން އެކަނިވެސް ބޮޑުތަކުރުފާނުގެ ޝަޚްސިއްޔަތުގައި ހުރި މި ޒާތީސިފަހުރި މިންވަރު ވިސްނައިގަންނާކަށް ދައްޗެއް ނޫނެވެ. މީގެ އިތުރުން އެތަކުރުފާނުގެ ހަޔާތްޕުޅަށް ބަލާލާއިރު އޮޅުދޫ ކަރަޔަށް ޕޯޗްގީޒުންގެ ވެދުން އޮޑިޔައިގެން ނެވި ނިޔަމިކަމުގައި ވަޑައިގަތުމަށް ބޮޑުތަކުރުފާނަށް ވިޔަޒޯރު އަތޮޅުވެރިން ހުށަހެޅުއްވުމުން ވިދާޅުވި ވާހަކަފުޅާއި އެކަންތައްތައް ކުރެއްވިގޮތްވެސް ފާހަގަ ކުރެވެއެވެ.
"ބައްޕާގެ އިޒުނަ އޮތީވިއްޔާ ތިޔަކަން އަޅުގަނޑު އުފުލައިދިނުމަށް ބޮލު އަރުވައިފީމެވެ." (ސ. 66)
އެ މަސައްކަތާ ހަވާލުވެވަޑައި ގަންނަވައި ކުރިއަށް ދުރާލާ ޕްލޭން ކުރެއްވިއެވެ. ރަނގަޅަށް ކަންތައްތައް ކުރިއަށް ގެންދަވައި އަދި ކުރަންހުރި ކަންތައްތައް ކުރިއަށް ގެންދަވާނެ ގޮތްތައް ހޯއްދެވިއެވެ. އަތޮޅުވެރިންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަތެވެ. ބޮޑުތަކުރުފާނާ އެ މަސައްކަތް މަތިކުރުމުން ދިމާ ދަތިތައް ހައްލު ކުރައްވަމުން ކުރަންހުރިނަމަ ހުރި މަސައްކަތެއް ކުރަމުން ދަތުރުތަކުގެ ކަންތައްތައް ދިޔައީ ކުރައްވަމުންނެވެ. ތިން ތަކުރުންނަށް މާލެއިން އުތުރުގެ ހަތަރު އަތޮޅުގެ ހުރިހާ ރަށެއްގެ ކަތީބުކަމުގެ ފަތްކޮޅު ދެއްވުމުން އެކަމަށް ޝުކުރުއަދާކުރުމުގެ ގޮތުން ބާރަކަށް އޭގެ ތެރެއިން ކޮންމެ އެއް ބޭފުޅަކު ވަޑައިގަތުމަށް ބައްޕާފުޅު ޙުސައިން ޚަތީބު ތަކުރުފާނު އެދިވަޑައިގެންނެވިއެވެ. އެކަމަށް އިސްނަންގަވާ ބޮޑު ތަކުރުފާނު އެ ދަތުރުފުޅުގައި ވަޑައިގެންނެވިއެވެ. (ސ.73)
6. ބަރޯސާ / އިތުބާރު (ޑިޕެންޑެބިލިޓީ)
ފުރިހަމަ ލީޑަރެއްނަމަ އެމީހަކަށް އެހެންމީހުން ބަރޯސާވެ، އިތުބާރު ކުރާނެވެ. ބޮޑު ތަކުރުފާނަކީ އެ ތަކުރުފާނުގެ ގާތް ބޭފުޅުންނާއި ދުޝްމިނުންވެސް އިތުބާރު ކުރެއްވި ބޭފުޅެކެވެ. އުތީމު ތިންބެއިންނަށް ރާއްޖޭގެ އުތުރުގެ ހުރިހާ ރަށެއްގެ ކަތީބުކަން ދެއްވީ ޕޯޗްގީޒުގެ ވެރިޔާ އަދިރި އަދިރިންނެވެ. (ސ:62) މީގެ އިތުރުން ޕޯޗުގީޒުންގެ ވެދުމައިގެން އޮޅުދޫ ކަރައަށް ބޮޑުތަކުރުފާނު ފޮނުއްވިއެވެ. (ސ:100) ބޮޑު ތަކުރުފާނަކީ އެތަކުރުފާނުގެ ޝަޚްސިއްޔަތުގައި އެހެންމީހުން ބަރޯސާވާންޖެހޭ ޚާއްޞަ ސިފަތަކެއް ހުރި ބޭފުޅެކެވެ. ވިދާޅުވި ކޮންމެ ކަމެއް ގަޑިއަށް ވަގުތަށް ނިންމެވުމުގައި ލާމަސީލު ބޭފުޅެކެވެ. ޕޯޗްގީޒުންގެ ވެދުމައިގެން ވަޑައިގެން ދެއްވާނަމޭ ވިދާޅުވެފައި އެވިދާޅުވި ގޮތަށް އެއްވެސް މައްސަލައެއް ނުޖެހި އެކަން ބަރާބަރަށް ކޮށްދެއްވިއެވެ. ވިޔަޒޯރު ނުހަނު ބޮޑަށް ބޮޑުތަކުރުފާނަށާއި އެތަކުރުފާނުގެ ޓީމަށް އިތުބާރު ކުރެއްވިއެވެ. ވާރުގޭ މީހަކު ދަންޑެހެލާމެދު ޝަކުވާއެއް ވިޔަޒޯރު އަތޮޅުވެރިންނަށް ދެންނެވީމާ ވިދާޅުވިއެވެ.
"އެބައި މީހުންނަކީ ޢިއްޒަތްތެރި މިނިވަނުންނެވެ. އެބައިމީހުން އުޅޭނީ އެބައިމީހުން އުޅޭނޭ ގޮތަކަށެވެ. ގޯހެއް ނުހަދާނެއެވެ. ޚިޔާނާތްތެރިއެއް ނުވާނެއެވެ. ރީތިގޮތައި ހުތުރުގޮތް ވަކިކުރަން ދަންނާނެއެވެ." (ސ. 103)
7. ގޮތްނިންމުން (ޖަޖްމެންޓް)
ބޮޑުތަކުރުފާނަކީ ގޮތް ނިންމުމުގައި ވަށައިގެންވާ ހުރިހާ ކަމަކަށް ބެއްލެވި ލީޑަރެކެވެ. ކޮންމެ ކަމެއްވެސް އެކަމެއް ކުރެއްވުމުގެ ކުރިން އެކަމެއް ކުރެއްވެންހުރި ހުރިހާ ގޮތަކަށް ވިސްނާ ވަޑައިގަންނަވައެވެ. އެއްވެސް މައްސަލައެއް ނުޖެހި ޕޯޗްގީޒުންގެ އެހީތެރިކަމާއެކު ކަޅުއޮށްފުންމި ބެންނެވިއެވެ. ތުއްފާށަނާގެ މުނާފިގު އަދި ފިތުނަވެރި ރޭވުންތައް ރާވަރާވާ އޮއްވައި ޝަހީދުވި ޢަލީ ރަސްގެފާނުގެ ދަރިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނުގެ ލޯބި ހާސިލުކުރައްވައި ކައިވެނިފުޅު ބައްލަވައި ގެންނެވިއެވެ. މަރޮށީ ރައިވެރިބޭ ލައްވާ ކަޅުއޮށްފުންމީގެ ރިޔާ ގަވާއިދުން މަރާމާތުކޮށް އާރިޔާ ހައްދުވައި ކޮންމެ ހުކުރު އަށްޑުވަހަކުން ރިޔަލެއް ކަޑަމައްޗަށް ލެއްވޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. މިއިން ކޮންމެ ކަމެއް ކުރެއްވުމުގައިވެސް އެކަމަކުން ކުރާނެ އަސަރުތަކާއި ވަށައިގެންވާ ހާލަތަށް ބައްލަވަމުން ގެންދެވިއެވެ. ޖިހާދު ފެއްޓެވުމާއެކު އެންމެ ބޮޑު ތުރެޓެއް އޮންނާނީ އެތަކުރުފާނުގެ އާއިލާއަށްކަން އެނގިވަޑައި ގަންނަވައެވެ. އެހެންކަމުން ދުރުވިސްނުންފުޅާއެކު ޢާއިލާގެ ބޭފުޅުން މަލިކަން ގެންދެވިއެވެ. (ސ:158)
8. ތެދުވެރިކަން/ ނަޒާހަތްތެރިކަން (އިންޓެގްރިޓީ)
ބޮޑު ތަކުރުފާނަކީ ތެދުވެރިކަން ނުވަތަ ނަޒާހަތްތެރިކަން (އިންޓެގްރިޓީ) ހުރި ލީޑަރެކެވެ. އަބަދުވެސް ވާހަކަފުޅު ދައްކަވަމުން ވަޑައިގެންނެވީ ތެދުބަހުންނެވެ. ޢަލީ ތަކުރުފާނަށާއި ޙަސަން ތަކުރުފާނަށާއި ދެ ޙާޖީންނަށާއި ދަންޑަހެލުގެ އިތުރުން ބޮޑު ތަކުރުފާނުގެ ޖިހާދަށް ވާގިވެރިވި ކޮންމެ ބޭކަލަކުވެސް އެ ތަކުރުފާނުގެ ތެދުވެރިކަމާމެދު ސުވާލެއް އުފައްދާފައެއް ނުވެއެވެ. އެންމެންގެ މެދުގައި ފޮރުވުމެއްނެތި ކަންތައްތައް ކުރައްވައި އަދި ވާހަކަ ދެއްކުމަށް ބާރު އެޅުއްވިއެވެ. އެހެންކަމުން ބައެއްފަހަރު ދަންޑެހެލު އޭނާގެ ޚިޔާލު ކަންތައްތަކުގައި ދެއްވާފައިހުރީ އެއްވެސް ޖެހިލުމެއްނެތިއެވެ. މާލެ ފަތަޙަ ކުރުމާބެހޭ ގޮތުން ކުރެއްވި މަޝްވަރާތަކުގައި ދަންޑަހެލު ވިދާޅުވިއެވެ.
"ނާނާ އުޅެންވާނީ ނިޔަނެތިކޮށް ރީތިކޮށް ވިއްޔާއޭ. ކާފަރުންގެ މައްޗަށް ކަމަކު ވާނީ އޯގާތެރިކަން ބަހައްޓަން ވިއްޔާއޭ. އަހަރެންގެ ހިތަކަށް ވާނޭނަމަ ތިޔަ ރާއްޖޭގައި އެންމެ ފަރަންޖީއަކުވެސް ބޯފިސްކޮށްނުލައެއް ނުބަހައްޓާނަމެވެ. އެހެންނާފަހެ" (ސ. 198)
ބޮޑުތަކުރުފާނަކީ އަމިއްލަ މަސްލަހަތުގެ ކުރިއަށް ދީނާއި ޤައުމު ނެރުއްވި ލީޑަރެކެވެ. ބޮޑުތަކުރުފާނުގެ އަތްޕުޅު މައްޗަށް ރާއްޖެ އިސްލާމު ވުމުންވެސް ވަގުތުން ރަސްކަމާ ހަވާލުވެވަޑައެއް ނުގެންނެވިއެވެ. (ސ:229)
9. އަމިއްލަ އެދުމެއްނެތުން (އަންޝެލްފިޝްނަސް)
ބޮޑުތަކުރުފާނަކީ އަމިއްލަ އެދުންފުޅެއްނެތި ޤައުމަށް ޚިދުމަތް ކުރެއްވި ލީޑަރެކެވެ. ރާއްޖޭގެ އުތުރުގެ ހުރިހާ ރަށެއްގެ ކަތީބުކަމުގެ ފަތްކޮޅު ލިބިވަޑައިގެން ޢިއްޒަތުގައި އުޅުއްވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. ޕޯޗްގީޒުންނާ ގުޅިގެން އުފަލާއި އަރާމުގައި އުޅެވޭނެ މަގުތައް ފަހިވިއެވެ. އެހެންނަމަވެސް އަމިއްލަ އެނދުމުން އެއްކިބާވެ ދީނާ ޤައުމުގެ ޙައްޤުގައި ޖިހާދު ފެއްޓެވިއެވެ. (ސ:159) ބޮޑުތަކުރުފާނަކީ އަބަދުވެސް އަމިއްލަ ކަންތައްތަކުގެ ކުރިއަށް އެކުގައި ޖިހާދުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ކަންތައްތައް އިސްކުރެއްވި ލީޑަރެކެވެ. އުދަނގޫތަކާއި ނުރައްކާތެރި އަދި ދަތި ހާލަތުގައިވެސް ދަށުގައިތިބި މީހުންނާއެކުގައި ދިޔައީ މަސައްކަތް ކުރައްވަމުންނެވެ. އެ ބޭކަލުންގެ ކަންތައްތައް ފުރިހަމަކޮށް ދެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދިޔައީ ދެއްވަމުންނެވެ. ބޮޑުތަކުރުފާނު ޖިހާދުގެ ދަތުރު ކުރިއަށް ގެންދެވީ ޢާއިލާ މަލިކުގައި ބައިތިއްބަވައިގެން ކަންނަންނޫރު ޢަލީ ރާޖާގެ ހެޔޮކަމުގައި މަލިކުގައި އުފަލާއި ރައްކާތެރިކަމާއެކު އުޅެވެން އޮއްވައެވެ.
10. ހިތްވަރު (ކަރޭޖް)
ބޮޑުތަކުރުފާނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ހިތްވަރުގަދަ ލީޑަރެކެވެ. ކޮންމެ ގޮންޖެހުމަކާއި ކެރިގެން ކުރިމަތިލައްވައި ރިސްކް ނަންގަވަން ޖެހިވަޑައިގެންނެވި ކޮންމެ ދަނޑިވަޅެއްގައި ވިސްނުންތެރިކަމާއެކު އެ ރިސްކެއް ނެންގެވި ލީޑަރެކެވެ. އުތީމު ތިންބެއިން ނިކުންނެވީ "ކަނޑުގެ ބާޒު"ގެ ނަމުން މަޝްހޫރުވެފައިވާ އޭރުގެ ދުނިޔޭގެ އޭރުގެ ސުޕަޕަވަރ، ޕޯޗްގީޒުންގެ ވަރުގަދަ ލަޝްކަރާ ދެކޮޅަށެވެ. ހަނގުރާމަމަތީ ގުރާބުތަކާއި ޒަމާނީ ހަތިޔާރާއި ބޮޑެތި ބަޑިތަކާއި ވަރުގަދަ އަސްކަރީ ލަޝްކަރެއް އޮތް ބާރަކާ ދެކޮޅަށެވެ. އެއީ އަނިޔާވެރި ކޮންމެ ޢަމަލެއް ހިންގުމަށްވެސް ފަސްނުޖެހޭނެ އިސްތިޢުމާރީ ބާރެކެވެ. އުތީމު ތިންބެއިން އަގަމަތި މަސްދޯންޏެއްގައި "ހުސްއަތާ" ފެއްޓެވި ޖިހާދުގައި އާދައިގެ މީހަކު މާޔޫސްވެ ކަރު އެލުވާލާނެ އެތައް ހާދިސާތަކެއް ހިނގިއެވެ. އޭގެ ތެރެއިން އެއް ހާދިސާއަކީ ބޭބޭފުޅު ޢަލީ ތަކުރުފާނު ޝަހީދުވެވަޑައިގެންނެވި ހާދިސާއެވެ. ޢަލީ ތަކުރުފާނުގެ ޢާއިލާގެ ހާލު ބައްލަވާ ލެއްވުމަށް ހއ. ތަކަންދޫއަށް ފައިބައި ވަޑައިގެންނެވި ރޭތަކުން ރެއެއްގައި ޢަލީ ތަކުރުފާނަށް އެނބުރި ކަޅުއޮށްފުންމިއަށް ވަޑައި ނުގެންނެވެނީސް ޕޯޗްގީޒުން އެރަށާ ދިމާކޮށްލިއެވެ.
"ރަށުބޭރުން އެތައް އޮޑިޔެއް އަންނާތީ ފެނިއްޖެއެވެ. ކަޅުއޮށްފުންމީގައި ތިއްބެވި ބޭކަލުންނަށް ޖެހުނީ އަވަސް އަވަހަށް ފުރައިގެން ރައްކާވާށެވެ. ޢަލީ ތަކުރުފާނުން ތަކަންދޫގައި އޭނާގެ ގޭގައި ހައްޔަރުވެއްޖެއެވެ. މީގެ ފަހުދުވަހު ހެދުނު ކާފަރުންތައް ޢަލީ ތަކުރުފާނުގެ ގެއަށްވަދެ އެ ތަކުރުފާނު އަތުލައިގަތުމަށް ދިމާކޮށްފޫއެވެ. އެތަކުރުފާނުގެ ކަޑީން ދިހަބާރަ މީހުން ގަތުލު ކުރެއްވުމަށްފަހު ކާފަރުންގެ ކަޑިން ޢަލީ ތަކުރުފާނު ޝަހީދުވެއްޖެއެވެ." (ސ:194)
މި ހިތާމަވެރި ހާދިސާއަށްފަހުވެސް ބޮޑުތަކުރުފާނު އެމަނިކުފާނު ކުރައްވަމުން ގެންދެވި ޖިހާދު މަޑުޖައްސަވައި ނުލައްވާ ކުރިއަށް ގެންދެވިއެވެ. ބޮޑުތަކުރުފާނަކީ ދިމާވި ކޮންމެ ދަތި އުދަގުލަކާ ކެރިގެން ކުރިމަތި ލައްވައި މިޝަން ހާސިލުކުރުމަށް އިންތިހާއަށް މަސައްކަތް ކުރެވި ލީޑަރެކެވެ.
11. ޙިކުމަތްތެރި (ޓެކްޓް)
ބޮޑުތަކުރުފާނަކީ ޙިކުމަތްތެރި ލީޑަރެކެވެ. އެހެން މީހުންގެ ފަރާތުން އެދިވަޑައިގަންނަވާ ގޮތްތަކާ އެއްގޮތަށް ބޮޑުތަކުރުފާނުގެ އުޅުއްވުންފުޅާއި ގުޅުއްވުންފުޅު ބައްޓަން ކުރެވި ލީޑަރެކެވެ. އިޙްތިރާމު ކުރައްވައިގެން އިޙްތިރާމް ހޯއްދެވިއެވެ. ލޯބި ދެއްވައިގެން ލޯބި ހާސިލު ކުރެއްވިއެވެ. މާލެ ފަތަޙަ ކުރެއްވުމަށް މާލެއަށް އަރާވައިގެންނެވިރޭ މެދުޒިޔާރަތްދޮށުގައި ކޮންމެ ގޮތެއްވިޔަސް ދީން ދޫނުކުރުމަށް އަހުދު ވެގެން އައިސްތިބި އޮނަސާޅީސް (39) މީހުން ތިއްބެވެ. ކުރިއަށްއޮތް ދުވަހަކީ ދިވެހިންގެ ތެރެއިން ކްރިސްޓިއަން ދީން ޤަބޫލު ނުކޮށްފި މީހަކު މަރަން ނިންމާފައިއޮތް ދުވަހެވެ. އެ ހިތްވަރުގަދަ މީސްކޮޅު ކޮރަލިތަކުރުގެ އަބޫބަކުރުގެ ގޭގައި އަޙްދުވެ ހެދުމަށްފަހު އަތުޖެހުނު ހަތިޔާރެއްވިއްޔާ ހިފައިގެން މެދުޒިޔާރަތް ދޮށަށް ދިޔައެވެ. އެތަނުގައި ތިބެގެން މި މުސީބާތުން ފިއްލަވާތޯ އެމީހުން ދިޔައީ ދުޢާ ކުރަމުންނެވެ. އުތީމު ދެތަކުރުން އެރޭ އެތަނަށް ވަޑައިގެންނެވިއެވެ. (ސ. 201) އެވަގުތު އެމީހުންނަށް ލިބުނު ހައިރާން ވާފަދަ ބޮޑު އުފާވެރި ކަމެކެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން ބޮޑުތަކުރުފާނުގެ މިޝަން ފުރިހަމަކުރުމަށް ދައްޗަކަށް ނުވާނެގޮތަށް އެބައިމީހުންގެ ކަންތައްތައް ބެހެއްޓުމަށް ވާހަކަ ދައްކަވާ ވިސްނައި ދެއްވާ ޔާސީން ސޫރަތް ކިޔަވަން އެތަނުގައި ތިބުމަށް އަންގަވާފައި ވަޑައިގެންނެވީއެވެ.
12. ރަނގަޅުގޮތް ނިންމުން (ޑިސައިސިވްނަސް)
ބޮޑު ތަކުރުފާނަކީ ރަނގަޅު ގޮތް ނިންމުމުގެ ޤާބިލުކަން ހުރި ލީޑަރެކެވެ. ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުގެ ތެރޭގަޔާއި ރާއްޖޭގެ ތަޚްތުގައި އިންނެވި ދުވަސްވަރުވެސް ނިންމަވާފައިހުރީ ޤާބިލު ނިންނެވުންތަކެކެވެ. ހަރުދަނާ ލީޑަރުންނަކީ ކިރިޔާވެސް ވަގުތު އޮތްނަމަ ކަންކުރެވެން ހުރި ގޮތްތައްބަލައި ފަރުވާތެރިކަމާއެކު ރަނގަޅު ގޮތް ޚިޔާރުކުރުމުގެ ޤާބިލުކަން ލިބިގެންވާ މީހުންނެވެ. ވަގުތު ތަންނުދޭނަމަ ލިބިފައިވާ މަދު ވަގުތުކޮޅުގެ ތެރޭގައި ކުރެވެންހުރި ކަންތައްތައް ބަލައި ހަރުދަނާ ކަމާއެކު ގޮތް ނިންމާ މީހުންނެވެ. އަދި ހަމަ އެހެންމެ ގޮތެއް ނިންމަން ނުޖެހޭ ވަގުތާއި ހާލަތުވެސް ރަނގަޅަށް ދަންނަ މީހާއެވެ. ރާއްޖެ އިސްލާމްކުރެއްވިރޭ އަދިރިއަދިރިންގެ ކިއްލާ ކައިރިއަށް ވަޑައިގެން އަވަހަށް ބަޑިޖަހާ އަދިރިއަދިރިން މަރާލުމަށް ޙަސަން ތަކުރުފާނު ދެންވިހިނދު، ބޮޑުތަކުރުފާނު ވިދާޅުވިއެވެ.
"ޙަސަނާޔޭ. ހަޅޭއްނުލާށޭ. ނިކަން ކެތްކުރާށޭ. ތިޔަސޮރަކީ އުންޑަ އައިތަނަކަށް އުންޑަ ފޮނުވާ ސޮރެކެވެ. މިހޯދަނީ އެހެންވެ ނިވައިވެލާނޭ އެއްޗެކެވެ." (ސ:202)
އަދިރިއަދިރިން މަރާލީ ބޮޑުތަކުރުފާނު ޖެއްސެވި ބަޑީގެ އުންޑަކުންނެވެ. ރައްދުގައި އަދިރިއަދިރިން ފޮނުވާލި ވަޒަން ދިޔައީ އަމާޒު ކުރައްވަން ބަޑި ބާއްވަން ރުކަށްޖެއްސެވި މަސްދަތް ފިޔޮހީގެ ބޮމަށި ހިފައިގެންނެވެ.
13. ޖޯޝް (އެންތޫސިއޭޒަމް)
ބޮޑު ތަކުރުފާނަކީ ޖޯޝް ވަރުގަދަ ޝަޚްސިއްޔަތެކެވެ. މަސައްކަތުގައި ދަށުގައި ތިބި ބޭކަލުންނަށް ދިމާވާ ހުރަސްތައް ގިރާކުރުމަށް ހިތްވަރު ދެއްވަމުން ގެންދެވިއެވެ. އެކުގައި މަސައްކަތްކުރާ ބޭކަލުންނަށް ވިސްނޭނޭހެން ކޮންމެ ފަދަ ކަމެއް ކުރަންޖެހުނަސް އެކަމެއް ކުރަންޖެހުނު ސަބަބުތައް އޮޅުއްފިލުވައި ދެއްވަވައެވެ. އެ ބޭކަލުންގެ ރަނގަޅު ސިފަތަކަށް ތަޢުރީފު ކުރައްވައި، ހޯދާ ކާމިޔާބުތައް އިޙްސާސް ކުރެވޭގޮތަށް ތަޢުރީފުކޮށް އަގުވަޒަން ކުރެއްވިއެވެ. ދުވަހަކުވެސް ދަށުގައި މަސައްކަތްކުރައްވާ ބޭކަލެއްގެ ކުށް ދައްކައި މާޔޫސްވާފަދަ ޝަކުވާއެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި އަބަދުވެސް މަސައްކަތް ކުރައްވާފައިހުރީ ޕޮސްޓިވް އެޓިޓިއުޑެއް ދެއްކެވުމުގައެވެ. ކަޅުއޮށްފުންމީގެ ފަހުދަތުރުގައި މ. ދިއްތުޑިއަށްއަރައި އޮޑިފަޅިފަޅިވުމުންވެސް އެއްވެސް ބޭފުޅަކު އަނެއް ބޭފުޅަކަށް ބުރަ ބަހެއްވެސް ވިދާޅެއް ނުވެއެވެ. އެރޭ އެވަގުތުވެސް ދަންޑެހެލާ ބޮޑުތަކުރުފާނު ސަމާސާ ކުރައްވައި ހެއްދެވިއެވެ. (ސ. 224)
14. އިންސާފުވެރިކަން (ޖަސްޓިސް)
ބޮޑު ތަކުރުފާނުގެ ޝަޚްސިއްޔަތުގައި އިންސާފުވެރިކަން ހުރި މިންވަރު ފެނިގެންދާ އެއް ހާދިސާއަކީ ރާއްޖެ ޕޯޗްގީޒުންގެ އަނިޔާވެރި އަޅުވެރިކަމުން މިނިވަން ކުރައްވައި ވެރިކަމުގެ ކަންތައްތައް ހަމަޖެއްސެވި އިންސާފުވެރި ގޮތެވެ. މި މުހިންމު މައްސަލަ ނިންމެވުމުގައި ބޮޑު ތަކުރުފާނު ކޮންމެ ގޮތެއް ނިންނެވިނަމަވެސް ތިޔައީ އިންސާފެއް ނޫނޭ ދަންނަވާނެ ދުލެއް އޭރަކު މި ޤައުމަކު ނެތެވެ. އެހެންނަމަވެސް ރަސްކަމަށް އަރައިވަޑައި ނުގެން މިއީ ހުރިހާ ދިވެހިރައްޔިތުންގެ ޙައްޤުގައި ނިންމަންޖެހޭ މުހިންމު ނިންމެވުމަކަށްވާތީ ރައްޔިތުންގެ ޚިޔާލު ހޯއްދެވިއެވެ. ބޮޑު ތަކުރުފާނު ޤަބޫލުފުޅު ކުރެއްވި ގޮތުގައި އެ ދަނޑިވަޅުގައި ރާއްޖޭގެ ރަސްކަމާ ހަވާލުވެވަޑައި ގެންނެވުމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އަލްޢާލިމުލް ޢައްލާމަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީނުލް މަހްލީ (ވާދޫ ދަންނަކަލޭފާނު) އެވެ. އެއީ އޭރު ރާއްޖޭގައިހުރި އެންމެ ޢިލްމުވެރި ބޭފުޅާއެވެ. ވާދޫ ދަންނަކަލޭފާނުގެ އަރިހުގައި ރާއްޖޭގެ ރަސްކަމާ ޙަވާލުވެވަޑައިގެންނެވުމަށް ބޮޑުތަކުރުފާނު އެދިވަޑައިގެންނެވުމުން އެކަން ޤަބޫލު ނުކުރައްވާ ރަސްކަން ޙައްޤުވަނީ ބޮޑުތަކުރުފާނަށްކަމަށް ވިދާޅުވެ އެތަކުރުފާނުގެ އަތްޕުޅު މައްޗަށް ބައިޢަތު ހިއްޕެވިއެވެ. (ސ:230)
15. އަޤީދާ (ފެއިތު)
ބޮޑުތަކުރުފާނަކީ އިސްލާމީ އަޤީދާ ހަރުދަނާ ބޭފުޅެކެވެ. ކޮންމެ ކަމެއްގައިވެސް ﷲ އަށް ވަކީލު ކުރައްވައިގެން ކުރިއަށް ވަޑައިގެންނެވި ލީޑަރެކެވެ. ނަޞްރާއި ފަތަޙައަކީ ﷲ މިންވަރު ކުރައްވާ ނިޢުމަތެއްކަމަށް ޤަބޫލު ކުރައްވައިގެން ޖިހާދުގެ ކަމަރު ބެންނެވި ޤާއިދެކެވެ. މިގޮތުން ޖިހާދު ފެއްޓެވުމުގެ ގޮތުން ކަނދުވަލު މިސްކިތަށް ވަޑައިގެން ނަމާދުކުރައްވާ ﷲ ގެ ޙަޟްރަތުގައި ނަޞްރަށް ދުޢާ ދެންނެވިއެވެ. (ސ:159).
ސިއްތިމާވާ ކިލެގެފާނުގެ އާލާސްކަންފުޅަށް ބޭސްފަރުވާއެއް ކޮއްދެއްވުމަށް ބޮޑުތަކުރުފާނުގެ އަރިހުން ވިޔަޒޯރު އަތޮޅުވެރިން އެދިވަޑައިގަތުމުން ވިދާޅުވިއެވެ.
"ތިޔަހެންޖެހޭ ބޮޑަތި މުސީބާތާއި ގިލަންވެރިކަމާމެދު އަޅުގަނޑަށް ވިސްނޭ ކަމަކީ، މާތްރަސްކަލާނގެ ކިބަޔަށް ހިތްނިޔަތް ޚަލާޞްކޮށްގެން ދުޢާ ކުޅައުމެވެ. މިމަގުން ދުޢާ ކުޅައުމުގެ ކުރީގައި ކޮންމެވެސް ހެޔޮ ޢަމަލެއް ކުރިމަތި ކުޅައުމީ ރަނގަޅު ކަމެކެވެ. މިކަމަށްޓަކައި ޤުރުއާން ރަނގަޅަށް ކިޔެވޭނޭ ސާޅީހަކަށް މީހުން ހޯއްދަވާފައި އަޅުގަނޑަށް އަންގަވާށެވެ. އަދި ސާޅީހަކަށް މިސްކީނުންނަށް ކޮންމެވެސް ފޮނިކާ އެއްޗަކުން ޞަދަޤާތެއް ކުރައްވާންވެސް ވާނެއެވެ." (ސ. 129)
މީގެއިތުރުން ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގައި ރޭގަނޑަށް ސިއްރާއި ފާޅުގައި އަރުއްވައި އިސްލާމްދީން ދޫނުކުރުމަށާއި އިސްލާމްދީނުގެ އަޤީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަށް ދިވެހި ރައްޔިތުންނަށް ހިތްވަރު ދެއްވަމުން ދީނުގެ ކަންތައްތައް އޮޅުއްފިލުވައި ދެއްވަމުން ގެންދެވިއެވެ. (ސ. 192)
ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގައި ހޭދަކުރެއްވި ދަތި ދިރިއުޅުއްވުމުގައިވެސް ދީނީ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި ދީނުގެ ރުކުންތައް ފުރިހަމަ ކުރައްވަމުން ހެއްދެވިއެވެ. ޚާއްޞަ ގޮތެއްގައި ނަމާދަށް އިސްކަން ދެއްވައި މިސްކިތްތައް ބިނާކޮށްދެއްވައި އާބާތުރަ ފިލުއްވާ ހެއްދެވިއެވެ. މިގޮތުން ކަޅުއޮށްފުންމީގެ ފަހު ދަތުރުގައި މުލަކު އަތޮޅު ދިއްތުޑިއަށް އެރުމުން އެދޯނީގެ ލަކުޑިތަކުން މ. ކޮޅުފުށީގައި އެޅުއްވީވެސް މިސްކިތެކެވެ. "އިރުއަރާން ގާތްވެސް ނުވަނީސް މި ބޭކަލުން ކޮޅުފުއްޓަށް އަރުއްވައި ގޮޑުދޮށުގައި ފަތިސްނަމާދު ކުރައްވައިފޫއެވެ. އިރުއަރާ އަލިވީމާ ރަށުގެ ހާލު ބެއްލެވިއިރު މި ރަށަކީ މިސްކިތެއް ހުރި ރަށަކަށްވެސް ނުވެއެވެ. މި ރަށުގައި މިސްކިތެއް ނުހުރޭހޭ އެއްސެވީމައި އެމީހުން ބުނަނީ އިހުގައި ތިޔަކަހަލަ ތަނެއްވެސް ހުރެޔޭ ބުނާތީ އިވެއެވެ." (ސ. 224) އެހެންވެ ކޮޅުފުށީގައި ކަޅުއޮށްފުންމީގެ ލަކުޑިތަކުން މިސްކިތެއް ބިނާކޮށް ދެއްވީއެވެ.
ޕޯޗްގީޒުންގެ އަޅުވެރިކަމުން ބޮޑު ތަކުރުފާނުގެ އަތްޕުޅު މައްޗަށް ރާއްޖެ ފަތަޙަވުމުން ދީނީ ޢިލުވެރި ބޭކަލެއްގެ ނެތި ވެރިކަން ޤަބޫލުފުޅު ނުރައްކާނެކަމަށް ބޮޑުތަކުރުފާނު ވިދާޅުވިއެވެ. އަދި ދީނަށް ލޯބިކުރާ ފަރާތްތަކަށް އިޙްތިރާމް އަދާކުރެއްވިއެވެ. (ސ:206) ބޮޑުތަކުރުފާނަކީ މަޤާމާއި ދަރަޖައާއި ހައިބަތަށް ފަޚުރުވެރިވުމުގެ ބަދަލުގައި، އިންސާނިއްޔަތުކަން ކުރިއަށް ނެރުއްވި ލީޑަރެކެވެ. އާރާއި ބާރު ލިބިވަޑައިގެންނެވި ހިނދުވެސް ހިތްތިރިކަމާއެކު މުއާމަލާތް ކުރެއްވި އިސްލާމްދީނަށް ލޯބިކުރައްވައި ދީން މަތިވެރި ކުރެއްވި ލީޑަރެކެވެ. (ނުނިމޭ)
ޢަބްދުﷲ ސަޢީދު އޯގަސްޓް 1, 2020 ([ތިލަދުން] ނޫހުން ނަގާފައިވައި)