ދިވެހިބަސް
ރައްކާތެރިކޮށް ދެމެހެއްޓުން
1- ދިވެހީންގެ މާދަރީ ބަހަކީ ދިވެހި ކާބަފައިންގެ ތަރިކައެވެ.
ދިވެހި ބިމުގެ މަލައެވެ. ދިވެހި އާދަކާދައިގެ ހަނދާނެވެ. ދިވެހި ތިމާވެށީގެ
ނިޝާނެވެ. ދިވެހި ބަހަކީ ދިވެހީންގެ ފިކުރެވެ. ދިވެހީންގެ ޚިޔާލެވެ. ދިވެހީންގެ
ޝުޢޫރެވެ. އެހެންކަމުން ދިވެހީންގެމާދަރީ ދިވެހިބަސް މަރުވިޔަނުދީ، ރައްކާތެރިކޮށް
ދެމެހެއްޓުމަކީ ހުރިހައި ދިވެހީންގެ މައްޗަށް އޮތް ވާޖިބެކެވެ. މި ވާޖިބު
އަދާކުރެވޭނީ ހުރިހައި ދިވެހީން އެ ކަމަށް ވަރަށްބޮޑަށް ސަމާލުކަން ދީގެންނެވެ.
2- މިއަދަކީ
ދުނިޔެ ބަވަނަވަމުންދާ ދުވަހެވެ. ދުނިޔޭގެ އިންފާރުތައް ވެއްޓިފައިވާކަމަށް
ބުނަމުން އަންނަ ދުވަހެވެ. އެއް ދުނިޔެއެއްގެ އަޑު ގުގުމަމުން އަންނަ ދުވަހެވެ.
ދުނިޔެ ބަވަނަވަމުންދާއިރު އެންމެ ބާރަށް އިވޭ އެއް އަޑަކީ
ދުނިޔޭގެ ބަހެއްގެ ވާހަކައިގެ އަޑެވެ. އިނގިރޭސިބަސް ދުނިޔޭގެ ބަހުގެ މަގާމު ހޯދައިފައިވާ
ވާހަކައިގެ އަޑެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި އިނގިރޭސިބަހަކީ މިހާރު ދުނިޔޭގެ
ވިޔަފާރި އާއި އެހެނިހެންކަންކަމުގައި އެންމެ އާންމުކޮށް ބޭނުންކުރާ އެއްބަހެވެ.
ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައިމީހުން މިހާރު އިނގިރޭސިބަސް
ބޭނުންކުރެއެވެ.
3- އިނގިރޭސިބަސް
މިގޮތަށް ދުނިޔެއަށް ފެތުރިގެން ދިޔުމަކީ އެހެނިހެން ބަސްބަހަށް ކިހައިވަރެއްގެ
ނުރައްކަލެއް އޮތް ކަމެއްހެއްޔެވެ؟ އެއީ ދުނިޔޭގެ އެހެން ބަސްބަސް އުވިގެން
ހިނގައިދާނެކަމެއް ހެއްޔެވެ؟ އިނގިރޭސިބަސް މުޅިދުނިޔޭގައިހެން ބޭނުންކުރި ނަމަވެސް އެއީ އަދި އެހެން ބަސްބަސް މުޅިން އުވިގެން
ދާންވީ ސަބަބެއްނޫނެވެ. ބަހެއް އުވިގެންދާނީ އެ ބަހަކުން ވާހަކަދައްކާނެ މީހަކު
ނެތުމުންނެވެ. ދެވަނަ ބަހެއްގެ ގޮތުގައި އިނގިރޭސިބަސް ބޭނުންކުރި ނަމަވެސް
މާދަރީބަސް ދެމެހެއްޓުމަށް ސަމާލުކަން ދެވޭނަމަ މާދަރީބަސް އުވިގެނެއްނުދާނެއެވެ.
އަލަށް އުފަންވަމުންދާ ޖީލުތަކަށް މާދަރީބަސް އަޑުއިވޭނަމަ އެ ބަސް ދަސްވަމުން
އެއްޖީލުން އަނެއްޖީލަށް ވާރުތަކުރަމުންދާނެއެވެ. ނަމަވެސް އެ ބަހަކުން
ވާހަކަދައްކާ މީހުންގެ އަދަދު މަދު ބަހެއްގެ އަހުލުވެރީން އެ ބައެއްގެ މާދަރީ ބަސް
ރައްކާތެރި ކުރުމަށް ފަރުވާކުޑަކޮށްލައިފި ނަމަ، އެ ބަހެއް މަރުވެގެން ދިއުމަކީ
ދުރުގައިވާ ކަމެއް ނޫނެވެ.
4- ދިވެހިބަހުން
ވާހަކަދައްކާ މީހުންގެ އަދަދު މަދުކަމީ ދިވެހިބަހަށްވެސް އެ ބަސް ރައްކާތެރިކޮށް
ދަމަހައްޓަން އޮތް ވަރަށްބޮޑު ގޮންޖެހުމެކެވެ. އެހެންނަމަވެސް ދިވެހިބަސް
ރައްކާތެރިކޮށް ދިރުވައި އާލާކުރުމަށް ލިބިފައިވާ ވަސީލަތްތައް މަދެއްނޫނެވެ.
ދިވެހިބަހުގައި އަދަބިއްޔާތުގެ ބައިތައް އެބަހުއްޓެވެ. ދިވެހިބަހުން ލިޔެ
ޗާޕުކޮށްފައިވާ ފޮތްތައް އެބަހުއްޓެވެ. ދިވެހިބަސް ލިޔާނެ އަކުރެއް އެބައޮތެވެ.
ދިވެހިބަސް ލިޔާ އަކުރަކީ މިޒަމާނުގެ ޓެކްނޮލޮޖީއާ ރައްޓެހި އަކުރެކެވެ.
ދޭހައިގެ ލިޔުން
ކިޔުމަށްފަހު ތިރީގައިވާ ސުވާލުތަކަށް ޖަވާބު ދޭށެވެ!
1- މި ލިޔުމުގައި ދިވެހިންގެ މާދަރީބަސް ސިފަކޮށްފައިވާ 2 ގޮތެއް ބަޔާންކުރާށެވެ!
1- މި ލިޔުމުގައި ދިވެހިންގެ މާދަރީބަސް ސިފަކޮށްފައިވާ 2 ގޮތެއް ބަޔާންކުރާށެވެ!
2- ހުރިހާ ދިވެހިންނަށް އޮތް ވާޖިބެއް ކަމުގައި ލިޔުންތެރިޔާ ބަޔާންކުރާ ކަމަކީ ކޮބާ؟
3- ދިވެހިބަސް
ރައްކާތެރިކުރެވޭނެ ގޮތެއްކަމަށް ލިޔުންތެރިޔާ ބަޔާންކުރާ ގޮތަކީ ކޮބާ؟
4- އިނގިރޭސި ބަސް ދުނިޔޭގެ ވަރަށްގިނަ މީހުން
ބޭނުންކުރާކަން ހާމަކުރުމަށް ލިޔުންތެރިޔާ ބަޔާންކުރާ ވާހަކައަކީ ހިމެނޭ ޖުމުލަ އެ
އޮތްގޮތަށް ލިޔާށެވެ!
5- އިނގިރޭސިބަސް ދުނިޔެއަށް ފެތުރިގެން ދިއުމަކީ
އެހެންބަސްތައް އުވިގެން ދިއުމަށް މެދުވެރި ވެދާނެ ސަބަބެއް ކަމަށް ލިޔުންތެރިޔާ
ދެކޭ ހެއްޔެވެ؟ ދެކޭ ނަމަ ދެކޭ ސަބަބު، އަދި ނުދެކޭނަމަ ނުދެކޭ ސަބަބުވެސް
ބަޔާންކުރާށެވެ!
6- ބަހެއް މަރުވުމަކީ ކޮބައި ހެއްޔެވެ؟
7- ދިވެހިބަހަށްވެސް
އެ ބަސް ރައްކާތެރިކޮށް ދަމަހައްޓަން އޮތް ބޮޑު ގޮންޖެހުމެއް އޮތްކަމަށް
ލިޔުންތެރިޔާ ދެކެނީ ކީއްވެ؟
8- ތިރީގައިވާ
މާނަ ތައް ދޭހަވާ ލަފުޒުތައް ދޭހައިގެ ލިޔުމުން ހޯދައިގެން ލިޔާށެވެ!
ހ- ޤައުމެއްގެ މީހުންގެ
އަމިއްލަބަސް (ޕެރެގްރާފު-1)
ށ- ކަމަކަށް ދެވޭ
ދަރަޖަ (ޕެރެގްރާފު-2)
ނ- އިންސާނުން ދިރިއުޅޭ
ތަން (ޕެރެގްރާފު-2)
ރ- ފަރުވާތެރިކަމާއެކު
ބެލެހެއްޓުން (ޕެރެގްރާފު-4)
No comments :
Post a Comment